އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ވަޒީރެއްގެ އިތުބާރުނެތުނީމާ ކުރަން ޖެހޭ ތަހުގީގެއް ނެތް ކަމަށް
01 މާޗް 2021 - 11:28
މިނިސްޓަރަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތިއްޖެ ނަމަ، އެކަން އެގޮތަށް ފާސްކުރުމަށް އިތުރު ތަހުގީގެއް ކުރަން ގާނޫނުގައި ނޯންނަ ކަމަށާއި އެހެންވީމާ އިތުރަށް ދައްކަވަން ޖެހޭ ވާހަކަތަކެއް ނޯންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް މިއަދު ރައްދު ދެއްވައިިފި އެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް އާޒިމް ހުށަހެޅުއްވި މައްސަލައިގައި، ޖަވާބުދާރީވެވަޑައިގަންނަވަން މަޖިލީހުގެ މިއަދު ޖަލްސާގައި ދެއްވި ފުރުސަތުގައި މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް މަލީހު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި އޭނާއަށް ކޮށްފައިވާ ހުރިހާ ތުހުމަތެއް މަލީހު ދޮގުކުރެއްވި އެވެ. އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަކާ ހެދި ކަމަށް ވެސް މަލީހު ދައުވާކުރެއްވި އެވެ.
ޖަވާބުދާރީވެވަޑައިގަތުމަށް މަލީހަށް ދިން ފުރަތަމަ ފުުރުސަތުގައި ވާހަކަ ދައްކަވައި ނިންމެވުމުން ފުރުސަތު ހޯއްދަވައިގެން އާޒިމް ވިދާޅުވީ ވަޒީރަކާ ދޭތެރޭގައި މަޖިލީހުގެ މެމްބަރުންނަށް އިތުބާރު ނެތިއްޖެ ނަމަ ކަންތައް ކުރަން ޖެހޭ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބަ އޮތް ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާއާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތިއްޖެ ނަމަ ކަންތައް ކުރަން ޖެހޭ ގޮތް ވެސް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ވަޒީރަކާ ދޭތެރޭގައި މެމްބަރުންގެ އިތުބާރު ނެތުނީމާ ތުހުމަތެއް ކޮށް، ތަހުގީގެއް ހިންގަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެކަމުގައި ވާހަކަތަކެއް ވެސް ދައްކަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ.
"މިއީ ކޯޓެއް ނޫން އިއްޒަތްތެރި ރައީސް. މިއީ ރައްްޔިތުންގެ މަޖިލިސް. މިތާނގައި ހިނގާނީ ރައްޔިތުންގެ ބަސް. ރައްޔިތުން ބޭނުންވާ ކަންތައްތައް މިތާ ކުރެވޭނީ. އެހެންވީމާ އިތުރު ވާހަކަތަކެއް މިތާ ދެއްކުމުގެ ފުރުސަތެއް ނެތް. އަަޅުގަނޑުމެން ހިތްހަަމަނުޖެހުނީމާ އެ ވަޒީރަކު އެމަގާމުން އެކަހެރިވާން ޖެހޭނީ. އެއީ އަޅުގަނޑުމެން ނިންމާ ނިންމުމެއްް،" އާޒިމް ވިދާޅުވި އެވެ.
ޓެލެކޮމިއުނިކޭޝަން ސައިންސް އެންްޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެމްބަރުންގެ ވާހަކަތައް އަޑު އައްސަވަނީ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެވަޑައިގެންނެވީ ވައުދުތަކަކާ އެކުގައި ކަމަށާއި ކަންދިމާކުރި ގޮތުން، އެ ވައުދުތައް ފުއްދައިދެއްވަން ތިއްބެވީ ވަޒީރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެވައުދުތައް ފުއްދައިދެމުން ނުދަަންޏާ ރައްޔިތުން ހޮވާފައި ތިބި މެމްބަރުންގެ ކަންބޮޑުވުން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި މަލީހަށް ކޮށްފައިވާ މައިގަނޑު ދެ ތުހުމަތަށް އިންކާރު ކުރައްވައި މަލީހު ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވީ ތުހުމަތުކޮށްފައިވާ ކަންތައްތައް މަޖިލީހުގެ މެމްބަރުން ރަނގަޅަށް ބައްލަވާފައި ނުވާ ކަަމަށެވެ. އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަަލައިގެ އަސާސެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކުރުމަށް ޓަކައި މަލީހުގެ މިނިސްޓްރީން ހަދަން ޖެހޭ ގަވައިދުތަކެއް ނުހަދާ އޮތް ކަމަށް މެމްބަރުން ކުރައްވާފައިވާ ތުހުމަތު ވެސް އޭނާ ދޮގުކުރެއްވި އެވެ.
އާޒިމް ރައްދު ދެއްވީ ރަނގަޅަށް ބަލައިފި ނަމަ އެއީ ދޮގު ތުހުމަަތުތަކެއް ކަމަށް ވިދާޅުވެ، މަލީހު ދެއްކެވި ވާހަކައަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
02 March 2021
މި އިންސާނާއަށް ވޯޓް ދިން ރައްޔިތުންގެ ހިތަށް މިއަދު އަރާނެ އެއްޗާމެދު މި ވިސްނަނީ.
ބާޒިމޫ
02 March 2021
އަހަރުމެންވެސް ބޭނުމޭ އަހަރުމެންގެ މެމްބަރާ މެދު ހިތްހަމަނުޖެހުނީމަ އެއްވެސް ވާހަކައެއް މެމްބަރު ދައްކަން ފުރުސަތު ނުދީ ނަގާ އެއްލާލަން. އާޒިމުވެސް ޕާޓީ ބަދަލުކުރީ ދާއިރާ މީހުން ކައިރީ އަހާފައެއްނޫން. އާޒިމަށް ލިބޭހާ ވޯޓެއް ލިބެނީ އާޒިމުދެކެ ރުޅިއައިސްގެން އެއްބަޔަކު ވޯޓްލާންނުދާތީއާ ދެން ބާކީ ތިބޭ ގޭދޮށު ޕާޓީ ކުދިންކޮޅެއް ލާ ވޯޓަކުން.
ރަނާ
02 March 2021
މިމީހުން ނުރުހޭ ވާހަކައެއް ދެއްކީ އިތުބާރު ނެތުނީ ހެއްވާ ކަމެއް . މިނިސްޓަރުންނަކީ ބުއްޅަބޭގެ އަޅުންނެއް ނޫން . އަބަފު މަސާހިބު ބުއްޅަ ކިޔާކަށް . މިއޮތީވާ މަޖްލިސެއް. ޔާ ﷲ މިބައިގަނޑުގެ ކިބައިން މި قوم ސަލާމަތް ކުރައްވާނދޭވެ!
ރައްޔިތެއްގެ ޝުއޫރު
01 March 2021
އަލީ އާޒިމޫ..ރައޔިތުންގެ ބަހޭ، ރައްޔިތުން ބޭނުންވާގޮތޭ.. ކަލޭމެން ތިތާ ތިކުރާ ހުތުރު ކަންކަން ރައްޔިތުން ބޮލުގަ ނާޅުވާ. އަމިއްލައަށް ތިޖަހާ ސަކަރާތައް އަމިއްލައަށް ޒިންމާ ނުނެގެންޏާ ރައްޔިތުންގެ ބޮަލަށް ނުކަނޑާ ތިޖަހާ ސަކަރަތެއް ޖަހާ.
ނަން
01 March 2021
އާޒިމް ބުންޏަސް އެއީ ވަރަށް ރަނގަޅު ވާހަކައެއް. މަޖިލީހުގަ ކޮންމެ ބަޔަކު ތިއްބަސް އެތިބޭ ބަޔަކީ ރައްޔިތުންގެ މަންދޫބުން. އެ މަންދޫބުންނަށް މިނިސްޓަރަކު ކަމުނުދާހިސާބުން ވަކިކުރަންވީ. އެއީ ގާސިމް ބޭނުންވާހާ ގޮތަކަށް ކުރަންޖެހޭ ކަމެއް ނޫން.
ހެކި
02 March 2021
އަމިއްލަ ޕާޓީގެ މިނިސްޓަރެއް ވަކިކުރާ ހިސާބަށް ނުދާނީ އެންމެންނާމެދު ވިސްނުމުގައި ހަމަހަމަކަން ގެންގުޅުމެއް ނެތި އަމިއްލަ ބާރާ ނުފޫޒުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރާތީ. މާބޮޑެތި ބާރުތަކެއް ލިބިފަ އޮތް ޕާޓީއެއްވީމަ ހަމަ ހިތްހަމަނުޖެހުނީމަ އެހެން ޕާޓީއެއްގެ މީހަކު ދައްކާ ވާހަކަ އަޑުނާހާ ވަކިކުރުން އެއީ ވަރަށް ޚުދުމުޚުތާރު ސިފައެއް.
ކުރަސް
01 March 2021
އާޒިމް ތަމްސީލު ކުރާ ދާއިރާގެ މީހުން ލަދުގަންނަން ވާނެ ޑިމޯކްރަސީގެ މިހިރަ ހިތްތިރި އަހުލާގު ރަނގަޅު މިސާލު ފެނިފަ. އެކަމަކު އަދިވެސް އަވައިގަ ޖެހިގެން ހޮވާނެ. ދެން ބުނާނެ އަހަރުމެން އިންސާފު ބޭނުމޭ. ލަދު!!!!
މުނޖޭ
01 March 2021
ދިވެހި ފުޓުބޯޅަ ފުނޑާފަ ދެން އޮތް ކަމެއްވެސް ފުނޑާތި. ޑެމޮލިޝަން ކުންފުންޏެއް ހުޅުވަންވީނުން އާޒިމް
ޒީރޯ ޓޮލަރެންސް
01 March 2021
ހާދަ ބޮޑާ ކިބުރުވެރިބައެކޭ މީ، ބާރެއް ލިބުނީތީ މިމީހުން އޮޅިގެން އުޅޭވަރު. އާޒިމު ތިގޮތައް ކީއްވެތޯ ހައުސިން ވަޒީރަށް ރުހުން ދީގެން އުޅެނީ، 2 އަހަރު ބައި ވީ ބޯހިޔާ ވަހިކަމުގެ ވައުދުތައް ފުއްދާ ދީގެންތޯ.
ފަރުހާދު
01 March 2021
"އަަޅުގަނޑުމެން ހިތްހަަމަނުޖެހުނީމާ އެ ވަޒީރަކު އެމަގާމުން އެކަހެރިވާން ޖެހޭނީ. އެއީ އަޅުގަނޑުމެން ނިންމާ ނިންމުމެއްް،" އާޒިމް ވިދާޅުވި އެވެ." ބަލަ ތިޔަ މެންބަރުން ހޮވި ރައްޔަތުން ހިތްހަމަ ނުޖެހުނީމާ ވަކިކުރެވޭނެ ގޮތެއްވެސް އޮންނަންވާނެތާ؟ އެކަމަށް ތަހުޤީގެއްވެސް ބޭނުމެއް ނުވާނެތާ. އެކަން ކޮން އިރަކުންތޯ ކުރާނީ.؟ ބާރުތައް ފެށެނީ ރައްޔަތުންނާއި ހަމައިންނޭ ޤާނޫނު އަސާސީގައި އޮވޭ ނޫންތޯ<
ޒީރޯ ޓޮލަރެންސް
01 March 2021
އަޅުގަނޑަށް ސަތޭކަ ޕަސަންޓް ޔަޤީންކަން އެބައޮތް އަޅުގަނޑު ގެ ރަށުން ތިކަމަށް ތާއީދެއްނެތްކަން، އެކަމަކު އެމެމްބަރުވެސް ބުނީ ރައްޔިތުން އެދޭ ގޮތޭ، މިހެން ކަމަކުނުދޭ، ރައްޔިތުން އެދޭ ގޮތޭ ކިޔައިގެން ދައްކާ ވާހަކަ ހުއްޓުވޭނެ ގޮތެއް ހޯދަން ޖެހޭ. ރައްޔިތުމް މެމްބަރުން ހޮވީކީ ހިތައް އަރާހާ ވާހަކަ ދައްކާ ކަށް ނޫން ކަން އެމެމްބަރުންނަށް އިނގޭނެ ގޮތެއް އޮންނަނަޖެހޭ