2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު ޒިދާން އާއި ރޮނާލްޑޯ.- ފޮޓޯ: އޭއެފްޕީ
16 މާޗް 2021 - 08:45
މެޑްރިޑް (މާޗް 16) - މީގެ ތިން އަހަރު ކުރިން ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން ރެއާލާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވީ 2018 ވަނަ އަހަރު ޖޫން މަހު 100 މިިލިއަން ޔޫރޯ އަށެވެ. އެއީ ރެއާލަށް ނުވަ އަހަރު ކުޅެދިނުމަށް ފަހު އެވެ. ރޮނާލްޑޯ ރެއާލްގައި ހޭދަކުރި ފަހު ސީޒަނުގައި އެ ޓީމަށް ކޯޗުކޮށްދިނީ ޒިދާން އެވެ. އެ ސީޒަނަށް ފަހު ޒިދާން އާއި ރޮނާލްޑޯ ރެއާލް ދޫކޮށްލިއިރު، ޒިދާން ވަނީ އެނބުރި ޓީމަށް އައިސްފަ އެވެ.
ފާއިތުވި ހަފްތާގައި ސްޕެއިނުގެ މީޑިއާގައި އެންމެ ގަދަޔަށް ދެކެވުނު ވާހަކަ އަކީ އުމުރުން 36 އަހަރުގެ ރޮނާލްޑޯ އަލުން ރެއާލަށް އަންނަން ބޭނުންވާ ކަމަށާއި ރެއާލުން ވެސް އޭނާ ގެންނަން މަސައްކަތްކުރާނެ ކަމަށެވެ. އެ ވާހަކަތަކުގައި ހަގީގަތެއް އޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޒިދާން ބުނީ ރޮނާލްޑޯ އަލުން ރެއާލަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ފުރުސަތު އެބައޮތް (ރޮނާލްޑޯ ރެއާލާ ގުޅުމުގެ). އަހަރެމެންނަށް އެނގޭ އޭނަ އަކީ ކޮންކަހަލަ ކުޅުންތެރިއެއްކަން. އޭނަ އަކީ ރެއާލަށް ކިހާ ހިދުމަތެއް ކޮށްދީފައިވާ ކުޅުންތެރިއެއްކަން. އެކަމަކު މި ވަގުތު އަހަރެމެން އެބަޖެހޭ އިހުތިރާމްކުރަން ރޮނާލްޑޯ އާއި އޭނާ ކުޅެމުން އަންނަ ކްލަބް ޔުވެންޓަސް އަށް،" ޒިދާން ބުންޏެވެ.
ރޮނާލްޑޯއާ އެކު އަލުން ރެއާލްގައި މަސައްކަތްކުރަން ބޭނުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޒިދާން ބުނީ މީގެ ކުރިން ވެސް ރޮނާލްޑޯއާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދުނު ކަމަށާއި މުސްތަގުބަލުގައި ވެސް އެ ފުރުސަތު ލިބިއްޖެނަމަ ފުރިހަމަ މަސައްކަތެއް ކުރަން ބޭނުންވާ ކަމަށެވެ.
ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. އެކަމަކު އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު ރޮނާލްޑޯ ދޫކޮށްލަން ޔުވެންޓަސް އިން ބޭނުންވެ އެވެ. އެކަމަކު އެއީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy