މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހުމުން މަގުގައި ފެންބޮޑުވެފައި، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފަޔާ އެންޑް ރެސްކިއު ގުޅިގެން ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް
12 ޖެނުއަރީ 2021 - 11:25
މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށް ރެއިން ފެށިގެން ކުރަމުން އަންނަ ވިއްސާރަ، ކުރިއަށް އޮތް 24 ގަޑިއިރު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް، މެޓުން ލަފާކޮށްފި އެވެ.
އުތުރާއި މެދު ރާއްޖެތެރެއަށް ބޮޑަށް ކުރަމުން ދާ ވިއްސާރައިގައި، މާލޭގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް ފެން ބޮޑުވެ، ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މާލޭގައި އެސްޓީއޯގެ ކާޑު ގުދަންތައް ހުރި ސަރަހައްދުގެ މަގުތަކުގައި ބޮޑުވެފައި އޮތް ފެންގަނޑު، ޕަމްޕް ބޭނުންކޮށްގެން ހިންދުމުގެ މަސައްކަތް ސިފައިން ކުރިއަށް އެބަ ގެންދެ އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް "މިހާރު" އަށް ވިދާޅުވީ އުތުރާއި މެދު ރާއްޖެތެރެއަށް ކުރިއަށް އޮތް 24 ގަޑިއިރު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
ރާއްޖޭގެ މަތިން ނަގާފައިވާ ސެޓަލައިޓް ފޮޓޯއެއް -- ފޮޓޯ: މެޓް
"މާދަމާ އުތުރަށް މިއަށް ވުރެ ވެސް ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ،" ހާފިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުން ދާ ވިއްސާރައެކެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުތެރޭ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑު ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ. އެ ސަރަހައްދަށް ގަޑިއަކު 10-20 މޭލުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ބެލެވޭތީ، މެޓުން އެދެމުން އަންނަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށެވެ.
މެޓުން ބުނާ ގޮތުގައި ވިލާގަނޑުގައި 40 މޭލަށް ވައި ބާރުވުމުގެ ފުރުސަތު އެބަ އޮތެވެ.
މާލޭގެ މަގުތަކުގައި މިއަދު ފެންބޮޑުވެފައި، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފަޔާ އެންޑް ރެސްކިއު އިން ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް
"އުތުރުގެ އަތޮޅުތަކަށް ޖުމްލަކޮށް ވައި މަޑުވާނެ. ނަމަވެސް ވިލާގަނޑާ އެކު ވައި ގަދަވާނެ،" ހާފިޒް ވިދާޅުވި އެވެ.
ރާއްޖެ މިހާރު ގިނަމުން މި އަންނަނީ އިރުވައި މޫސުމުގެ ދުވަސްތަކެވެ. އެގޮތުން މިއީ އިރުވައި މޫސުގެ ތިން ވަނަ ނަކަތް ކަމަށްވާ އުތުރު ހަޅަ އެވެ. އާންމު ގޮތެއްގައި މި ނަކަތުގައި ވަޔާއި ކަނޑު ގަދަވިޔަސް އުޑުމަތި ސާފުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިބެޓް
12 January 2021
މަށަށް މިހާރު ޔަގީން މާދަމާ ވާރޭ ނުވެހޭނެކަން. މެޓު އޮފީސް ހުންނަނީ ގަޑި ކަޓާފަ.
ޖިމް
12 January 2021
މާދަމާ 13 ޖެނުއަރީ 2021 ދުވަހު މާލެ އަށް ވިއްސާރައެއް ނުކުރާނެ އަދި އަވި ވެސް ދޭނެ. މެޓުން އެބުނީ ރަގަޅަކަށް ނޫން. ރާއްޖޭގެ އުުތުރުގެ ރަށް ތަކަށް ކޮންމެ ވެސް ވަރަކަށް ވިއްސާރަ ކުރުން ގާތް. އެކަމަކު މިއަދަށް ވުރެ ވިއްސާރަ މަޑުވާނެ.
ދޭސީ
12 January 2021
އެހެންވީމަ ބަލާނެ ކަމެއްނެތް އިންޝާﷲ މާދަމާ މޫސުން ރަނގަޅުވާނެ.