ދުނިޔޭގެ ކުޅިވަރު / ޕީއެސްޖީ

މެސީ ޑީލްގެ ވާހަކަ ދެއްކުން ޕީއެސްޖީ ކުޅުންތެރިންނަށް މަނާކޮށްފި

ޕީއެސްޖީގެ ޑި މާރިއާ (ކ) އާއި މެސީ.-- ފޮޓޯ: އޭއެފްޕީ

15 މާޗް 2021 - 20:13

1 comments

ޕެރިސް (މާޗް 15) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހޯދަން ޕީއެެސްޖީން ކުރާ މަސައްކަތް ފަސޭހަކުރުމުގެ ވިސްނުމުގައި އެ ޑީލާ ގުޅޭގޮތުން ޕީއެސްޖީގެ ކުޅުންތެރިން މީޑިއާގައި ވާހަަކަ ދެއްކުން އެ ކްލަބުން މަނާކޮށްފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި މެސީ ހުރިއިރު، އޭނާ ވަނީ މިދިޔަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބް ދޫކޮށްލަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ބާސެލޯނާ އިން އަގަކާނުލައި މެސީ ދޫކޮށްލަން ބޭނުންނުވާތީ އެންމެ ފަހުން އޭނާ އެ ޓީމުގައި މަޑުކުރީ އެވެ. ބާސެލޯނާގެ ރައީސް ކަމަށް ދާދި ފަހުން އިންތިހާބުވި ޖޮއާން ލަޕޯޓާ އާއި މެސީއާ ދެމެދު ގާތް ގުޅުމެއް އޮވެ އެވެ. އެކަމަކު އަދިވެސް މެސީ ބާސެލޯނާގައި މަޑުކުރުވަން ބާސެލޯނާ އިން ކުރާ މަސައްކަތުގައި އެކަށީގެންވާ އަލިމަގެއް ނުފެނެ އެވެ.

މިދިޔަ ހަފްތާގައި ޕީއެސްޖީން ވަނީ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓުވާލައިފަ އެވެ. އެ މެޗަށް ފަހު އާޖެންޓީނާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް އާއި އެ ޓީމަށް ކުޅޭ ވިންގް އެންހެލް ޑި މާރިއާ ވަނީ ޕީއެސްޖީން މެސީ އަށް ޝައުގުވެރިވާކަމަށާއި މި ސީޒަން ނިމުމުން އެ ޑީލް ކުރިއަށްދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

ފްރެންޗް ލީގުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު މެޗަށް ފަހު ޕަރޭޑޭސް ދިން އިންޓަވިއުއެއްގައި ބުނީ ޕީއެސްޖީން ވަނީ އޭނާ ގާތުގައި މެސީއާ ގުޅޭގޮތުން މީޑިއާ އިން ކުރާ ސުވާލުތަކަށް ޖަވާބު ނުދޭން އަންގާފައި ކަމަށެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގެ އިސް މެނޭޖްމަންޓުން ވަނީ މެސީގެ ޓްރާންސްފާއާ ގުޅޭ ވާހަކަތައް މީޑިއާގައި ނުދައްކަން އެ ކްލަބްގެ ކުޅުންތެރިންނަށް އަންގައިފަ އެވެ. މީގެ ކުރިން ޕީއެސްޖީގެ ޑިރެކްޓަރު ލިއޮނާޑޯ އާއި ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ އެ ޓީމަށް މެސީ ގެންދަން ޝައުގުވެރިވާ ކަމަށް މީޑިއާގައި ބުނެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު އީއެސްޕީއެން އާޖެންޓީނާ އިން ރިޕޯޓްކުރި ގޮތުގައި މެސީ އަންނަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ގުޅެން ލިއޮނާޑޯއާ މަޝްވަރާކުރަމުންނެވެ. އެކަމަކު އެ ވާހަކަތައް ރަނގަޅަށް ވައިގައި ނުހިފަނީސް މެސީގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް މެސީ ވަނީ އެއީ ދޮގު ހަބަރެއް ކަމަށް ބުނެފަ އެވެ.

މި ސީޒަނަށް ފަހު ޕީއެސްޖީގެ ފްރާންސް ތަރި ކީލިއަން އެމްބާޕޭ އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، ޕީއެސްޖީން މެސީ ގެނައުމުގެ މަސައްކަތް ވަރުގަދަކުރަނީ އެމްބާޕޭގެ ޑީލުން ލިބޭ ފައިސާ ހިމަނައިގެން ކަމަށް ފްރާންސް ފުޓްބޯލް އިން ރިޕޯޓްކުރެ އެވެ. އެމްބާޕޭ ހޯދުމުގެ ރޭހުގައި އޮތީ ލިވަޕޫލާއި ރެެއާލް މެޑްރިޑް އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 33 އަހަރު މެސީ މަޑުކުރުވަން ބާސެލޯނާ އިން ވަނީ ރަނގަޅު ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ. އެކަމަކު މެސީ 2017 ވަނަ އަހަރު ބާސެލޯނާއާ އެކު ސޮއިކުރި ކޮންޓްރެކްޓް ދާދި ފަހުން މީޑިއާގައި ލީކްވުމާ ގުޅިގެން އޭނާ ހުރީ ކްލަބްގެ ކުރީގެ މެނޭޖްމަންޓާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އާޖެންޓީނާގެ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި މެސީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ ސީޒަން ނިމުމުންނެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ މެސީ އެ ކްލަބްގައި އިތުރު މުއްދަތަކަށް މަޑުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފަ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓޮނީ ޓޮނީ ޗޮއްޕާ

21 March 2021

މެސީގެ ވާހަކަ ދެއްކުން މަނާކުރަންވީ މެސީގެ ބައެއް ސަޕޯޓަރުންނަށް.. ހާދަ ބޮލަށްް އުންދަގޫވެޔޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454