ކުޅިވަރު / އެފްއޭ ކަޕް

ވެލެންސިއާ އަށް އަހަރަށް ފަހު ފައިނަލެއްގެ އުއްމީދުގައި

2008 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމަށް ފަހު ވެލެންސިއާގެ ކުޅުންތެރިން ކޯޗު ޒޫރިއާންކް އުފުލާލައިގެން.

07 ނޮވެމްބަރ 2016 - 11:14

އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ވެލެންސިއާގެ އެންމެ ފަހުން ފައިނަލެއް ކުޅެފައިވަނީ މީގެ އަށް އަހަރު ކުރިންނެވެ.

ވެލެންސިއާ އެންމެ ފަހުން ފައިނަލެއްގައި ކުޅުނީ 2008 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގަ އެވެ. އެ މެޗުން 3-2 އިން ވިކްޓަރީ ބަލިކޮށް ވެލެންސިއާ ވަނީ ތަށި ހޯދައިފަ އެވެ. އެ އަހަރުގެ ދިވެހި ލީގު ޗެމްޕިއަނުންނަކީ ވެސް ވެލެންސިއާ އެވެ. ވެލެންސިއާ އަށް އެންމެ ފަހުން ލިބުނު ކާމިޔާބީ އަކީ 2009 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑެވެ. އެ ފަހަރު އެ ޓީމުން ޝީލްޑް އުފުލާލީ 2-1 އިން ވީބީ އައްޑޫ އެފްސީ ބަލިކުރުމަށް ފަހު އެވެ.

އެ އަހަރަށް ފަހު ވެލެންސިއާ އަށް ފާއިތުވި ހަތް ވަރަކަށް އަހަރު ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. މަޝްހޫރު ކުޅުންތެރިން ނުލައި ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ ވެލެންސިއާ އަށް ވަނީ ކާމިޔާބު ހޯދަން އުނދަގޫވެފަ އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ވެލެންސިއާ ވަނީ ރެލިގޭޝަން ކުޅެފަ އެވެ.

އެފްއޭ ކަޕް ފައިނަލެއްގައި އެންމެ ފަހުން ވެލެންސިއާ ކުޅުނީ 2007 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުން އެ ޓީމު ބަލިވީ ނިއު ރޭޑިއަންޓާ ވާދަކޮށް 2-0 އިންނެވެ.

ވެލެންސިއާ އިން މި ސީޒަނަށް ކުރިމަތިލީ ފާއިތުވި ތިން އަހަރަށް ބަލާއިރު ފެންވަރު ރަނގަޅު ސްކޮޑަކާ އެކު އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދި ތަޖުރިބާކާރު ކުޅުންތެރިން އެޓީމާ މި ސީޒަނުގައި ގުޅުނެވެ. އޭގެ ތެރޭގައި މުހައްމަދު ޝިފާން (ކުޑައްޓޭ)، މުހައްމަދު އާރިފް (ބަކާ)، ޝާފިއު އަހުމަދު (ޝާފީ) ހަސަން އަދުހަމް (ސަޑޭ) އަދި ގޯލްކީޕަރު މުހައްމަދު ފައިސަލް ހިމެނެ އެވެ.

މި ކުޅުންތެރިންނާ އެކު ވެލެންސިއާ އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެންމެ އެދެވޭ ނަތީޖާތަކެއް ނުނެރެވެ އެވެ. ލީގުގެ ފަހު ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަ މެޗުން ބަލިވެފަ އެވެ. އަނެއް މެޗުން ވިކްޓަރީއާ ދެކޮޅަށް ކުޅެ އެއްވަރުވީ އެވެ. އެފްއޭ ކަޕް ސެމީން ވެލެންސިއާ ޖާގަ ހޯދީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ވިކްޓަރީ ބަލިކުރުމަށް ފަހު އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން.. ފޮޓޯ: ނިޝާން އަލީ/މިހާރު

ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ފައިނަލުގެ އަމާޒުގައި

މިދިޔަ އަހަރު ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައި ޔުނައިޓެޑް ވިކްޓަރީ މި ފަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރި އަލަށެވެ. އެ ޓީމުން ވަނީ މި އަހަރުގެ މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ވާދަކުރި ނަމަވެސް އެ ޓީމު ލީގު ނިންމާލީ ގަދަ ހަތަރެއްގައި އޮވެ އެވެ. އެފްއޭ ކަޕްގެ ސެމީން ޔުނައިޓެޑް ވިކްޓަރީ ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ބަލިކުރުމަށް ފަހު އެވެ.

ޔުނައިޓެޑް ވިކްޓަރީ ސްކޮޑަށް ބަލާއިރު އެ ޓީމުގައި ކުރިން ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުޅުނު ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި ކުރިން ނިއު އާއި ވިކްޓަރީ އަދި ވެލެންސިއާ އަށް ވެސް ކުޅުނު ހުސެއިން ޝިމާޒް (ކޮކީ) އާއި ވިޔަންސާ އާއި ވީބީ އަށް ކުރިން ކުޅުނު ހުސެއިން ޝުއައިބު ހިމެނެ އެވެ. ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ކުރިން ނިއު އާއި ޓީސީ އަށް ކުޅުނު ރަފީނިއާ އާއި ސީރިއާ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު އަލް ޔޫސުފާއި މި ސީޒަނުގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ސީރިއާގެ ފޯވާޑް ކެރިކް އަންދްރޭ ހިމެނެ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކީ ކުރިން އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އާއި ވިކްޓަރީ އަށް ކޯޗުކޮށްދީފައިވާ އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ އަހުމަދު އާތިފް (އާތީ) އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފްއޭ ކަޕް ފައިނަލުން ފުރުސަތު ހޯދުމަށް މިރޭ އެ ޓީމު ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު މި ދެ ޓީމު ވަނީ މި އަހަރު ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން ދެ މެޗުން މޮޅުވީ ޔުނައިޓެޑް ވިކްޓަރީ އެވެ. ޔުނައިޓެޑް ވިކްޓަރީ މޮޅުވީ ލީގުގެ ފުރަތަމަ ބުރާއި ފަހު ބުރުގައި 1-0 އިންނެވެ. ދެ ވަނަ ބުރުގެ މެޗުން ވެލެންސިއާ މޮޅުވީ 2-0 އިންނެވެ.

ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454