ރިޕޯޓް / ކުށްކުރުން

ވާނުވާގެ "ވެކްސިން" ހޯދިއްޖެ، އެކަމަކު ފަރުވާއެއް ނުލިބުނު!

ކުށުގެ ތުހުމަތުކުރެވޭ މީހުން ކޯޓުގައި ބައިތިއްބާ ސަރަހައްދު: ހުކުމެއް ނެތި، ވާނުވާގައި ޖަލުގައި މީހުން ބައިތިއްބާ މައްސަލަ އަދިވެސް ވަރަށް ބޮޑު --- ފޮޓޯ/މިހާރު

މީގެ ދެތިން އަހަރު ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ "ވާނުވާ ޖެހުން" ކަމަށް، ގާނޫނީ ވަކީލު އަދި މިހާރު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއަށް ވިދާޅުވެވިގެން އަނެއް ދުވަހު ކްރިމިނަލް ކޯޓުން އޭނާއަށް އެންގީ މީޑިއާ ކުރިމަތީގައި މައާފަށް އެދިވަޑައިގަތުމަށެވެ. ނުވަތަ އެއްވެސް މައްސަލައެއްގައި ވަކާލާތު ކުރެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް އެންގުމުން އޭނާ އަވަހަށް އެކަން ކުރައްވައި، "އަފޫ އާންމު" ހޯއްދެވި އެވެ. މިއީ އޭރުގެ ހާލަތެވެ. އޭރު "ވާނުވާ ޖަހަނީ" އޭ ބުނުމަކީ ވެސް، ޝަރުއީ ނިޒާމުގެ ބައެއް އިސް ބޭފުޅުން ވަރަށް ކޯފާވެވަޑައިގަންނަވާ "ބޮޑުވެގެންވާ ކުށެކެވެ".

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ވާނުވާ ނޭނގި އެތައް އަހަރެއް ވަންދެން ޖަލުގެ ތޭރިތަކުގެ ފަހަތުގައި އެތައް ބަޔަކު ތިއްބަސް، މީގެ އަހަރުތަކެއް ކުރިން އެކަން އޮތީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. ކުށެއް ސާބިތު ނުވަނީސް، ތުހުމަތެއް އޮތީތީ ކަމަށް ބުނެ ހިންގަމުންދިޔަ އެ އިޖުރާއާތުގެ ނޭންގާނީ ކަމާއި އޭގެ ފަހަށް ދެން ތަރުތީބު ވަމުން އައި މައްސަލަތައް މުއައްސަސާތަކުން ގަބޫލު ވެސް ނުކުރަނީ އެވެ. އެ ހަގީގަތް ގަބޫލުކުރަން "މަޖުބޫރުވީ" ތޮށިގަނޑު ފަޅާލާފައި އިހަކަށް ދުވަހު މަދު ބަޔަކު ނުކުމެ އަޑުހަރުކޮށް އެ ވާހަކަ ދައްކަން ފެށުމުންނެވެ.

ނަމަވެސް "ވާނުވާ" ގެ ހަގީގީ މައްސަލައަށް އަދިވެސް މުޅިއަކުން ހައްލެއް ނުލިބެ އެވެ. އެއްފަހަރު ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުގައި، އަނެއް ފަހަރު ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ލިޔެ، އެކި ކިޔެވެލިތައް ކިޔެވިއެއް ކަމަކު "މި ބައްޔަށް ބޭހެއް" ހޯދޭ ކަމަކަށް ނުވި އެވެ. "ވާނުވާ" ރިވިއުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ލިޔުނު މާއްދާގެ ތަރުޖަމާ ގާނޫނީ އެކި އިލްމުވެރިން އެކި ގޮތަށް ނެރެގެން އެއް ބަޔަކު އަނެއް ބައެއްގެ "ބޮލަށް ކެނޑުމު"ގެ ކުޅިވަރެއް ފެށި، މުއައްސަސާތަކުން އުޅުނީ ކުޑަ ވަރެއްގެ ފިނި ހަނގުރާމައެއްގަ އެވެ.

ބަންދުގައި ހުންނަ މީހާއަށް އޮންނަނީ ވެވަށް ވެއްޓުނު ގެރީގެ މިސާލެވެ. ގެރި ނަގާނެ ގޮތަކާ މެދު އެބައި މީހުން މަޝްވަރާ ކުރަނީ އެވެ. ގެރި މަރުވި އިރު ވެސް ވަކި ގޮތެއް ނުނިންމުނެވެ.

"ވާނުވާ" މައްސަލާގައި އުފެދުނު ގާނޫނީ ސުވާލުތަކުގެ މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގޮސް، މިދިޔަ ހަފުތާގައި އެ ކޯޓުން ނިންމީ ވާނުވާ ބަންދު ރިވިއު ނުކުރިޔަސް، އެއީ އޮޓަމެޓިކުން ބަންދުން ދޫވެގެންދާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ގާނޫނުގައި ބުނެފައިވާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ބަންދު ރިވިއު ނުކޮށްފި ނަމަ އިހުމާލުވި ބަޔަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު، 'ވާނުވާ"ގެ މައްސަލާގައި އެހާތަނަށް އުފެދުނު ގާނޫނީ ސުވާލުތަކުގެ ޖަވާބު ލިބިއްޖެ އެވެ. "ވާނުވާ" އަށް އިހުމާލުވެއްޖެ ނަމަ، ސުލޫކަށް އަސަރު ކޮށްފާނެ ކަން އެނގިއްޖެ އެވެ. އަދި "ވާނުވާ" ރިވިއު ނުކުރިޔަސް ބަންދުން ދޫވުމުގެ ބިރު ވެސް ކެނޑުނީ އެވެ. އެކަމަކު އަސްލު މައްސަލަ އޮތް ގޮތަށް އޮތީ އެވެ. "ވާނުވާ" އަށް ލިބެން ޖެހޭ ދާއިމީ ފަރުވާ އެވެ.

"ވާނުވާ" ބަންދު މައްސަލާގެ ފެށުމަކީ ބަންދުކުރުމަށް ފަހު ޝަރީއަތް ކުރިއަށް ނުގޮސް ތިބޭ ތިބުމެވެ. "ވާނުވާ" މި ބަސް އުފެދިގެން އައީ ވެސް މިގޮތުންނެވެ. އަދިވެސް އެ ހަގީގަތް އޮތް ގޮތަށް އޮތީ އެވެ. ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދެ ފަރާތާ ކޯޓުން ހިއްސާކުރަން ޖިނާއީ އިޖުރާއާތުގެ ގާނޫނު ލާޒިމް ކުރިޔަސް، ގާނޫނު ތަސައްވުރު ކުރާ ގޮތަކަށް އެކަމެއް ނުހިނގަ އެވެ. ކޮންމެވެސް ސަބަބަކާ ހެދި އަޑުއެހުންތައް ކެންސަލް ކުރަން ޖެހޭ ފަހަރުތައް މަދެއް ނޫނެވެ. ފަސް އަހަރު ވެފައި ހުރި ބޮޑެތި މައްސަލަތައް ކްރިމިނަލް ކޯޓުގައި އަދިވެސް އެބަހުއްޓެވެ.

މެދުކެނޑުމެއް ނެތި، ކޮންޓިނިއަސް އަޑުއެހުންތައް ބޭއްވޭނެ ގޮތަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުން ފުރުސަތު ދީފައި އޮތްކަން އެނގެނީ މަދު ބަޔަކަށެވެ. ކޮންޓިނިއަސް ހިއަރިންގެ އުސޫލުން ދާދި ފަހުން ޝަރީއަތްތައް ކުރިއަށް ގެންދަން ފެށީ ދެތިން ހަތަރު މައްސަލައެއްގަ އެވެ. މަރުގެ މައްސަލަތަކާއި އެ ނޫން ބޮޑެތި މައްސަލަތަކުގައި ވާނުވާގައި ގިނަ މީހުން ތިބޭ މައްސަލަތަކުގައި އެ ނަސީބެއް އަދި ނުލިބެ އެވެ. އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ގާނޫނު ލާޒިމް ކުރިޔަސް، އެ މުއްދަތު ފާއިތުވާއިރު ވެސް ހުކުމް ނުކޮށް ހުންނަ މައްސަލަތައް މަދެއް ނޫނެވެ.

ރަށްރަށުގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ހާލަތު މިއަށް ވުރެ ވެސް ގޯހެވެ. ޏ. ފުވައްމުލަކު ކޯޓުގައި ހިނގާ މައްސަލައެއްގައި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރިޔަސް، އެ މީހަކު ގެންނަން ޖެހެނީ މާލެ ސަރަހައްދުގެ ޖަލަކަށެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބައިތިއްބަން ގާނޫނު ހުއްދަކުރާ ރިމާންޑް ޖަލުތައް ހުންނަނީ ކ. މާފުށްޓާއި ހިންމަފުށީގެ އިތުރުން މާލޭގައި އެކަނި ކަމަށް ވާތީ އެވެ. މިއިން ޖަލަކަށް ގެންދިއުމަށް ފަހު ޝަރީއަތުގެ އަޑުއެހުން ބާއްވަން ފުވައްމުލަކު ކޯޓަށް ގެންދަން ޖެހުނަސް، އެވަރުގެ ބަޖެޓާއި ތަނަވަސްކަމެއް ކަރެކްޝަނަލް ސާވިސްއަކު ނެތެވެ. އެހެންވުމުން ގިނަ ކޯޓުތަކުން ހަދާ ގޮތަކީ ކްރިމިނަލް ކޯޓުގައި އެ މައްސަލައެއް ކުރިއަށް ގެންދާށޭ ބުނެ، ޕީޖީ އޮފީހަށް މައްސަލަ އަނބުރާ ފޮނުވާލަނީ އެވެ.

ސުޕްރީމް ކޯޓު: --- ފޮޓޯ/މިހާރު

ދެން އޮތީ މިވަރުގެ "ބޮޑު މަޝްރޫއުއެއް" ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ދައުލަތުގެ މުއައްސަސާތަކުގައި ހުރި ކެރިފޯރުންތެރި ކަމާއި ގާބިލްކަމެވެ. ވާނުވާ ބަންދުގައި މިވަގުތު ތިބި 300 އެއްހާ މީހުންގެ ބަންދު ރިވިއު ކުރެވިދާނެތޯ ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ދައުލަތާ ސުވާލު އަމާޒު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވީ އެ ގާބިލްކަން ކޯޓުތަކުގައި ހުރި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ބަޔަކު ހިތްހަމަނުޖެހުނަސް، އެ ހަގީގަތާ ދެކޮޅެއް ނެހެދޭ އެވެ.

ކްރިމިނަލް ކޯޓުގައި ހުރި އެތައް ހާސް މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދަމުން، ކުށުގެ ތުހުމަތުގައި ކޯޓަށް އަލަށް ގެންނަ މީހުންގެ ބަންދާ މެދު ގޮތް ނިންމަމުން 300 އަށް ވުރެ ގިނަ މީހުންގެ ބަންދު ކޮންމެ މަހަކު އެއް ފަހަރު ރިވިއުކުރަން ތިބީ އެންމެ 10 ފަނޑިޔާރުންނެވެ. މައްސަލަތައް ގިނަކަމުން، މިހާރު ހިނގަމުންދާ ޝަރީއަތްތަކުގައި މަހަކު އެއް ފަހަރު އަޑުއެހުމެއް ބޭއްވެނީ ވެސް މަދު މައްސަލަތަކެއްގަ އެވެ. ކޮންމެ މަހަކު އެއް ފަހަރު މި އިޖުރާއާތު ހިންގުމަކީ އެއީކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ގާނޫނަކުން އެކަން ލާޒިމް ވާތީ، ބަރީއަވެވެން ނެތް އެ އިލްތިޒާމް ކޮންމެ ގޮތަކަށް ވެސް އަދާކުރަން އެބަ ޖެހެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ހަވާސާގައި ވެސް މިކަން ފާހަގަކުރި އެވެ.

ވޭތުވެދިޔަ ދެ ތިން އަހަރަކު "ވާނުވާ"ގެ ވާހަކަ އާދަޔާ ޚިލާފަށް ގަދަވީ ގާނޫނީ ނިޒާމަށް އައި ބަދަލުތަކުގެ ސަބަބުން ވާނުވާ ޖެހުމުގެ އުސޫލު ހަރުކަށި ވެގެން ދިއުމުންނެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނު އައުމުގެ ކުރިން އޮންނަ ގޮތުން ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް، ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރެއް ނެރެވޭނީ އެ މީހަކަށް ދައުވާ ކުރުމުން ނުވަތަ ދައުވާއެއް ކުރާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިނުމުންނެވެ. ޕީޖީގެ ބަހެއް ނުލިބި "ވާނުވާ" ޖެހުމުގެ ފުރުސަތެއް އޭރަކު ނޯވެ އެވެ.

ނަމަވެސް، ޖުލައި، 2017 ގައި އަމަލު ކުރަން ފެށި ޖިނާއީި އިޖުއާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާ ބުނާ ގޮތުން ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރުމާ އެކު، ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތް ނަމަ (މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވައި ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ނުވަތަ ފިލާފާނެ ކަމަށް ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބެލެވޭ ނަމަ) އެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރަށް ލާޒިމްވެ އެވެ. ތުހުމަތު ވަނީ ކިތަންމެ އާދައިގެ ކުޑަ ކުށަކަށް ކަމަށް ވިޔަސް މި ހާލަތުގައި މި ނޫން އިހްތިޔާރެއް ފަނޑިޔާރަކަށް ގާނޫނުން ނުދެ އެވެ.

މިއީ ވަރަށް ހެއްވާކޮށް ގާނޫނުގައި އޮތް ކަމެކެވެ. ސަބަބަކީ ޖިނާއީ މައްސަލައެއް ޝަރީއަތަށް ވަންނާނީ ޕީޖީ އޮފީހުން ދައުވާ ކުރުމުންނެވެ. ތަހުގީގީ އިދާރާތަކުން ހެކި ހޯދައި، ޕީޖީއަށް ގަބޫލުކުރެވޭ މިންވަރަށް ހެކި ދެއްކިޔަސް، ދައުވާ ނުކުރުމުގެ ބާރު ޕީޖީއަށް އޮވެ އެވެ. އެއީކީ އެހެން އެއްވެސް ބަޔަކަށް ބަސް ކިޔޭނެ ކަމެއް ވެސް ނޫނެވެ. އެހެންކަމުން ދައުވާ ނުކުރަނީސް، އެ ތުހުމަތުގެ މައްޗަށް ބިނާކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރަށް ލާޒިމްވާ ގޮތަށް އޮތުމުން ދެކޮޅެއް ނުޖެހެ އެވެ. ޝަރީއަތަށް ނުވަންނަ އަދި ވާންނާނެ ކަން ޔަގީންނުވާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރުންނަށް ލާޒިމްވާ ގޮތަށް ގާނޫނުގައި ލިޔުނީ ކޮން ހަމައަކުން ވިސްނައިގެން ކަމެއް ނޭނގެ އެވެ.

ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތެއް ކުރެވުނަސް، ހުކުމަކާ ނުލައި "ވާނުވާ" ބަންދެއްގައި ބެހެއްޓުމަކީ އަނިޔާއެކެވެ. އެއީ އެ ކުށުގެ އަނިޔާ ލިބި، އިންސާފުގެ އިންތިޒާރުގައި ހުރި މީހާއަށް ކުރާ ޖެއްސުމަކަށް ވެސް މެނުވީ ނުވާނެ އެވެ. އިސްތިސްނާއީ ގޮތެއްގައި ގާނޫނަކުން އެކަން ހުއްދަ ކުރުމަކީ އާންމު ވެގެންވާ ގޮތުގައިި އެތައް ބަޔަކު އެގޮތަށް ޖަލުގައި ބޭތިއްބުން މައްސަލައެއް ނޫނޭ ބުނެވޭނެ ސަބަބެއް ނޫނެވެ. "ވާނުވާ" އަށް އޮތް ދާއިމީ ފަރުވާއަކީ އަވަހަށް ޝަރީއަތްތައް ނިމިގެން ދިއުމެވެ. ހިތާމައަކީ ގާނޫނު ތަސައްވުރު ކުރި މިންވަރާ ގާތަށް ވެސް އެ މަންޒަރު ނުފެނުމެވެ.

7 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިުޑ

14 January 2021

ޝަރީއަތް ނިމެންދެން ބަންދުކުރަން ހުކުމް ކުރެވޭނީ ޝަރީއަތެއް މައުޖޫދުވާނަމައެވެ. ތަހުގީގު އިދާރާއަށް ޕްރޮސެކިއުޓް ކުރެވޭނެ ފުރުސަތު ދިނުމަކީވެސަ ކުރެވިދާނެ ކަމެކެވެ. ފަހުން ޕީޖީއަށް އެމައްސަލައެއް ބަދަލު ކުރުމަކީ ގާނޫނުގައި ލިޔުނީމާ ކުރެވިދާނެ ކަމެކެވެ. އެންމެބޮޑު މައްސަލައަކީ ރާއްޖޭގެ ކަންކަން ކުރިއަރައިދާ ބާރުމިނުގައި މުއައްސަސާތައް ތަރައްގީ ނުވުމެވެ. މުއައްސަސާތަކަށް ސިޔާސީ ނުފޫޒުވަދެ ރައްޔިތުންގެ އިތުބާރު ގެއްލުމެވެ.

The name is already taken The name is available. Register?

އުދުހޭ

07 January 2021

މުއްދަތު އޮއްނަންވާނީ ވަކި އަދަދެއްގެ ދުވަސް ކަމުގައި ދެކެން. މިވެނި އެވަނި ކަމެއް ވަންދެނެއްނޫން.

The name is already taken The name is available. Register?

ސްކިޕަރ

06 January 2021

ކިތަންމެ ހެއްވާ ވިޔަސް ވާނުވާ ބަންދު މުއްދަތު ޖަހަން ގާނޫނުން ފަނޑިޔާރަށް ލާޒިމު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގެ ތަހުގީގީ އިދާރާ ތަކުގެ ބަލިކަށިކަމާއި އަންޕްރޮފެޝަނަލް ކަމުގެ ސަބަބުން އެނޫން ގޮތަކަށް ކަންތައް ކޮށްގެން ކުށްވެރިންނަށް ޝަރުޢީ ނިޒާމުގެ ތެރެއިން ހައްގު އަދަބު ނުދެވޭތީ. ފަނޑިޔާރުން މަދުވެގެންނޭ މާބުރަވާނެޔޭ ކިޔާފަ މައްސަލަ އޮއްބާ ނުލެވޭނެ. ބުރަވާނަމަ ގާނޫނަކުން އިތުރު ކޯޓެއް ހަދައިގެން ވިޔަސް މިކަން ހައްލުކުރޭ!

The name is already taken The name is available. Register?

ތިމާވެށި

06 January 2021

ރެޑްހޭންޑް ކޮށް އަތުލާޑްރަގް މައްސަލަ ތަކުގަ ބަންދު ގެ މުއްދަތު ޖަހަމުން ޖަހަމުން ގޮސް ހަމަސްފަހުން ވެސް ދޫކޮށްލަ ފާނެ އެވެ. ދެން ތުހުމަތަކަށް ހައްޔަރު ކުރާ މީހާ ބަންދު ކޮށްލަކޮށްލާ ބަހައްޓަ ފާނެ އެވެ. އޭނަގެ ވަޒީފާ އާ އަނބިމިހާ ވަކިވާ ހިސާބަށް ދިޔައީމަ ކުށެއް ނެތް ކަމަށް ދޫކޮށްލަ ފާނެ އެވެ. ފިހާރަ ހޮޓާފަދަ ތަންތަނުގަ ގަވާއިދާ ހިލާފައްބިދޭސީ ކޭޝިއަރުންނެވެ. ދެން ވަޒީފާ ނުލިބި ކުށައް ބަޔަކު އަރައި ގަންނަނީ އެވެ.

The name is already taken The name is available. Register?

އަލީރަމް

06 January 2021

މަޖިލީހުގައި ތިބިމީހުންނަށް ވުރެ ތިކަމަށް މާޤާބިލުވާނެ ލޯކިޔަވާކުދިން މިހާރުވެސް ނިކަންތިމަސައްކަތް އެމީހުންނާ ހަވާލު ކޮށްބަލަ!!!!!!!!!!

The name is already taken The name is available. Register?

އަޖައިބު 1

06 January 2021

މަ ހީކުރީ ވެކްސިންގެ ވާހަކަ ކަމަށް މި އާޓިކަލްގަ އޮންނާނީ

The name is already taken The name is available. Register?

އެންމެ ފުންމިނުން

06 January 2021

ނުވާނެ ތިހެނެއް. މިހާރު ހުރިހާކަމެއް ހުންނާނީ ހަމަޔަކަށްއެޅިފަ. ކުށްވެރީން ކުށްވެރީންގެ ގޮތުގާ ޖަލުތަކުގާ ތިބުމީ އެހެންކަމެއް. ތީ އެއްވެސްއިރެއްގާ އެއްވެސް ގައުމެއްގާ ވާނުވާ އެނގޭ ކަންތަކެއްނޫން. މަމެން ބަލަންވީ ތިތަންތަނާ ގާތްނުވެ އުޅެވޭތޯ. އެކަމަކު މައްސަލައަކީ ތިމާޔަށް ތިމާ މިގެންދަނީ ކީތްވެކަން ނޭނގި ތިމާ ގެންގޮސް ކުޑަގޮޅީގާ އަހަރު ދެއަހަރު ނަގާތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454