އަލީ ވަހީދާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދު: އަލީ ވަހީދު ފުރާލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވިޔަސް އަދި ބަލައެއް ނުގަނޭ.
23 ފެބުރުއަރީ 2021 - 10:59
ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް އެ މައްސަލައާ މެދު ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ހައި ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނުނިމޭ ކަމަށެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ މި މަހުގެ 14 ގަ އެވެ. ހައި ކޯޓަށް ހުށަހަޅާ އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ނަމަވެސް ބަލައިގަންނަތާ ހަތް ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ޖެހޭނެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރާ މެދު ހިތްހަމަނުޖެހިގެން ޕީޖީ އޮފީހުން އިސްތިއުނާފްކުރީ އެ ބާވަތުގެ އަމުރު ނެރުމުގައި އަމަލުކުރާ ގޮތާ ޚިލާފަށް ގިނަ ކަންތައްތަކެއް ކުރައްވާފައިވާތީ ކަމަށް ބުނެ އެވެ. ހަސަން ސައީދުގެ މައްސަލަ ޕީޖީ އޮފީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅައި އެ ތަނުން އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.
ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި އަމުރުގެ އިސްތިއުނާފު ހައި ކޯޓަށް ހުށަހަޅާފައި އޮތަސް އެ މައްސަލަ އެ ކޯޓުން ކުރިއަށް ގެންގޮސްފާނެތޯ ވެސް އޮތީ ސުވާލު އުފެދިފަ އެވެ. އެއީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ޣައިރު ހާޒިރުގައި އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމަކުން ސާފުވާން އޮތުމުންނެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވީ އަލީ ވަހީދު ނެތަސް ހައި ކޯޓުގައި މައްސަލަ ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށެވެ. އިސްތިއުނާފު ރައްދުވާ މީހާ ހާޒިރުނުވެ މީގެ ކުރިން ވެސް ހައި ކޯޓުން މައްސަލައެއް ކުރިއަށް ގެންގޮސްފައިވާކަން ޝަމީމް ފާހަގަކުރެއްވި އެވެ.
އަލީ ވަހީދަށް ބޭނުން ގައުމަކަށް ދެވޭ ގޮތަށް ހަތަރު މަހަށް ޕާސްޕޯޓު ދޫކޮށްލީ އޭނާ ދުބާއީ އަށް ނުވަތަ ޖަރުމަނަށް ވަޑައިގަންނަވަން ހުށަހެޅުއްވުމުންނެވެ. ފިއްލަވައިފާނެ ކަމުގެ ބިރު އޮތް ބޭފުޅެއް ކަމަށް ދައުލަތުން ކޯޓުގައި ބުނުމުން ވެސް އެހާ ބޮޑު މިނިވަންކަމެއް އޭނާ އަށް ދިން ސަބަބާ މެދު ފާޑުކިއުންތަކާއި ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސް22
23 February 2021
ހަސަން ސަޢީދު ބޭރުކުރޭ...ވަރަށް ބޮޑާ ކިބުރުވެރިމީހެއް... މީނާއަކާ ނުކުޅެވޭނޭ މީނާ ބުނީ
މުށުން ދޫވި ގުމްރީ
23 February 2021
ތިޔަ މައްސަލައެއް ނުބެލޭނެ. ހަސަން ސައީދަށް މޑޕ ގެ ފުރިހަމަ ބެކިންގ އެބައޮތް. ހައިކޯޓުގެ އިސް ގާޒީ ހާތިފަކީ ފޮޓޯ ގަނޑެއް. ދެން އޮތީ ސުޕްރީމް ކޯޓު އެއީ މޑޕ ގެ ތިލަފަތް ޖަގަހަ. މިއީ މުޅި ދައުލަތް ގުޅިގެން ހިންގާ ޖަރީމާއެއް.
ޖަންޕު
23 February 2021
ހައި ކޯޓުން މައްސަލަ ބަލައިގަންނަތާ 7 ދުވަސް ތެރޭގައި މައްސަލަ ނިންމަން ޖެހޭ ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނިންމޭނީ ފުރަތަމަ ޕީޖީ އަށް ފުރައިގެން ދިޔަ ތާރީޙް ޔަގީން ކޮށް ހައިކޯޓްގައި ބުނެވިގެންނު. ކޮބާ މިހާރު ސިޓީ ޑިސްޕެޗް ވެއްޖެތޯ؟ ޕީޖީއިން ހައިކޯޓް އަށް މައްސަލަ ހުށައެޅިމޭ ބުނަން ނަމަކު ކަން ކުރަނީތޯ ލިޔެކިޔުން ހަމަ ނުކުރަށްވާ؟
ކޮރަލް
23 February 2021
ސަރުކާރުން ބޭނުން ނަމަ އިންޓަރޕޯލް މެދު ވެރިކޮށް ވެސް ގެނެވިދާނެ އެވެ. އަދި އެސެޓްވެސް ފްރީޒް ކުރެވިދާނެ އެވެ.