ޗައިނާ އިން ބުނަނީ ވީގޫރް މުސްލިމުން ތިބެނީ ތައުލީމާއި މަސައްކަތް ދަސްކޮށްދޭ ކޭމްޕްތަކެއްގައި ކަމަށް. --ފޮޓޯ:ރޮއިޓާސް
20 ޖެނުއަރީ 2021 - 14:25
ވޮޝިންޓަން (ޖެނުއަރީ 20) - ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން ކުރާ އުނދަގޫތަކުގައި ހިންގަމުން ދަނީ "ގަތުލްއާއްމެއް" ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.
ރައީސްގެ މަގާމާ މިއަދު ހަވާލުވެވަޑައިގަންނަވާ ޖޯ ބައިޑަންގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވެސް ވަނީ ވީގޫރް މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޗައިނާ އިން ވަނީ ވީގޫރް މުސްލިމުންގެ އެއް މިލިއަން މީހުން ވޭތުވެދިޔަ ދުވަސްތަކުގައި "ބަންދު"ކޮށްފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެ މީހުން ތިބީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކެއްގައި ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލް ކުރަނީ މިއީ ވީގޫރް މުސްލިމުންނާ ދެކޮޅަށް ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް،" ޕޮމްޕެއޯ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
އޭނާ މި ބަޔާން ނެރުއްވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގެ ފަހު ދުވަހު އެވެ. ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު ޗައިނާއާ ވަނީ ގުޅުން ގޯސްވެފަ އެވެ.
ޗައިނާގެ ޝިންޖިއަންގައި 2007 ވަނަ އަހަރުން ފެށިގެން އަންނަނީ އެތަނުގައި އުޅޭ ވީގޫރް ދަރިކޮޅުގެ މީހުންގެ އާދަކާދަ ދެމެހެއްޓުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ވީގޫރުން ނުވަތަ ތުރުކީ ނަސްލުގެ ޗައިނާ މީހުންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. މަނާކޮށްފައިވަނީ އެ މީހުންގެ އާދަކާދަ އާއި ދީން އާންމުކޮށް ފާޅުވާ ގޮތަށް އުޅުން އެކަންޏެއް ނޫނެވެ. ސިއްރިއްޔާތުގައި ވެސް އެ މީހުންނަށް އެ ކަންކަން މަނަލެވެ. މިއީ ޗައިނާ ސަރުކާރާ ދެކޮޅަށް ސިޔާސީ ގޮތުން ތަފާތު ޚިޔާލެއް ފާޅުކުރުން ބޮޑު ކުށަކަށް ވުމުގެ އިތުރުން ވީގޫރު ދަރިކޮޅުގެ މީހުންނަށް އަދަބު ލިބޭނެ ކަންކަމެވެ.
ވީގޫރު ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހަރުކަށި އަދި އަނިޔާވެރި ހަރަކާތްތަކެއް ފަށައި އެ މީހުން ހިފައި ހައްޔަރުކޮށްގެން ގެންގޮސް ގެންގުޅެން ފެށީ ޗައިނާ ސަރުކާރުން ބުނިހާ ގޮތަކަށް ހެދިގެން އުޅެންޖެހޭ އަނިޔާވެރި ކޭމްޕްތަކެއްގަ އެވެ. އެ ކޭމްޕްތައް ހެދުމުގެ މައިގަނޑު ބޭނުމަކަށް އޮތީ އެތަނުގައި ވީގޫރު މީހުން ހައްޔަރުކޮށް ސިކުނޑި ދޮވެލައި، ޗައިނާ ބޭނުންވާ ގޮތަށް ވިސްނުން ބަދަލުކުރުވުމެވެ. މި ބިރުވެރިކަމުގެ ތެރޭގައި ވީގޫރް މީހުން "ބަސް އަހައި ކިޔަމަންވީ" އެވެ. ދީނާއި ސަގާފަތާއި އާދަކާދަ ވަންހަނާކޮށް ހިމޭންވީ އެވެ.
ގިނަ ބައެއްގެ ލަފާކުރުންތަކުން ދައްކަނީ ޗައިނާ އިން ހަދައިގެން އުޅޭ ޑިޓެންޝަން ކޭމްޕްތަކުގައި ހައްޔަރުކުރި ޝިންޖިއަންގައި އުޅޭ ވީގޫރު ދަރިކޮޅު މީހުންނާއި އެހެން ނަސްލުތަކުގެ މުސްލިމުންގެ ތެރެއިން 10 ޕަސެންޓް މީހުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ.
ޝިންޖިއަންގެ ގަވަރުނަރުގެ ވާހަކައާ، އެ ތަނުގައި އޮތް ހަގީގަތާ މުޅިން ތަފާތެވެ. ގަވަރުނަރު ޝޮހްރަތު ޒާކިރް ޑިސެމްބަރު މަހު ވިދާޅުވެފައިވަނީ ކޭމްޕްތަކުގައި "ހުރިހާ ޓްރެއިނީން ކިޔެވުން ފުރިހަމަކޮށްފި" ކަމަށެވެ. އަދި މި އެންމެން މިހާރު ވަނީ މުޖުތަމައުއާ ގުޅިފައި ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ސެޓެލައިޓް ފޮޓޯތަކުން ލިބެނީ މި ވާހަކަތާ ދިމާ އިދިކޮޅު ހެއްކެވެ. އެތައް ބައިވަރު ކޭމްޕްތަކެއްގެ ސައިޒު ދަނީ އަދިވެސް ބޮޑުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
24 January 2021
އެމެރިކާއިން ގަތުލުއާމު ކިޔަންފެށޭނީ ފަލަސްތީން ރައްޔަތުން ނަށް ޒައިނިސްޓް އިޒްރޭލު ޓެރަރިސްޓް އިން ދޭ ހަމަލާތަކާއި، ޔަމަނުގެ މީހުންނަށް ސައުދީ ވެރިކަމުގެ ހުރި ޓެރަރިސްޓްއިން ދޭ ހަމަލާތަކާއި، މިޔަންމާރގައި އުޅޭ ރޮހިންގާ މުސްލިމުންނަށް މިޔަމަރ ސަރުކާރު ދޭ ޓެރަރިސްޓް ހަމަލާއި ކަސްމީރު ރައްޔަތުންނަށް އިންޑިޔާ ސިފައިން އިޒްރޭލު މީހުން ދޭ ކަހަލެ ޓެރަރިސްޓް ހަމަލާތަށް ކުއްވެރި ކޮއްފައި އެގަތުލު އާމުގެ ވާހަކަ ދެއްކުމަށް ފަހުއެވެ.
ށަވިޔަނި
21 January 2021
ޗައިނާ އިންކުރަނީ ލާއިންސާނީ އަދި ވަރަށް ބޮޑުއަނިޔާވެރި ކަންތަކެއްކަން ގަބޫލުކުރަން. އިޒްރޭލުން އެކުރަނީ ކޮންކަހަލަ މާތް މަތިވެރި ކަމެއްތަ؟ އެއީ އިންތިހާއަށްބޮޑު އިންސާނީއަމަލެއްދޯ؟ އިންސާފަކީ އެއީދޯ؟
ނައު33
20 January 2021
ޕީޕީ ކުދިން ފަހުރުވެރިވާ ޗައިނާ.
ލަބީބު
20 January 2021
ޝީ ޖިން ޕިން އިސްތިއުފާ.
ވިޝާލް
20 January 2021
އެމެރިކާ ނަހަދާނެ ތެދެއް