01 އެޕްރީލް 2021 - 07:54
ބަތަލާ ކަންގަނާ ރަނާވަތުގެ ވާހަކަ ގިނަ ފަހަރަށް މީޑިއާތަކުގައި ދެކެވެނީ އޭނާގެ ކޮންމެވެސް ނެގަޓިވް ވާހަކައަކާ އެކީގަ އެވެ. އެކަމަކު މި ފަހަރު ކަންގަނާ ވާހަކަ ދައްކަން ޖެހެނީ އޭނާ ބަތަލާއަކަށް ތައުރީފުކޮށް ކުރި ޓްވީޓަކާ ގުޅިގެންނެވެ.
ވަރަށް އާންމުކޮށް ދީޕިކާ ޕަދްކޯނާއި އާލިއާ ބަޓާއި ތާޕްސީ ޕައްނޫ އާއި ސްވަރާ ބާސްކަރް ފަދަ ބަތަލާއިންނަށް ބަހުގެ ހަމަލާތައް ފޮނުވާ ކަންގަނާ ތައުރީފު އޮއްސައިލީ އަރަމުން އަންނަ ޒުވާން ބަތަލާ ސާނިއާ މަލްހޯތުރާއަށެވެ. މިދިޔަ މަހުގެ 26 ގައި ނެޓްފްލިކްސްގެ ސްޓްރީމްކުރަން ފެށި ފިލްމު "ޕަގްލައިޓް" ބަލާފައި ކަންގަނާ ބުނީ އެ ފިލްމުގައި ސާނިއާ ވަރަށް މޮޅު ކަމަށެވެ.
"އަހަރެން އުފާ ވެސް ކުރަން އޭނަގެ ހުނަރު މިހާރު ގިނަ ބަޔަކު ވަޒަންކުރާތީ،" ފިލްމު ސްޓްރީމްކުރަން ފެށި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަކަން ވެސް ފާހަގަކޮށް ކަންގަނާ ބުންޏެވެ. "ސާނިއާ އަށްޓަކައި އުފާކުރަން. އަދި އޭނާ އަކީ ހުރިހާ އެއްޗެއް [ފިލްމީ ދާއިރާއިން] ހައްގުވާނެ މީހެއް."
She is soooo good .... I am gald people are recognising her talent, I heard #PagglaitOnNetflix is doing amazingly well... so happy for you Sanya you deserve everything and much more ... lots of love to you ❤️ https://t.co/d5lVvyLbwN
— Kangana Ranaut (@KanganaTeam) March 30, 2021
އެ ޓްވީޓާ ގުޅިގެން ޝުކުރު އަދާކޮށް ސާނިއާ ބުނީ ކަންގަނާގެ އެ ވާހަކަތަކުން ހިތްފުރިއްޖެ ކަމަށެވެ.
މި އަހަރު ހަތަރު ވަނަ ނެޝަނަލް އެވޯޑް ކަށަވަރުކުރި ކަންގަނާ މިގޮތަށް އެންމެ ފަހުން ތައުރީފުކުރި ބަތަލާ އަކީ ތައްބޫ އެވެ. އޭނާ ބުނެފައިވާ ގޮތުގައި 2018 ގެ ފިލްމު "އަންދާދުން" ގައި ތައްބޫ ކުޅުނު ނެގަޓިވް ރޯލަކީ ނެޝަނަލް އެވޯޑް ވެސް ހައްގުވާހާ މޮޅަށް ކުޅެފައިވާ ރޯލެކެވެ.
Thank you so much. It really means a lot. ❤️🥺
— Sanya Malhotra (@sanyamalhotra07) March 30, 2021
ސާނިއާ، 29، އަކީ 2016 ގައި އާމިރު ޚާންގެ "ޑަންގަލް" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބަދާއީ ހޯ" އާއި "ފޮޓޯގްރާފް" އާއި "ޕަޓާކާ" އާއި "ޝަކުންތަލާ ދޭވީ" އަދި "ލޫޑޯ" ހިމެނެ އެވެ.
އުމޭޝް ބިސްޓް ޑައިރެކްޓްކޮށްފައިވާ ޑާކް ކޮމެޑީ "ޕަގްލައިޓް" އަކީ ފިރިމީހާގެ ކުއްލި މަރު ގަބޫލުކުރަން ދެކޮޅު ހަދައި ހުވަފަތް އަންބެއްގެ ފަރާތުން ފެންނަ އާދަޔާހިލާފު ކަންތައްތަކެއް މަޖާ ގޮތަކަށް ކިޔައިދީފައިވާ ފިލްމެކެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޝްރޫތީ ޝަރުމާ އާއި އަޝުތޯޝް ރާނާ، ރަގްބީރް ޔާދަވް އަދި ރާޖޭޝް ތައިލަންގް ހިމެނެ އެވެ.
ސާނިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލަވް ހޯސްޓެލް" އާއި "މީނާކްޝީ ސުންދަރޭޝަވަރު" ހިމެނެ އެވެ. އެ ދެ ފިލްމަކީ ވެސް ނެޓްފްލިކްސްގެ ފިލްމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy