ފިނޭންސް މިނިސްޓަރު މުނައްވަރު މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ: ބަޖެޓާ ބެހޭ ވެބްސައިޓު އަންނަ އަހަރު އަޕްޑޭޓުކުރަމުން ގެންދާނެ ކަމަށް އޭނާ މިއަދު ވިދާޅުވި.-- ފޮޓޯ: މަޖިލިސް
13 ނޮވެމްބަރ 2016 - 14:05
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ މައުލޫމާތު ހިމެނޭ ފޮތަކާއި ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތާއި ވެބްސައިޓު އިފްތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. "ބަޖެޓު މަލަ"އިގެ ނަން ދީފައިވާ މި ފޮތާއި ވެބްސައިޓުގައި ދައުލަތަށް އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ އާއި ހަރަދު ކުރަން ކަނޑައަޅާފައިވާ ދާއިރާތައް އަދި ކަންކަމާ ބެހޭ މައުލޫމާތު ވަނީ ހިމަނައިފަ އެވެ.
Budget Funds Summary - Budget 2017
ބަޖެޓާ ބެހޭ ވެބްސައިޓު.
މި ރަސްމިއްޔާތުގައި މިނިސްޓަރު މުނައްވަރު ވިދާޅުވީ ދައުލަތުގެ އާމްދަނީ ހަރަދު ފަދަ ބަޖެޓާ ބެހޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ނުލިބި، އެކި އިދާރާތަކުން ލިބެން ހުރުމުން އެކަމުގެ ދަތިކަން ކުރިމަތިވާ ކަމަށެވެ. އެއީ އެ މިނިސްޓްރީގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ބަޖެޓުގެ ވެބްސައިޓު އަންނަ އަހަރު ގަވާއިދުން އަޕްޑޭޓުކޮށް، ދައުލަތުން ކުރާ ހަރަދާއި އެ ނޫން ވެސް ބަޖެޓާ ބެހޭ ތަފްސީލުތައް އާއްމުންނަށް ފޯރުކޮށްދެމުން އަންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. އަދި އޭނާ ވިދާޅުވީ ބަޖެޓާ ބެހޭ މައުލޫމާތު އާއްމުންނަށް ލިބުން އިތުރަށް ފަސޭހަ ކޮށްދިނުމަށް މޮބައިލް އެޕްލިކޭޝަނެއް ހަދައި މަރުކަޒީ ބޭންކާއި އެ ނޫން ވެސް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މީޑިއާ އަށް ހާއްސަ ފޯރަމްތަކެއް ވެސް ބާއްވާނެ ކަމަށެވެ.
"މިއީ ފެށުމެއް. އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިތުރަށް ފުރިހަމަވާނެ،" މުނައްވަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.
މިދިޔަ ހޯމަ ދުވަހު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި މަޖިލީހުގެ ތަޅުމުގައި މާދަމާ ބަޖެޓަށް ބަހުސް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިދީދީއައްޑޫސިޓީ
13 November 2016
ހދ. ކުޅުދުއްފުށީ އެއަރޕޯރޓާއި ށ. ފުނަދޫ އެއަރޕޯރޓުގެ ބަދަލުގައި އެ 300 މިލިއަން ރުފިޔާއިން އުތުރުގެ ޓާޜަރީ ހޮސްޕިޓަލް އިމާރާތްކުރުން، މާބޮޑަށްވެސް ރައްޔަތުންނަށް ފައިދާކުރާނެ. މިދުވަސްވަރު ކަނޑަށް ޖައްސާ މަތިންދާބޯޓު ފަހަރުގައި ނުދެވޭރަށެއް ނެތް. އެހެންކަމުން ކޮންމެހެން ކޮންމެރަށެއްގައި އެއަރ ސްޓްރިޕެއް ހެދުމަށްވުރެ، ފެންވަރު ރަނގަޅު ހަސްފަތާލެއްގެ މުހިންމުކަން މާބޮޑަށްވެސް ބޮޑު. މިއީ ހއ، ހދ، އަދި ށ، އަތޮޅުގެ މަޖިލިސް މެމްބަރުން ވެސް ވިސްނަވަންވީކަމެއް. ރައްޔަތުންވެސް ވިސްނަވާ ކަންކަން އިސްފަސްކޮށް ކުރުމަކީ ގޯހެއް. ނަރުދަމާ އާއި ފެންހޮޅި ނާޅައި މަގުގައި ތާރު އެޅުމަކީ، އެކަހަލަކަމެއް. އައްޑޫސިޓީއިން މިއަދު ފެންނާނެ ތާރުގަނޑު ކަނޑާ، ގާތައް ނަގައި، ހެދިމަގު ހަލާކުކޮށް ކޮނެ ހޮޅިވަޅުލާތަން. ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ވެދުން.