ރިއާ.
06 ޖެނުއަރީ 2021 - 08:13
މިދިޔަ އަހަރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތް އަމިއްލަ އަށް ދަންޖެހިގެން މަރުވި ހާދިސާއާ ގުޅިގެން ތުހުމަތުތަކެއް އެޅި، ޖަލުގައި ދުވަސްތަކެއް ހޭދަކުރި ބަތަލާ ރިއާ ޗަކްރަބަތީ މުމްބާއީން އާ ގެއެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ރިއާ އާއި އޭނާގެ ކޮއްކޮ ޝޯވިކް ޗަކްރަބަތީ ގެއެއް ހޯދުމުގެ މަސައްކަތަށް ނުކުމެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަރަށް ގިނަ މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. އަދި ޕަޕަރާޒީން ފަހަތުން އަޅުވައިގެން އުޅޭތީ މީހުންގެ ބޯކޮޅު ބަލަމުން ނުދާން ވެސް ރިއާ ތަކުރާރުކޮށް ބައެއް ފޮޓޯގްރަފާރުންނާއި ނޫސް ރިޕޯޓަރުންގެ ކިބައިން އެދިފައިވެ އެވެ.
ރިއާގެ އިތުރުން ކޮއްކޮ ޝޯވިކަކީ ވެސް ސުޝާންތަށް މަސްތުވާތަކެތި ހޯދައިދިން ކަމުގެ ތުހުމަތުގައި ޖަލަށް ލެވުނު މީހެކެވެ. އެ މައްސަލާގައި ރިއާ ހައްޔަރުކޮށް މަސް ދުވަހު ޖަލުގައި ގެންގުޅުމަށް ފަހު ދޫކޮށްލީ އޮކްޓޯބަރު މަަހުގެ ތެރޭގަ އެވެ. ޝޯވިކް ދޫކޮށްލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.
ރިއާ އަކީ ސުޝާންތު ޖޫން މަހުގެ 14 ގައި މަރުވި އިރު، ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ އެވެ. ސުޝާންތު މަރުވުމުގެ ހަފުތާއެއްހާ ދުވަސް ކުރިއާ ހަމައަށް އެ ދެ މީހުން ދިރިއުޅެމުން ދިޔައީ އެކީގައި ސުޝާންތުގެ އެޕާޓްމަންޓްގަ އެވެ.
ޖަލުން މިނިވަންވި ފަހުން ރިއާ، 28، މިހާތަނަށް ބޭރުތެރެއަށް އެއްވެސް ވަރަކަށް ނުކުމެ ނޫޅެ އެވެ. އެކަމަކު އާއިލާ އިން ގެއެއް ހޯދަން މަސައްކަތް ފެށި ފަހުން މިދިޔަ ހަފުތާއިން ފެށިގެން އޭނާގެ ވާހަކަތައް މީޑިއާތަކުގައި އަންނަނީ އަނެއްކާ ވެސް އާންމުވަމުންނެވެ.
ދާދި ފަހުން ޑައިރެކްޓަރު ރޫމީ ޖެފްރީ ބުނިގޮތުގައި ރިއާ މި އަހަރު ފިލްމީ މަސައްކަތްތަކަށް ވެސް އެނބުރި އަންނާނެ އެވެ. ރޫމީގެ ކުރިއަށް އޮތް ފިލްމު "ޗެހެރޭ" ގެ އެއް ބަތަލާ އަކީ ވެސް ރިއާ އެވެ. މަސައްކަތް ނިމި އެކަމަކު ރިލީޒްކުރާނެ ތާރީހެއް ނުނިންމާ އެ ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީ އާއި ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރފަލަޑޭ
06 January 2021
ގޫގަލް ބޭނުންކުރަންވެސް ނޭގެނީތަ؟