މުނިފޫހިފިލުވުން / ބޮލީވުޑް

ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި

ދެހާސް ސަތާރައިގައި "ބުރައްމަސްތުރާ" އިއުލާންކުރީ އޮގަސްޓް 14، 2018 ގައި ގެނެސްދޭ ގޮތަށް

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" މި އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެނައުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ގެނެސްދޭ މި ފެންޓަސީ އެޑްވެންޗަ ފިލްމު ރިލީޒްކުރާނެ ކަމަށް ބުނެ ރަސްމީކޮށް އެންމެ ފަހުން އިއުލާންކުރި ތާރީހަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 4 އެވެ. ނަމަވެސް މިދިޔަ އަހަރު ކޮވިޑް-19 އާ ހެދި މަސައްކަތްތަކަށް އައި ހުއްޓުމާ އެކު އަދިވެސް "ބުރައްމަސްތުރާ" އޮތީ ޝޫޓިން މަރުހަލާގަ އެވެ. މި ފިލްމަކީ ރަންބީރާ އެކު 2013 ގެ "ޔެ ޖަވާނީ ހެ ދީވާނީ" އާއި 2011 ގެ "ވޭކަޕް ސިދު" ގެނެސްދިން އަޔާން މުކަރްޖީގެ ޑައިރެކްޝަނެކެވެ.

ދަރުމާގެ އޮފިޝަލަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މިހާރު ބެލެވޭ ގޮތުން ނޮވެމްބަރު މަހުގެ 26 ނުވަތަ ޑިސެމްބަރު 10 ހިސާބުގައި "ބުރައްމަސްތުރާ" ސިނަމާތަކަށް ގެންނަން ދަރުމާ އިން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނޫނެވެ. ޔަގީންވާ ކަމަކީ މިއީ އިއުލާންކުރި ފަހުން ބެލުންތެރިން ވަރަށް އިންތިޒާރުކުރާ ފިލްމެއްކަމެވެ. ދެހާސް ސަތާރައިގައި "ބުރައްމަސްތުރާ" އިއުލާންކުރީ އޮގަސްޓް 14، 2018 ގައި ގެނެސްދޭ ގޮތަށެވެ. އެކަމަކު ފިލްމުގެ މަސައްކަތް ނުނިމި ވަރަށް ދިގުލައިގެން ގޮސްފައިވެ އެވެ.

މި އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނަން އޮތް އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ކާތިކް އާރިޔަނާއި ކިއާރާ އަދުވާނީ އަދި ތައްބޫގެ "ބޫލް ބުލައްޔާ 2" އެވެ. އެ ހޮރޯ-ކޮމެޑީ ތާވަލުކޮށްފައި އޮތީ ނޮވެމްބަރު 19 އަށެވެ. ޑިސެމްބަރުގައި ވެސް ބޮޑު ދެ ފިލްމެއް ގެނެސްދޭނެ އެވެ. އެއީ 3 ގައި ރިލީޒްކުރާ ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ 2" އާއި ޑިސެމްބަރު 25 ގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.

"ބުރައްމަސްތުރާ" މި އަހަރު ރިލީޒްކޮށްފި ނަމަ މި އަހަރު ވާނީ އާލިއާ އަށް ވަރަށް ވެސް ބޮޑު އަހަރަކަށެވެ. ރިލީޒްކުރާނެ ތާރީހުތައް އިއުލާންކޮށްފައި އޮތް އޭނާގެ ބޮޑު ދެ ފިލްމެއް މިހާރު ވެސް އެބައޮތެވެ. އެއީ ޖުލައި 30 ގައި ގެނެސްދޭ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި އޮކްޓޯބަރު 13 ގައި ގެނެސްދޭ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އެވެ.

ރިޕޯޓްތައް ބުނާގޮތުން މި އަހަރު "ބުރައްމަސްތުރާ" ގެނެސްދޭން ނިންމާފައިވާތީ ފިލްމުގެ ޓީމުން ދެން މާ ލަސްނުކޮށް އޭގެ ޓީޒާ ޓްރެއިލާ އާއި އާ ތާރީހު އިއުލާންކުރާނެ އެވެ. އަދި އެކަމުގެ ތައްޔާރީތައް މި ވަގުތު މަޑުޖެހިފައި ވަނީ ރަންބީރް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދާތީ ކަމަށް މީޑިއާތަކުން ބުންޏެވެ. މި އަހަރު ރިލީޒްކުރަން ތާރީހު އިއުލާންކޮށްފައި އޮތް ރަންބީރްގެ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" އެވެ. އެއީ ޖޫން 25 ގަ އެވެ.

"ބުރައްމަސްތުރާ" އަކީ އަޔާން ގެނެސްދޭން ނިންމާފައިވާ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ. މި ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި ނާގުރްޖުނާ އަކިނޭނީގެ އިތުރުން މޯނީ ރޯއި ވެސް ހިމެނެ އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެންނާނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454