ލަންކާގެ މިލިޓަރީގައި މަސައްކަތްކުރާ މީހަކު ކޮވިޝީލްޑް ވެކްސިން ޖަހަނީ: ލަންކާ އިން ވަނީ ކޮވިޝީލްޑުގެ އިތުރު 10 މިލިއަނަށް އޯޑަރު ދީފައި.
23 ފެބުރުއަރީ 2021 - 23:02
ކޮލަމްބޯ (ފެބްރުއަރީ 23) - ޗައިނާ އިން ހަދިޔާކުރި ކޮވިޑް ވެކްސިން ސްރީ ލަންކާ އިން ބޭނުންނުކޮށްފާނެ ކަމަށާއި އޮކްސްފޯޑް/އެސްޓްރަޒެނެކާގެ އިތުރު 13.5 މިލިއަން ޑޯޒަށް އެ ގައުމުން އޯޑަރު ދީފި އެވެ.
އިންޑިއާ އިން ވަނީ ލަންކާ އަށް 500،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފަ އެވެ. އެއީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން އުފައްދާ އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ވެކްސިނެވެ.
ލަންކާ ސަރުކާރުގެ ތަރުޖަމާން އަދި ޕްލާންޓޭޝަން މިނިސްޓަރު ރަމޭޝް ޕަތިރާނާ ވިދާޅުވީ ވެކްސިން ދިނުމުގެ ދެ ވަނަ ބުރުގައި ވެސް ބޭނުން ކުރަން ނިންމާފައި ވަނީ އެސްޓްރަޒެނެކާ ވެކްސިން ކަމަށެވެ. ސަބަބަކީ ޗައިނާ އާއި ރަޝިޔާގެ ވެކްސިން "މުޅިން ނުނިމޭތީ" ކަމަށެވެ.
"ފޭސް ތިނެއްގެ ޓަރަޔަލްތަކާ ބެހޭ ޗައިނާ ވެކްސިންގެ ޑޭޓާ ހުށަހަޅައިފައެއް ނުވޭ،" ޕަތިރާނާ ވިދާޅުވި އެވެ.
ޗައިނާގެ ސިނޮފާމުގެ ތިން ލަންކަ ޑޯޒް ވެކްސިން ވަނީ ލަންކާ އަށް ހަދިޔާކޮށްފަ އެވެ.
ވެކްސިން ދިނުމުގެ ފުރަތަމަ ފޭހަށް ލަންކާ އިން ވަނީ ސީރިއަމް އިންސްޓްޓިއުޓުގެ ކޮވިޝީލްޑުގެ 10 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ. އެއީ ގާތްގަނޑަކަށް 52.5 މިލިއަން ޑޮލަރުގެ އޯޑަރެކެވެ. އިތުރު 3.5 މިލިއަން ޑޯޒަށް އޯޑަރު ދިނީ އިނގިރޭސި ވިލާތުގެ އެސްޓްރަޒެނެކާ އިންސްޓްޓިއުޓަށެވެ. އެއީ ކޮވެކްސް ޕްރޮގްރާމުގެ ތެރޭން ކަމަށް ޕަތިރާނާ ވިދާޅުވި އެވެ.
ސްރީ ލަންކާ އިން މިހާތަނަށް ވަނީ 81,009 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 453 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy