ދުނިޔޭގެ ކުޅިވަރު / ޗެމްޕިއަންސް ލީގު

ކުއާޓާގެ ފަހު ޖާގަތައް ޗެލްސީ އާއި ބަޔާން އަށް

ލަނޑު ޖެހުމަށް ފަހު ޒިޔެޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

18 މާޗް 2021 - 08:25

2 comments

ލަންޑަން (މާޗް 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުން ރޭ މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ޗެލްސީން ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ކަށަވަރުކޮށްފި އެވެ.

ޗެލްސީން ވަނީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން 2-0 އިން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ހަތް އަހަރު ތެރޭ ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އެގްރިގޭޓަށް ބަލާއިރު އެތުލެޓިކޯގެ މައްޗަށް ޗެލްސީން ކުރިހޯދީ 3-0 އިންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ރޭ ބަޔާން މޮޅުވީ 2-1 އިންނެވެ. މުބާރާތުގެ ތާރީހުގައި ބަޔާނުން 31 ވަނަ ފަހަރަށް ކުއާޓާގެ ފުރުސަތު ހޯދީ އެގްރިގޭޓަށް ބަލާއިރު 6-2 އިން ލާޒިއޯގެ މައްޗަށް ކުރިހޯދައިގެންނެވެ. ބަޔާނާއި ޗެލްސީގެ އިތުރުން ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ބޮރޫޝިއާ ޑޯޓްމަންޑް، ޕީއެސްޖީ، ލިވަޕޫލް، ޕޯޓޯ، ރެއާލް އަދި ސިޓީ އެވެ. ކުއާޓާ ފައިނަލްގެ ގުރުއަތުލުން އޮންނާނީ މާދަމާ އެވެ.

ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި އެތުލެޓިކޯގެ ޔަނިކް ކަރާސްކޯ އަށް ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ ފައުލުކުރިކަމަށް ބުނެ ޕެނަލްޓީއެއް ހޯދަން އެތުލެޓިކޯ ކުޅުންތެރިންނާއި ބެންޗުން އެޕީލްކުރި އެވެ. އެކަމަކު މެޗުގެ ރެފްރީ އިޓަލީގެ ޑަނިއޭލޭ އޮސާޓޯ ނިންމީ ފައުލެއް ނޫން ކަމަށެވެ.

ކައުންޓަ އެޓޭކުގައި ޗެލްސީ އަށް ލީޑުނަގައިދިނީ މެޗުގެ 34 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް އެވެ. މިއީ ޓިމޯ ވާނާ ތަނަވަސްކޮށްދިން ފުރުސަތަކުން ޒިޔެޗް ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގައި ބަދަލުތަކެއް ގެނެސްގެން އެތުލެޓިކޯ އިން މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކުރި ނަމަވެސް އެކަން ކުރެވޭ ގޮތެއްނުވި އެވެ. އެތުލެޓިކޯ އަށް މައްސަލަ ދިމާވީ މެޗުގެ 83 ވަނަ މިނިޓްގައި އެ ޓީމުގެ ސްޓެފަން ސަވިޗަށް ރަތް ކާޑު ދެއްކުމުންނެވެ. ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު ސަވިޗަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ޗެލްސީގެ އެންޓޯނިއޯ ރުޑިގާ އަށް ހަމަލާ ދިނުމުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އެތުލެޓިކޯގެ ޔާއޯ ފެލިކްސް ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އޭނާ ޖެހި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ. ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެމަސަން ޕަލްމިއޭރީ އެވެ. އޭގެ ކުރިން ޗެލްސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ކަލުމް ހަޑްސަން-އޮޑޯއި އާއި ކްރިސްޓިއަން ޕުލިސިޗަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 13 މެޗުން ވެސް ބަލިވެފައިނުވެ އެވެ. ޗެލްސީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނީ 2014 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގަ އެވެ.

ބަޔާނުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނެގީ 33 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ބަޔާންގެ ލެއޯން ގޮރެޓްޒްކާ އަށް ލާޒިއޯގެ ފްރަންސެސްކޯ އަސެއަރްބީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެރިކް މެކްސިމް ޗޮޕޫ-މޯޓީން ޖެހި ގޯލުން ބަޔާނުން މެޗުގެ 73 ވަނަ މިނިޓްގައި ލީޑުފުޅާކޮށްފައިވަނިކޮށް އޭގެ ނުވަ މިނިޓް ފަހުން ލާޒިއޯގެ ހަމައެކަނި ގޯލު ޖެހީ މާކޯ ޕަރޯލޯ އެވެ.

ބަޔާންގެ ކޯޗު ހަންސީ ފްލިކް ބުނީ ކުއާޓާ ފައިނަލުގައި ވަކި ޓީމަކާ ޖެހުމަކީ ރަނގަޅު ކަމެކޭ ބުނަން ފަސޭހަނުވާނެ ކަމަށާއި ކޮންމެ ޓީމެއް ވެސް ބަޔާނަށް ޗެލެންޖިން ވާނެ ކަމަށެވެ.

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

18 March 2021

މަރުހަބާ ޗެލްސީގެ ހުރިހާ ފޭނުން.އެތުލެޓިކޯއިން ކުރި ހިތްވަރަށް ސާބަސް.02 ލެގަށް ބަލާއިރު ޗެލްސީގެ ކުޅުން ވަރަށް ރަނގަޅު.އެތުލެޓިކޯގެ އަސްލު ކުޅުން 02 ލެގްގަ ވެސް ފެނިގެން ނުދާކަމަށް ގިނަ އެނެލިސްޓުން ބުނި.ރޭގެ މެޗްގަ އެތުލެޓިކޯއަށް ލިބެންޖެހޭ 02 ޕެނަލްޓީ ރެފްރީ ދިންނަމަ ، ނަމަ އިނގޭތޯ ، މެޗްގެ ނަތީޖާ ވަރަށް ތަފާތުވީސް.ރެފްރީގެ ނިންމުން އެއީ އެންމެފަހުން ނިންމުންކަމަށް ވާތީވެ އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމެއް އޮތްކަމަށް ނުދެކެން.ވ.ވެދުން

The name is already taken The name is available. Register?

ކޮންޓެ

18 March 2021

އެތްލެޓިކޯ ގެ އަސްލު ކުޅުން ނުފެނުނީ ޗެލްސީ ވަރުގަދަވީމަ. ޕެނަލްޓީ ނުލިބުނީ ޕެނެލްޓީ އެއް ނޫން ވިމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454