ދުނިޔެ / ކޮވިޑް-19

އެސްޓްރާޒެނަކާގެ ވެކްސިން ދެކުނު އެފްރިކާގެ ވެރިއެންޓަށް ފައްކާކުރަނީ

އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން ބުނީ ވެކްސިނާ މެދު ޔަގީންކަން އެބަ އޮތް ކަމަށް

08 ފެބުރުއަރީ 2021 - 12:31

ކޮވިޑް-19 އާ ދެކޮޅަށް އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން އުފެއްދި ވެކްސިނުން، ކޮވިޑްގެ ދެކުނު އެފްރިކާ ވެރިއެންޓުން ޒުވާނުން ރައްކާތެރިކޮށްދެނީ އެކަށީގެންވާ ވަރަށް ވުރެ ކުޑަކޮށް ކަމަށް އެ ގައުމުގައި ހެދި ދިރާސާއަކުން ދެއްކުމުން ވެކްސިންނަށް ބަދަލުތަކެއް ގެންނާނެ ކަމަށް އޮކްސްފޯޑް ޔުނިވަސިޓީން ބުނެފި އެވެ.

ދެކުނު އެފްރިކާގައި އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިން ދޭން ފެށުމުގެ ކުރިން 2،000 މީހަކު ބައިވެރިކޮށްގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި ދެކުނު އެފްރިކާ ވެރިއެންޓްގެ "މައިލްޑް" އަދި "މޮޑެރޭޓް" ވައްތަރަށް އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިނުން ލިބެނީ ވަރަށް ކުޑަ ހިމާޔަތެކެވެ. މި ދިރާސާގައި ބައިވެރިކުރި މީހުންގެ އެވްރެޖް އުމުރަކީ 31 އަހަރެވެ.

އޮންލައިން ނިއުސް ކޮންފަރެންސެއްގައި ދެކުނު އެފްރިކާގެ ހެލްތު މިނިސްޓަރު ޒްވޭލީ އެމްކީޒޭ ވިދާޅުވީ މި ދިރާސާގެ ނަތީޖާ އަށް ބަލައި ދެން އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

ޔުނިވަސިޓީ އޮފް ވިޓްވޯޓަސްޓްރޭންޑްގެ މި ދިރާސާގައި އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން މައްސަލައެއް ކުރިމަތިވާ ކަމަކަށް ބުނެފައެއް ނުވެ އެވެ.

ދެކުނު އެފްރިކާގައި މިހާރު ފެންނަ ކޮވިޑް ކޭސްތަކުގެ 90 ޕަސެންޓަކީ އާ ވެރިއެންޓް ކަމަށް ވާތީ އެ ގައުމުން މިހާރު ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ވެކްސިނާ މެދު އަމަލުކުރާނެ ގޮތެއް ނިމެންދެން އެ ވެކްސިން ނުދީ މަޑުކުރުމަށް ފަހު ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނާއި ފައިޒާ ވެކްސިން ދޭން ފަށާށެވެ.

ނިއުސް ކޮންފަރެންސްގައި ބައިވެރިވެރިވެ ވަޑައިގެންނެވި ޕްރޮފެސަރު ޝަބީރް މާދީ ވިދާޅުވީ ކޮވިޑްގެ ދެކުނު އެފްރިކާ ވެރިއެންޓުގެ މައިލްޑް އަދި މޮޑެރޭޓް ވައްތަރާ ދެކޮޅަށް އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިން ރަނގަޅަށް މަސައްކަތް ނުކުރި ނަމަވެސް ބަލީގައި ބޮޑުވަރުވާ މީހުންނަށް މި ވެކްސިން ރައްކާތެރިކަން ލިބޭ މިންވަރެއް މި ދިރާސާގައި ބެލިފައިނުވާ ކަމަށެވެ.

އޮކްސްފޯޑުން ބުނަނީ ބަލީގައި ބޮޑުވަރުވާ މީހުންނަށް ރަނގަޅުވާނެ ކަމަށް

އޮކްސްފޯޑްގެ ލީޑް ވެކްސިން ޑިވެލޮޕަރު ޕްރޮފެސަރު ސާރާ ގިލްބާޓް ވިދާޅުވީ ބަލީގައި ބޮޑުވަރުވާ މީހުންނަށް ވެކްސިނުން ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދެކުނު އެފްރިކާ ވެރިއެންޓުގެ ހުރިހާ ހާލަތަކަށް ރަނގަޅަށް މަސައްކަތްކުރާ ގޮތަށް ވެކްސިން ބަދަލުކޮށްގެން އެންމެންނަށް ލިބޭވަރު މި އަހަރުގެ ފަހުކޮޅާ ހިސާބަށް ދާއިރު އޮންނަންވާނީ ހަމަޖެހިފައި ކަމަށެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ އެކި ވެރިއެންޓްތަކާ ދެކޮޅަށް ވެކްސިން ބަދަލުކޮށްގެން އުފެއްދުމަކީ މަދު ހަފުތާތަކެއް ނުވަތަ މަސްތަކެއްގެ ތެރޭގައި ކުރެވޭނެ މަސައްކަތް ކަމަށެވެ. އަދި އޮކްސްފޯޑް ވެކްސިނުން، ބަލީގައި ބޮޑުވަރުވުމުން ސަލާމަތްކޮށްދޭ ނަމަ އެއީ މުހިންމު ވެކްސިނެއް ކަމަށް ވެސް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން ބުނީ ދެކުނު އެފްރިކާ ވެރިއެންޓުގައި ބަލީގައި ބޮޑުވަރުވުމުން ދުރުކޮށްދިނުމަށް އެ ކުންފުނީގެ ވެކްސިން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށާއި އެކަން އެނގެނީ އެހެން ވެކްސިންތަކުން އުފައްދާ އެންޓިބޮޑީސް އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިނުން ވެސް ހަމަ އެ މިންވަރަށް އުފައްދާތީ ކަމަށެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިނުން ކޮވިޑްގެ ޔޫކޭ ވެރިއެންޓާ ދެކޮޅަށް ރަނގަޅަށް މަސައްކަތްކުރާ ކަމަށް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. މި ވެކްސިން އިނގިރޭސި ވިލާތުގައި ދެމުން އަންނަ އިރު އެ ގައުމުގައި ދެކުނު އެފްރިކާ ވެރިއެންޓުގެ 100 އަށް ވުރެ ގިނަ ކޭސް ފެނިފައިވެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454