ޚިޔާލު

ކޮލަމް އޮޅުންބޮޅުން: ފޭދޫފިނޮޅު ވިއްކާލުން

ފޭދޫފިނޮޅު: މިރަށް ރިސޯޓަކަށް ހަދަން ވިއްކާލަން ސަރުކާރުން ވަނީ ނިންމާފައި

އަހުމަދު އަބްދުﷲ

07 ނޮވެމްބަރ 2016 - 06:18

40 comments

ޤަބޫލުކުރެވުނަސް ނުވަތަ ނުކުރެވުނަސް ދިވެހިންނަކީ ޗުއްޓީ ދުވަސްދުވަހު ވަރަށް ދަތުރު ދިޔަ ބަޔެކެވެ. ޚާއްޞަކޮށް މާލޭގައި ދިރިއުޅޭ މީހުންނެވެ. އެ ޒަމާނުގައި މާލޭގައި ދިރިއުޅުނު މީހުން ދަތުރު ގޮސް އުޅުނީ މާލެއާ ކައިރި ރަށްރަށަށެވެ. ވިހަމަނާފުށި، ފަރުކޮޅުފުށި، އާރަށް، އިހުރު، ވައްބިންފަރު، ބަނޑޮސް، ކުޑަ ބަނޑޮސް ފަދަ ރަށްރަށެވެ. އެ ރަށްރަށް ލިއުއްވައިގެން އުޅުއްވި ފަރާތްތަކުގެ ހުއްދައާ އެކުގައެވެ. ފަތުރުވެރިކަމުގެ ރާޅާ އެކު ފަަހަރަކު ރަށެއް އެ ޞިނާއަތަށް ގޮސް ހުސްވާން ފެށުމުން، މާލޭގައި ދިރިއުޅޭ މީހުން ދަތުރުކުރަން ފެށީ އެއަށް ވުރެ ދުރުގައި ހުރި ރަށްރަށަށެވެ. އެކަމަކު ދަތުރު ދިއުމެއް ނުހުއްޓެއެވެ. އަތޮޅުތަކުގައި ވެސް ދަތުރު ދިއުމުގެ ސަގާފަތު ހަމަ މިގޮތަށް އޮތެވެ. އަދި މިހާރުވެސް އޮވެއެވެ. އެހެންނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނާ އެއްވަރަކަށެއް ނޫނެވެ. އެކަމުގެ އެއް ސަބަބަކީ ދިރިއުޅުމުގެ މާހައުލުގެ ތަފާތުވުން ކަމަށް ވެދާނެއެވެ. މާލޭގައި މީހުން އަބަދުވެސް ދިރިއުޅެމުން އައީ ރާއްޖޭގެ އެހެން ރަށްރަށަށް ވުރެ މާ ތޮއްޖެހިފައި އޮތް މާހައުލެއްގައެވެ. އެހެންނަމަވެސް މީގެ ވެސް އިސްތިސްނާގެ ރަށްތަކެއް ވެއެވެ. މީހުން އެރަށުގައި ދިރިއުޅުނު ޒަމާނުގައި ރ. އަތޮޅުގެ ކަނދޮޅުދޫ ފަދަ މަދު ރަށްރަށެވެ.

ޕީ.ޕީ.އެމް.ގެ (އަސްލީ؟ ނަޤްލީ؟) ސަރުކާރުގެ ސިޔާސަތަކީ މާލޭގެ އާބާދީ އިތުރުކުރުންކަން، އެކި ބޭފުޅުންގެ އަތްޕުޅުގައި މައިކް ޖެހުމުން ދައްކަވާ ވާހަކައިން އެނގެއެވެ. އަދި އަމަލީ ގޮތުން ހިންގަވާ ކަންތައްތަކުން ސާފުވެއެވެ. ބޮޑުމިން ފަސްވަރަކަށް ކިލޯމީޓަރު ހުންނަ މާލޭގައި 25 ފަންގިފިލާއަށް އިމާރާތްކުރުމަށް ހުއްދަ ދިނުމަކީ މިކަމުގެ އެއް ހެއްކެވެ. އަދި ހުޅުމާލޭގައި އިމާރާތްކުރުން ކުއްލިއަކަށް ކުރިން އޮތް ގޮތާ ޚިލާފަށް ހަ ފަންގިފިލާއަށް ބަދަލުވުމާއި 25 ފަންގިފިލާގެ އިމާރާތެއް ކުރުމުގެ މަސައްކަތަށް ހުޅުމާލޭ ތައްޔާރުވުން ވެސް ހިމެނެއެވެ. ހުޅުމާލޭ މަޑުމަޑުން ކޮންކުރީޓް ޖަންގައްޔަކަށް ބަދަލުވަނީއެވެ. ރޭވިގެން ތަރައްޤީކުރަމުން އައި ހުޅުމާލެ، ޕީޕީއެމް ސަރުކާރު ވެރިކަމަށް އައުމާ އެކު، ކުއްލި، ކުއްލި، ނިންމުންތަކަކާ އެކު ކުރިން ރޭވިފައި އޮތް ގޮތް އެކަހެރިކުރުމަށް ފަހު ވަގުތީ ފައިދާއެއް ހޯދުމަށް ސިޔާސީ ނިންމުންތަކަކާ ދިމާއަށް މިސްރާބު ޖެހުމުގެ ކުލަވަރު ފެންނަން ފެށިއެވެ.

އާބާދީ ބޮޑުކުރުމަށް ފިޔަވަޅު އެޅޭއިރު އެކުއެކީގައި ކުރަން ޖެހޭ ބައިވަރު ކަންތައްތައް ހުރެއެވެ. ރާއްޖޭގައި އިމާރާތްތައް އުސްކުރުމާއި އާބާދީ ބޮޑުކުރަމުން ދާ އިރު އެފަދަ ކަންތައްތަކެއް ނުފެނެއެވެ. ހުޅުމާލެއަކީ މާލެ ކަހަލަ ތަނަކަށް ބަދަލުވިޔަ ނުދިނުމަށް، ކުށް މަދު ތަނަކަށް ހެދުމަށް ފުލުހުން ފިޔަވަޅު އެޅުމުގައި ވަރަށް އަވަސްވެގަންނަން ޖެހެއެވެ. ޕީޕީއެމްގެ އޮފީހަށް ވަންނަން އުޅުނު މީހުން ވަނަނުދިނުމަށް ފިޔަވަޅު އެޅުމާއި، އެތަނަށް ދާން އުޅުނު މީހުން ހިފަހައްޓާ ދިޔަނުދިނުމަށް ފިޔަވަޅު އެޅިހާ ހަލުއިކޮށްނެވެ. އުސް އިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަލިފާން ނިއްވޭނެ ނިޒާމެއް އޮތުން ވެސް ކުރިން ހަމަޖެހެން ވާނެއެވެ.

ރިސޯޓަކަށް ތަރައްގީކުރުމުގެ ކުރިން ކުޑަ ބަނޑޮސްގެ މަތިން ނަގާފައިވާ ފޮޓޯއެއް: މާލޭ ރައްޔިތުން ދަތުރު ދާން ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރި

މުސްތަޤްބަލުގައި ހުޅުމާލޭގައި ވެސް، އެރަށަށް ކުރިން ހިޖުރަކުރި މީހުން ދިރިއުޅެމުން ދިޔަ ފަދަ އުފާވެރި، އަމާން، މާހައުލެއް ނުއޮންނާނެއެވެ. މިހާރު އެކަން ފެންނަން ފަށައިފިއެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހުން ވެސް ޗުއްޓީގައި ދަތުރު ދިއުމަށް ކޮންމެވެސް ކައިރި ރަށަކަށް ދާން ބޭނުންވާނެއެވެ. ރައީސް ނާސިރުގެ ވެރިކަން ބަދަލުވެ ރައީސް މައުމޫނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ގިނަ ދުވަސްތަކެއް ނުވެ މާލެ އަތޮޅުގައި އެއްވެސް ފަރާތަކުން ނުލިއުއްވާ އޮތް ކުދިކުދި ހަތް ވަރަކަށް ފަޅުރަށް ފަތުރުވެރިކަން ބަލަހައްޓާ އޮފީހާ ހަވާލުކުރެއްވިއެވެ. އޭގެ ތެރޭގައި ފޭދޫފިނޮޅާއި ގިރިފުއްޓާއި ކަގި ހިމެނެއެވެ. ފަތުރުވެރިކަމާ ބެހޭ އޮފީހުން ނިންމީ އެރަށްރަށަކީ މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދާ ރަށްރަށުގެ ގޮތުގައި ބޭއްވުމަށެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ އެރަށްރަށް އެނޫން އެހެން ކަމަކަށް ތަރައްޤީ ނުކުރުމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަނުން ދެ ރަށެއް ސިފައިންގެ ބޭނުމަށް ނެންގެވިއެވެ. ފޭދޫފިނޮޅު ސްކޫލުކުދިންގެ ބޭނުމަށް ކަމަށް ބުނެ އަތުލެވުނެވެ. އެންމެ ފަހުން ނިމުނުއިރު ދަތުރު ދާ ނަމަ ދަތުރު ދާން އޮތީ ހަމައެކަނި ވަރަށް ދުރުގައި އޮންނަ ކަގިއެވެ.

ކުޑަ ބަނޑޮހަކީ ފަތުރުވެރިކަމަށް ތަރައްޤީކުރަން ކޮންމެވެސް ވަރެއްގެ މަސައްކަތެއް ފަށާފައި އޮތް ރަށެކެވެ. އަދި އައްޑިހައިގެ އަހަރުތަކަށް ބަލާއިރު އެކަށީގެންވާ ކުއްޔަކަށް ދޫކުރެވެން އޮތް ރަށެކެވެ. އަބަދުވެސް ބޮޑު ބަނޑޮހުން ބޭނުންވެގެން އުޅުނު ރަށެކެވެ. އެހެންނަމަވެސް ތަފާތު ބާރުގަދަ ފަރާތްތަކުން ކުޑަ ބަނޑޮސް ކުއްޔަށް ދޭން ބާރުލަމުން ގެންދެވުނުއިރު ވެސް ދިވެހިން ދަތުރު ދިއުމުގެ ރަށެއްގެ ގޮތުގައި ކުޑަ ބަނޑޮސް ބޭއްވިއެވެ. ރައީސް ވަޙީދުގެ ވެރިކަމުގައި ކުޑަ ބަނޑޮސް ކުއްުޔަށް ދޫކުރުމަށް ނިންމެވިއެވެ. އެކަން ތަންފީޒުވެގެން އައީ މި ވެރިކަމުގައެވެ. އޭރުވެސް ފަހުން ނައިބް ރައީސަކަށް ވެވަޑައިގެންނެވި ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު ވިދާޅުވީ އެރަށަށް ދިވެހިންނަށް ދަތުރު ދެވޭނެ ކަމަށެވެ. މަދު ބައެއްގެ ތެރޭގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިހާރު މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދާނެ ރަށެއް ނެތެވެ. ކުޑަ ބަނޑޮހަކީ ރިޒޯޓެކެވެ.

ވަހީދު ސަރުކާރުން ވަނީ ކުޑަ ބަނޑޮސް "ވެދުންކުރުމު"ގެ ބޮޑު އިޖްތިމާއީ ގޯސް ހައްދަވާފައެވެ. ފޭދޫފިނޮޅު ވިއްކާލައިފި ނަމަ ރައްޔިތުންގެ އިޖްތިމާއީ ބޭނުންތަކަށް މި ސަރުކާރުން ފުރަގަސްދިނީ ކަމަށް ގިނަ ބަޔަކު ބެލުމުގެ ފުރުޞަތު އެބަ އޮތެވެ.

ފޭދޫފިނޮޅު ވިއްކާލަން މިހާރު ވަނީ އިޢުލާނުކޮށްފައެވެ. އެއީ މިހާރު މާލެއާ ކައިރީގައި އޮތް ގޮނޑުދޮށް އެންމެ ރީތި ރަށެވެ. ފޭދޫފިނޮޅުގެ މާޒީ މާ ރަނގަޅު ނޫންކަމަށް އަޅުގަނޑު ވެސް އެއްބަސްވަމެވެ. އެންމެ ފުރަތަމަ އެރަށް އަތުލި ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވުނެވެ. އެކަމަކު އެއީ އެރަށް ހަވާލުކުރި އޮފީހުގެ ދޯދިޔާކަމުން ކަމަށް ދެންނެވިއްޖެ ނަމަ އެއީ މުޅިން ޙަޤީޤަތެއް ކަމަށް ނުވެދާނެއެވެ. ރާއްޖޭގައި ހިނގާ ކޮންމެ ވެރިކަމެއްގައި ވެސް "ސުޕަ ސްޓާރުން" ތިބެ އެވެ. އެމީހުންނަކީ ކަންކަން ނިންމުމުގައި އެފެންވަރުގެ އެހެން މީހުންނަށް އޮންނަ ބާރަށް ވުރެ ބޮޑެތި ބާރު އޮންނަ މީހުންނެވެ. އެމީހުން ބޭނުން ކަމެއް ބޭނުން ގޮތަކަށް ނިމިގެން ދާނެއެވެ. އަދި އެނިންމުމަށް ސަރުކާރުގެ ތައްގަނޑު ވެސް ޖެހޭނެއެވެ. ފޭދޫފިނޮޅު، ކުޑަ ޖަލަކުން، ރިހެބަކުންު، ގައިންގަޔަށްއަރާ ބައެއް ބަލި ހުރެދާނެތޯ ބަލަން މީހުން ބައިތިއްބާނެ ތަނަކަށް ބަދަލުވަމުން ދިޔައީ ކުރިން ދެންނެވި ފަދަ "ސުޕަ ސްޓާރުން" ގެ ނިންމުންތަކުގެ އޮއިވަރެއްގެ ތެރޭގައި ކަމަށް ވެދާނެއެވެ. އެހެންނަމަވެސް އެ ބަދަލުތަކުގެ ތެރޭގައި ވެސް ޢާއްމުން ދަތުރު ދާ ރަށަކަށް އެރަށެއް ބަދަލެއްނުވެއެވެ.

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އިޖްތިމާޢީ ޒިންމާއެއް ސަރުކާރުން ވެސް އުފުލަން ޖެހެއެވެ. ރައްޔިތުންގެ ފަސޭހަ އާއި ލާބައަށެވެ. މިގޮތަށް ކަންތައްތައް ނުކުރެވިއްޖެ ނަމަ "ޒުވާނުން ރުޅިއަރާފާނެ" އެވެ. މެދު އުމުރުގެ މީހުން ރުޅިއަތުވެދާނެއެވެ. އަދި އުމުރުން ދުވަސް ވީ މީހުން ހިތްހަމަނުޖެހިދާނެއެވެ. އޭގެ މާނައަކީ މުޅި ރައްޔިތުންގެ ހިތްހަމަނުޖެހުން ލިބުމެވެ. ފޭދޫފިނޮޅު ސަރުކާރުން ވިއްކާނުލިއަސް ސަރުކާރަށް ރައްޔިތުންގެ ފަރާތުން ކޮންމެ ދުވަހަކު އެތައް މިލިއަން ރުފިޔާއެއް ޓެކްސްގެ ގޮތުގައި ލިބޭނެއެވެ. އަޅުގަނޑުމެންގެ އަތުން ޓެކްސްގެ ގޮތުގައި ސަރުކާރުން ނަގާ ފައިސާ އިސްރާފްގެ ގޮތުގައި ހޭދަކުރާތަން ވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިސާލަކީ ރަސްފަންނުއެވެ. ދުވާޓުރެކެވެ. މަރާމާތުގެ މައްޗަށް މަރާމާތެވެ. މަގުމަގަށް މިގެންނަ ބަދަލެވެ. ސަރުކާރުން ބައެއް ކަންތައްތައް ނިންމަނީ އެކަށީގެންވާ ވަރުގެ ދިރާސާއެއް ކޮށްފައި ނޫންކަން ފެންނަން އެބަ ހުއްޓެވެ. އެންމެ ފަހުގެ މިސާލަކީ މާލޭގައި އިމާރާތްކުރަން އުޅުނު 25 ފަންގިފިލާގެ އިމާރާތެވެ. މާލޭގައި ކަނޑައެޅި ސަރަހައްދުގައި އެފަދަ އިމާރާތެއްކުރަން ނިންމުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބެލި ނަމަ، އެ ސަރަހައްދުގެ ދަތިކަން ބޮޑުވެގެން އެ އިމާރާތް އެހެން ރަށަކަށް ބަދަލުކުރަން ނިންމަން ނުޖެހުނީހެވެ. ހަމަ އެގޮތަށް ހުޅުމާލޭގައި ޢާއްމުން ގޮސް އުޅޭ ކުޅިވަރުގެ ސަރަހައްދަށް ބަލާލަމާތޯއެވެ؟ ޢާއްމު ބޭނުމަށް ކިތައް ފާޚާނާ ބެހެއްޓިފައި އެބަ ހުރިތޯއެވެ؟ މިއިން ދައްކައިދެނީ ޢާއްމު ރައްޔިތުންގެ ފަސޭހައަށް ކުޑަކޮށް ވެސް ވިސްނާފައި ނުއޮންނަކަމެވެ. ބޭނުންވަނީ ކަމެއް ކުރިކަމުގެ ނަމެކެވެ. ރައްޔިތުންގެ ފަސޭހައަށް ބަލާލުމެއް ނެތިއެވެ.

ރާއްޖޭގެ އެންމެން މާލޭ ސަރަހައްދަށް އައުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ. އެމީހުން މި ސަރަހައްދުގައި ވަޒަންވެރިވާއިރު އެމީހުންގެ ބޭނުންތަކަށް ވެސް ބަލާލަން ޖެހެއެވެ. އެމީހުންގެ ކަސްރަތާއި މުނިފޫހިފިލުވުމަށް ވެސް ބަލާލަން ޖެހެއެވެ. ވަހީދު ސަރުކާރުން ވަނީ ކުޑަ ބަނޑޮސް "ވެދުންކުރުމު"ގެ ބޮޑު އިޖްތިމާއީ ގޯސް ހައްދަވާފައެވެ. ފޭދޫފިނޮޅު ވިއްކާލައިފި ނަމަ ރައްޔިތުންގެ އިޖްތިމާއީ ބޭނުންތަކަށް މި ސަރުކާރުން ފުރަގަސްދިނީ ކަމަށް ގިނަ ބަޔަކު ބެލުމުގެ ފުރުޞަތު އެބަ އޮތެވެ. މިޒަމާނުގެ އަގުތަކަށް ބަލާލާއިރު ފޭދޫފިނޮޅުގެ މޫނުމަތީގެ އަގު އެހާ ބޮޑެއް ވެސް ނޫނެވެ. އެހެން އަގެއް އޮވޭތޯއެވެ؟ އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެއެވެ.

40 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 52%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަބީބު

21 November 2019

ކޮބާރިސޯޓު ހިއްސާ

The name is already taken The name is available. Register?

އިޙްސާންތެރިޔާ

18 December 2016

މަބޭނުން ތިރަށް ގަންނަން. ކިހާވަރަކަށް ބިޑް ކުރެވެނީ؟ އޭރަށް ގައިމުވެސް އިންޝާﷲ ދިވެހިންނަސް ދަތުރުދާނެ ރަށެއްލިބޭނެ.

The name is already taken The name is available. Register?

ޗިއަރސް

07 November 2016

ފޭދޫ ފިނޮޅު ގައި ރިސޯރޓެއް ހެދުން އެއީ ވިޔަފާރީގެ ގޮތުން ބަލާއިރު ދައުލަތުގެ ބަޖެޓް ދެކޮޅު ޖެއްސުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މަމެންގެ އިކޮނޮމިކް އޮރިއެންޓެޑް ސަރުކާރަށް އެކަނި މިބާވަތުގެ ބިއުޓިފުލް ކަންކަން ކުރަން އިނގެނީ ދޯ. އިޒްންޓް އިޓް އެމޭޒިންގް. ޗިއަރސް.

The name is already taken The name is available. Register?

މަކަރީނާ

07 November 2016

ފޭދޫ ފިނޮޅުން ހާދަ ބޮޑުއެއްޗެއް ލިބޭތީތާއޭ ތަމެން ސަރުކާރުން އެތަންކުއްޔަށް ތިދެނީ. ވާ ވާ. ދަރަނި މިފަހަރު ދައްކަނީ ތިތަނުން ލިބޭ ލާރީން ދޯ

The name is already taken The name is available. Register?

ސސެސ

07 November 2016

ރާއްޖޭގެ ރަށަކާ އަޅާ ބަލާއިރު 4 މިލިއަން ޑޮލަރަކީ ފުނޑުލާރި. މީގައި އެމްއެމްޕީއާރުސީ ވަސް ހާދަ ގަދައޭ. ބިތުފަންގި ނަގާ ދުވަހަކުން ފެންނާނެތާ!

The name is already taken The name is available. Register?

އެއްފަސް ކުރުމުގެ ސިޔާސަތަާ ބެހޭގޮތުން އާޓިކަލް ލިޔަންވީނުން

07 November 2016

އެއްފަސް ކުރުމުގެ ސިޔާސަތެއް ގެނެސްގެން ނޫނީ އަޅުގަނޑުމެންނަށް ކުރިއެރުމެއްނެއް. އެއްފަސް ކުރަންވީ ހަމަ އެކަނި މާލެއާ ހުޅުމާލެއެއް ނޫން. އަދި މާލެއަށް ވީގޮތް ނުވާނެ ގޮތްތަކެއް ހޯދާ އެހެން ސަރަހައްދުތަކެއް ތަރައްގީ ކުރެވެން އެބަޖެހޭ. މިއީ މިކަމުގެ ފެށުންކަމަށް ހަދާ އެގޮތުން އައްޑޫގެ ހުޅުދޫ އަދި މީދޫ ރައްޔިތުން އައްޑޫގެ ގުޅިފައިވާ ރައްތަކަށް ބަދަލު ކުރެވެން އެބަޖެހޭ. މިއީ ހަރަދު ބޮޑުކަމެއް ކަންވެސް އެންގޭ އަކަމަކު މިކަން ކުރެވެން އަބަޖެހޭ. އަދީ އެދެރައަށް ޓުއަރިޒަމް އައް ދޫކުރެވެން އެބަޖެހޭ. އައްޑޫ އަކީ ރައްތައް މަދުއަތޮޅަކަށް ވުމާއެކެ.

The name is already taken The name is available. Register?

ބާސްމަތީ ރައީސް

07 November 2016

ބަލަ ހޭހުއްޓަކާ މި ސަރުކާރުން ތިޔަކަމެއް ނުކުރާނެ، ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަށް 'ޗޮއިސް' ތަކެއް ލިބިދާނެއްނު، އެއިރުން މާލެއިން ބަޔަކުމަދުވެ މާލޭ ގެދޮރު ކުއްޔަށް ދީގެން އުޅޭ ބަޔަކަށް ތަންކޮޅެއް ފައިސާ ލިބޭލެއް މަދުވެދާނެއެެއްނު، އެހެންވެގެން ބްރިޖެކޭ ޕާކޭ ރަސްފަންނޭ ކިޔައިގެންވެސް ރައްޔިތުން ނޭވައިނުލެވޭވަރަށް މާލެ ހިޖްރަކުރުމަށް އެގޮވާލަމުން އެދަނީ

The name is already taken The name is available. Register?

ޅަބޭ

07 November 2016

ސާބަހޭ ޔާމީނޫ. ގުޅިގެން ކުރިޔައް ކުރިޔައް އިނގޭ. މާލޭގަ އޮތް އާޓިފިޝަލް ބީޗާއި ރަސްފަންނުވެސް ކޮންމެސް ސިޓީ ހޮޓަލެއް އަޅަން ބަޔަކައް ވިއްކާލާ. އަދި އިސްލާމީ މަރުކަޒުވެސް ހުޅުމާލެއައް ބަދަލުކޮއްފަ، އެތަނުގަވެސް ކޮންމެސް ޓުއަރިސްޓު ހޮޓަލެއް އަޅައް ބަޔަކައް އެބިން ވިއްކާލާ. ހަމަ އެހެން ހަދާލާ ހުކުރު މިސްކިތައްވެސް. އެއްވެސް ރަށެއް ފަޅެއް ގިރިއެއް ބިމެއް ހުހައް ނުބާއްވާތި. ހަމަ އެއްކޮއް ހުސްކޮއްލާ.

The name is already taken The name is available. Register?

އަންތަރީސް

07 November 2016

ހަމަ އެކަނި ފޭދޫ ފިނޮޅެއް ނޫން، ބ އަތޮޅުގައިވެސް ނެތްކަންނޭގެ މިހާރު އެއްވެސް ފަޅުރަށެއް. ކޮބާ އެއަތޮޅު މީހުންގެ ހައްގު؟؟؟ މީގަ އެންމެ ބޮޑު ދެރަޔަކީ މުލީ ބ އަތޮޅު ވިއްކައިގެން ލިބޭ އެންމެ ލޯލާރިއެއްވެސް އަތޮޅަށް ނުވަންނަކަން. އެއާއި ޚިލާފަށް ފޭދޫ ފިނޮޅު ވިއްކާލައިގެން ވެސް "ތަރައްގީ" ކުރާނީ މި މާލެތާ!! މީގަ އަދި އެބައުޅޭ އެކިއެކި އަތޮޅުތަކުން ރަށްތަށް ނަމުގަ ދަނޣުވެރިކަން ކުރަން ނަގައިގެން އުޅޭ މާލޭ ބޭފުޅުން، މިރަށްތަކަށް އެރުމުގެ ހުއްދައެއް ނޯވޭ އެހިސާބު މީހުނަކަށް، މިވެސް ކިހާ ދެރަކަމެއް!!

The name is already taken The name is available. Register?

ސުޒީ

07 November 2016

މިނޫހުގަ އޮއްވަދެކުނީން ހަފުތާއެން ހާދުވަހައް ރިސޯޓެއް އެއްކޮއް ފަސްމިލިއަން ޑޮލަރައް ކުއްޔައް ދޭން ބޭރުދުނިއޭގަ އިސްތިހާރު ކުރިވާހަކަ! މިހެންވީމަ ހިތައްއަރަނީ 3 މިލިއަން ޑޮލަރައް ތިރައް ވިއްކާލުމަކީ ކޮންކަހަލަ ވިއަފާރިއެއް ބާވައޭ! ރަގަޅު ވަގުތުގަ ތިރައް ދުނިއޭގެ ބާޒާރުގަ ނީލަން ކީނަމަވެސް ތިރަށައް ސަތޭކަ މިލިޔަން ޑޮލަރު ލިބޭނެކަމާމެދު ސައްކެއްނުކުރަން؛ ތިންމިލިއަން ތިއީ މަހުޖަނުންގެ އުފަންދުވަސް ފާހަގަ ކުރަންވެސް ކުރާހޭދަ ޔައްވުރެ ކުޑައެއްޗެއް! އެލް އޭ މޮނަކޯފަދަ ތަންތަނުން ތި އަދަދައް އެފާޓުމެއްޓެއް ނުލިބޭއިރު، ޓުއަރިޒަމްގެ މިހާމަގުބުލު މަންޒިލަކުން މަހުޖަނުންގެ ވީކުއެންޑު ފާޓިއަކައް ހޭދަކުރާ ވަރައްވުރެ ހެޔޮއަގުގަ ރައްތައް ވިއްކުމަކީ އިގުތިސޯދީ މާހިރުގެ އެންމެ މޮޅުވިސްނުންބާ

The name is already taken The name is available. Register?

ބަނދަރު ކާޅު

07 November 2016

ތިގޮތަށް އިންޓަނޭޝަނަލް ބިޑަށް ހުޅުވާލީމަ ބިލިޔަނަރުން ޗުއްޓީ ހޭދަކޮއްލަން ފޭދޫ ފިނޮޅު 100 މިލިޔަން ޑޮލަރަށް ނެގީމަ އެ ހުރިހާ ފައިސާއެއް ވައްދަން ޖެހޭނީ ދައުލަތުގެ ތިޖޫރިޔަށް. މިގޮތަށް 3 މިލިޔަން ޑޮލަރަށް ވިއްކާލީމަ، އެރައް ގަންނަމީހާ ( ކޮންމެސް ގާތްމީހެއް، ނުވަތަ ޕާޓްނަރ) އެރަށް 100 މިލިޔަން ޑޮލަރަށް ބިލޔަނަރަކަށް ވިއްކާލީމަ ޖީބަށް ލިބޭވަރު އިތުރުވާނެ. މީ މަށަށް އެގޭވަރަކީ.

The name is already taken The name is available. Register?

ސިއްދީޤު

07 November 2016

ރައްޔިތުން ކޮން ޕިކްނިކެއް ހަދާކަށް! ފުރަތަމަ މި ސަރުކާރު! ދެން ގައުމާއި ރައްޔިތުން.

The name is already taken The name is available. Register?

ވަހީދު

07 November 2016

7 ފެބްރުއަރީއަކީ އެއްމެހައި ދިވެހިން ކަތިލި ދުވަސް. ދެން ނުވެ ނުދާނެ ހުރިހާ ކަމެއް މިފެންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454