ކުޅިވަރު / ދިރާގު މޯލްޑިވްސް ރޯޑް ރޭސް

27 އަހަރަށް ފަހު ފަސް ކިލޯމީޓަރުގެ ރެކޯޑް ފަޒީލް މުގުރާލައިފި

ފަޒީލް މިއަދު ރޭސް ނިންމަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މީގެ 27 އަހަރު ކުރިން ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ހަދާފައިވާ ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހުސެއިން ފަޒީލް ހާރޫން މިއަދު މުގުރާލި އިރު އަންހުންގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް މަރިޔަމް އަބްދުލްކަރީމް (މަރީ) އާކޮށްފި އެވެ.

މާލޭގައި 1989 ވަނަ އަހަރު ބޭއްވި ކްލަބް ޓޯނަމަންޓުގައި ކުޑަހުސެން 17 މިނެޓު 08 ސިކުންތުން ހެދި ރެކޯޑް ފަޒީލް މިއަދު ހުޅުމާލޭގައި ކުރިއަށް ދިޔަ ރޭހުގައި މުގުރާލީ 16 މިނެޓު 31 ސިކުންތުން ދުވެގެންނެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދި ފަޒީލް ވަނީ މި އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ. މިއަދުގެ ރެކޯޑާ އެކު މިއީ އޭނާ އަށް ވަރަށް ކާމިޔާބު އަހަރަކަށް ވަނީ ވެފަ އެވެ.

ތިން ހާހެއްހާ ދުވުންތެރިން ބައިވެރިވި ރޭހުގެ ފަސް ކިލޯމީޓަރު ދުވުމުގެ އޯޕަން ކެޓަގަރީން އެއް ވަނަ ފަޒީލް ހޯދިއިރު ދެ ވަނަ އަށް ދިޔައީ 17 މިނެޓު 50 ސިކުންތުން ރޭސް ނިންމި ގެވިން ޑޭވިސް އެވެ. ތިން ވަނަ އަށް ދިޔައީ ހަސަން ފައިހަތެވެ. އޭނާގެ ޓައިމިން އަކީ 18 މިނެޓު 30 ސިކުންތެވެ. އެއް ވަނައާ އެކު ފަޒީލަށް ވަނީ 5000ރ. ގެ ފައިސާގެ އިނާމެއް ދީފަ އެވެ. ދެ ވަނަ އަށް 4000ރ. ދިން އިރު ތިން ވަނަ އަށް ދީފައިވަނީ 2000ރ. ގެ ފައިސާގެ އިނާމެކެވެ.

ގައުމީ މުބާރާތުގައި ހޯދި ކާމިޔާބަށް ފަހު މަރީ އުފާފާޅުކުރަނީ. -- ފޮޓޯ:ނިޝާން އަލީ/ މިހާރު

ގައުމީ މުބާރާތުގެ 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި އެއް ވަނަ އެތުލީޓުގެ މަގާމް ހޯދާފައިވާ މަރީ މިއަދު 10 ކިލޯމީޓަރުގެ ރެކޯޑް އާކުރީ 44 މިނެޓު 18 ސިކުންތުން ދުވެގެންނެވެ. މި ރެކޯޑް އޭނާ ކުރިން ހަދާފައިވަނީ މިދިޔަ އަހަރުގެ ދިރާގު ރޭހުގައި 48 މިނެޓު 25 ސިކުންތުން ދުވެގެންނެވެ.

ހީޓް ހެލްތު އެންޑް ފިޓްނަސްގެ ކަސްރަތު އިންސްޓްރަކްޓަރު މަރީ މިއަދު ރެކޯޑް އާކުރި ނަމަވެސް އޭނާ ދިޔައީ 10 ކިލޯމީޓަރު ދުވުމުގެ ރޭހުން ދެ ވަނަ އަށެވެ. އެއް ވަނަ ހޯދީ 39 މިނެޓު 01 ސިކުންތުން ރޭސް ނިންމި ސްރީ ލަންކާގެ ނިލޫކާ ރާޖަސޭކަރެވެ. ތިން ވަނަ އަކީ 58 މިނެޓު 55 ސިކުންތުން ރޭސް ނިންމި ޔުމްނާ ޝަރީފެވެ.

10 ކިލޯމީޓަރު ދުވުމުން ދެ ވަނަ ހޯދި ޝަރަފް (ވ) އަށް ހަސަން ސާއިދު އިނާމް ދެނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ފިރިހެނުންގެ 10 ކިލޯމީޓަރު ދުވުމުން އެއް ވަނަ ހޯދީ 36 މިނެޓު 33 ސިކުންތުން ދުވި އުއްމީދީ ދުވުންތެރިޔާ ޒައިދު ޝަރީފެވެ. މި ބައިން ދެ ވަނަ ހޯދީ ރާއްޖޭގެ ހާފް މެރެތަން ރެކޯޑް ހަދާފައިވާ އަހުމަދު ޝަރެފެވެ. އޭނާ ރޭސް ނިންމާފައިވަނީ 37 މިނެޓު 21 ސިކުންތުންނެވެ. ތިން ވަނަ ހޯދީ 37 މިނެޓު 53 ސިކުންތުން ރޭސް ނިންމި އަހުމަދު ހަސަން އެވެ. މި ކެޓަގަރީން އެއް ވަނަ އަށް 10،000ރ، ދެ ވަނަ އަށް 8000ރ. އަދި ތިން ވަނަ އަށް 6000ރ. ގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.

އަންހެނުންގެ ފަސް ކިލޯމީޓަރު ދުވުމުން އެއް ވަނަ ހޯދީ ލަންކާގެ ދިލްރުކްޝާ ރާޖަސޭކަރެވެ. އޭނާ މި ރޭސް ފުރިހަމަކުރީ 21 މިނެޓު 05 ސިކުންތުންނެވެ. އައިމިނަތު ޖައިޝާ 24 މިނެޓު 48 ސިކުންތުން ދުވެ ދެ ވަނަ ހޯދިއިރު ތިން ވަނަ އަކީ 24 މިނެޓު 47 ސިކުންތުން ރޭސް ފުރިހަމަކުރި ސަދޫނީ ރާޖަސެކަ އެވެ.

ސްކޫލް ކެޓަގަރީ (ފަސް ކިލޯމީޓަރު ދުވުން)

13 އަހަރުން މަތި އެއް ވަނަ (ފިރިހެން): މުހައްމަދު މުނާޒް 20 މިނެޓު 23 ސިކުންތު

13 އަހަރުން މަތި އެއް ވަނަ (އަންހެން): އީނާޝް ނަސީމް 24 މިނެޓު 44 ސިކުންތު

13 އަހަރުން ދަށް އެއް ވަނަ (ފިރިހެން): އިސްމާއިލް މަސޫން 22 މިނެޓު 52 ސިކުންތު

13 އަހަރުން ދަށް އެއް ވަނަ (އަންހެން): އައިޝަތު ނައިޝާން 27 މިނެޓު 01 ސިކުންތު

ސާޅީސް ފަސް އަހަރުން މަތީގެ ފަސް ކިލޯމީޓަރު ދުވުމުގެ ކެޓަގަރީން އެއް ވަނަ ފިރިހެން ދުވުންތެރިޔަކަށް އަހުމަދު މުމްތާޒް މޫސާ ހޮވުނުއިރު އެއް ވަނަ އަންހެން ދުވުންތެރިޔަކީ ލަންކާގެ ޕެޓްރީޝިއާ ޑޮރީން ގޯމޭޒެވެ. މުމްތާޒް އެެއް ވަނަ ހޯދީ 20 މިނެޓު 59 ސިކުންތުން ދުވެގެންނެވެ. އަދި ޕެޓްރީޝިއާ ރޭސް ނިންމީ 22 މިނެޓު 14 ސިކުންތުންނެވެ. އޭނާ އަކީ މިދިޔަ ފަސް ވަރަކަށް އަހަރު ރާއްޖޭގައި ބާއްވާފައިވާ ގިނަ ރޭސްތަކެއްގައި ވަނަ ހޯދާފައިވާ ދުވުންތެރިއެކެވެ.

ފައިހަތު މިއަދުގެ ރޭސް ނިންމަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިއަދުގެ ރޭހުގައި ޕްރޮފެޝަނަލް ދުވުންތެރިންނާއި ކަސްރަތަށް ދުވާ މީހުންގެ އިތުރުން ކުޑަކުދިން ވެސް ގިނަ އަދަދަކަށް ބައިވެރިވި އެވެ. ދެ ޖިންސުން އެކި އުމުރުފުރާތަކުގެ ދުވުންތެރިން ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރޭހުން، ހުޅުމާލޭގެ ހިތްފަސޭހަ މާހައުލުގައި ހިތްހަމަޖެހުން ހޯދައިފަ އެވެ.

ދިރާގުން އެންމެ ފުރަތަމަ މިރޭސް 2006 ގައި ފެށީ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ނަމުގަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން މިހާރު މިއީ ބައިނަލްއަގުވާމީ ދުވުމުގެ ރޭހެއް ވެސް މެ އެވެ. ރޭސް ބޭއްވުމުގެ ކުރިން ދުވާ ސަރަހައްދުގެ މިން އެޅީ ވެސް ބައިނަލްއަގުވާމީ ސެޓްފިކެޓް އޮންނަ ތަޖުރިބާކާރުންނެވެ. މީގެ އިތުރުން ދުވުންތެރިން ރޭސް ނިންމި ވަގުތު ބަލާފައިވަނީ ބިބުގައި ހަރުކޮށްފައިވާ އިލެކްޓްރޯނިކް ޗިޕަކުންނެވެ.

މިއަދުގެ ރޯޑް ރޭހުގެ ތެރެއިން. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

3 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 23%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަޤީޤަތް

12 November 2016

ޝަރަަފް ހާދަ މޮޅޭ 2 ވަނަ އަށް ތިދިޔައީ... ޔަޤީން ތިވަރުން ދާނަމަ އޮލިމްޕިކަށް ކޮލިފައިވާނެ. އަދި ފެނޭ އިތުރު 2 އަހަރު އޮލިމްޕިކް ކޮމެޓީން ސްކޮލަޝިޕް ދޭން... މިހާރު ހަމަ ރަގަޅަށް ވެސް މަރޭ އަށް އެގޭނެ ޝަރަފް އަށް ވުރެ ބާރަށް ދުވާ ދިގުދުވުންތެރިއެއް ރާއްޖޭގަ ނުހުންނާނެ ކަން.. ސާބަސް ޝަރަފް.. ޒައިދު އަށް މަރުހަބާ.

The name is already taken The name is available. Register?

އަސްލު ހަޤީޤަތް

13 November 2016

މެދު ރާސްތާ ދުވުމަކާއި މެރެތަން ދުވުމާއި ހާސްބައި ތަފާތުވާނެ. އެހެންނޫނަސް އެތްލެޓިކްސް އިން އޮލިމްޕިކްސް ގައި ބައިވެރިވާން އޮޓޮމެޓިކް ކޮލިފިކޭޝަން ލިބޭ.ގަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ރާއްޖޭގައި މިހާރު ހުރި އެންމެ އަވަސް މެރެތަން އަދި ހާފް މެރެތަން ދުވުންތެރިޔަކީ ޝަރަފް ކަން

The name is already taken The name is available. Register?

އސ

12 November 2016

ހާދަ ވަނަވަނައެއް ލަންކާގެ ރާޖަސޭކަ ހާންދާނު މީހުން ހޯދައިފިއޭ. ފިސާރި އަންހެން ދަރިންތަކެއްތާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454