ދުނިޔެ / ސުއޭޒް ކެނަލް

ކެނަލް ބަންދުވުން: ކިހާވަރެއްގެ އިގްތިސާދީ ގެއްލުމެއް؟

ސުއޭޒް ކެނަލްގައި ބިޔަ ބޯޓެއް ހުރަސްވެ އެ ކެނަލް ބަންދުވެފައި އޮތް ކޮންމެ ދުވަހަކު 15 މިލިއަން ޑޮލަރުގެ ގެއްލުން މިސްރަށްވެފައިވާ ކަމަށް ކެނަލް އޮތޯރިޓީން ވަނީ ބުނެފައި.

ސުއޭޒް ކެނަލްގައި ހުރަސްވި އެމްވީ އެވަ ގިވަން ފުންކޮށްގެން ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ގާހިރާ (މާޗް 31) - ސުއޭޒް ކެނަލްގައި ބިޔަ ކޮންޓެއިނާ ބޯޓެއް ހުރަސްވެ އެ ކެނަލް ބަންދުވި ކޮންމެ ދުވަހަކު މިސްރަށް 12-15 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީ (އެސްސީއޭ) އިން ބުނެފި އެވެ.

ދެ ލައްކަ ޓަނުގެ އެމްވީ އެވަ ގިވަން ފުންކުރަން އުޅުމުގެ ތެރޭގައި ކެނަލަށް ވެސް ވަނީ ބައެއް ގެއްލުން ލިބި މަރާމާތު ކުރަން ޖެހިފަ އެވެ.

ކްރެޑިޑް ރޭޓިން އެޖެންސީއެއްގެ ބޭފުޅަކު ވިދާޅުވީ އެ ގެއްލުމުގައި ބައެއް ޕާޓްނަރުންގެ ޒިންމާ އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި ކެނަލްގައި ތާށިވި އެމްވީ އެވަ ގިވަންގެ ޖަޕާނުގެ ވެރި ފަރާތާއި އެ ބޯޓު އޮޕަރޭޓް ކުރާ ޓައިވާނުގެ ކުންފުނީގެ އިތުރުން ކެނަލް އޮތޯރިޓީ ހިމެނެ އެވެ. ސަބަބަކީ ކެނަލްގައި ބޯޓުތައް ދުއްވާ އިރު ތިބެނީ މިސްރުގެ ކެޕްޓަނުން ކަމަށްވާތީ އެވެ.

ސުއޭޒް ކެނަލްގައި އެވަ ގިވަން ހުރަސްވެ ކެނަލް ބަންދުވި ހަފުތާއެއްހާ ދުވަހު ތެރޭ މެޑިޓެރޭނިއަން އާއި ރަތް ކަނޑުން ކެނަލް ހުރަސްކުރަން މިސްރާބު ޖަހާފައިވާ 400 ވަރަކަށް ބޯޓު ތާށިވި އެވެ. ސުއޭޒް ކެނަލްގައި އެވަ ގިވަން ތާށިވުމުން އޭޝިއާ އިން ޔޫރަޕަށް ދަތުރުކުރާ ބައެއް ބޯޓުތައް ވަނީ އެފްރިކާ ވަށާލާފައި ކުރާ ދިގު ދަތުރަށް ނުކުމެފަ އެވެ. އެ ރޫޓުން ދަތުރުކުރާ ނަމަ 9،000 ކިލޯމީޓަރު (5،500 މޭލު) އިތުރުވެ ދަތުރުގެ މުއްދަތު ވެސް ދެ ހަފުތާއަށް ދިގުވެ އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރާބީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ސުއޭޒް ކެނަލްގައި ހުރަސްވި މެގަ-ކޮންޓެއިނާ ބޯޓުގެ ސަބަބުން ދުވާލަކު ގާތްގަނޑަކަށް 9.6 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފައިވާ ކަމަށް ޝިޕިން ޑޭޓާ އިން ވަނީ ދައްކައިފަ އެވެ. އޭގެ މާނައަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅުވާލަ ދޭ ކަނޑުއޮޅީގައި ގަޑިއަކު 400 މިލިއަން ޑޮލަރުގެ ވިޔަފާރި ހިފެހެއްޓިފައިވުމެވެ. އަދި ގަޑިއަކު 3.3 މިލިއަން ޓަނުގެ މުދާ ހިފެހެއްޓިފައި ހުރުމެވެ. މިނިޓަކަށް ބަލާ ނަމަ އެއީ 6.7 މިލިއަން ޑޮލަރުގެ ހިފެހެއްޓުމެކެވެ. ލޮއިޑްސް ލިސްޓުގެ ޝިޕިން ޑޭޓާ ދައްކާ ގޮތުން ކެނަލްގެ ހުޅަނގަށް ދަތުރުކުރާ އުޅަނދުތަކުގައި ވަނީ ގާތްގަނޑަކަށް ދުވާލަކު 5.1 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފަ އެވެ. އިރަށް ދަތުރުކުރާ ޓްރެފިކުގައި ވަނީ 4.5 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފަ އެވެ.

ހިސާބުތައް ދައްކާ ގޮތުން ސުއޭޒް ކެނަލުން ކޮންމެ ދުވަހަކު ވެސް ތިން ބިލިއަން ޑޮލަރުގެ މުދާ ބޯޓު ފަހަރުގައި އުފުލަ އެވެ. އަދި 1.74 މިލިއަން ފީފާ ތެޔޮ އެ ކެނަލުން ކޮންމެ ދުވަހަކު ވެސް ގެންދެ އެވެ.

ސަތޭކަ ނުވަދިހަ ތިން ކިލޯމީޓަރު (120 މޭލު) ގެ ދިގު ކެނަލް އިން ދުނިޔޭގެ ވިޔަފާރި މުދަލުގެ 12 ޕަސެންޓް ކޮންމެ ދުވަހަކު ވެސް އުފުލަ އެވެ. ކޮވިޑުގެ ކުރިން ވަނީ މިސްރުގެ ޖީޑީޕީގައި ސުއޭޒް ކެނަލުން ލިބޭ އާމްދަނީ ދެ ޕަސެންޓް ހިއްސާކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454