ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހުގެ ކޮމިޓީގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
13 ނޮވެމްބަރ 2016 - 14:09
މުއައްސަސާތަކުގެ ބަޖެޓު ކުޑަވުމުން ދަތިތަކެއް ކުރިމަތި ވިޔަސް، އަހަރުން އަހަރަށް ބަޖެޓު ބޮޑުކުރުމުގެ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ފޮތާއި ވެބްސައިޓު އިފްތިހާތު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި ކުޑަ ބަޖެޓަކުން މަސައްކަތް ކުރަން ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ދަތިތަކެއް ކުރިމަތި ވެދާނެ އެވެ. އެކަމަކު، ބަޖެޓު ހެދުމުގައި ގެންގުޅޭ ވިސްނުން ބަދަލުކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި އަހަރު މިސާލަކަށް ބަޖެޓަކީ 100 ރުފިޔާ ކަމަށްވާ ނަމަ، އަންނަ އަހަރު ވާކަށް ނުޖެހޭ 102 ރުފިޔާ އަށް ނުވަތަ 120 ރުފިޔާ އަށް،" ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ކޮންމެ މުއައްސަސާއެއްގެ ބަޖެޓުގައި ވެސް ހުންނަން ޖެހޭނީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ކޮށްދޭނެ ކަންކަމާއި އޭގެން ނުކުންނާނެ ނަތީޖާތަކެވެ.
އަންނަ އަހަރަށް ލަފާކުރާ 26.8 މިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ހާއްސަކޮށްފައި ވަނީ، މި އަހަރަށް ވުރެ 11 ޕަސެންޓް ކުޑަކޮށް، 13.6 ބިލިއަން ރުފިޔާ (ބަޖެޓުގެ 49.3 ޕަސެންޓް) އެވެ. އޭގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އެލަވެންސަށް ކުރާ ހަރަދު އަންނަ އަހަރު ވެސް ހުންނާނީ 6.9 ބިލިއަން ރުފިޔާގައި ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެކަމަކު، ސަބްސިޑީ އާއި އެ ނޫން ވެސް އިޖުތިމާއީ ރައްކާތެރިކަމަށް ކުރާ ހޭދަ 3.5 ބިލިއަން ރުފިޔާ އިން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ އަށް ދަށްވާނެ އެވެ.
ރިކަރެންޓް ހަރަދު ކުޑަކޮށް ބަޖެޓު ހުށަހެޅިއިރު، ބައެއް އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓު ވަނީ ކުޑަކޮށްފަ އެވެ. އެކަމާ މެދު ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ ގިނަ މެމްބަރުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ހާއްސަކޮށް، އިދިކޮޅު މެމްބަރުން އެ ކަންބޮޑުވުންތައް ނެންގެވިއިރު، ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވެސް އެކަމާ މެދު ފިނޭންސް މިިނިސްޓަރު އަހުމަދު މުނައްވަރާ މިިދިޔަ ބުރާސްފަތި ދުވަހު ސުވާލުތައް ކުރިމަތި ކުރި އެވެ.
އެކަމަކު، ބައެއް އޮފީސްތަކުގެ ބަޖެޓު އަންނަ އަހަރު ކުޑަކުރުމަށް ހުށަހަޅާފައި ވިޔަސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ނުކުރާނެ ކަމަށާއި އާސަންދަ އިން ލިބޭ ހިދުމަތްތަކަށް ވެސް ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ އެ ދުވަހު ދެއްވައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި މަޖިލީހުގެ ތަޅުމުގައި މާދަމާ ބަޖެޓަށް ބަހުސް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
14 November 2016
ރެޑްވޭވްސަލީމް މިއަދު 14 ނޮވެމްބަރުގަ ދެއްކެވީ ވަރަށް ރަނގަޅުވާހަކަތަކެއް. ތެދުހަޤީޤީ ވާހަކަތަކެއް. މިޤައުމުގެ މިއަދުގެ ހާލަތު ކިތައްމެ ރަނގަޅަށްވެސް ހާމަކޮށްދެއްވި. ޝުކުރިއްޔާ ސަލީމް!
ތައުލީމު ކުރިއެރުން
14 November 2016
ބަޖެޓްގެ މައްސަލައަކީ އަބަދުވެސް އުމްރާނީ ތަރައްގީ، ޕީއެސްއައިޕީގެ ދަށުންވެސް މީހުން ބިނާކުރަން ކަމެއް ކުރިއްޔާ ކިހިނެއްވާނީ؟؟؟؟ ވެރިކަން ކުރާ ޕާޓީ މިކަމަށް ވިސްނާބާ،؟ޤައުމީ ޔުނިވާސިޓީ ކުރިއަރުވަންކޮންކަމެއް ކުރެވެނީ، ސިންގަޕޫރަކަށް ހަދަން އުޅޭއިރު، ސިންގަޕޫރުން އެންމެ ބޮޑު އިސްކަމެއް ދިނީ މީހުން ބިނާކުރަން،
އަލްޖިބްރާ
13 November 2016
ބަޖެޓް ކުޑަކުރީމަ މިސަަރުކާރު ނުހިންގޭނެ ! ތިޔަވަނީ ގޯސް ! ތިގޮތައް ވާހަކަ ދައްކަންޏާ ވަޒީފާ ގެއްލިދާނެ ! އަވަހަށް ބަދަލުކުރޭ !
ލލ
13 November 2016
ރާއްޖެއިން ބޭރު މީހުނަށް ބިން ވިއްކާ މިލްކު ކޮށްދީގެން ނޫނީ ދައުލަތް ހިންގެންނެތް ނަމަ އެވެރިޔަކު ޖެހޭނީ އިސްތިއުފާދީފަ ގޭގަ މަޑުކުރަން. ދިވެހިން ބޭނުމެއްނުވޭ ރާއްޖޭގެ ބިން ވިއްކައިގެން ފައިސާ ހޯދައިގެން ދައުލަށް ހިންގާދޭނެ ވެރިޔަކު. އެމީން ބޭނުންވަނީ ބިންކުއްޔަ ދީގެން ފައިސާ ހޯދައިގެން ދައުލަތް ހިންގާނަދޭނެ ވެރިޔަކު!
ކާންޓް ބީ ލިޓްލް ސިންގަޕޯރ
13 November 2016
ސިންގަޕޫރުގަވެސް ބަޖެޓް އަހަރުން އަހަރަށް ވަނީ ބޮޑު. މަޖުލިސް މެންބަރުންނަށް ވުރެ، ޓީޗަރުން، ޑޮކަޓަރުން އަދި ނަރުހުންގެ މުސާރަ މާ ބޮޑު އަސްލު ސިންގަޕޫރުގައި.
ހަސަންފުޅު
13 November 2016
ބަޖެޓު ހަރަދު ބޮޑުވެގެން އުޅެނީ ދައުލަތުން ނަގާފައި ހުރި އެކިވައްތަރުގެ ލޯނުތަކަށް ކޮންމެ އަހަރަކު ދައްކަން ޖެހޭ އިންޓަރަސްޓާއިއެކު ލޯނު އަބުރާ ދައްކަންޖެހޭ ފައިސާ އަހަރުން އަހަރަށް ބޮޑުވަމުންދާތީ... ދައުލަތުގެ ދަރަނި ކުޑަކުރުން އެނެމް ރަގަޅީ ، ފޮނިދައްކަން ބޭކާރު ޕްރޮޖެކްޓުތަކެއްވެސް އެބަހިންގާ ބޮޑެތި ލޯނުނަގައިގެން... އެއްފަހަރާ އެތައްކަމެއް އެބަހިންގާ އަމްދަނީ ނުލިބޭއިރު...
މެންޓަލިސްޓް
13 November 2016
ފައިނޭންސް މިނިސްޓަރއަށް ވަރަށް ސަލާމް ، މުސްކުޅިންބުނެއުޅޭ ކަނަކު އަތްދަށުވިޔަސް ފެތުނުއޮޑީގެ ރިޔާދަށުނުވައްޗޭ ... ދެންކޮން ފަޅުވެރިއެއްތޯ ގަސްދުގައި އޮޑީފަރަށް އަރުވާލާފައި ބަޑުފިލަޔާއި ފަށަންދުއްވާލާފަ ހުރި ކައްޕިއަކާއިއެކު ދަތުރު ކުރަންއަރާނީ ؟ މިބުނެލެވުނީ ވަރަށް ބައިވަރު ވާހަކަ ،، ގެޓްވާނެ ކަމަށް ހީއްކުރަން ، ވަރަށް ވެދުން ،
ޓުގެދަރ
13 November 2016
މަމެންގެ ޕިންކީންގެ ސަރުކާރުން ކޮންމެހެން ނޫޅެން ސަރުކާރަށް މުވައްޒަފުން ވެސް ގިނަ ކުރަން. މަމެން ބޭނުންވަނީ ޓީޗަރުންނާއި ނަރުހުންނާއި އަދި ޑޮކްޓަރުންނާއި އިންޖިނިއަރުން ފަދަ މީސް މީހުން ގިނަ ކުރަން. ދެން ޕޮލިހުންނާއި ސިފައިން ގިނަ ކުރަން. އެއިރުން މިގައުމު ހިނގާނީ ރަނގަޅަށެވެ. އެއިރުން މަމެންނަށް ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ކާމިޔާބު ވާނީ. ވީ ވިލް ބީ ޓުގެދަރ އޯލްވޭޒް..
އަލިދީދީއައްޑޫސިޓީ
13 November 2016
ދިވެހިރާއްޖޭގައި ކޮންމެހެން ސިފައިން ފުލުހުން ތަމްރީނުކުރާ އެތައް ސެންޓަރެއް ރާއްޖޭގެ 2 ނުވަތަ 3 ސަރަހައްދެއްގައި ގާއިމުކުރުމުގެ ބަދަލުގައި، ފެންވަރު ރަނގަޅު 1 މަރުކަޒު ގާއިމުކޮށް އެތަނުން ފުލުހުން ވެސް އަދި ސިފައިންވެސް (ދެބައި މީހުނަށް ބަހައިގެން) ތަމްރީނު ނުކުރެވެންވީ ސަބަބެއް ނެތް. އޭގެފައިދާ ހަމަ ޔަޤީނުންވެސް ދައުލަތުގެ ބަޖެޓަށް ކުރާނެ. މިހާރު މިވާގޮތަކީ، ސިފައިން އަދި ފުލުހުން އެއްބަޔަކު އަނެއް ބަޔަކާ ވާދަވެރިމެޗެއް ކުޅޭހެން ހީވަނީ. ދެވޭ ބަޖެޓާ އެއްވަރަށް މުއައްސަސާތަކުން ރައްޔަތުންނަށް ޚިދުމަތް ނުދެވެންޏާ އެކަމާ ސުވާލުކޮށް ޒިންމާދާރު ކުރުވުމަކީ، ރައްޔަތުންގެ މަންދޫބުންގެ މަސްއޫލިއްޔަތެއް.
އަލީ
13 November 2016
ރައީސަށް ދަންނަވާ ބޭކާރު ޚަރަދު ނުކުރައްވާށޭ!