ލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދަނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
24 މާޗް 2021 - 14:23
ކޮލަމްބޯ (މާޗް 24) - ލަންކާ ހަނގުރާމައިގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތަކުގެ ހެކި ހޯދަން އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އިއްޔެ ފާސްކުރި ނަމަވެސް އެއީ ލަންކާ އިން އަމަލު ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށް ކޮލަމްބޯ އިން ބުނެފި އެވެ.
ޖެނީވާގައި ކުރިއަށްދާ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅި ގަރާރު ވަނީ ހަނގުރާމައިގެ ތެރޭގައި ހިންގި ޖަރީމާތަކުގެ ހެކި ހޯދާ އެ ހެކިތައް ރައްކާކޮށްފައި ބެހެއްޓުމުގެ ބާރު އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު މިޝޭލް ބަޗެލޭ އަށް ދެވޭ ގޮތަށް ފާސްކޮށްފަ އެވެ. އިނގިރޭސި ވިލާތުން އިސްވެ ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ 22-11 ވޯޓުންނެވެ.
ކައުންސިލުގެ ގަރާރުން ވަނީ ބަޗެލޭގެ އޮފީހަށް އާ ސްޓާފުންނާއި އިތުރު ބާރުތަކާއި 2.8 މިލިއަން ޑޮލަރުގެ ބަޖެޓެއް ދިނުމަށް ހިމަނައިފަ އެވެ.
ލަންކާ އިން ބުނީ އެ ފައިސާ އިން ޖަފްނާގެ ފަގީރުންނަށް ގެ އަޅައިދިނިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ.
ގަރާރު ފާސްކުރުމާ ގުޅިގެން ކޮލަމްބޯގައި ވަރަށް ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދަނާ ވިދާޅުވީ ކައުންސިލުން ފާސްކުރި ގަރާރަކީ ލަންކާ އިން އަމަލު ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ.
"އެއީ ބޭކާރު ގޮތުގައި ހޭދަކުރާ ފައިސާ،" ގުނަވަރުދަނާ ވިދާޅުވި އެވެ. "އެ ގަރާރަކާ ގުޅޭ ގައުމަކުން އެއްބަސްނުވަންޏާ އެ ތަންފީޒެއް ނުކުރެވޭނެ."
ލަންކާގެ 26 އަހަރުވީ ހަނގުރާމަ މެއި، 2009 ގައި ނިމުނު އިރު، ހަނގުރާމައިގެ ފަހު ދުވަސްވަރު ލާއިންސާނީ ގޮތަކަށް އެއް ލައްކަ މީހުން މަރާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
24 March 2021
ހަގީގަތުގަ މިވާގޮތަކީ ޗައިނާގެ ސަބަބުން ލަންކާ ތަރައްގީވާތީ ޗައިނާގެ ސަބަބުން ފަގީރު ޤައުމުތައް ތަރައްގީވެ އެމެރިކާޔާ ދުރައް ޖެހޭތީ އެމެރިކާ އާރާބާރު ނެތިދާތީ ވާގޮތް މިފެންނަނީ.