ދުނިޔޭގެ ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޔުނައިޓެޑާއި ލެސްޓާ އަށް މޮޅެއް ނުވެވުނު

ކްރިސްޓަލް ޕެލަސްގެ އެޒޭ (ވ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑްގެ ފްރެޑް މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

04 މާޗް 2021 - 08:33

ލަންޑަން (މާޗް 4) - އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ ރޭ ކުޅުނު މެޗުތަކުން އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑް ރަށުންބޭރުގައި ކްރިސްޓަލް ޕެލަސްއާ އެއްވަރުވީ ލަނޑެއްނުޖެހި އެވެ. ބާންލީ ދަނޑުގައި އެ ޓީމުން ލަނޑެއް ޖަހާފައިވަނިކޮށް ލެސްޓާ އިން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.

ލެސްޓާ އާއި ޔުނައިޓެޑްގެ ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށެވެ. ސިޓީ މިހާރު އެއް ވަނައިގައި އޮތީ 14 ޕޮއިންޓުގެ ލީޑަކާ އެކީ އެވެ. ލީގު ތާވަލުގެ މަތީގައި އޮތް ތިން ޓީމުން ވެސް 27 މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް ސިޓީ އަށް ވަނީ 65 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 51 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލެސްޓާ އަަށް ވަނީ 50 ޕޮއިންޓް ލިބިފަ އެވެ.

ޕެލަސް ދަނޑުގައި ރޭ ކުޅުނު މެޗަށް ޔުނައިޓެޑުން ނުކުތީ އެންމެ ފަހުން މެޗުތަކުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ތަޖުރިބާކާރު ފޯވާޑް އެޑިންސަން ކަވާނީ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މެޗުގެ ކުރީކޮޅުގައި ކަވާނީ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނުއިރު، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ކްރިސްޓަލް ޕެލަސްގެ ކްރިސްޓިއަން ބެންޓެކޭ ފޮނުވާލި ބޯޅައެއް ވެސް ވަނީ ގޯލުގެ ހުރަސްދަނޑިމަތިން ގޮސްފަ އެވެ. ޔުނައިޓެޑްގެ ނަމަންޏާ މަޓިޗް ފޮނުވާލި ބޯޅައެއް ކްރިސްޓަލް ޕެލަސްގެ ކީޕަރު ވިސެންޓޭ ގައީޓާ ހުއްޓުވިއިރު، އެ ޓީމުގެ ޕެޓްރިކް ވެން އާންހޯލްޓް ފޮނުވާލި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިމިފައިވަނީ އެއް ނަތީޖާއަކުންނެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ޕޮޒިޓިވް ކަމަކީ ތިން މެޗު ވެސް ބައިކޮޅަށް ލަނޑެއް ނުވަނުން ކަމަށާއި އެކަމަކު ލަނޑެއް ނުޖެހި މެޗުން މޮޅުނުވެވޭނެތީ އެއީ މީގެ ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލަ ކަމަށެވެ.

ލެސްޓާގެ ހަމްޒާ ޗޯދުރީ ހެދި ގޯހެއްގެ ފައިދާނަގައި މެޗުގެ ހަތަރު ވަނަ މިނިޓްގައި ބާންލީގެ ފޯވާޑް މަޓޭއި ވީޑްރާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 34 ވަނަ މިނިޓްގައި ލެސްޓާ އަށް އެއްވަރުކޮށްދިނީ ކެލެޗީ އިހެނާޗޯ އެވެ. ލެސްޓާ މޮޅުކޮށްދޭން ޔޫރީ ޓިއެލެމަންސް ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑުން ވަނީ ރޭ 1-0 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. ޝެފީލްޑުގެ ފިލް ޔަގިއެލްކާ އަށް ރަތް ކާޑެއް ދެއްކުމުން އެ ޓީމުން މެޗުގެ ފަހު 30 މިނިޓް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454