ސުޕްރީމް ކޯޓު: ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ގެންދިޔަ އިސްލާހު ބާތިލްކުރާ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނޭ --- ފޮޓޯ/މިހާރު
25 ޖެނުއަރީ 2021 - 23:07
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ބަދަލުކޮށް، ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.
ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުންދިޔަ ޑީޖޭއޭ އުވާލުމަށް ފަހު، ޖޭއެސްސީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި އާ ޑީޖޭއޭއެއް އުފެއްދީ ޖޭއެސްސީގެ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހަކުންނެވެ. އެ އިސްލާހުގައި ޑީޖޭއޭ އުފެއްދުމާ ބެހޭ މާއްދާތައް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވަކީލް އަލީ ޝާހެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލުން ވިދާޅުވީޯ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ ދުސްތޫރީ މައްސަލަތަކަކީ ގައުމު ގާނޫނީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތައް ކަމަށެވެ. އަދި ދެން ހުރި ދުސްތޫރީ މައްސަލަތައް ބަލަން ޖެހޭނީ ހައި ކޯޓާއި ސުޕްރީމް ކޯޓުން ކަމަށް ވާތީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށާއި އެހެންވެ، މިހާރު ހުށަހަޅާފައި އޮތް ގޮތަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން އެގޮތަށް އިޖްރާއީ ނުކުތާ ނެގުމުން އެކަމާ މެދު ބަހުސް ކުރުމަށް ފަނޑިޔާރުންގެ ބެންޗުން ނިންމީ އެކަމާ މެދު ގޮތެއް ނިންމުމަށް ފަހު ނޫނީ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮޅާ.
26 January 2021
ލޮލް