28 ފެބުރުއަރީ 2021 - 08:49
މިއުނިކް (ފެބްރުއަރީ 28) - ޖަރުމަނު ލީގުގައި ރޭ ބޮރޫޝީއާ މުންޗެންގްލަޑްބެކް އަތުން 3-2 އިން މޮޅުވެ، އާރްބީ ލައިޕްޒިގުން ލީގުގެ އެއް ވަނަ މަގާމުގައި އޮތް ބަޔާން މިއުނިކާ ދެމެދުގައި އޮތް ޕޮއިންޓުގެ ފަރަގު ދަމަހައްޓައިފި އެވެ.
ލީގުގައި ރޭ ކޮލޯން އަތުން 5-1 އިން މޮޅުވެ ބަޔާން އިން ވަގުތު ކޮޅަކަށް ފަސް ޕޮއިންޓުގެ ލީޑެއް ނެގި އެވެ. އެކަމަކު ލައިޕްޒިގު ކުޅުނު މެޗުން މޮޅުވުމާ އެކު ބަޔާންގެ ލީޑުކުޑަވީ އެވެ. ބަޔާން އެއް ވަނައިގައި އޮތީ 23 މެޗުން 52 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ވަނީ 23 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.
ކޮލޯން ކޮޅަށް ބަޔާންގެ ގޯލުތައް ޖެހީ އެރިކް މެކްސިމް ޗޮޕޫ-މޯޓިން ގޯލަކާއި ރޮބަޓް ލެވަންޑޯސްކީ އަދި ސާޖް ގްނަބްރީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. ލެވަންޑޯސްކީ ޖެހި ދެ ގޯލާ އެކު އޭނާ ވަނީ މި ފަހަރު ލީގުގައި 28 ގޯލު ހަމަކޮށްފަ އެވެ. ޖަރުމަނު ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ކުރީގެ ފޯވާޑް ގާޑް މުލާ އަތުގަ އެވެ. މުލާ، 1972 ވަނަ އަހަރު ރެކޯޑް ހެދީ 40 ގޯލު ޖަހައިގެންނެވެ. މުލާގެ ރެކޯޑް މުގުރާލަން މި ފަހަރު ލީގުގައި އަދި ލެވަންޑޯސްކީ އަށް 11 މެޗު އެބައޮތެވެ.
ލައިޕްޒިގު ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި މުންޗެންގްލަޑްބެކުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. މެޗުގެ ފުރަތަމަ 19 މިނިޓް ތެރޭ ގްލަޑްބެކްގެ ދެ ގޯލު ޖެހީ ޖޮނަސް ހޮފްމަން އާއި މާކަސް ތުރާމް އެވެ. ލައިޕްޒިގު މޮޅުވީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ކްރިސްޓޮފާ އެންކުންކޫ، ޔޫސެފް ޕޯލްސަން އަދި އަލެކްސަންޑަ ސޯލޯތު އެވެ.
ލައިޕްޒިގުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ލީގު ޗެމްޕިއަންކަން އެހާ ފަސޭހައިން ހޯދުމުގެ ފުރުސަތު ބަޔާނަށް ދޭން ބޭނުންނުވާ ކަމަށާއި ލައިޕްޒިގަށް ޗެމްޕިއަންކަން ނުލިބުނަސް ބޭނުންވަނީ އެންމެ ފަހު ވަގުތާ ހަމައަށް އެކަން ހާސިލްކުރަން މި ރޭހުގައި ދެމިއޮތުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy