05 ޖެނުއަރީ 2021 - 08:30
މިހާރު ވެސް ދަރިމައިވާ ރޭޓް ދުނިޔޭގައި އެންމެ ދަށް ގައުމުގެ ގޮތުގައި ފާހަގަކުރެވިފައިވާ ދެކުނު ކޮރެއާގައި އުފަންވާ ރޭޓް އިތުރަށް ދަށްވެ، މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ގައުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރަކީ އުފަންވި ކުދިންގެ އަދަދު ދަށްވެ، މަރުވި މީހުންގެ އަދަދު އެންމެ ބޮޑުވި އަހަރެވެ. އެގޮތުން މިދިޔަ އަހަރު ދެކުނު ކޮރެއާގައި އުފަންވީ 275،800 ކުދިންނެވެ. އެއީ 2019 އަޅާބަލާ އިރު 10 ޕަސަންޓްގެ ދަށްވުމެކެވެ.
މިދިޔަ އަހަރު އެ ގައުމުން މަރުވި މީހުންގެ އަދަދު 307،764 އަށް އަރަ އެވެ.
ދެކުނު ކޮރެއާގެ އިންޓީރިއާ މިނިސްޓްރީން ބުނީ އެ ގައުމުގެ އާބާދީގައި ކަންބޮޑުވާން ޖެހޭ ބޮޑެތި މައްސަލަތަކެއް ހުރުމާ އެކު ގައުމުގެ އަސާސީ ވަރަށް ގިނަ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.
އިރުމަތީ އޭޝިއާ އަށް ނިސްބަތްވާ އެ ގައުމުގެ އާބާދީ އުޅެނީ 51.24 މިލިއަނުގަ އެވެ. ދެކުނު ކޮރެއާގެ ދަރިމައިވާ ރޭޓް ދަށްވުމުގެ މައިގަނޑު އެއް ނަތީޖާ އަކީ ގައުމު ޒުވާނުންގެ އަދަދު ދަށްވަމުން ދިއުމާ އެކު، ގައުމުގެ އިގުތިސާދަށް ބޭނުންވާ ވަރަށް ޒުވާން މަސައްކަތްތެރިން ވެސް ނުލިބުމެވެ.
އުފަންވާ ރޭޓް ދަށްވަމުންދާތީ މިދިޔަ މަހު ދެކުނު ކޮރެއާގެ ރައީސް މޫން-ޖޭ އިން ވަނީ އެކަމަށް ހާއްސަކޮށްގެން ގިނަ ކަންކަން ކުރަން ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ދަރިން ހޯދާ އާއިލާތަކަށް ހާއްސަ ސްކީމްތަކެއްގެ ދަށުން މާލީ އެހީ ދިނުމާއި ދަރިން ހޯދަން ހިތްވަރު ދޭން އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ.
ދެކުނު ކޮރެއާގެ ރައީސް
އުފަންވާ ރޭޓް މަތިކުރަން ކުރާ މަސައްކަތުގެ ދަށުން 2022 ގެ ފަހުން އުފަންވާ ކޮންމެ ކުއްޖަކަށް ސަރުކާރުން ދެ މިލިއަން ވޮން (1،850 ޑޮލަރު) ގެ ބޯނަހެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ. އަދި ކުއްޖާ އުފަންވާ ދުވަހުން ފެށިގެން އެއް އަހަރު ވަންދެން ކޮންމެ މަހަކު ކުއްޖާގެ އާއިލާ އަށް 300،000 ވޮން (277.31 ޑޮލަރު) ދޭނެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އެ އަދަދު 2025 ގައި 500،000 ވޮން (462.18 ޑޮލަރު) އަށް އިތުރުކުރާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ދެކުނު ކޮރެއާގެ އުފަންވާ ރޭޓް ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ ގައުމުގެ އަންހެނުންނަށް މަސައްކަތާއި އާއިލީ ދިރިއުޅުން ބެލެންސްކުރަން ގިނަ ހުރަސްތަކެއް ހުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy