ރިޕޯޓް / އެމްޑަބްލިއުއެސްސީީ

މާލެ ފެނަށް ޖެހުން، އޭގެ ފަހުން އެމްޑަބްލިޔުއެސްސީ

ސަރުކާރު ހިއްސާވާ ފެން ކުންފުނި އެމްޑަބްލިޔުއެސްސީ އުފެއްދުމުގެ ކުރިން ފެނުގެ ކަންކަން ބެލެހެއްޓީ އެމްޑަބްލިޔުއެސްއޭ އިން. އޭރު މާލޭގެ އިސްކުރު ބަރިތަކަށް ފެން ދޫކުރަން ހެދި އުސް ތާނގީ. މިއީ އޭރު މާލޭގެ ވެސް އެންމެ އުސް އިމާރާތް

20 ޖެނުއަރީ 2021 - 13:32

6 comments

މާލޭގެ ދެކުނު ފަރާތު ހިއްކި ބިމުގައި ހަދާފައި ހުރި އުސް ކޮންކްރީޓް ތާނގީގައި ދިވެހި ދިދަ އާއި އެކި ކުލަތަކުގެ ދިދަ ފަތި ދަމާފައި ހުއްޓެވެ. ތާނގީ ހަދާފައި ހުރި ޓަވަރާ ޖެހިގެން، ދެކުނު ފަރާތުގައި ހުރީ އެމްޑަބްލިޔުއެސްއޭގެ އާ އޮފީސް އިމާރާތެވެ. އޮގަސްޓް 1، 1988 ގައި އެތަނުގެ ބޭރު ފާރުގައި ވެސް ދިދަ ފަތި ދަމާ ޒީނަތްތެރިކުރި އެވެ. އެއީ ހަގީގަތުގައި ބޮޑު ދުވަހެކެވެ. އެއީ އެ ޒަމާނުގައި މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ނުސާފު ފެނުގެ މައްސަލައަށް ވަގުތީ ހައްލެއް ނަމަވެސް ހޯދައިދިނުމުގެ މަޝްރޫއުއެއްގެ ނިމުން ފާހަގަކުރުމުގެ ދުވަހެވެ. ބޭރުން ލޯނު ހޯދައިގެން ސަރުކާރުން ހިންގި ފުރަތަމަ މަޝްރޫއުގެ ކާމިޔާބުގެ އުފާ ލިބިގަތުމުގެ ދުވަހެވެ.

ހެނދުނު އެތަނަށް ވަޑައިގަތީ ރައީސް މައުމޫން އަބްދުލްގއްޔޫމެވެ. އެމްޑަބްލިޔުއެސްއޭގެ އެތެރޭގެ ބައެއް މަސައްކަތްތައް ބައްލަވައިލައްވައި، ފެން ހޮޅީގެ ވޭލް ދޫކޮށްލެއްވުމާ އެކު، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ފެން އިސްކުރު ބަރިތަކަށް ދާން ފެށީ ލޮނުން އުފެއްދި އެހެނަސް ބޯން ވެސް ރައްކާތެރި ފެނެވެ. އެ ފެން، އުސް ތާނގީ މެދުވެރިކޮށް، ހޮޅިތަކުން ފޮނުވާލުމުން އިސްކުރު ބަރިތަކާ ހަމައަށް ދާއިރު ހުންނަނީ ކްލޮރިން ވެސް ކުރެވި، ފެނުގެ ތާާހިރުކަން ކަށަވަރު ވެސް ވެފަ އެވެ.

"މިއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ މުހިންމު މަޝްރޫއު،" ފެން ދޫކުރެއްވުމަށް ފަހު، ކައިރީގައި ހުރި ޖަމާލުއްދީން ސްކޫލްގެ ހޯލްގައި އޮތް ރަސްމިއްޔާތުގައި މައުމޫން ވިދާޅުވި އެވެ.

"މީގެ ކުރިން އާންމުންގެ ސަލާމަތަށް އެހާ ބޮޑު މަޝްރޫއުއެއް ހިންގާފައެއް ނުވޭ، އެހެންކަމުން އޭގެ ފައިދާ ހެޔޮ ގޮތުގައި ހިފަން އަޅުގަނޑު ގޮވާލަން."

އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. ސާފު ފެން ފޯރުކޮށްދިނުމާއި މާލޭގެ އާ ނަރުދަމާ އާއި ގޭގޭގައި ވާރޭ ފެން ރައްކާކުރާނެ ހާހަކަށް ވުރެ ގިނަ ތާނގީ ހެދި މަޝްރޫއުއަށް 11 މިލިއަން ޑޮލަރު (އޭރު ނަމަ ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ، މިހާރު ނަމަ 170 މިލިއަން ރުފިޔާ) ހޭދަކުރި އެވެ. އޭގެ ތެރެއިން ގިނަ ފައިސާ ހަމަޖެއްސީ ބޭރު ގައުމުތަކާއި ޖަމާއަތްތަކުން ދިން ލޯނުންނެވެ.

އެ ދުވަހު ވަރަށް މުހިންމު އެހެން ވާހަކަފުޅުތަކެއް ވެސް، އަދަދުތަކުން ސަބަބު ވެސް ދައްކަވަމުން މައުމޫން ވިދާޅުވި އެވެ. އެގޮތުން މާލޭގެ ތާޒާ ފެން ފަށަލައަށް އައި ބަދަލު ރައްޔިތުންނަށް ސާފުކޮށް ދެއްވި އެވެ: ގާތްގަނޑަކަށް 15 އަހަރުގެ ތެރޭގައި 6 މިލިއަން ކިޔުބިކް މީޓަރުން 3 މިލިއަން ކިޔުބިކް މީޓަރަށް ދަށަށް ގޮސްފައިވާކަމެވެ.

ފެނަކީ ގުދުރަތީ ގޮތުން ލިބޭ އެއްޗެއް ކަމާއި ދުވަހަކު ވެސް އެ ހުސްނުވާނެ ކަމަށް، ބައެއް މީހުން ބުނާ ބުނުމަށް ވެސް މައުމޫން ޖަވާބު ދެއްވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ ބިމު އަޑީގައި އޮތް ތާޒާ ފެން ފަށަލައަށް އަންނަމުން ދިޔަ ބޮޑު ބަދަލުތަކުން "އަންގައިދެނީ މާލޭގެ ފެން ހުސްވާނެ ކަމެ"ވެ.

އުސް ފެން ތާނތްގާ ހަމައަށް ދިއުމުގެ ކުރިން

އެ ދުވަހު އޭރުގެ ރައީސް އެހެން ވިދާޅުވުމުގެ މާ ކުރިން މާލޭގެ ފެނުގެ ހާލަތު ގޯސްވެއްޖެ އެވެ. މީރު ފެންފޮދު ތަޣައްޔަރުވެއްޖެ އެވެ. މާލޭގެ އާބާދީ ބޮޑުވެ، ތޮއްޖެހެން ފަށައިފި އެވެ. މާލެ ކުޑަވެ ފަޅު ހިއްކައިގެން ގެދޮރު ބިނާކުރަނީ އެވެ. ގިފިލީގައި ހަނޑަސްބުރި ހަދައި، ބޮޑުކަމުދިއުމުން، ފެނުގެ ތެރެއަށް ނަޖިހުގެ ބައި އެއްވަނީ އެވެ. ކެއްކުމެއް ނެތި، ކްލޮރިން ކުރުމެއް ނެތި ވަޅު ފެން ބުއިމުން ބަލިތައް ފެތުރެނީ އެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާތަކާ އެކު، އެތައް ސަތޭކަ ބަޔަކު މަރުވަނީ އެވެ.

ހައްލެއް ހޯދަން 1904 އިން ފެށިގެން ދިވެހިންގެ ފެންވަރުން މަސައްކަތް ފެށި އެވެ. ރާއްޖޭގެ ރަސްކަން އުވި، ޑިމޮކްރެސީގެ ބައެއް ސިފަތައް ވެރިކަމުގެ ނިޒާމަށް އައި އިރު ވެސް، ސަރުކާރުތަކުގެ އެންމެ އިސް އެއް ވިސްނުމަކަށް އޮތީ އެކަމަކު ފުރިހަމަނުކުރެވި ވަނީ ފެނުގެ މައްސަލަ އެވެ. ވިހި ވަނަ ގަރުނުގެ ކުރީކޮޅުގައި (1906 އިން ފެށިގެން) ހެދީ މާލޭގެ ހެންވޭރާއި މާފަންނުގައި ބޮޑު ފެން ތާނގީތަކެވެ. ވާރޭ ފެން ރައްކާކޮށް، ރައްޔިތުންނަށް ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތް، އެ ތާނގީތަކާ އެކު ފެށި ގާތްގަނޑަކަށް 50 އަހަރަށް ދެމިގެން ދިޔަ އެވެ.

އެކަމަކު އެއީ ފުދޭވަރެއް ނޫނެވެ. ކުޑަކޮށް ރާވާލައިގެން ހިންގާ މަޝްރޫއުތަކަށް ވުރެ މާލޭގެ ފެނުގެ ހާލަތު އޮތީ މާ ބޮޑަށް ދަށުގަ އެވެ. އެއީ 1965 ގައި މާލޭގައި ފެތުރެން ފެށި ބޭރަށް ހިންގުމުގެ ރޯގާއާ ގުޅިގެން ފުރަތަމަ ފަހަރަށް ފެން ވަޅުތައް ކްލޮރިން ކުރަން، ބޮޑުވަޒީރު އަދި ފަހުން ރައީސް އަލްމަރުޙޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ފެއްޓެވި މަސައްކަތުންނާއި، 1970ގެ އަހަރުތަކުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗުއޯ އާއި ޔޫއެންޑީޕީ ފަދަ ޖަމާއަތްތަކުން ހިންގި މަޝްރޫއުތަކުން ވެސް ހައްލެއް ނުހޯދުނު ހާލަތެކެވެ.

ގެއަށް ފެން ގެންދަން ބަނޑިޔާތައް ހިފައިގެން: މާލޭގެ ގޭގޭގެ ވަޅުތަކުގެ ފެން ބޭނުންނުކުރެވޭ ވަރަށް ގޯސްވުމުން 1990ގެ އަހަރުތަކުގެ ކުރީކޮޅު ވެސް ގިނަ މީހުން ފެން ގެންދިޔައީ އިސްކުރުބަރިތަކުން

ޑަބްލިޔުއެޗުއޯގެ ތަޖުރިބާކާރަކު 1970 ގައި ތައްޔާރުކުރެއްވި ރިޕޯޓަކުން އެނގޭ ގޮތުގައި އެ އަހަރު މުޅި ރާއްޖެ އިން މަރުވި 1،646 ކުދިންގެ ތެރެއިން ދެބައި ކުޅަ އެއްބައި ނުވަތަ 831 ކުދިން މަރުވުމުގެ ސަބަބަކީ "ނުސާފު ފެނުން ޖެހޭ ބަލިތަކެ"ވެ. އެހެންކަމުން ވެރިރަށް މާލެ އާއި މުޅި ރާއްޖޭގައި ވެސް ފެނުގެ ޙާލަތު އޮތް މިންވަރު ވަޒަންކޮށްލެވެ އެވެ.

ޔޫއެންޑީޕީން ދިން 93،000 ޑޮލަރުގެ އެހީގައި ޑަބްލިޔުއެޗުއޯ އިން 1974 ގައި މާލެ ގެނައި އިނގިރޭސި ކުންފުނި ބިނީ އެންޑް ޕާޓްނާސް އިން ފުރަތަމަ ފަހަރަށް މާލޭގެ ފެނާ ބެހޭ ތަފުސީލީ ދިރާސާއެއް ހެދި އެވެ. އެ ދިރާސާ އިން އެނގޭ ގޮތުގައި މާލެއަށް އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 1،900 މިލިލީޓަރުގެ ވާރޭ ވެހެ އެވެ. އެކަމަކު މާލޭގެ ބިމަށް އެ ފެން ހިންދޭނެ ގޮތަށް މަގުތައް ވެސް ހެދިފައި ނުވުމާ އެކު އޭގެ ތެރެއިން 85 ޕަސެންޓް ފެން އާތްވަށް ވެގެން މައްޗަށް އަރައިގެން ދަނީ އެވެ. މާލޭގެ ބިމަށް ހިނދޭ ކަމަށް، އެ ދިރާސާއިން ދެއްކީ، އެންމެ ހަތް ޕަސެންޓް ފެނެވެ.

ނުސާފު ފެނުގެ ސަބަބުން އުފެދި މުޅި ގައުމުގެ ބޮޑު ބިރަކަށް ވި 78-1977ގެ ކޮލެރާ އާއި 1982ގެ ޝިގެއްލާ އިން ސަރުކާރަށް ގެނެސްދިން މެސެޖަކީ މި ގޮތަށް މިކަން ނުހިފެހެއްޓޭނެ ކަމެވެ. މާލޭގެ އިތުރުން ރަށްރަށުގައި ވެސް ރައްޔިތުންނަށް ސާފު އަދި ރައްކާތެރި ބޯ ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުން، ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމަނަން ޖެހޭނެ ކަމެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުގެ ދެ ރޯގާގައި މުޅި ރާއްޖެ އިން ގާތްގަނޑަކަށް 450 މީހުން މަރުވި އެވެ. މިއީ އޭރުގެ ނިސްބަތުން ވެސް ވަރަށް ކުޑަ އާބާދީއެއް އޮތް ގައުމަކަށް ބަލާ އިރު ވަރަށް މަތީ އަދަދެކެވެ.

އަހުމަދު މޫސާ، މަޝްހޫރު ނަމުން ނަމަ އަމްސާ، މަޖީދިއްޔާ އިން އޯ ލެވެލް ހެއްދެވުމަށް ފަހު އެމްޑަބްލިޔުއެސްއޭގެ ލެބޯރަޓަރީގައި މަސައްކަތްކުރައްވަން ވެންނެވީ 1985 ގަ އެވެ. އޭރު އެމްޑަބްލިޔުއެސްއޭ ހުންނަނީ ދ. އަތޮޅު ފިހާރައިގަ އެވެ. ލެބޯރަޓަރީ އަކީ ދިގު މޭޒެކެވެ. އާންމުން ބޭނުންވެގެން މާލެއަށް ކްލޮރިން ދޫކުރަމުން އައީ ވެސް އެތަނުންނެވެ. އާންމުންނަށް ފެން ދޫކުރަން ހަދާފައި ހުންނަ ފެން ތާނގީތަކާއި ބޯފެން ނަގާ ވަޅުތަކުގެ ފެނުގެ ޓެސްޓްތައް ހެދުމުގެ ޒިންމާ އޮތީ، ގުދަނެއް ކަހަލަ އެ އޮފީހަށެވެ.

މިސްކިތްތަކުގައި ހަދާފައި ހުންނަ ތާނގީތަކުގައި ފެން ހުރި މިންވަރު ކޮންމެ ދުވަހަކު ރައީސް އޮފީހަށް ފޮނުވަން ޖެހުމަކީ، އަމްސާ ގަބޫލުކުރައްވާ ގޮތުގައި، ފެނުގެ ނާޒުކު ހާލަތު އަންގައިދޭ ހެއްކެކެވެ.

"އެމްޑަބްލިޔުއެސްއޭގެ ޑިރެކްޓަރުގެ އެންމެ ބޮޑު ޒިންމާއަކީ މާލޭގެ ފެނުގެ ހާލަތު ބެލުން. ރައީސް އޮފީހަށް ކޮންމެ ދުވަހަކު ރިޕޯޓް ފޮނުވަން ޖެހޭނެ، ތާނގީތަކުގައި ފެން ހުރި ވަރު އަންގާފައި،" އަމްސާ ވިދާޅުވި އެވެ.

މިސްކިތްތަކުގައި އިސްކުރު ބަރި ލުމާއި ގޭގޭގައި ވާރޭ ފެން ރައްކާކުރެވޭނެ ތާނގީތައް ހަދަން ރައީސް މައޫމޫންގެ ސަރުކާރުން ފެށީ، އެ އުނދަގޫ މަރުހަލާ އިން ނުކުމެވޭތޯ އެވެ. އެއީ ޒަމާނީ ހައްލެއް ކަމަށް ސަރުކާރަށް ޤަބޫލުކުރެވުނެވެ.

އޮގަސްޓް 1، 1988 ގައި ރައީސް މައުމޫން އިފްތިތާހުކޮށްދެއްވީ އެ މަޝްރޫއުގެ ފެނުގެ ބަ އެވެ. އެމްޑަބްލިޔުއެސްއޭގެ އުސް ތާނގީ މެދުވެރިކޮށް މާލޭގެ 17 މިސްކިތާއި އެހެން ހިސާބުތަކުގައި ބެހެއްޓި 13 އިސްކުރު ބަރިއަށް ވާރޭ ފެން ލިބޭ އިރު މަހު ފީއެއް ދައްކައިގެން އަގު ހަމަކުރާ ގޮތަށް މާލޭގެ 1،155 ގެއެއްގައި 1،000 ލީޓަރުގެ ކޮންކްރީޓް ތާނގީތައް ހެދި އެވެ.

ފުރަތަމަ ފެން ޕްލާންޓް، ދެން ވެސް ހައްލެއް ނޫން

ތާޜީޚު ދައްކައިދެނީ އޭރުގެ އެ ބޮޑު މަޝްރޫއުއާ އެކު ވެސް މާލޭގެ ފެނުގެ މައްސަލައަށް ހައްލެއް ނުހޯދުނު ކަމެވެ. ޑެންމާކް ސަރުކާރުގެ އެހީގައި ދިން 200 ޓަނުގެ ފެން ޕްލާންޓުން އުފައްދާ ފެނާއި، ވާރޭ ފެން އެއްކޮށްގެން އިސްކުރުތަކަށް ފޯރުކޮށްދޭ އިރު ވެސް ފެނުނީ ބާރު ބޮޑުވަމުން، ފެނުގެ ކިއޫތައް ދިގުވަމުން ދިޔަ ތަނެވެ. ޚާއްސަކޮށް 1990ގެ އަހަރުތަކަށް އެޅުނު އިރު، ނުވަތަ އެމްޑަބްލިޔުއެސްއޭގެ ފެން ތާނގީތަކުން އިސްކުރު ބަރިތަކަށް ފެން ދޫކުރަން ފެށިތާ ދެ އަހަރު ފަހުން، ފެނުގެ މައްސަލަ ހައްތަހާ ދިޔައީ ބޮޑުވަމުންނެވެ. އެމްޑަބްލިޔުއެސްއޭގައި ދިގު މުއްދަތެއް ހޭދަކުރެއްވި ފާރޫގު މުހައްމަދު ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި މާލޭގެ ނަރުދަމާ އަޅަންވެގެން ވަރަށް ގިނަ މިންވަރަކަށް ފެން ބޭރުކުރަން ޖެހުމަކީ، ތާޒާ ފެން ފަށަލައަށް ވެސް ކުރިމަތިވި ގެއްލުމެކެވެ.

"ދެ ފޫޓަށް ކޮނެލާ އިރަށް ފެނުގައި ޖެހޭ. [ފާހާނާ] ހޮޅި ގެންދިޔައީ ވަރަށް ފުނުން އަޑީގައި. ފެން ޑްރައިކޮށްގެން ނޫނިއްޔާ ލެވެލްއެއް ނުކުރެވޭނެ. އެހެންވީމާ ބިމުގެ ފެން ވަރަށް ބޮޑަށް ޕަމްޕްކޮށްލި. ހިސާބުގަނޑުގެ ހުރިހާ ގެޔަކުން ފެން ހުސްވާނެ (މަސައްކަތް ކުރިއަށް ދިޔަ އިރު)،" ފާރޫގު ވިދާޅުވި އެވެ.

އެކަމަކު އެނޫން ގޮތެއް އޭރު ނެތެވެ. އޭރުގެ ނަރުދަމާ ހޮޅިތައް ފެޅިގެން މާލޭގެ އެކި ހިސާބުތަކުގައި ބޮޑުވަމުން ދިޔަ ނަޖިސް ފެންގަނޑުތަކުން ސަލާމަތްވެވެން އޮތީ ވެސް، ޒަމާނީ އާ ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްގެންނެވެ. އެހެންކަމުން ވަކި ހިސާބުތަކަކުން ހޮޅި ގެންދާއިރު ފެންގަނޑު މޫދަށް ޕަމްޕްނުކޮށް އެކަން ކުރެވޭކަށް ނޯވެ އެވެ.

ޑެންމާކާ ގުޅިގެން އުފެއްދި އެމްޑަބްލިޔުއެސްސީން މާލޭގައި ފެން ހޮޅި ވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: މިއީ މާލޭގެ ތަރައްގީއަށް އެޅި ވަރަށް ބޮޑު ފިޔަވަޅެއް

މާލޭގެ ގިނަ ހިސާބުތަކުން ފެން ލޮނުވަމުން ދިޔައީ ފެންވަރަން ވެސް ކަމުނުދާ މިންވަރަށެވެ. ލޮނު ފެނުން ފެންވަރައިގެން ތާޒާ ފެންފޮދެއް ގަޔަށް އަޅާލުމަކީ، އޭރުގެ އާދަޔަކަށް ވި އެވެ. އެހެންކަމުން ފުރަތަމަ ބޯން ދޫކު ފެން އެންމެ ފަހުން ބަދަލުވީ ފެންވަރަން ވެސް ބޭނުންކުރާ އެއްޗަކަށެވެ. ގިނަ ގޭގޭގައި ހަދާފައި ހުރި ތާނގީތަކުން ވެސް ފެން ހުސްވެ، އިރުވައި މޫސުމުގެ ވަކި ދުވަސްވަރެއްގައި މުޅި މާލޭގެ އިސްކުރު ބަރިތައް ދޮށުގައި އޮންނަނީ ފެން ކިއޫ އެވެ.

ފެނުގެ މައްސަލަ ބޮޑުވާ ދުވަސްވަރު ސަރުކާރުން އެކަން ހައްލުކުރަން އޭރު ނުކުރާ މަސައްކަތެއް ނޯވެ އެވެ. އެއިން އެއް ހާދިސާ އަމްސާގެ ހަނދާނުން ފޮހެވިގެންނެއް ނުދެ އެވެ. އެއް ދުވަހަކު އޭނާ އަށް ޖެހިވަޑައިގަތީ އޭރުގެ ގައުމީ ޝިޕިން ލައިން ކަމަށް ވާ މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ޓަގެއްގައި ވިލިނގިއްޔަށް (މިހާރުގެ ވިލިމާލެ) އަށް ވަޑައިގަންނަވާށެވެ. އެ ޓަގުން ކަފު ޖަހައިގެން ބާޖެއް ވެސް ގެންދިޔަ އެވެ. ކުރިން ރިސޯޓެއްގެ ގޮތުގައި އޮތް ވިލިނގިލި އޭރު ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަގުސަދުގައި ސަރުކާރަށް ނަގައިފަ އެވެ.

އެ ދަތުރުގައި އަމްސާގެ ޒިންމާއަކަށް ވެފައި އޮތީ، ވިލިނގިލީގެ އެކި ހިސާބުތަކުން ފެން ޓެސްޓްކޮށް، ބޯން ކަމުދާ ވަރުވޭތޯ ބެލުމެވެ. ޓަގްގައި ގެންދިޔަ މަސައްކަތު މީހުން، ފަސްގަނޑު ކޮނެލާފައި ފެނާ ޖެހުމުން، އޭނާ އެ ފެން ނަންގަވާ ޓެސްޓްކުރެއްވި އެވެ. އެކަމަކު އެހާ ތިލަކޮށް ކޮނެގެން ބާޖާ ހަމައަށް ފެން ފޮނުވޭނެ ގޮތެއް ނުފެނުނެވެ. ޕަމްޕް ޖައްސާލާ އިރަށް ވަޅުގަނޑުން ފެން ހުސްވަނީ އެވެ.

"މި ސަކަރާތެއްގައި މުޅި ދުވަސް ދިޔައީ،" އަމްސާ ވިދާޅުވި އެވެ.

ހަމަ އެގޮތަށް ހުޅުލެއަށް ވެސް އެ ޓަގްގައި އޭނާ ވަޑައިގެން ފެން ޓެސްޓްކުރެއްވި އެވެ. އެކަމަކު ދިމާވީ ހަމަ އެއް މައްސަލައެކެވެ. އެހެންކަމުން މާލެއަށް އެ ދެ ރަށުން ފެން ގެނެވޭ ގޮތެއް ނުވި އެވެ.

އޭރު އެ އޮތީ ފެން ޕްލާންޓް ވެސް ކުޑަވެ، ތާނގީތައް ވެސް ކުޑަވެ، ވެރިރަށް ފެނަން ޖެހިފަ އެވެ. ގޭގެއަށް ސީދާ ފެން ހޮޅި ގުޅައިގެން ވަރަށް ފުޅާ ދާއިރާއެއްގައި އަދި އަގު ދައްކައިގެން ފެން ދޫކުރުން ނޫން އެހެން ހައްލެއް ދެން ނެތްކަން، ސަރުކާރަށް ކަށަވަރުވި އެވެ. އެހެންކަމުން "ފެނަށް ޚާއްސަ ކުންފުންޏެއް" އުފެއްދުމުގެ ޚިޔާލުތައް ސަރުކާރުގެ އެކި ފެންވަރުގައި ފާޅުކުރަން ފެށި އެވެ. މަޝްވަރާތަކާ ހަމައަށް ދާނެ މަގު އަލިކުރި އެވެ. އެ މަރުހަލާއަށް ކިޔަން ޖެހެނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ވުޖޫދުވުމުގެ ފެށުން ކަމަށެވެ.

އެންމެ ފަހުން ކުންފުނި ހަގީގަތަކަށް

ސަރުކާރުގެ ސީނިއަ ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ ޓީމެއް، އޭރުގެ ފިނޭންސް މިނިސްޓްރީގައި ކޮންމެ ރެއަކުހެން ބައްދަލުވުންތަކެއް ބާއްވަމުން ގެންދިޔަ އެވެ. އެ ޓީމުގައި އެންމެ އިސްކޮށް ހުންނަވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާރިފް ހިލްމީ އެވެ. އޭގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެމްޑަބްލިޔުއެސްއޭގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުގެ ބޭފުޅުން ހިމެނިވަޑައިގަތެވެ.

އެއީ ވިޔަފާރީގެ އުސޫލުން ސާފު ފެން ގޭގެއަށް ފޯރުކޮށްދޭނެ ކުންފުންޏެއް އުފެއްދުމުގެ އެންމެ ފަހު ނިންމުންތައް ނިންމަން އެކުލަވާލި ޓީމެވެ. އޭގެ ކުރިން 1992 އިން ފެށިގެން ޑެންމާކް ސަރުކާރުގެ އެހީގައި އައީ އެކަމަށް އޮނިގަނޑުތައް ހެދި، ކަރުދާސްތައް ތައްޔާރުކުރަމުންނެވެ.

އެކަމަކު ފާރޫގު ވިދާޅުވި ގޮތުގައި އޮނިގަނޑު ރާވައި ނިމި، އެކަން ކުރާނެ ކުންފުންޏެއްގެ ގޮތުގައި ސެޕްޓެމްބަރު 1994 ގައި ޑެންމާކްގެ ރަސްމަސެން އެންޑް ޝިއޮޓްޒް (އާރުއެންޑްއެސް) ހޮވިގެން ފެށި މަޝްވަރާތަކުގައި އެހެން މައްސަލައެއް ކުރިމަތިވި އެވެ. އޭރު ސަރުކާރުގެ ފަރާތުން އެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ 1960ގެ އަހަރުތަކުން ފެށިގެން ވެސް ދިވެހި ސަރުކާރުން ބޭރާ ގުޅޭ ވިޔަފާރި އާއި އެހީގެ ގިނަ ކަންކަމުގައި ޢަމަލީ ގޮތުން މަސައްކަތްކުރެއްވި އަލްމަރުހޫމް ކޮލި އަލިމަނިކެވެ.

އެމްޑަބްލިޔުއެސްސީން ޖެނުއަރީ 20، 1996 ގައި މާލެއަށް ރަސްމީކޮށް ފެން ދޫކުރަން ފެށުމުގެ ކުރިން އޮތް ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ އިސް ވެރިއެއް ކަމަށްވާ މުހައްމަދު ރަޝީދު އޭރުގެ ރައީސް މައުމޫނަށް މައުލޫތު ދެއްވަނީ

ފެނުގެ ކަންކަމުގައި ޑެންމާކްގެ އެހީތެރިކަން ހޯދަން ދިވެހި ސަރުކާރުން ދާން ޖެހުނީ ކުރިންސުރެ އެ ދާއިރާއިން ލިބުނު އެއްބާރުލުމުގެ ސަބަބުންނެވެ. ސަރުކާރުން 1985-1988 އާ ދެމެދު ހިންގި ފެނާއި ނަރުދަމާގެ މަޝްރޫއުގައި، ޑެންމާކް ސަރުކާރުން 200 ޓަނުގެ ފެން ޕްލާންޓެއް ހަދިޔާކޮށްފައި ވުމާ އެކު، ފެނުގެ ތަރައްޤީއަށް އެ ޤައުމުން އެހީތެރިކަން ދޭން އޮތީ ތައްޔާރަށްކަން އެނގެ އެވެ. އަދި ވިޔަފާރީގެ އުސޫލުން ފެނުގެ ޚިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ބައިނަލްއަގުވާމީ ގޮތުން ކުރި އިއުލާނާ ގުޅިގެން އެންމެ ރަނގަޅު ހުށައެޅުމެއް ލިބުނީ ވެސް ޑެންމާކްގެ ފަރާތުންނެވެ. ޑެންމާކްގެ ފޮރިން މިނިސްޓްރީގެ ދަށުން ހިންގަމުން އައި އިންޑަސްޓްރިއަލައިޒޭޝަން ފަންޑް ފޯރ ޑިވެލޮޕިން ކަންޓްރީޒް (އައިއެފްޔޫ) އާއި އާރުއެންޑްއެސް އިން ހުށައެޅި ހުށައެޅުން، ގޯސް ނޫން ކަމަށް، އޭރުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

އަލުން ވާހަކަތައް ފެށުނީ، ކުންފުނި އުފެއްދުމުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އަދި ފަހުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން އެންމެ ގިނަ ދުވަހު ކުރެއްވި މުހައްމަދު އަހުމަދު ދީދީ (ޑީޑީ) ވިދާޅުވި ގޮތުގައި، "ދެ ފަރާތުން ބްރިޖްނުކުރެވިގެން އެއީ ނުވާނެ ކަމެއްގެ ގޮތުގައި އޮއްވަ" އެވެ.

"އެހެން އޮއްވާ އާރިފް ރައީސަށް ދަންނަވައިގެން، އިސްނެންގެވީ، އެކަން ވޭތޯ ބެއްލެވީ،" ޑީޑީ ވިދާޅުވި އެވެ

އެއީ ރާއްޖެ އިން އެވަގުތު އެފަދަ ކަމަކަށް އެކުލަވާލެވެން އޮތް އެންމެ ރަނގަޅު އެއް ޓީމެވެ. އެހެންކަމުން އެ ބައްދަލުވުންތައް ކުރިއަށް ދިޔައީ ހުއްލު ހޯދޭނެ، އަދި ކުރިމަގަށް ރަނގަޅު ބިންގަލަކަށް ވާނެ ފަދަ ފުރުސަތުތަކެއް ތަނަވަސްކުރެވޭނެ އެގްރިމެންޓަކާ ދިމާއަށެވެ. އެންމެ ފަހުން ޑެންމާކްގެ ދެ ބައިވެރިން ވެސް އެއަށް އެއްބަސްވެ، އެޕްރީލް 1، 1995 ގައި އެމްޑަބްލިޔުއެސްސީ އުފެއްދި އެވެ.

އެ ތާރީހީ ދުވަހު ވެސް މާލެ ފެނަށް ޖެހިފައި

ވާރޭ ނުވެހި ގިނަ ދުވަސް ވެ، ގޭގެއިން ވާރޭ ފެން ވެސް ހުސްވުމާ އެކު، އިސްކުރު ބަރިތައް ކައިރީގައި ދިގު ކިޔޫ ދަމާލުމުގެ އިތުރުން އެމްޑަބްލިޔުއެސްއޭ ދޮށަށް ވެސް ބައެއް މީހުން އެއްވި އެވެ.

އިސްކުރު ބަރިތަކަށް ހިލޭ ފެން ފޯރުކޮށްދޭ އިރު އެމްޑަބްލިޔުއެސްއޭ އިން އޭރު ވިޔަފާރީގެ އުސޫލުން ފެން ވިއްކަމުން ވެސް ގެންދިޔަ އެވެ. އެކަމަށްޓަކައި ފެން ވިއްކާ ކިއޮސްކްއެއް އަމީނީ މަގަށް ވާ ގޮތަށް ހަދާފައި ހުރެ އެވެ. އަދި އެމްޑަބްލިޔުއެސްއޭއިން ތަންތަނަށް ފެން ގެންގޮސްދޭން ވޯޓަ ބައުޒަރެއް ވެސް ގެންގުޅުނެވެ. އޭގެ އިތުރުން އާންމު މީހުން ވެސް ތަންތަނަށް ފެން އުފުލައިދިނެވެ. އެމީހުން އެކަމަށް ބޭނުންކުރާ ކަޅު ހަން އަރުވާފައި އޮންނަ 10 ވަރަކަށް ލޮރީ އަބަދުވެސް އެ ހިސާބުން އޭރު ފެނެ އެވެ. އެއީ މާލޭގެ ފޯރާ ބައެއް މީހުންގެ ގޭގެއަށާއި ހޮޓާ/ރެސްޓޯރެންޓް ފަދަ ތަންތަނުގެ އިތުރުން އޮޑިފަހަރަށާއި ބައެއް ރިސޯޓްތަކަށް ބޭނުންވާ ފެން ގެންގޮސްދޭ ލޮރީތަކެވެ.

އެޕްރީލް 4، 1995 ގެ "ހަވީރު"ގައި ލިއެފައިވާ ގޮތުގައި އެމީހުން 50ރ އަށް ފެން ޓަނެއް ގަނެގެން އާންމުންނަށް ވިއްކަމުން ދިޔައީ 250ރ އާއި 300ރ އަށެވެ. އެ ވިޔަފާރީގައި އުޅުނު ބައެއް މީހުން ފެން ގަތީ ހޮޓާތަކަށް ބޭނުންވާ ކަމަށް ޗިޓް ހަދައިގެން، އޮޅުވާލުމެއްގެ ތެރޭގަ އެވެ.

އެމްޑަބްލިޔުއެސްސީގެ ހިއްސާ ބެހުނު ގޮތް

320 މިލިއަން ރުފިޔާ: މުޅި ކެޕިޓަލް

70 ޕަސެންޓް: ދިވެހި ސަރުކާރު

18 ޕަސެންޓް: އައިއެފްޔޫ

12 ޕަސެންޓް: އާރުއެންޑްއެސް

"ފެން ވިއްކާ ބައެއް ފަރާތްތަކުން ނާޖާއިޒް ފައިދާ ނަގަމުން ދާތީ އެ ފަރާތްތަކަށް ފެން ވިއްކުން ހުއްޓާލައިފި" މިއީ އެ ދުވަހުގެ ބޮޑު ސުރުޚީ އެވެ.

އޭރު އެމްޑަބްލިޔުއެސްއޭގެ ޑިރެކްޓަރު އަދި ރާއްޖޭގެ ފެނުގެ ކަންކަމާ ގުޅޭ އެންމެ ބޮޑު އެއް ތަޖުރިބާކާރު މުޙައްމަދު ރަޝީދު (މިހާރު އަވަހާރަވެފައި) ވިދާޅުވީ ބޮޑު އަގުގައި ފެން ވިއްކާތީ އާންމުންގެ ޝަކުވާ ލިބެމުން ދާ ކަމަށެވެ.

އޭރު އެމްޑަބްލިޔުއެސްއޭ އަށް އުފެއްދެނީ ދުވާލަކު 1200 ޓަނުގެ ފެނެވެ. އެއީ ފެނަށް ޖެހުނު ދުވަސްވަރު މާލެއަށް ބޭނުންވާ މިންވަރަށް ވުރެ މަދު އަދަދެކެވެ. މޭ މަސް ކުރިމަތިވި އިރު މާލެއަށް އެއްގޮތަކަށް ވެސް ވާރޭ ނުވެހޭތާ ތިން މަސް ވެއްޖެ އެވެ. ފެނުގެ ޚިދުމަތް ސީދާ ގޭގެއަށް ދިނުމުގެ މަގުސަދުގައި އުފެއްދި އާ ކުންފުނީގެ މުހިންމުކަން، ވެރިރަށުގެ ރައްޔިތުން އުޅެމުން ދިޔަ އެދަތި ހާލުން އެނގެ އެވެ.

ކުންފުނި އުފެދުމާ އެކު ވަރަށް ބާރަށް ކަންކަން ހިނގައިގަންނަން ފެށި އެވެ. އެންމެ ފުރަތަމަ އޭގެ އަމަލީ މަސައްކަތަކަށް ވީ މޭ 30، 1995 ގައި ފެށި ސާވޭ އެވެ. ތިން މަސް ދުވަހަށް ދެމިގެންދިޔަ މި ސާވޭގެ ބޭނުމަކީ ގޭގެއަށް ފެން ހޮޅި ވައްދާނެ ދިމާ ފާހަގަކުރުމާއި ބޭނުންވާ މީޓަރުގެ އަދަދު ދެނެގަތުމެވެ.

އޮބި އޮންނަ ވަރެއް ނުވި އެވެ. ކުރިން ލަފާކުރި ގޮތާ ޚިލާފަށް ފެން މީޓަރަށް އެދުނު މީހުންގެ އަދަދު ދިޔައީ މާ މައްޗަށެވެ. އެހެންކަމުން ކުންފުނިން ކަނޑައެޅީ ކޮންމެ ކަރަންޓް މީޓަރަކަށް ފެން މީޓަރެއް ދޭ ގޮތަށެވެ. މިހާރު އެމްޑަބްލިޔުއެސްސީގެ ޖެނެރަލް މެނޭޖަ، މެނުފެކްޗަރިންގެ މަގާމުގައި ހުންނެވި އިސްމާއިލް އާމިރަކީ، ކުންފުނި އުފެދުމާ އެކު އެތަނަށް އެންމެ ފުރަތަމަ ވެންނެވި ބޭފުޅުންގެ ތެރެއިން އެކެކެވެ. މަޖީދިއްޔާ އިން ޖީސީއީ އޯ ލެވެލް ހެއްދެވުމަށް ފަހު ޑިސެމްބަރު 1994 އިން ފެށިގެން އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ އެމްޑަބްލިޔުއެސްއޭގަ އެވެ. ފެން މީޓަރު ބެހެއްޓުމުގެ ސާވޭގައި އޭނާ ވެސް ބައިވެރިވެވަޑައިގަތެވެ. އާންމުން ކުރަމުން އައީ ކޮން ކަހަލަ އިންތިޒާރެއްކަން އޭނާާއަށް އެ ސާވޭގެ ތެރެއިން އެނގިވަޑައިގަތެވެ.

"ދެ ތިން ބްލޮކެއް ކަވަރުކުރާ އިރު އަޑު ފެތުރިއްޖެ ކޮންމެ މީހަކަށް ވެސް މީޓަރެއް ބޭނުންވާ ކަމަށް. އޭރަކު ކަނޑައެއް ނޭޅޭ ނުދޭނަމެކޭ، އެހެންވެ އަޅުގަނޑުމެން ހަމަ ގޭގެއިން ބުނާ ވަރަށް ނޯޓުކޮށްފައި އަންނަނީ،" ޢާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެތައް ސަތޭކަ ގެޔަކަށް ވަޑައިގެން މީޓަރު ބަހައްޓާ ތަން ފާހަގަކުރެއްވި އިރު، "ތިޔަ މީޓަރު ބޭނުމެއް ނެތޭ" ބުނީ ހަމަ އެންމެ މީހެކެވެ.

"އޭނާ ބުނަނީ މިގެއިން ވާރޭ ފެން ހުހެއް ނުވާނޭ،" އާމިރު ވިދާޅުވި އެވެ.

މީޓަރު ބޭނުންވާ މީހުންގެ އަދަދު ގިނަވުމުން ކުންފުނިން އިއުލާންކުރީ ފެން މީޓަރު ދޭނީ ކަރަންޓް މީޓަރު ހުންނަ ނިސްބަތަކުން ކަމަށެވެ. އޭރު މާލޭގައި ހުރީ 9،500 ކަރަންޓް މީޓަރެވެ. އެކަމަކު މިއީ ވެސް، ފުރަތަަމަ ބޭނުންވާނެ ކަމަށް ލަފާކުރި 8،000 ފެން މީޓަރަށް ވުރެ ގިނަ އަދަދެކެެވެ.

ސާވޭގެ މަސައްކަތް މުޅިން ނިންމާލުމުގެ ކުރިން މުޅި މާލޭގައި ހޮޅި ވަޅުލުމުގެ މަސައްކަތް، އޮގަސްޓް 5، 1995 ގައި، ޑެންމާކްގެ އީ ފިލް އެންޑް ސަންސްއާ ހަވާލުކުރި އެވެ. އަގުގެ ގޮތުން ބަލާ ނަމަ 2.5 މިލިއަން ޑޮލަރުގެ މި މަސައްކަތުގައި ގާތްގަނޑަކަށް 50 ކިލޯމީޓަރުގެ ހޮޅި ވަޅުލަން ޖެހޭނެ ކަމަށް އަންދާޒާކުރި އެވެ. އޭގެ ތެރެއިން 15 ކިލޯމީޓަރުގެ ހޮޅި ފެނު އަޑިން ގެންދަން ޖެހޭނެ ކަމަށް ބަލާފައި އޮތެވެ.

އެންމެ ފުރަތަމަ މާލޭގައި ފެން ހޮޅި ވަޅުލަން ފެށީ އެމްޑަބްލިޔުއެސްސީއަށް ދިން ކޮށީގެ ހުޅަނގު އުތުރު ކަންމަތިންނެވެ. އެ ހިސާބުން ކޮންނަން ފެށި ކޮނުމުގައި، ފުރަތަމަ 158 ގެޔަށް ގުޅުން ދީ، ފެން ޓެސްޓްކޮށް، ހުރިހާ ކަމެއް ބަރާބަރުކަން ޔަގީންކުރުމަށް ފަހު ޖެނުއަރީ 20، 1996 ގައި، މާލޭ ރައްޔިތުންގެ އުއްމީދު، އެންމެ ފަހުން، ހަގީގަތަކަށް ހަދައިދިނެވެ. އެ ދުވަހު މައުމޫން އެމްޑަބްލިޔުއެސްސީއަށް ވަޑައިގެން ފެން ޕަމްޕްކުރުން ފައްޓަވައިދެއްވި އެވެ. އޭގެ ފަހުން މއ. ދޮންވެލިގޭގެ ފެން އިސްކުރު ދޫކުރެއްވުމާ އެކު، އެމްޑަބްލިޔުއެސް.ސީގެ ފެނުގެ ޚިދުމަތް ގޭގެއަށް ލިބުން ރަސްމީކޮށް ފެށުނީ އެވެ. ނުސާފު އަދި ޖަރާސީމުން ތަޣައްޔަރުވެފައިވާ ފެނުން އުފެދުނު ސިއްހީ މައްސަލަތަކުގައި އެތައް ބަޔަކު މަރުވުމުގެ ކަރުނަ ހިމެނޭ މާޒީއަކަށް ފަހު، ފެން ލޮނުވެ، ސާފު ފެނަށް ޖެހުމުގެ އަހަރުތަކެއްގެ ހިތި ތަޖުރިބާ ވެސް ނިމުމަކަށް އައީ އެވެ.

އެޑިޓަރުގެ ނޯޓު

އެމްޑަބްލިޔުއެސްސީއަށް 25 އަހަރު ފުރުނީ މިދިއަ އަހަރުގެ އެޕްރީލް 1 އަށެވެ. އެކަމަކު އެމްޑަބްލިޔުއެސްސީން މާލޭގެ ގޭގެޔަށް ފެން ފޯރުކޮށްދޭން ފެށިތާ 25 އަހަރު ވީ މިއަދެވެ. މި މަޒުމޫނު ނެގީ އެމްޑަބްލިޔުއެސްސީގެ ތާރީހުގެ މައްޗަށް ލިއުނު "ރިހި 25" ފޮތުންނެވެ. "މިހާރު"ގެ ސްޓައިލަށް ފައްތަން މި މަޒުމޫނަށް ބަދަލުތައް ގެނެސް، އަލުން އެޑިޓްކޮށްފައިވާނެ އެވެ.

6 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 8%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިމާ

21 January 2021

ކޮރަޕްޝަން ވ ބޮޑު ތަނެކެވެ. އެތާ މުވައްަޒަފުންނަށް އެނގޭނެ އެވެ. ސަރުކާރު ގިނަ ކުންފުނިތަކުގަ ކޮރަޕްޝަން ވ ބޮޑެވެ.

The name is already taken The name is available. Register?

ސަރީފު

21 January 2021

ރަނގަޅު ފެށުމެއް. ނަމަވެސް ބޮޑު މޮނޮޕޮލީ އެއް. ދިރާގު އެކަނި ހުރި އިރު ރައްޔިތުންނާއި ދޭތެރޭ ކަންތައް ކުރި ގޮތަށް އެމްޑަބްލިއުއެސްސީ ވެސް ކަންތައް ކުރަނީ. މައްޗާށް ފެން ނުލިބޭތީ ޖެހެނީ ބޫސްޓަރ ޕަންޕު ހަރުކުރަން. އެ ގަންނަން ޖެހެނީ އެތަނުން އެކަނި. އެ ވިއްކަނީ އާދައިގެ މީހަކަށް ކެތްވާވަރުގެ އަގެއްގައެއް ނޫން.

The name is already taken The name is available. Register?

ނއ ހަސަނ

21 January 2021

ކޮބާ އަލަން ކީ ރިޒާވު ޓޭންކު ތައް ؟

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

20 January 2021

"ފެން" ގެ ނަމުގައި ކޮމެންޓް ކޮށްފައިވާ ފަރާތުގެ ބަހަށް 100 ޕަސެންޓް ތާޢީދު. ގޯސް ކަންތަސް ތަކެއް ނުހިނގައެކޭނޫން. އެކަމަކު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަކީ މާލެ އަށާއި މުޅި ރާއްޖެއަށްވެސް ކުރިއެރުން ގެނެސްދެއްވި ބޭފުޅެއް. ޝުކުރިއްޔާ ރައީސް މައުމޫން.

The name is already taken The name is available. Register?

ރަހުމަތް

20 January 2021

އެމްޑަބްލިޔު އެސްސީގެ އިސް ވެރިއެއް ކަމުގައިވާ މުހައްމަދު ރަޝީދުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލައްވާށި، އާމީން

The name is already taken The name is available. Register?

ފެން

20 January 2021

ޝުކުރިއްޔާ ރައީސް މައުމޫނުގެ އިސްނެންގެވުމުގެ މަތިން ފުރިހަމަކޮށްދެއްވި އެންމެ އަސާސީ ޚިދްމަތަށް. މިފަދަ އެތައް އަގުހުރި ޚިދްމަތަކާ ކަންކަން ވަނީ މިގައުމުގެ ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެތެރޭ ވަޅުލައި ފަހުގެ ޖީލުތަކުން އަގުވަޒަންކުރަންވީ ކަންކަން ނޭނގޭވަރު ކޮށްލާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454