23 ޖެނުއަރީ 2021 - 09:03
ޖައްވުގެ ތެރޭގައި ހުންނަ ވިހަ ކާބަންތައް ދަމައިގަންނަ ފުރިހަމަ ހައްލެއް ނުވަތަ ޓެކްލޮނޮޖީއެއް އީޖާދުކުރާ ބަޔަކަށް 100 މިލިއަން ޑޮލަރުގެ އިނާމެއް ދޭން މަހުޖަނު އީލޮން މަސްކް ނިންމަވައިފި އެވެ.
މިކަން ޓްވިިޓާގައި އިއުލާންކުރައްވަމުން، ދެ ވަނަ އަށް އެންމެ ބޮޑު މަހުޖަނު ވިދާޅުވީ ބޭނުން ވަނީ ވަރަށް ފުރިހަމަ ޓެކްނޮލޮޖީއެއް ކަމަށާއި "ކާބަން ކެޕްޗާކުރާ އެންމެ މޮޅު ޓެކްނޮލޮޖީއަކަށް 100 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެ" ކަމަށެވެ.
ނަމަވެސް ސްޕޭސް އެކްސް އާއި ޓެސްލާ ކުންފުނީގެ ވެރިޔާ މާ ބޮޑު ތަފުސީލަކަށް ނުގޮސް ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ތަފުސީލުތައް ހާމަކުރައްވާނެ ކަމަށެވެ.
މިކަމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން އީލޮން ކުރިއަށް ގެންދަން ނިންމެވި ކަމެކެވެ.
Am donating $100M towards a prize for best carbon capture technology
— Elon Musk (@elonmusk) January 21, 2021
އެހެންވެ މި މައްސަލައާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން އީލޮން އިނާމަކަށް 100 މިލިއަން ޑޮލަރު ހުށަހުއްވީ އެކްސްޕްރައިޒް ފައުންޑޭޝަންގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކާ ވެސް ގުޅުވައިގެން ކަމަށް މީޑިއާތަކުން ބުންޏެވެ.
އެ ފައުންޑޭޝަނަކީ އިންސާނިއްޔަތަށް ބޭނުންތެރި ޓެކްނޮލޮޖީ ތަރައްގީކުރަން އާންމުންނަށް ހިތްވަރުދޭ ޖަމާއަތެކެވެ. އެކްސްޕްރައިޒް ފައުންޑޭޝަން ވުޖޫދަށް އައީ 1994 ގަ އެވެ. އޭގެ ބާނީ އަކީ އަނޯޝޭ އަންސާރީ އެވެ.
Details next week
— Elon Musk (@elonmusk) January 21, 2021
ތިމާވެއްޓާ ގުޅުން ހުރި މަސައްކަތަކަށް ބޮޑު އިނާމެއް ދެއްވަން އީލޮން އިއުލާންކުރެއްވި އިރު ކާރު އުފައްދާ އޭނާގެ ޓެސްލާ ކުންފުންޏަކީ ވެސް މިހާރު ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާރު އުފެއްދުމުގެ ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy