ޕެލޯސީގެ އޮފީހުން ލެޕްޓޮޕް ވަގަށް ނެގި ވިލިއަމްސް. --ފޮޓޯ:އޭބީސީ
19 ޖެނުއަރީ 2021 - 19:44
ވޮޝިންޓަން (ޖެނުއަރީ 19) - އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ސަޕޯޓްކުރާ ފަރާތްތަކުން މި މަހު 6 ވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީގެ އޮފީހުން ލެޕްޓޮޕެއް ވަގަށް ނެގި ކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްފި އެވެ.
އުމުރުން 22 އަހަރުގެ ރިލޭ ޖޫން ވިލިއަމްސް ޕެންސިލްވޭނިއާ އިން ހައްޔަރުކުރީ ގަދަބާރުން ކެޕިޓަލް އިމާރާތަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެކަމަކު ޕެލޯސީގެ ލެޕްޓޮޕް ވަގަށް ނެގި މައްސަލަ އޭނާގެ މައްޗަށް ކުރާ ދައުވާގައި ނުހިމެނެ އެވެ. ވިލިއަމްސްގެ ކުރީގެ ލޯބިވެރިޔާ ބުނެފައި ވަނީ އޭނާ އުޅުނީ އެ ލެޕްޓޮޕް ރަޝިޔާގެ ޖާސޫސީ ފަރާތްތަކަށް ވިއްކާލަން ކަމަށެވެ. ލެޕްޓޮޕް ވަގަށް ނެގި މައްސަލަ އެފްބީއައި އިން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮންގްރެސްގެ އިމާރާތުގައި ހަމަނުޖެހުން ހިންގިތާ ދެ ދުވަސް ފަހުން ޕެލޯސީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޑްރޫ ހައްމިލް ވަނީ ޕެލޯސީގެ އޮފީހަށް ދިން ހަމަލާގައި ލެޕްޓޮޕް ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވެ ޓްވީޓްކޮށްފަ އެވެ. އެކަމަކު އެއީ ހަމައެކަނި ޕްރެޒެންޓޭޝަންތަކަށް ބޭނުންކުރާ ލެޕްޓޮޕެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑަން ހޯއްދެވި ކާމިޔާބީ ކޮންގްރެސް އިން ރަސްމީކުރުމަށް ބޭއްވި ޖަލްސާއާ ދިމާކޮށް ޓްރަމްޕުގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުމުގައި ފަސް މީހުން މަރުވި އެވެ. ހަމަނުޖެހުމުގައި ތަންތަނަށް ގެއްލުން ދިން މީހުން ހޯދާ މިހާރު ދަނީ ހައްޔަރު ކުރަމުންނެވެ.
އަންނަ ބުދަ ދުވަހު އާ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް އެމެރިކާގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލްސަނޫަބަރު
20 January 2021
ކީކޭ ދެން އަޅެ ފަހެ ބުނާނީ! މީވެސް އެމެރިކާނު މީހުން ކުރާ ޒާތުގެ ކަންކަން! ނަމޫނާ ޑިމޮލްރަސީ އޯ އެކަމު!
ނޮރިއޭގާ
20 January 2021
ޓުރަންޕު ކިތަންމެ ގެއްސުމެއް ކުރަން އުޅުނަސް ހަމަ ތެޅިތެޅި ހަމެއް ދާނީ. ދެން ފިއްތާލައިގެން ހުންނަނަޖެހޭނީ..
މބވވޗ
19 January 2021
ރިލޭ އެއްނޫން... ރައިލީ.