އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ ކަަމަށް ލަފާކޮށްފި

ރާއްޖޭގެ އިގްތިސާދު އަންނަ އަހަރު ކުރިއަރާނީ 4.4 ޕަސެންޓުގައި ކަމަށް ސަރުކާރުން މިއަދު ލަފާކޮށްފި އެވެ.


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި މި އަހަރު ނިމޭއިރު، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 3.9 ޕަސެންޓުގަ އެވެ. އޭގެ ބޮޑު ބައެއް ހިއްސާކުރަނީ އިމާރާތްކުރުމުގެ ދާއިރާ އަށް އަންނަމުން ދާ ކުރިއެރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގި ބައެއް ކަންކަމުގެ އަސަރު ރާއްޖެ އަށް ކޮށްފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ޗައިނާގެ އިގްތިސާދަށް އައި ބަދަލުތަކުގެ ސަބަބުން، ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުންގެ އަދަދު މަދުވުމާއި އިނގިރޭސި ވިލާތް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުން ފަދަ ކަންކަން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"މީގެ އިތުރަށް، ދިވެހި ރާއްޖެ އަށް ފަތުރުވެރިން އަޔަނުދިނުމަށްޓަކައި ދިވެހިންގެ މަދު ބަޔަކާއި ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެ ބަދުނާމުކޮށް، ފަތުރުވެރިކަމާ ދެކޮޅަށް ހިންގަމުންދާ ހަތުރުވެރި ހަރަކާތްތައް ހުރިކަން ހިތާމައާއެކު ފާހަގަކުރަން،" އިދިކޮޅު ފަރާތްތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު މިއަދު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ.-- ފޮޓޯ: މަޖިލިސް

އެކަމަކު، އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވެ، 4.7 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު:

- މި އަހަރު ކުރިއަރަނީ 3.9 ޕަސެންޓުގައި

- އަންނަ އަހަރު ކުރިއަރާނީ 4.4 ޕަސެންޓުގައި

- މި އަހަރު އިންފްލޭޝަން 0.4 ޕަސެންޓުގައި

- އަންނަ އަހަރު އިންފްލޭޝަން ހުންނާނީ 2.4 ޕަސެންޓުގައި

- ރަސްމީ ރިޒާވްގައި މި އަހަރު 536 މިލިއަން ޑޮލަރު (8.2 ބިލިއަން ރުފިޔާ)

- ރަސްމީ ރިޒާވް އަންނަ އަހަރު 605 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) އަށް އަރާނެ

މުނައްވަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ވެސް ވަނީ މި އަހަރު ދަށަށް ގޮސް، 0.4 ޕަސެންޓަށް ތިރިވެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު ދަށަށް ދިއުން ކަމަށް ވާއިރު، އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރެވެނީ 2.4 ޕަސެންޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުުރުން، މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުންނާނެ ކަމަށް ބެލެވެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، 536 މިލިއަން ޑޮލަރު (8.2 ބިލިއަން ރުފިޔާ) އެވެ. މި އަދަދު އަންނަ އަހަރު 605 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓު މިއަދު ހުށަހެޅިއިރު، ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.