ވިޔަފާރި

މިއީ ސަމާސާ އަކަށް ވުރެ ބޮޑު ވާހަކައެއް!

ޑަޗް ޑޮކްލޭންޑްސް އަކީ ފްލޯޓިން ޓެކްނޮލޮޖީގައި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއް ކުންފުނި. ރާއްޖޭގައި ފްލޯޓިން ގެތަކެއް އަޅަން 2010 ގައި ވެސް ޑަޗް ޑޮކްލޭންޑްސް އިން މަސައްކަތްކުރި. ނަމަވެސް އޭރު އުޅުނީ ލަގްޒަރީ ވިލާތަކެއް އަޅަން. މިހާރުގެ ވިސްނުމަކީ 5،000 ގެ ވެސް އެޅުން.

ފްލޯޓިން ސިޓީގެ ކުރެހުމެއް: ތަރައްގީކުރަން ފަށާ ސިޓީ އޮންނާނީ މިކަހަލަ ގޮތަކަށް ކަމަށް އެތަން ހަދާ ފަރާތުން ބުނޭ

ފޮޓޯތަކަށް ބަލައިލުމަށް ފަހު ކޮންމެ މީހަކު ވެސް ކަނޑާލާނީ ޗޮކެކެވެ؛ ބުނާނެ އެވެ؛ ޒާތްޒާތުގެ އެކަހަލަ ހުވަފެންތައް ދައްކާނެ އެވެ؛ ތިކަހަލަ ކިތަންމެ ރީތި ކުރެހުމެއް އަހަރެމެން ދެކެފީމެކެވެ. އެކަމަކު ހަގީގަތަކަށް ވި ހެއްޔެވެ؟

މިއީ ހަމަ އެކަހަލަ ވާހަކައެކެވެ؛ މި ހަފުތާގެ ތެރޭގައި ރާއްޖޭގައި ލޯންްޗުކުރި "މޯލްޑިވްސް ފްލޯޓިން ސިޓީ" މަޝްރޫއާ މެދު ވެސް ހަމަ މިކަހަލަ ކޮމެންޓްތައް ގިނަ އެވެ. އެކަމަކު ސަރުކާރާއި ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑްސް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާގެ، އެއް ބިލިއަން ޑޮލަރުގެ މަޝްރޫއާ ދޭތެރޭ އެ ކުންފުންޏާއި ސަރުކާރުގެ ވެސް އޮތީ ޔަގީންކަމެވެ؛ ހުވަފެން ހަގީގަތަށް ވާނެ ކަމެވެ.

"އެ ފޮޓޯތަކުން ފެންނަން އެހުރީ މަޝްރޫއު ނިމޭއިރު ހަމަ އެތަން އޮންނާނެ ގޮތް،" ކުލަތަކުން ޒީނަތްތެރިކޮށްފައިވާ ގެތައް ހިމެނޭ ޗާލު ފޮޓޯތަކަށް އިޝާރާތްކުރައްވައި، މި މަޝްރޫއުގެ ކޮންސަލްޓަންޓް އިބްރާހިމް ރިޔާޒް ވިދާޅުވި އެވެ.

މަޝްރޫއާ މެދު ޝައްކު އުފައްދާ މީހުންްނަށް އޭނާ ބޭނުންކުރެއްވި ތިން ބަހުން ޖަވާބަކަށް ވެދާނެ އެވެ؛ ބޭނުންވާ ފައިސާ އެބަ ހުއްޓެވެ. ޓެކްނޮލޮޖީ އެބަ އޮތެވެ. އަދި ދުނިޔޭގައި އެކަން ކުރަމުން އަންނަތާ މިހާރު 50 އަހަރު ވެއްޖެ އެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް މިކަން ކީއްވެގެންތޯ ނުވާންވީ؟ މިހާރު ވެސް މި ޓެކްނޮލޮޖީ އެބަ ބޭނުންކުރޭ. ފްލޯޓިން ގެތައް އެބަހުރި. މީހުން އެބަ ދިރިއުޅޭ،" ރިޔާޒް ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގައި މި ހަދަނީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިޓީއެކެވެ. އެހެންވެ، މިއީ ދުނިޔޭގެ އެންމެ ފުރަތަމަ ފްލޯޓިން ސިޓީ އަށް ވާނެ އެވެ.

ހުއްޓިފައި އޮތް މަޝްރޫއެއް، 12 އަހަރު ކަމެއް ނެތި

މި މަޝްރޫއުގެ ވާހަކަ ފުރަތަމަ އިއުލާންކުރީ 2010 ގައި އޭރުގެ ރައީސް މުހަންމަދު ނަޝީދާ ހިސާބުންނެވެ. އޭރުގެ ބައެއް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ފްްލޯޓިން ކޮންސެޕްޓްގައި ރާއްޖޭގައި ބައެއް ތަންތަން ހަދަން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި ރައީސް ކަމަށް ވަޑައިގެން، ނެދަލެންޑްސް އަށް ކުރެއްވި ދަތުރުފުޅެއްގައި މިކަހަލަ މަޝްރޫއެއް ފެނިވަޑައިގެން، އެކަން އޭރު ކުރަމުން ދިޔަ ޑަޗް ޑޮކްލޭންޑްސްއާ ވާހަކަ ދެއްކެވި އެވެ. މިއީ ފްލޯޓިން ކޮންސެޕްޓްގައި ތަންތަން ހެދުމުގައި ދުނިޔޭގެ ވެސް މަޝްހޫރު އެއް ކުންފުންޏެވެ. ފަހުން ޑަޗް ޑޮކްލޭންޑްސް މޯލްޑިވްސްގެ ނަމުގައި ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާވާ ކުންްފުންޏެއް އުފައްދައި، އެ ކުންފުނިން އެ މަޝްރޫއު އޭރު އިއުލާން ވެސް ކުރި އެވެ.

ނެދަލެންޑްސްގައި އަޅާފައިވާ ފްލޯޓިން ގެތަކެއް: މިއީ ދުނިޔޭގައި ބޭނުންކުރާ ޓެކްނޮލޮޖީއެއް

"ރައީސް ނަޝީދުގެ ވެރިކަމުގައި މި މަޝްރޫއު ފެށުމަށް ޓަކައި ވަރަށް ގިނަ ތައްޔާރީތަކެއްވިން. މާލޭގައި އޮފީހެއް ހަދައި މުވައްޒަފުން ވެސް ލައި ވަރަށް ގިނަ ހަރަދުތަކެއް ވެސް ކުރިން. އެކަމަކު ނަޝީދުގެ ވެރިކަން ވެއްޓުނީ އެކަމަށް ބޭނުންވާ ސާމާނު މިކޮޅަށް ޝިޕްކުރުމުގެ ތެރޭގައި،" ރިޔާޒް ވިދާޅުވި އެވެ.

"އޭގެ ފަހުން ދެން އައި ސަރުކާރުން މިކަން ކުރަން ބޭނުމެއް ނުވި. އެކަމަކު މިކަމަށް ހެދި އޮފީސް އޭރުން ފެށިގެން ކުލި ދައްކާލަ ދައްކާލަ ހުރި. މިއަދާ ހަމައަށް ވެސް އައިއިރު ދެ މުވައްޒަފުން ތިބޭ."

ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަޝްރޫއު ހިންގަން އުޅުނީ މިހާރު އޮތް ކޮންސެޕްޓަކަށް ނޫނެވެ. އޭރު އުޅުނީ މާލޭގެ އުތުރުން އާ ރަށާ ކައިރީގައި އޮތް ފަޅެއްގައި ލަގްޒަރީ ވިލާތަކެއް އަޅައިގެން ބޮޑު އަގުގައި އެތަންތަން ވިއްކުމުގެ ޕްލޭނެއްގަ އެވެ. އެކަމަކު މިހާރު އެ ކޮންސެޕްޓްގެ އިތުރުން، މި ސަރުކާރުގެ ސިޔާސަތާ ވެސް އެއްގޮތަށް 5،000 ޔުނިޓްގެ ހައުސިން މަޝްރޫއެއް ވެސް ވަނީ ހިމަނައިފަ އެވެ.

ފްލޯޓިން ސިޓީ އޮންނާނެ ގޮތް

ހުޅުމާލެ ފްލެޓްތަކަށް ވުރެ އަގުހެޔޮވާނެ

މިހާރު ވެސް އެ މަޝްރޫއު ހިންގަން އުޅެނީ ހަމަ އެ ފަޅުގަ އެވެ. މާލެއިން ލޯންޗެއްގައި ދިހަވަރަކަށް މިނެޓް ދެވޭ ހިސާބުގައި އޮތް އެ ފަޅުގައި ތަރައްގީކުރާ ފްލޯޓިން އައިލެންޑާ އެކު ޑޮކްޔާޑާއި 35 ލަގްޒަރީ ވިލާގެ އިތުރުން 5،000 ހައުސިން ޔުނިޓް ހިމެނެ އެވެ. ރިޔާޒް ވިދާޅުވި ގޮތުގައި، ލަގްޒަރީ ވިލާތަކާއި އެހެން މަސައްކަތްތަކަށް ވުރެ ކުންފުނީގެ މިސްރާބު މިހާރު ހުރީ ހައުސިން މަޝްރޫއަކަށެވެ. އޭގެ އެއް ސަބަބަކީ އެކަށީގެންވާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުން ވެސް ބޭނުންވާ ގޮތް ކަމަށް ވުމެވެ.

"ބިން ހިއްކުމަށް ވުރެ މި ޓެކްނޮލޮޖީ އަގުހެޔޮ. އެހެންވީމަ އަޅާ ގެތަކުގެ އަގު ވެސް ހުޅުމާލޭގައި އަޅުގަނޑުމެން ހަތަރު ފަސް މިލިއަން ރުފިޔާ އަށް މި ގަންނަ ފްލެޓްތަކަށް ވުރެ މާ ހެޔޮވެފައި މާ ރީތިވެފައި ހިތްގައިމު ވާނެ،" އޭނާ ވިދާޅުވި އެވެ.

ފްލޯޓިން ސިޓީގެ ކުރެހުމެއްގައި މަގުތައް އޮންނަ ގޮތް

ރިޔާޒް އަންދާޒާ ކުރައްވަނީ 900-1500 އަކަފޫޓުގައި ދެ ބުރި އަށް ހަދާ ތިން ކޮޓަރީގެ އެޕާޓްމެންޓެއް 2-4 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކިދާނެ ކަމަށެވެ.

ފްލޯޓިން ސިޓީ އޮންނާނީ، ރިޔާޒް ވިދާޅުވި ގޮތުގައި، މީގެ ފަންސާހަކަށް އަހަރު ކުރިންް މާލެ އޮތް ކަހަލަ ގުދުރަތީ ރީތިކަމެއްގެ ތެރޭގަ އެވެ.

"އަޅުގަނޑުމެން މި ތަރައްގީކުރަނީ ރަށްރަށުގެ ދިރިއުޅުން. ގަސްގަހަށް އަރައިފޭބޭނެ ގޮތްތައް ހުންނާނެ ގޯތިތެރޭގައި. ބޭނުންވެއްޖިއްޔާ ބޭނުން އިރަކު މޫދަށް ފައިބަންވީ. ޖޯލިފަތި ބަހައްޓަންވީ. ސާފު ވައި ލިބޭނެ. އެވަރަށް ގޯތިތެރޭގައި ޖާގަ އޮންނާނެ. ބުޅާ ވެސް ގެންގުޅެންވީ. ކުކުޅު ވެސް ގެންގުޅެންވީ،" އޭނާ ވިދާޅުވި އެވެ.

އަދި، މުޅި އިމާރާތުގެ ސްޓްރަކްޗާ ހެދުމަށް ފަހު، ގޭގެ އިންޓީރިއާ އަށް ވެރިފަރާތުން ގެންނަން ބޭނުންވާ ބަދަލެއް ގެނައުމުގެ އިޚުތިޔާރު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލޯޓިން ސިޓީގެ ކުރެހުމެއް

"ވެރިފަރާތުން އެތަން ގަތުމަށް ފަހު ބޭނުން ގޮތަކަށް އިންޓީރިއާ ބަދަލުކޮށްލަންވީ،" ރިޔާޒް ވިދާޅުވި އެވެ.

"މިއީ ހަމަ އެހެން ހައުސިން ސްކީމްތަކެކޭ އެއްގޮތަށް ބޭންކް މެދުވެރިކޮށް ފައިސާ ހަމަޖައްސައިގެން ދިގު މުއްދަތުގައި ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ހަމަޖެހޭނެ ހައުސިން ސްކީމެއް."

މި ކޮންސެޕްޓްގެ ދަށުން ރާއްޖެ އަށް އިތުރުވާނީ މުޅިން އާ ރަށެކެވެ. އެ ރަށަށް ވަކިން އާ ނަމެއް ދީ، ކުރިމަގުގައި ރަށް ސިޔާސީ ގޮތުން ވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް ތަމްސީލު ކުރާނެ ބަޔަކު އުފެދޭނެ އެވެ. ރިޔާޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ދައުރަކީ އެއީ އެވެ.

ކޮން ކަހަލަ ޓެކްނޮލޮޖީއެއް؟

ފްލޯޓިން ޓެކްނޮލޮޖީގެ އެންމެ ކުރީގައި އޮތީ ވެސް ޑަޗް ޑޮކްލޭންޑްސްވެ. އެހެންވެ، އެ ކުންފުނިން ރާއްޖޭގައި މި ކުރަނީ އާ ތަޖުރިބާއެއް ނޫނެވެ.

"ނެދަލެންޑްސްގައި މިހާރު މި ޓެކްނޮލޮޖީގެ ބޭނުންްކުރާތާ ފަސް ޑިކޭޑް [50 އަހަރު] މި ވަނީ. އެހެންވީމަ މިވަރުގެ މަޝްރޫއެއް ހިންގުމަކީ މިއީ ނުވާނެ ކަމެއް ނޫން. އަދި ހައިރާންވާންވީ ކަމެއް ވެސް ނޫން،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއުގައި 200 ހެކްޓަރުގެ ފަޅުގައި އަތުރާލާނީ ބްްލޮކްތަކެކެވެ. އެ ބްްލޮކްތައް އެއް ބްލޮކް އަނެއް ބްލޮކާ ގުޅި ލާމެހުމާ އެކު ވަރުގަދަވެ އެވެ. މުޅި ރަށް ހިފަހައްޓައިދެނީ މި ބްްލޮކްތަކުންނެވެ.

ފްލޯޓިން ސިޓީގެ ކުރެހުމެއް

"މި ބްްލޮކްތަކުގެ މަތީގައި ގެތައް ހުންނާނީ. ކަނޑު ކިތަންމެ ގަދަވިޔަސް މި ބްްލޮކްތަކުގެ ޒަރީއާ އިން [ދިރިއުޅޭ މީހުންނަށް] އެއްވެސް އަސަރެއް ނުކުރާނެ. ލެގޫންގެ ވަށައިގެން ބެދިފައި އޮތުމުން ހަގީގަތުގައި އެތެރެ ގަދައެއް ވެސް ނުވާނެ. އެހެންވީމަ، ގުޑުން ކަހަލަ ކަމެއް ދިމައެއް ނުވާނެ. އެކަމަކު އެތާނގައި ހުންނަ މީހާ އަށް އިހުސާސް ނުވިޔަސް ލޮނުގަނޑުގެ ލެވެލްއާ އެއްވަރަށް [ބްލޮކްތައް] މައްޗަށް ގޮސް ތިރިއަށް ގޮސް ހަދާނެ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ރާވައިފައި އޮތީ އެ ސިޓީ ހަދަން ބޭނުންވާ ހުރިހާ ސާމާނެއް ރާއްޖޭގައި އުފައްދާ ގޮތަށެވެ. އަދި އެކަމަށް ބޭނުންވާ ފެކްޓަރީތައް ރާއްޖޭގައި އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޝްރޫއުގައި އަޅުގަނޑުމެންނަށް ކުރިމަތިވާނެ ހަމައެކަނި ޗެލެންޖަކީ ލޮޖިސްޓިކް ކަންކަން. އަޅުގަނޑުމެން މި ބަލަނީ މުޅި މަޝްރޫއަށް ރާއްޖެ އިން 4،000 މީހުން ބޭނުންވާނެ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.

މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން، މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށައި، ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ގެތަކަށް މީހުންނަށް ވަދެވޭ ވަރު ކުރުމެވެ.

ސަރުކާރުގެ ވިސްނުން ހުރީ ޕޮޒިޓިވްކޮށް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބުދަދުވަހު ވިދާޅުވި ގޮތުގައި ފްލޯޓިން ސިޓީ މަޝްރޫއު ހަގީގަތަކަށް ވާން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

"އެ ބޭފުޅުން [ޑަޗް ޑޮކްލޭންޑްސް] އެ ވިދާޅުވަނީ ބޭނުންވާ ވަރަށް ފައިސާ އެބަ ހުއްޓޭ. ޓެކްނޮލޮޖީ އެބަ ހުއްޓޭ. އަނެއްކޮޅުން މިއީ ތަޖުރިބާ ކޮށްފައި އޮތް ކަމެއް ވީމަ އަޅުގަނޑު މިކަމާ ދޭތެރޭ ދެކެނީ ވަރަށް ޕޮޒިޓިވްކޮށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއާ އެކު ރާއްޖެ އަށް މި އަންނަނީ އަނެއްކާވެސް އިންގިލާބީ ބަދަލެކެވެ. ފްލޯޓިން ސިޓީގެ ގޮތުގައި ދުނިޔޭގެ ޗާޓްގައި ރާއްޖެ ކުރަހާލަދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފްލޯޓިން ސިޓީ އިފްތިތާހު ކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތު -- ފައިލް ފޮޓޯ: މިހާރު

"އަބަދުވެސް ތަސައްވުރެއް އޮންނަން ވާނެ. އުންމީދެއް އޮންނަން ވާނެ. ނުކުރެވޭނެ ކަމަށް ގަބޫލުކުރާ ކިތަންމެ ކަމެއް އެބަހުރި ކޮށްފައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ވެސް ހުރީ ހަމަ އެ ވިސްނުމެވެ. އޭނާ ވިދާޅުވީ މި މަޝްރޫއު ކާމިޔަބު ވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެ ކުންފުނިން ދޭ އިރު، އެކަން ނުވާނެ ކަމަށް އަދި ހީކޮށްގެން ނުވާނެ ކަމަށެވެ.

"އެހެންވީމަ މި މަޝްރޫއާ އެކު އަޅުގަނޑުމެންގެ ގެދޮރުގެ މައްސަލަތަކަށް ވެސް މިއަންނަނީ ވަރަށް ބޮޑު ފަސޭހައެއް،" ފައްޔާޒް ވިދާޅުވި އެވެ.

މިއީ ސަރުކާރުން އެއްވެސް ހޭދައެއް ކުރަން ޖެހޭ، އަދި ލޯނެއް ނަގަން ވެސް ނުޖެހޭ، އޭގެ އިތުރުން ލޯނަކަށް ގެރެންޓީ ވެސް ދޭން ޖެހޭ މަޝްރޫއެއް ނޫނެވެ. އެހެންވެ، މަޝްރޫއަށް ކޮންމެ ގޮތެއް ވިޔަސް ސަރުކާރަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އެކަމަކު ޝައްކު ނުކުރައްވާ... މިކަން ވާނެ،" އޭނާ ވިދާޅުވި އެވެ.

103 ކޮމެންޓް, 89 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 0%
icon angry icon angry 55%
icon wow icon wow 3%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަބީބު

19 March 2021

ޙދ އަތޮޅުފަތުރު ވެރިކަން އޮބިއަޅުވާފަ އެއަތޮޅުގަ ހުރިފަޅުރައްތައް އެލިޔާ އަބްދުއްލޯ ލައިލާގެ ބައްޕަ އަންނި ބަފައިބެޔައް 50 އަހަރައް ވަރުވާ އިތުރުކޮއް ހދ ނިކަމެތިކޮއް އިންޑިޔާ މަސްބޯތުތައް ފޮނުވައިގެން މަސްކަނދުތައް ކަހާލަފަ މިކިޔަނީ އިންޑިޔާ ސިފައިން ތިބެގެނޭ މަސްކަނޑުން ވައްކަން ކުރުން ހުއްޓޭނީ ދެންމިދައްކަނީ ޒަމަނީ ޓެކްނޮލްޖީ ކުޅުދުއްފުށީ ވެލިގަނޑުގަ އެހެރީ ކޮތަރުކޮށިތަކެއް އަޅާފަ ކޮބާ ލަދެއްމިސަރުކަރު

The name is already taken The name is available. Register?

ހިލަބެ‫

19 March 2021

ދެންކީއްވެތޯ ކޮށްމެވެސް ކެމްޕެއިންއަކާ ތިޔަކަންކަމާ ދިމާމިވަނީ ހަމައިއްތިފާގަކީތޯ މިހާރު ގުނބޯހައްދަންއެހާ ފަސޭހައެއްނުވާނެ

The name is already taken The name is available. Register?

ސަރީފު

21 March 2021

މިހާރުވެސް އޭރު ވެސް ގުނބޯހައްދަނަ ހަމަ ފަސޭހަ..މީގެ ހަގީގަތް ތިބޭފުޅާއަށް ފެނިވަޑައި ގަން ނަވާނެ އިންތިހާބު ނަތީޖާއިން.

The name is already taken The name is available. Register?

ނުޒުހާ

18 March 2021

ކާށިދޫ ކަނޑު އައްސޭރީގައި ވިންޑް ޓާބައިން ޖަހައިގެން ކަރަންޓް އުފައްދާ ސަބަމެރިން ކޭބަލުން މާލެ ސަރަހައްދާއި ގުޅާލާ މުޅި ސަރަހައްދު އަލިކޮށްލި އެނިމޭޝަންތަކާއި ކުރެހުންތަކާއި ފޮޓާތައްވެސް ދުށީމު. ނަމަވެސް ތިއޮށް ސިނަމާލެބުރިޖް ނޫނީ މިފަދަކަމެއް ހަގީގަތަކަށް ވެފައެއްނެތް. އެހެންކަމުން ދިވެހިންމިތިބީ ތިޒާތްޒާތުގެ ކުރެހުންތައްބަލާބަލާ އާދަވެފަ. ކަަންކޮށްފައި ދެއްކީމަނޫނީ ގަބޫލުކުރެވެންނެތީ އެހެންވެ. ދުނިޔޭގައި ޓެކްނޮލޮޖީ އާއި ފައިސާ ނެތީމައެއްނޫން.

The name is already taken The name is available. Register?

ޙަބީބު

19 March 2021

އަދިފަޅުގޮވާން ކުރާގޮތްވެސް

The name is already taken The name is available. Register?

ރައްޔިތުސޮރު

18 March 2021

އަސްލުވެސް ތިއީ ސަމާސާއަކަށްވުރެ ސީރިއަސް މައްސަލައެއް!؛ ބައެއްބޭފުޅުން ދެކިލައްވާގޮތުގަ ނަޝީދުގެ ރިޓާޔަމަންޓް ހަދިޔާ ތިއީ! އެއްވެސް ތަޖުރިބާއެއް ނެތް މާލީ ޤާބިލްކަމެއްނެތް ބަޔަކަށް ނަޝީދު އިސްވެހުންނަވައި މިއީ ހަތަރުވަނަފަހަރަށް (އެއްބަޔަކަށް) ހަވާލުކުރެވުނު! ތީގަ ކޮރަޕްޝަނާ ފަސާދަ އިންތިހާއަށް އޮތްކަމަށް ވިސްނާބޭފުޅުން އިރުޝާދުދެއްވާ! ރައްޔިތުން ނުވިސްނާތިބެ ތިއަށް އިންވެސްޓުކޮށްފިނަމަ "އަނެއް ސީލައިފް" ކަހަލަ ކެހިވެރި މަޅިއަކަށްވުން ގާތް!

The name is already taken The name is available. Register?

މަހުރަބު

18 March 2021

އެކޮއި މަވެސް ޑެންމާކަށް ވެނިސް އަށް ދިޔައިން.. ރާޅެއް ނުޖަހާ ހެލިފެލިވުމެއް ނުވާ ފެންގަޑު ގަ ތިޔަ ތަކެތި އަޅާފަހުރީ.. މި ޤައުމުގެ ލެގޫން ތައް އެހާ ރާޅު މަޑުތޯ.. ހަމަ ޗޮއްޗޮއްޗޮއް ކަނޑަން ޖެހޭނީ.. ނުވާނެ ތިކަމެއް.

The name is already taken The name is available. Register?

އުދުހޭ

18 March 2021

ގުދުގުދު ލައްވާފަ އޮތް ތަނެއްގެތެރޭގައި ރިޔަލު ދޯނި ދުއްވުމަކީ ސަމާސާ ވާހަކައެއްނޫން. އެއީ މޮޔަ ވާހަކައެއް.

The name is already taken The name is available. Register?

ޝޮކްތެރަޕީ

18 March 2021

އަނެއްކާ މިމީހުންނަ ލޯނު ނުދެއްކިއްޖިޔާ ދިވެހި ސަރުކާރުން ލޯނުދައްކަން ޖެހޭނީ ބަލައްޗޭ. މީވެސް ފާޑެއްގެ ވިޔަފާރިއެއް.

The name is already taken The name is available. Register?

ޙިނި

18 March 2021

ބިން އޮތް ރައްތަކާ އަތޮޅުތައް ފަޅުކޮއްފަ، ފަޅު ބިން ތަކުގަ އިމާޜާތް ނުކޮއް ... ދެން ފުލޯޓިން ސިޓީ މިހަދަނީ، ބޭރު ބަޔަކައް ކޮންމެވެސް ފައިސާ ތަކެއްދޭން ކުރާކަމެއް، އަމިލަޔައް ދަތްކޮއްޓާ އިލޮށި ކޮޅެއްވެސް ހަދަން ނޭންގޭ ގައުމެއްގަ މިކަހަލަ އަދުން އަޅުވައިގެން އަނެއް 5 އަހަރު ވެރިކަން ކުރެވޭނީ. ދެން ތި ސިޓީ ހަދަން އަނެއް 200000 ބަންގާޅިން ގެނެސް ރާޖެޔައް ދޫކޮއްލާ

The name is already taken The name is available. Register?

ދުންބޮކި

18 March 2021

ބިން ހިއްކުމުގެ ހަރަދު ބޮޑު ވާހަކަ ދައްކާއިރު ހިއްކާފަ އޮތް ތަންތާ ހައުސިން ޔުނޓުތައްް އަޅާފައި މީހުނަށް ދިނިއްޔާ ތަންކޮޅެއް އަވަހަށް މީހުނަށް ގެދެރު ލިބޭނެ

The name is already taken The name is available. Register?

ޖޯން

18 March 2021

ނުވާނެއެކޭ ނުބުނެ އެކަކުވެސް. ސުވާލަކީ މީރާއްޖެއަށް މުހިންމު ބޭނުންތެރި ޓެކްއެއްހޭ؟ ޑަޗްމީހުން އެކަން ކުރަނީ ބިންތިރިވެފަ ފްލަޑްވާލެއް ގިނަވީމައޭ އަޑުއަހަނީ. ރާއްޖޭގަ ސޯލާ ޕެނަލް އެބަހުރި ބައިވަރު. ކީއްވެ ބޭނުންނުކުރަނީ؟ ރާއްޖެއަށް ފައިދާހުރި ބޭނުންކުރެވޭނެ ކިތަންމެ ޓެކްނޮލޮޖީ އެބަހުރި. އެކަންކަމަށް ފޯކަސް ބޭންދުން މާބުއްދިވެރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454