ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނިމާލް: އޭނާ ދައުވާކުރައްވަނީ ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏާއި އެމްސީބީގެ މައްޗަށް.-- ފައިލް ފޮޓޯ: މިހާރު
07 ނޮވެމްބަރ 2016 - 23:04
ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ 1.15 މިލިއަން ޑޮލަރު ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ނުލިބުނު މައްސަލައިގައި އެ ލޯންޗު ކުންފުންޏާއި މޮރިޝަސް ކޮމާޝަލް ބޭންކު (އެމްސީބީ)ގެ މައްޗައް ދައުވާކުރައްވަން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ނިންމަވައިފި އެވެ.
ނިމާލް މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ލޯންޗުގެ ހިދުމަތް ދޭ އެ ކުންފުންޏާއި އެމްސީބީގެ މައްޗަށް ދައުވާކުރަން ނިންމީ އެ ކުންފުންޏާއި ބޭންކުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަަމަށް ގަބޫލުކުރެވޭތީ އެވެ. އޭނާ ވިދާޅުވީ ފެނަކަ އިން ފައިސާ ދޫކުރީ ލޯންޗުގެ ހިދުމަތް ދޭ ކުންފުނިން ދޫކުރި ޗެކުގައި އެމްސީބީގެ ތައްގަނޑު ޖެހުމަށް ފަހު އަދި ފެނަކައިގެ މުވައްޒަފަކު ބޭންކަށް ފޮނުވައިގެން އެ ޗެކުގެ ސައްހަކަން ބޭންކު މެދުވެރިކޮށް ކަށަވަރުކުރުމަށް ފަހު ކަމަށެވެ.
"މިއިން އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައެއް ނުވާނެ. އުސޫލުތަކުގެ ތެރެއިން، ބޭންކުން ދިން ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް މުއާމަލާތް ހިންގާފައިވަނީ،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަމިއްލަ ހައިސިއްޔަތުން ދައުވާ ކުރަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުއްޓައި އެހާ ގިނަ އަދަދެއްގެ ފައިސާ ކުންފުނިން ގެއްލުމުން އެ ފައިސާ ފެނަކަ އަށް އަނބުރާ ހޯދައިދިނުމަކީ ކުންފުންޏާ ދުރުގައި ހުއްޓަސް އަމިއްލަ ޒިންމާއެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ނިމާލް ވިދާޅުވި އެވެ.
"އެއީ ފެނަކަ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ހޯދަން އުޅުނު ޑޮލަރު. އެހާ ގިނަ އަދަދެއްގެ ފައިސާ ގެއްލުމުން މަޝްރޫއުތަކަށް އަސަރުކޮށްފާނެތީ، އަޅުގަނޑު ގަސްދުކުރީ ވީހާ ވެސް އަވަހަކަށް އެ ފައިސާ ހޯދައިދިނުމަށް އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ކުރަން،" އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކެއް، ލޯންޗު ދުއްވާ ކުންފުންޏަކަށް ފެނަކަ އިން ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.
އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، ނިމާލް ވަނީ ފެނަކަ އިން ވަކިކޮށްފަ އެވެ. އަދި ފެނަކަ އަށް ލިބެންޖެހޭ ފައިސާގެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓަރުގެ ނައިބުގެ މަގާމުގައި މިހާރު ހުންނެވި ނިމާލް މިރޭ ވިދާޅުވީ ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ވެސް އޭނާ ކަަމަށާއި އެ މައްސަލައިގައި އެއްޗެއް ނުބުނެ ހުއްޓަސް އެއީ އޭނާ ކުށްވެރިވާކަން ހާމަވާ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އޭނާ އަބަދު ވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ކަމަށެވެ.
ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލައިގައި ލޯންޗުގެ ހިދުމަތް ދޭ ކުންފުނީގެ އިސް ވެރިއަކު ހައްޔަރުކުރި އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، އޭނާ މިހާރު ވަނީ ގޭބަންދަށް ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
25 September 2017
"ބިގަސްޓް ޖޯކް އޮފް ދިސް ސެންޗަރީ"
ޝިފާގު
08 November 2016
ލޯންޗު ޚިދުމަތް ދޭ ކުންފުނީގެ ނަމެއް ނޯވޭ ދޮތްތޮ؟
ފާނަކޮށި
08 November 2016
ޓިޔަT ލޯންޗް ސެކްޝަންގެ ބޮޑުމީހާ ހައްޔަރުކޮށް ގޭބަންދަށް ދޫކުރީ ކޮންސަބަބަކާހުރެތޯ.....އެކަަމަކު ކުރި ބޮޑުވައްކަމަށްވުރެ ސިޔާސީ މީހަކު އަނގައިން ބަހެއް ބުނެލާއިރަށް އޮންނަނީ ބޮޑުކުށަކަށް ޖަލުގައި ހައްޔަރުކޮށްފައި.....ކޮބާހޭއިންސާފު......ނިމަާލް ރައްޔިތުން ކަމެއް ކޮަށްދެނީޔޭ ކިޔާފަ ކޮސްނުގޮވާށޭ
އަލި
08 November 2016
ލޯންޗު ކުންފުނި މީނަން ނުކިޔާ ކުންފުންޔެއްބާ ނޫނީ ސަރުކާރުގެ ބޮޑެއްގެ ކުންފުންޔެއްބާ .......ނިމާލް މިހާރު ތިއުޅެނީ ކޮންމެސް އެހެން މީހެއްގެ ބޮލައްކަޑާލާން ދޯ
ޖޯކަރ
08 November 2016
ޖޯކު މީހެކޭ ދޯ. ތިކަމުގަ ހިޔާނާތްވެފައި ނުވާނަމަ މަގާމު ބަދަލު ކުރީ ހިންގުމުގެ ފެންވަރު ނެތީމަ؟
ބަކުރުބެ
08 November 2016
ޔާރައްބީ. އެއްކަލަ މެގަ ވައްކަން އަދީބު އާ ހިސާބުން ނިމުނު ގޮތަށް، ތިކަންވެސް ތިއުޅެނީ ކޮންމެވެސް "އަދީބު" ކާ ހިސާބުން ނިންމާލަން. ގައުމު މިއޮތީ ހަތްފަހަރު ދޮވެފާ ރޯނުގަ ހިއްކަން އަޅުވާފަ
އައްޑޫ ރަދުން
08 November 2016
ދެން މީހުންނަށް ހީވާނެތާ މިއީ ނިމާލް މެންގެ އެއްވެސް މައްސަލައެއް ނެތި ބަޔަކު ހިންގި ކަމެށްހެން އެކަމަކު މި ޑޮލަރުގެ ކަންތަށް ހިނގާގޮތް އެންމެނަށްވެސް އިނގޭ.މިކަހަލަ ކަންކަމުގައި ދައުވާކުރާމީހާއާއި ދައުވާލިބޭމީހާ ވާނީ ގުޅިލާމެހިފަ...
ނީމޯ
08 November 2016
ސާފު ބޯކިރުކޮޅަކަށް ބަދަލްވަނީ ދެއްތޯ
ކުޑޭ
08 November 2016
މިސްކިތު ހުޅުޖެހި މީހާ ހެން އަމިލަޔަށް ބޭނުނީ ހައް ހައް ހާ
ދާދިފަސް
08 November 2016
ނަސީބެއްނު ކޯޓުން ތިމައްސަލަ އަމިއްލައަށް ބަލަން ނުފެށިކަން. ރައްޔިތުންނަށް ޙައްގު ހޯދައިދިނުމަކީ ކޯޓުގެކަމެއް.