02 ފެބުރުއަރީ 2021 - 07:04
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އަށް ހޯމަ ދުވަހު ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
މި މަހުގެ 1 ވަނަ ދުވަހު ދެވަނަ ދަރިފުޅު ލިބުނުކަން ޓްވިޓާގައި ހާމަކޮށް، ބުނީ އަންހެންނާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށެވެ. ކަޕިލްގެ ދޮށީ ދަރިފުޅަކީ މިދިޔަ އަހަރު އެއް އަހަރު ފުރުނު އަނޭރާ ޝަރުމާ އެވެ.
ކަޕިލް އަށް ދެވަނަ ދަރިޔަކު ލިބުނު ވާހަކަ ޓްވިޓާގައި ހިއްސާކުރުމާ އެކު ވަރަށް ގިނަ ފޭނުންނާއި އިންޑިއާގެ ވަރަށް ގިނަ ސެލެބްރިޓީން އަންނަނި އޭނާ އާއި އާއިލާ އަށް މަރުހަބާކިޔަމުންނެވެ، ކަޕިލް އާއި ގިނީ ޗަތުރަތު ކައިވެނިކުރީ 2018 ގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.
Namaskaar 🙏 we are blessed with a Baby boy this early morning, by the grace of God Baby n Mother both r fine, thank you so much for all the love, blessings n prayers 🙏 love you all ❤️ginni n kapil 🤗 #gratitude 🙏
— Kapil Sharma (@KapilSharmaK9) February 1, 2021
ކަޕިލް އަށް ދެވަނަ ދަރިޔަކު މި ލިބުނީ އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުން ސޮނީ ޓީވީން ގެނެސްދޭ އޭނާގެ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަށް މި މަހުގެ ތެރޭގައި މެދުކެނޑުމެއް ވެސް ގެންނަން ނިންމާފައި ވަނިކޮށެވެ. އެކަމާ ބެހޭ ގޮތުން ކަޕިލް ބުނީ ޝޯ އަށް އަންނާނީ ވަރަށް ކުޑަކުޑަ މެދުކެނޑުމެއް ކަމަށެވެ.
ކަޕިލް ވަނީ ނެޓްފްލިކްސްގެ ޝޯއަކަށް ވެސް ސޮއިކޮށްފަ އެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy