ދިވެހި ކުޅިވަރު / ކްލަބް އީގަލްސް

އީގަލްސްގެ ކޯޗަކަށް ޝާޒް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ޝާޒް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދާދި ފަހުން ޓީސީ ސްޕޯޓްސް ކްލަބުން ވަކިވި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)، ކްލަބް އީގަލްސްގެ ކޯޗަކަށް ގެންނަން ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ޓީސީ މެނޭޖްމަންޓާ އެކު ދެކެވުނު ވާހަކަތަކަށް ފަހު އެ ޓީމުގެ ކޯޗުކަމުން ޝާޒް އިސްތިއުފާ ދިނީ މިދިޔަ ބުދަ ދުވަހު އެވެ.

އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) "މިހާރު" އަށް ވިދާޅުވީ އީގަލްސްގެ ކޯޗަކަށް ޝާޒް ގެންނަން ހުރިހާ މަޝްވަރާތަކެއް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ރަސްމީކޮށް ދެން ހުރި ކަންތައްތައް ނިމިގެންދާނެ ކަމަށެވެ. ޝާޒް ވެސް ވަނީ އީގަލްސްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފައިވާ ކަމަށާއި ދެން މީގެ ހުރި ކަންތައްތައް ނިންމާނީ ކްލަބުން ކަމަށް ބުނެފަ އެވެ.

ޝާޒް މިއަދު ވަނީ އީގަލްސްގެ ފަރިތަކުރުންތަކުގައި ނުރަސްމީކޮށް ބައިވެރިވެ ކުޅުންތެރިންނާ ވާހަކަ ދައްކައިފަ އެވެ.

މި ސީޒަނަށް އީގަލްސް އިން ނުކުތީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގަ އެވެ. ސީޒަންގެ ފުރަތަމަ މެޗުގައި މާޒިޔާ ބަލިކޮށް އީގަލްސް އިން ޗެރިޓީ ޝީލްޑް އުފުލާލި އެވެ. އެކަމަކު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުތަކުން ނަތީޖާ ގޯސްވެ އެންމެ ފަހުން ކްލަބާ ވާހަކަ ދެއްކުމަށް ފަހު މޯހަން އެ ޓީމުން ވަކިވީ އެއްބަސްވުން އުވާލުމަށް ފަހު އެވެ.

ލީގުގައި މޯހަންގެ ކޯޗުކަމުގައި އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މޯހަން ވަކިވިއިރު އީގަލްސް އޮތީ ހަތް ވަަނައިގަ އެވެ. އޭގެ ފަހުން އީގަލްސްގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. ނިމާގެ ކޯޗުކަމުގައި އީގަލްސް އިން ވަނީ މާޒިޔާއާ ލަނޑެއް ނުޖެހި އެއްވަރުކޮށް ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފަ އެވެ.

އީގަލްސް އިން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބުދަ ދުވަހު ހަވީރު ނުކުންނާނީ ސަސްއާ ދެކޮޅަށެވެ. ޝާޒް ރަސްމީކޮށް ހަވާލުވާނީ އެ މެޗަށް ފަހު ކަމަށް ބެލެވެ އެވެ.

ޝާޒް ޓީސީގެ ކޯޗުކަމާ ހަވާލުވީ 2019 ވަަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ޝާޒް އަކީ މި ފަހަރުގެ ފުރަތަމަ ޑިވިޝަންގެ ދެ ވަނަ ބުރު ފެށުމުގެ ކުރިން ޓީމާ ވަކިވި ފަސް ވަނަ ކޯޗެވެ. ފުރަތަމަ ޑިވިޝަނުގައި މިހާރު ކޯޗުން ބަދަލުނުވެ އޮތީ ތިން ޓީމެވެ. އެއީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ވެލެންސިއާ އަދި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

މީގެ ކުރިން ޓީމާ ވަކިވި ކޯޗުންނަކީ މާޒިޔާގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ)، އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އަހުމަދު ނާޝިދުގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ހަވާލުވެ ހުރި މުހައްމަދު އާދަމް އެވެ. ނިޒާމް ވަނީ އަލުން ކުރީގެ ކްލަބް ޓީސީއާ ހަވާލުވެފަ އެވެ. މޯހަން ދިޔައީ ސަސް އަށެވެ.

ކުރިން ބީޖީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން ޝާޒް ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ޝާޒް ވަނީ އެ ޓީމާ އެކު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ހޯދައިފަ އެވެ. މިއީ އުމުރު ފުރާ ގައުމީ ޓީމަކަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބެކެވެ. ޓީސީއާ ހަވާލުވެ ޝާޒް ވަނީ އެ ޓީމުގައި ވެސް ނަތީޖާ ނެރުމަށް ބަލާއިރު ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ޝާޒް ޓީސީގެ ކޯޗުކަމުން ވަކިވިއިރު އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ހަތް މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާއިރު، މޮޅުވީ ދެ މެޗުންނެވެ. ދެ މެޗުން ބަލިވިއިރު، ތިން މެޗުވީ އެއްވަރެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

31 January 2021

މިފަހަރު މާކެޓްގަ ކޯޗުން ދޯ އަގުއަރައިގެން ޓީމް މި ބަދަލު ކުރަނި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454