ފްރޯޒެން ޑެޒަޓަށް ހާއްސަ "ހަމްފްރީ ޔޮގާޓް" އަކީ 13 އަހަރުގައި މޭގަން މަސައްކަތްކުރެއްވި ތަނެއް
"ހަމްޕްރީ ޔޮގާޓް" ނަން ކައިރީގައި މީހަކު ޑެޒަޓަކާ އެކު ފޮޓޯއަކަށް ހުއްޓިގެން.
14 މާޗް 2021 - 07:51
އޯޕްރާ ވިންފްރީ އަށް މޭގަން މާކަލް އާއި ޕްރިންސް ހެރީ ދެއްވި އިންޓަވިއުގެ ތެރޭގައި މޭގަން ވިދާޅުވި ޑެޒަޓް ވިއްކާ އެމެރިކާގެ ފިހާރައެއްގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
އިންޓަވިއުގައި މޭގަން ވިދާޅުވި ގޮތުގައި ފުރާވަރުގައި މަސައްކަތުގެ ތަޖުރިބާ ހޯއްދެވުމުގެ ގޮތުން އެންމެ ގަޔާވެގެން މަސައްކަތްކުރެއްވި ތަނަކީ ކެލިފޯނިއާގެ ޝާމަން އޯކްސްގައި ހިންގާ "ހަމްފްރީ ޔޯގަޓް" އެވެ. އެތަނުގެ އެންމެ ހާއްސަ އެއްޗަކީ ފްރޯޒެން ޔޯގަޓެވެ.
"އުމުރުން ތޭރަ އަހަރުގައި އަހަރެން ފުރަތަމަ ވަޒީފާ އަދާކުރި ތަނަކީ ހަމްފްރީ ޔޮގާޓް. އެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު ވެސް އަދާކުރަން. މަސައްކަތުގެ މުހިއްމުކަމާއި ބޭނުންތެރިކަން އިހުސާސް ވެސް ކުރެވުނީ އެ ދުވަސްވަރު." އެންމެ ޒުވާން ދުވަސްވަރު ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރެއްވި މޭގަން، 39، ވިދާޅުވި އެވެ.
އިންޓަވިއުގައި "ހަމްޕްރީ ޔޯގަޓް" ގެ ވާހަކަ މޭގަން ވިދާޅުވި ފަހުން އެތަނަށް މީގެ ކުރިން ނުވާ ވަރަށް ބާރު ބޮޑުވެ، ކަސްޓަމަރުން ކިއު ޖެހެމުން އަންނަ ކަމަށް އެ ފިހާރައިން ވެސް ބުންޏެވެ.
މޭގަން އާއި ހެރީ އޯޕްރާގެ އިންޓަވިއުގައި.
އެތަނުގެ އޮފިޝަލަކު ޓީއެމްޒީ އަށް ބުނެފައިވާ ގޮތުގައި މޭގަންގެ އިންޓަވިއު ގެނެސްދިން މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުގެ ފަހުން ވިޔަފާރި ތިން ގުނަ އިތުރުވެ، ކަސްޓަމަރުންގެ ސަމާލުކަން ފިހާރަ އަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ.
"ހަމްޕްރީ ޔޯގަޓް" ގެ ޕަބްލިސިސްޓް ވަލްޗާ އަށް ބުނިގޮތުގައި ފިހާރަ އަށް ގޮސް ފޮޓޯ ނަގާ މީހުންނާއި ފިހާރައިގެ ނަން އަރާ ގޮތަށް ފޮޓޯ ނަގާ ކަސްޓަމަރުން ވެސް މިހާރު އިތުރެވެ.
"އަދި ބައެއް ކަސްޓަމަރުން ގުޅާފައި މިހާރު އެބަ ރިކްއެސްޓްކުރޭ މޭގަން އަށް ޓްރިބިއުޓެއްގެ ގޮތުގައި ޑެޒަޓެއް ތައާރަފުކުރަން ވެސް،" އޭނާ ބުންޏެވެ. "އެގޮތުން ޕީނަޓް ބަޓަރާއި ދޮންކޭލާއި ޗޮކްލެޓް ޗިޕްސްގެ ކޮމްބޯއަކުން ޑެޒަޓެސް ގެނެސްދޭން ރިކްއެސްޓް އަންނަލެއް ބޮޑު. އެ ކޮމްބޯ އަކީ މި ވަގުތު އަހަރެމެންގެ މެނޫގައި ހިމެނޭ އެއްޗެއް ނޫން ވަކިވަކިން ރަހަތައް ލިބުނަސް."
"ހަމްޕްރީ ޔޮގާޓް" ގައި ބަޔަކު ކިއޫގައި.
އޭނާ ބުނި ގޮތުގައި "ގުޑް މޯނިން ބްރިޓްން" ޝޯގައި މޭގަން އަށް ފާޑުކިޔައިގެން ހޫނު ފެނަށް ވެއްޓުނު ހޯސްޓް ޕިއާޒް މޯގަންއާ ގުޅުވައިގެން ވެސް ބައެއް މީހުން ގުޅަ އެވެ.
"ބައެއް މީހުން ގުޅާފައި އެބައަހާ އަހަރެމެން ޕައި ވިއްކާތޯ؟ ބޭނުންވެއޭ އޭނާ އަށް ޕައިއެއް ފޮނުވާލަން." ޕަބްލިސިސްޓް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy