ވިޔަފާރި / އާސަންދަ

އާސަންދަ މެދުވެރިކޮށް މަކަރާއި ހީލަތް

އާސަންދައިން ބޭސްފަރުވާ އަށް އަހަރަކު ދެ ބިލިއަން ރުފިޔާ ހޭދަކުރާއިރު އޭގެ ތެރެއިން 700 މިލިއަން ރުފިޔާ އަކީ ބޭހަށް ކުރާ ހޭދަ. އޭގެ ތެރޭގައި ފްރޯޑްތަކަށް ވެސް ގިނަ އަދަދެއްގެ ފައިސާ ބޭކާރުވެގެންދޭ.

އާސަންދަ އަށް އޮޅުވާލާ ކޭސްތައް ގިނަ -- ފައިލް ފޮޓޯ: މިހާރު

ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ އާސަންދަ އޮތީ، ދައުލަތަށް ނުކުޅަދާނަވާ ވަރުވެފައި ކަމެވެ. އެ ނިޒާމުގެ ފުޅާކަމާއި ހަރަދު ބޮޑު ކަމާއި ލިމިޓެއް ނެތި ބޭސް ފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިފައި އޮތުމާއި އޭގެ ތެރޭގައި ހިނގާ ވައްކަންތަކުން އާސަންދަ އަކީ މުޅި ދައުލަތަށް ވަރަށް ބޮޑު ބުރައެކެވެ. އަނެއްކޮޅުން އެ ނިޒާމުގެ ތެރޭގައި ހުރި ފޫނުބެދޭ ކަންތައްތައް ދެނެގަނެ، ފާމަސީތައް އިތުރުވަމުން ދަނީ ހެސްކިޔައިފަ އެވެ.

"މަހެއްގެ މައްޗަށް އަޅުގަނޑުމެން އާސަންދައިގެ ތެރެއަށް އިތުރަށް އެބަ ވައްދަން ހަތަރު ފަސް ތަން،" އާސަންދަ ކުންފުނީގެ އިސް ވެރިޔަކު، ނަން ހާމަނުކުރުމަށް އެދިވަޑައިގެން، ވިދާޅުވި އެވެ.

އާސަންދައިގެ ހިދުމަތް ދޭ 330 އަށް ވުރެ ގިނަ ބޭސް ފިހާރަ އެބަ ހުއްޓެވެ. ދައުލަތުގެ ބަޖެޓުން ހަމައެކަނި އާސަންދަ އަށް އަހަރަކު 700 މިލިއަން ރުފިޔާ އެބަ ހަރަދު ކުރެ އެވެ. އޭގެ ތެރެއިން، އާސަންދައިގެ އޮފިޝަލު ވިދާޅުވީ، ދެބައިކުޅަ އެއްބަޔަކީ ހަމައެކަނި ބޭސް ފިހާރަތަކުން ނަގާ ބޭހަށް ކުރާ ހޭދަ ކަމަށެވެ. އަދި މުޅި ބަޖެޓްގެ ހަތަރުބައިކުޅަ އެއްބައި ނުވަތަ 20-25 ޕަސެންޓް ވަރު ހޭދަވަނީ ބޭކާރު ގޮތުގައި ކަމަށް އާސަންދަ އިން ބުނެ އެވެ.

"އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތަކުގެ ތެރެއިން ގެއްލިގެން މިދަނީ ވަރަށް ބޮޑު އަދަދެއް ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

ސަމާލުވާން ޖެހޭ ވަރުގެ ބޮޑެތި ފްރޯޑްތަކެއް

އާސަންދަ އަށް މަކަރުހެދުމަށް ވަރަށް ގިނަ އުކުޅުތައް ވަރަށް ގިނަ ފާމަސީތަކާއި ކުލިނިކްތަކާއި އެ ހިދުމަތް ދޭ އެހެން ތަންތަނުން ބޭނުންކުރެ އެވެ. އެ ނިޒާމުގައި ހުރި ބަލިފައިތައް ދެނެގަނެ، އޭގެ ބޭނުންކޮށްގެން ވަރަށް ގިނަ ފާމަސީތައް މިހާރު ހުރީ މުއްސަނދިވެފައި ކަމަށް އާސަންދަ އިން ތުހުމަތުކުރެ އެވެ.

"ބައެއް ފާމަސީތަކަށް އަޅުގަނޑުމެން އަހަރަކު އެބަ ޕޭ ކުރަން 12-15 މިލިއަން ރުފިޔާ. ކުދިކުދި ހަ ފޫޓު ހަތް ފޫޓުގެ ތަންތަަންކޮޅުގައި ހަދައިގެން ހިންގާ ބޭސް ފިހާރަތަކަށް މަހަކު އެއް މިލިއަން ދޮޅު މިލިއަން ރުފިޔާ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއޮތް ހުރިހާ ދުވަހު ނިޒާމު އޮތީ ވެސް ވަރަށް ބޮޑަށް މަކަރު ހެދޭ ގޮތަށެވެ. އެކަމަކު ފަހަކަށް އައިސް އެކަން ވަރަށް ބޮޑަށް މޮނީޓާކޮށް، އަދި ބައެއް އެހެން ވަސީލަތްތައް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ގޮތް ހަމަޖެހިފައިވާތީ، މަކަރު ހެދޭނެ ގޮތްތައް މިހާރު ވަނީ ވެސް ވަރަށް ބޮޑަށް މަދުވެފަ އެވެ. އެކަމަކު އޮފިޝަލް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، މަކަރުހަދާ ބަޔަކަށް އަދިވެސް އެކަން ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

އާސަންދައިގެ ހިދުމަތް ދެނީ: އެ ކުންފުނިން ބުނާ ގޮތުގައި ބޭހުގެ ވިޔަފާރީގެ ތެރޭގައި ބައެއް ފަރާތްތަކުން ބޮޑެތި މަކަރުތައް ހަދާ -- ފައިލް ފޮޓޯ: މިހާރު

"އަޅުގަނޑުމެންގެ ޓާގެޓަކީ ލޫޕް ހޯލްތައް ނައްތާލުން. އޭގެ އެއް މަސައްކަތަކީ މިހާރު ޑޮކްޓަރުން ލިޔެދެއްވާ ބައެއް ބޭސްތައް އެ ދޭން ޖެހޭ ތަފުސީލު ހިމެނުން. އަނެއްކާ އާސަންދަ ޕޯޓަލްގައި މިހާރު އިންނާނެ ބޭސް ގަތުމަށް ފަހު އެ މީހަކަށް ދޫކުރި ބޭސްތަކުގެ ތަފުސީލު ކޮންމެ މީހަކަށް ބަލައިލެވެން. އަދި އެ މީހުންނަށް ޝަކުވާ ހުށަހެޅެން ވެސް. ދެން އެމްއެފްޑީއޭ އިން އެ ތައާރަފުކުރަނީ އެމްއާރުޕީ (މެކްސިމަމް ރިޓެއިލް ޕްރައިސް). އޭރުން ވެސް މަކަރު ހެދުމުގެ ބައި ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ވާހަކަތަކަށް ބަލާއިރު ސިއްސައިގެންދާ ވަރުގެ ބައެއް ފްރޯޑްތައް ވެސް ހިމެނެ އެވެ. ބައެއް ކޭސްތަކުގެ ތަފުސީލަށް ވަޑައިނުގަތަސް، މިލިއަން ރުފިޔާގެ ވައްކަން ކޮށްގެން ބައެއް ތަންތަން ބަންދުކޮށް އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައި ތަހުގީގުކޮށްފައި ވެ އެވެ.

"މި ސަރުކާރު އައުމުގެ ކުރިން އެބަހުރި އެފަދަ ބައެއް ކޭސްތަކުގައި ދެ މިލިއަން އަދި ތިން މިލިއަން ރުފިޔާގެ ޖޫރިމަނާ ވެސް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

"އޯނަރަށް ވުރެ ބޮޑަށް ފާމަސިސްޓުން ވެގެން ހިންގާފައިވާ ކަންތައްތައް ވެސް މީގެ ތެރޭގައި ފާހަގަކޮށްލަން."

އާސަންދަ އަށް އޮޅުވާލާ ވަރަށް ގިނަ ގޮތްތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ބައެއް ޑޮކްޓަރުންނާއި ކުލިނިކްތައް ބައިވެރިވެގެން ހިންގާފައިވާ ޖަރީމާތަކެއް ވެސް ހިމެނެ އެވެ.

"ޑޮކްޓަރަކު ތިން މަހުގެ ބޭސް ލިޔެދީފައި އަނެއް ދުވަހު ވެސް ހަމަ އޭނައަށް ހަމަ އެ ޑޮކްޓަރު ހަމަ ތިން މަހަށް ބޭސް ލިޔެދީފައި އެބަހުރި. އަނެއްކާ ހަމަ އެއް ފާމަސިސްޓެއް ބޭސް ދޫކޮށްފައި މި ހުންނަނީ. އެކަހަލަ މައްސަލަތައް ހެލްތު މިނިސްޓްރީ އަށް ވެސް އޮންނާނީ ހުށަހަޅާފައި،" އާސަންދައިގެ އޮފިޝަލަކު ވިދާޅުވި އެވެ.

މީގެ އިތުރުން ތިން މަސް ދުވަހަށް ޑޮކްޓަރު ލިޔެދޭ ބޭސް، ސްޓޮކްގައި ނެތް ހާލަތްތަކުގައި ދޮޅު މަހަށް ނުވަތަ އެއް މަހަށް ދޫކޮށްފައި ތިން މަހުގެ ބޭހަށް ބިލް ކުރުން ކަހަލަ ކަންކަން ގިނަގިނައިން ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއަށް ވުރެ ނުރައްކާ ކަމަކީ، ވަކި ވައްތަރެއްގެ ބޭސް ލިޔެދީފައި އޮންނަ އިރު، އޭގެ އަގުހެޔޮ ބޭހެއް ލިޔެދިނުމަށް ފަހު އަގު ބޮޑު ބޭހަށް ބިލްކުރުމެވެ.

"މިހާރު 3500 ވަރު ބޭސް އޮންނާނެ އާސަންދައިގެ ލިސްޓްގައި. މިސާލަކަށް ގޭހަށް ބޭނުންކުރާ ބޭހެއް އޮވެދާނެ. ގޭހަށް ބޭނުންކުރާ ވަރަށް ގިނަ ބޭސްތައް ހުރޭ. އެކި އަގުގައި އެކި ބޭސް މި ހުންނަނީ. މި ދެންނެވި ލިސްޓް އޮންނާނެ އަގުތަކާ އެކު ކޮންމެ ފާމަސީއެއްގައި ވެސް. ބައެއް ތަންތަނުން މި ހަދާ ގޮތަކީ ދެ ރުފިޔާގެ ބޭސް ދީފައި ފަސް ރުފިޔާގެ ބޭހުގެ އަގުގައި ބިލް މި ހަދަނީ،" އާސަންދައިގެ އޮފިޝަލު ވިދާޅުވި އެވެ.

"ޕަބްލިކް އަސްލު ވަރަށް ހިތްދަތި ހާލަތެއްގައި މި ތިބީ. އެބަހުރޭ ރަނގަޅު ނޫން ބޭސް ދެވިފައި. އަދި ބަލި މީހާ އަށް ބޭނުން ވެސް ކުރެވިފައި. މިސާލަކަށް ރަށްރަށުގައި މި ތިބެނީ ޑިސްޕެންސާސް. މިސާލަކަށް 10 ގުޅަ ޖަހާފައި އިންދާ ކާޑުގައި އޮވެދާނެ 12 ގުޅަ. ބަލި މީހާ މި ކާލަނީ އެ 12 ގުޅަ ވެސް. ދުއިސައްތަ ފަންސާސް މިލިގްރާމްގެ ބޭހެއް ޖަހާފައި އޮވެއްޖިއްޔާ އެތާނގައި ހުރީ 500 މިލިގްރާމްގެ ބޭސް ކަމަށް ވަންޏާ އޭތި ވެސް އެބަ ދޭ. އެހެންވީމަ ޑޯޒަށް ވުރެ އެބަ އިތުރުވޭ."

މިސާލަކަށް 10 ގުޅަ ޖަހާފައި އިންދާ ކާޑުގައި އޮވެދާނެ 12 ގުޅަ. ބަލި މީހާ މި ކާލަނީ އެ 12 ގުޅަ ވެސް. ދުއިސައްތަ ފަންސާސް މިލިގްރާމްގެ ބޭހެއް ޖަހާފައި އޮވެއްޖިއްޔާ އެތާނގައި ހުރީ 500 މިލިގްރާމްގެ ބޭސް ކަމަށް ވަންޏާ އޭތި ވެސް އެބަ ދޭ. އެހެންވީމަ ޑޯޒަށް ވުރެ އެބަ އިތުރުވޭ.

ހަމަ އެގޮތަށް، ފާމަސީތައް ރަޖިސްޓްރީ ކުރާއިރު ވެސް ބައެއް ތަންތަނުން މަކަރު ހަދާކަން އާސަންދަ އަށް ވަނީ ފާހަގަކުރެވިފަ އެވެ. ފާމަސީ ހިންގާ ގްރޫޕަކުން ދާދި ފަހުން އެއް ފާމަސިސްޓެއްގެ ނަމުގައި އެތައް ބައިވަރު ފާމަސީ ވެސް ރަޖިސްޓްރީ ކުރަން ވަނީ މަސައްކަތް ކޮށްފަ އެވެ.

"އަޅުގަނޑުމެން މިހާރު މި ގެންގުޅޭ އުސޫލަކީ ހުއްދަ ދޭ ތަންތަން އެބަ ޗެކްކުރަން ސީދާ އެ ފާމަސިސްޓް ހުރޭތޯ ވެސް،" އޮފިޝަލް ވިދާޅުވި އެވެ.

ބައެއް ބޭސްތަކުގެ އަގު ހުރީ ހައްދުން ނެއްޓިފައި

ރާއްޖެ އެތެރެކޮށް ވިއްކާ ބޭހުގެ އަގަކީ ގައިޑްލައިނެއްގެ ދަށުން އަގު ހެދޭ އެއްޗަކަށް ވީ ނަމަވެސް، ބައެއް ބޭސްތަކުގެ އަގުތައް ވެސް ހުރީ ވަރަށް ބޮޑުކޮށެވެ. އާސަންދަ އިން ބުނާ ގޮތުގައި ބައެއް ބޭސްތަކުގެ ފައިދާ އަށް 500 ޕަސެންޓް ވެސް ލައިފައި ހުރެ އެވެ.

"ހުރިހާ ފޯމިއުލާއެއް ހަދައިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ނިސްބަތެއް ވެސް ހަދައިފައި. އެއީ 80 ވަރަކަށް ޕަސެންޓް. އެކަމަކު ރާއްޖޭގައި މި ވިއްކާ ބޭސް ލިބޭ އަގަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން ވެސް ފައިދާގެ މާޖިން ބޮޑު. ޖުމްލަ ގޮތެއްގައި 100 ޕަސެންޓް ބޮޑު،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެންމެ ބޭހަކަށް ވެސް އާސަންދަ އިން އަހަރަކު 24 މިލިއަން ރުފިޔާ އައީ ހޭދަކުރަމުންނެވެ. އޭގެ މިސާލު އޭނާ ދެއްކެވީ ގޭހުގެ މައްސަލަ ފަދަ ބަނޑުގެ ކަންކަމަށް ބޭނުންކުރާ ޒޮވެންޓާ އެވެ.

"އެ ބޭހަށް އެކަނި 24 މިލިއަން ރުފިޔާވަރު އަހަރަކު އެބަ ހޭދަކުރަން. އަޅުގަނޑުމެންނަކީ ސޯޝަލް ސްކީމެއް ހިންގާ އަދި އެ ބޭސްތަކަށް ފައިސާ ދައްކާ މީހުން ވީމަ އޭގެ އަގު ހެޔޮކުރުމަކީ އަޅުގަނޑުމެންގެ ހައްގެއް. އެހެންވެ ބެލީ އެންމެ ގިނަ ފައިސާ ހޭދަވާ 100 ބޭސް. އޭގެ ތެރެއިން ފަހުން 50 ބޭހަށް ޝޯޓް ލިސްޓް ކުރީ. ޒޮވެންޓާ އެއީ ގުޅައެއް 9ރ. އަށް ވިއްކާ އެއްޗެއް ރާއްޖޭގައި. އިންޑިޔާގައި އޭގެ ކާޑެއް ލިބޭ 9ރ. އަށް،" އޮފިޝަލު ވިދާޅުވި އެވެ.

ރާއްޖެ އެތެރެކުރި ބޭސްތަކެއް: ބޭހުގެ އަގުތައް ރާއްޖޭގައި ބޮޑު ކަމަށް އާސަންދައިން ބުނޭ .---ފައިލް ފޮޓޯ: މިހާރު

ޒޮވެންޓާގެ ވަކި އަގަކަށް އެއްބަސްވުމުން އާސަންދައިން އަހަރަކު އެއަށް ހޭދަކުރާ މިންވަރު 12 މިލިއަނަށް ކުޑަވެފައިވާކަން، މި ހަފުތާގައި އާސަންދައިން ބުނެފައިވެ އެވެ.

އެގޮތަށް ފާހަގަވެފައި ހުރި ބޭސްތަކުގެ ތެރެއިން 17 ބޭހެއްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ސިޓީތައް ބޭސް އެތެރެކުރާ ފަރާތްތަކަށް ފޮނުވައިފައިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ފަހަރެއްގައި ވެސް އަޅުގަނޑުމެން މި ދަންނަވަނީ އެ ބޭހުގެ ބަދަލުގައި އަގުހެޔޮ ބޭހެއް އެތެރެކޮށްދޭށޭއެއް ނޫން. އެ ބޭހުގެ އަގު ބޮޑުވީމަ އަގު ހެޔޮ ކޮށްދޭށޭ. އެކަމަކު ފާމަސީތަކުން މި ދައްކަނީ މުޅިން އެހެން ވާހަކައެއް. ފާމަސީތަކާ ބެހޭ ޖަމިއްޔާއިން ވެސް މި ބުނަނީ އަގުހެޔޮ ބޭސް ރައްޔިތުންނަށް ކަން ދޭށޭ އަޅުގަނޑުމެން މި އުޅެނީ... އެއްގޮތަކަށް ވެސް އެހެނެއް ނޫން."

ހައްލުކުރަން ޖެހޭ މައްސަލައެއް: ޖަމިއްޔާ

ބޭސް ވިއްކުމުގެ ވިޔަފާރީގެ ތެރޭގައި މައްސަލަ ނެތް ކަމަކަށް، ފާމަސޫޓިކަލް އެސޯސިއޭޝަނުން ވެސް ގަބޫލެއް ނުކުރެ އެވެ. އެކަމަކު އާސަންދަ ކުންފުނިންް އެ ބުނާ ވަރުގެ މަކަރާއި ހީލަތް ހަދައިފާނެ ކަމަކަށް އެ ޖަމިއްޔާއަކުން އެއްބަހެއް ނުވެ އެވެ.

"ކޮންމެ ވިޔަފާރިއެއްގައި ވެސް މަކަރުހަދާ ބަޔަކު އުޅެފާނެ. އެކަމަކު މި އިންޑަސްޓްރީގައި ޖުމްލަކޮށް އަޅުގަނޑު ނުދަންނަވާނަން ބޮޑެތި ސިންގާ މަކަރުތަކެއް ހަދާ ކަމަކަށް. އެހެންވިއްޔާ ފިޔަވަޅު އަޅަންވީ،" ބޭސް އެތެރެކުރާ ބޮޑެތި ބައެއް ކުންފުނިތަކާއި ފާމަސީތައް ގުޅިގެން އުފައްދާފައިވާ ފާމަސޫޓިކަލް އެސޯސިއޭޝަންގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭހުގެ ވިޔަފާރީގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެ އެވެ. އަދި ރާއްޖޭގައި ފާމަސީތަކަށް، އާސަންދަ އިން އެ ތުހުމަތުކުރާ ވަރުގެ ބޮޑު ފައިދާއެއް ލިބެމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާންމު ފާމަސީއަކަށް ދުވާލަކަށް މި ލިބެނީ ގާތްގަނޑަކަށް 5000-6000ރ... އަޅުގަނޑުމެން ބެލިއިރު ބޭސް އެތެރެކޮށްގެން ވިއްކާ ފަރާތްތަކަށް ވެސް ހޯލްސޭލާއި ރީޓެއިލް އެއްކޮށްލައިގެން އަހަރެއްގެ ތެރޭގައި ފައިދާ މި އޮންނަނީ 40 ޕަސެންޓް ވަރު،" އޭނާ ވިދާޅުވި އެވެ.

މި ވިޔަފާރީގެ ތެރޭގައި މަކަރުހަދާ ނަމަ، ނުވަތަ އަގުބޮޑުކޮށް ބޭސް ވިއްކާ ނަމަ އެއީ ހުއްޓުވަން ޖެހިފައިވާ ކަމެއް ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ. ވިދާޅުވީ އާސަންދަ އާއި ސަރުކާރުން ބޭނުން ނަމަ އެކަން ހުއްޓުވިދާނެ ވަރަށް ގިނަ ގޮތް ގޮތް އެބަހުރި ކަމަށެވެ.

"އާސަންދައިން ނެރެން އުޅޭ އެމްއާރުޕީ އަކީ ވެސް ރަނގަޅު ކަމެއް. އެކަމަކު އެއީ ހަމަ ކުރިން ވެސް ބޭނުންކުރި އަދި މިހާރު ވެސް އަމަލުކުރަމުން އަންނަ އެއްޗެއް. އަލުން އަނެއްކާ އެތި މަޖުބޫރުކުރާ އިރު އެއީ ހަމައެކަނި ލިޔެލައިފައި އޮންނަ ކަރުދާހަކަށް ވުމުގެ ބަދަލުގައި އެކަން ރަނގަޅަށް ތަންފީޒު ކުރުން މުހިންމު،" އޭނާ ވިދާޅުވި އެވެ.

އާސަންދައިން ނެރެން އުޅޭ އެމްއާރުޕީ އަކީ ވެސް ރަނގަޅު ކަމެއް. އަލުން އަނެއްކާ އެތި މަޖުބޫރު ކުރާ އިރު އެއީ ހަމައެކަނި ލިޔެލައިފައި އޮންނަ ކަރުދާހަކަށް ވުމުގެ ބަދަލުގައި އެކަން ރަނގަޅަށް ތަންފީޒު ކުރުން މުހިންމު.

އަނެއް ކަމަކީ ބޭސް ނެގުމާ އެކު އެ މީހަކަށް އެސްއެމްއެސް އަކުން އެކަން އެނގޭނެ ނިޒާމެއް ތައާރަފު ކުރުމެވެ. އޭނާ ވިދާޅުވީ ގިނަ މީހުންނަކީ ބޭސް ނެގުމަށް ފަހު ބޭސްތައް ގުނާ ހަދާ ބަޔަކަށް ނުވާތީ، އެސްއެމްއެސްއަކުން އޭގެ ތަފުސީލާއި ބޭސް ނެގިކަން ބުނެދިނުން މުހިންމު ކަމަށެވެ.

"އޭރުން ބޭސް ނެގިއްޔާ ބޭސް ނެގިކަން އެނގޭނެ. އަދި ނެގި ބޭސްތަކުގެ އަދަދު އެނގޭނެ. އަދި ހަމައެއާ އެކު އެ ގުނާލަން ހަނދާން ވެސް ކޮށްދެވިދާނެ،" އޭނާ ވިދާޅުވި އެވެ.

އާސަންދައިން ވެސް، އަދި ބޭހުގެ ތަންފީޒީ އިދާރާތަކުން ވެސް އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށް ޖަމިއްޔާ އިން ފާހަގަކުރެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މުސްކުޅި ބޭސްތަކުގެ ބަދަލުގައި ފަހުގެ ބޭސްތައް ގެނައުމުގެ ހުއްދަ ދިނުމެވެ.

"[މިހާރުގެ ލިސްޓްގައި ހިމެނޭ] 4000 ބޭހުގެ ތެރޭގައި ގިނައީ ވަރަށް ކުރީގެ ބޭސް. މިހާރު އެބަ ނުކުމޭ ފަހުގެ ބޭސްތައް. މިސާލަކަށް ކެންސަރާ ގުޅޭ ބޭސްތައް އަޅުގަނޑުމެންނަކަށް ނުގެނެވޭ ރާއްޖޭގެ ވޮލިއުމް ކުޑަކަމުން. އެ ޖެހޭ ރަޖިސްޓްރީކުރަން. ރަޖިސްޓްރީ ކުރަން ބަލާއިރު ޑޮކިއުމެންޓްތައް އެބަ ހަމަކުރަން ޖެހޭ،" ބޭހުގެ ވިޔަފާރިއަށް ހާއްސަ ޖަމިއްޔާގެ އޮފިޝަލް ވިދާޅުވި އެވެ.

"އެކަމަކު ރާއްޖޭގައި އެ ކާ މީހުން ނިސްބަތުން ކުޑަކަމުން ޑޮކިއުމެންޓެއް ލިބޭ ގޮތެއް ނުވޭ. އެހެންވީމަ ރަޖިސްޓްރީ ނުކޮށް އެކަހަލަ ބޭސްތައް ގެނެވޭނެ ގޮތް އެބަ ހަމަޖައްސަން ޖެހޭ."

ހުސްނުވާ އާސަންދަ ނިޒާމެއް އޮތް އިރު، ބަލިމީހާ ކިތަންމެ ވަރަކަށް ވެސް ބޭސް ނަގަންވީ އެވެ. އޭނާގެ އަތުން ހަރަދެއް ނުދެ އެވެ. އެކަމަކު އާސަންދައިގެ އެދުމަކީ، އެހެން ވުމުގެ ބަދަލުގައި ކޮންމެ މީހަކު ވެސް ޒިންމާދާރުވުމެވެ. ލިބޭ ބޭސްތައް ގުނާލުމާއި ހުރި ބޭސްތައް ޗެކްކޮށްލުމެވެ. އޭރުން ގައިމު ވެސް މަކަރު ހެދުން ކުޑަވެގެން ދާނެ އެވެ.

57 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 5%
icon angry icon angry 21%
icon wow icon wow 58%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުންސުރު ޝަމީމު

27 March 2021

ކިހާ ބޮޑު ކަމެއް. އެންމެން ނުކުމެ ވަގުންތައް ރޯނާ ކޮށް ބޭރު އަރުވާލުން ނޫން ގޮތެއް ނެތް.

The name is already taken The name is available. Register?

އެމްއާރްޕީ

27 March 2021

އެމްއާރުޕީ އަކީ އާސަންދައަށްވުރެވެސް ކުރިން ނިމިފަ އިންނަން ޖެހޭކަމެއް. ފާމަސިސްޓުން ބޭނުން އަގެއް ކިޔަސް ރައްޔިތުމީހާއަށް އެކަން ފަސޭހައިން ބެލޭނެ ގޮތެއް ނެތިއްޔާ މަކަރު ހަދާ މީހުން އެކަން ކުރާނެ.

The name is already taken The name is available. Register?

ޒިންދަގީމޭން

26 March 2021

ކަރަންޓާއި ފެން ބިލުތަކަށް ދެމުންގެންދިޔަ ސަބުސިޑީ ހުއްޓާލިހެން، އާސަންދަ ވެސް ހުއްޓާލަން އުޅޭހެން ހާދަ ހީވެއޭ.

The name is already taken The name is available. Register?

ބަސޖަ

26 March 2021

އިތުރުވާ ބޭސް އަލުން ބަލައިގަންނަ ނިޒާމެއްވެސް ތަޢާރަފްކުރަންވީ! ޕެނަޑޯލް ކަހަލަ އެއްޗެހި މިލިލީޓަރުން ވިއްކޭނެ ގޮތެއް ނެތްތޯ!

The name is already taken The name is available. Register?

އާއިދާ

26 March 2021

މިހާ ބޮޑުކޮށް އޮޅުވާލައި މަކަރާއި ހީލަތް ހެދޭނީ ދައުލަތެއް ނުކުޅެދިފައި ވާތީކަން ހަމަ ޔަޤީން! މުސްލިމު ގައުމެކޭ ބުނެ ވަކާލާތުކުރަން ލަދެއް ނުގަނޭބާ؟؟

The name is already taken The name is available. Register?

ނޫސް ކިޔާމީހާ

26 March 2021

ރޔާމީނު ވެރިކަމުގައި ވައްކަން ކުރާތީވެ ރީނދޫ މީހުން ވެރިކަމަށް ގެނައީ.މި ވެރިކަމުގައި ތަރައްގީއެއް ނުކޮށް ވައްކަން ކުރަމުންދަނީ އުފަލުގައި

The name is already taken The name is available. Register?

އެމްސް

26 March 2021

ކޮންމެ ސަރުކާރަކާއި އެކުވެސް މަހުޖަނުންނަށް ވާބަޔަކު އުޅޭ!

The name is already taken The name is available. Register?

ބޯގަޅިމުޙައްމަދު ކަލޭފާނު

25 March 2021

ގެންނަބޭހުގާ ކަރަޕްޝަން އެކުލެވިފައިވަންޏާ އެކާމީހާގެ ގޮހިރުތެރެއަށް އެކޮރަޕްޝަން ނުވަންނާނެތޯ؟

The name is already taken The name is available. Register?

ޕޮއިންޓްފައިވް

25 March 2021

ކަންމަތީ ބޭސްފިހާރަ އިންޑިޔާ ސޭޓު ކިޔަނީ އޭނަ ހިތައް އެރި އަގެެއް.. ޕެރަސަޓަމޯލް ކާޑެެއް 70 ރ... މިހާރު އަގު ބޯޑު ހުންނަނީ ބާއި..

The name is already taken The name is available. Register?

ނާރުބޭ

25 March 2021

ފުރަތަމަ ކަމަކައް ހުރިހާބޭހެއްގެ އަގުތައް ކޮންޓްރޯލް ކުރަން އެބަޖެހޭ ބޭހުން އިންޕޯޓް ޑިއުޓީ ކަނޑާ ލުމަކުންނޭ ކިޔާފަކަ އެއްވެސް ބޭހެއްގެ އަގެއް ހެވެއްނުވޭ މިކަމުންވެސް ހުރިހާ ފައިދާއެއް ވަނީ ބޭސް އެތެރެކޮއް ވިއްކާ މީހުންނައް ދެންމިހިރީ ޕްރައިވެޓް ހޮސްޕިޓާ ތަކާ ކުލިނިކުތައް މިހުރިހާ ތަންތަނަކީ ދެކޮޅުން ކާތަންތަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454