ރިޕޯޓް / ތިމާވެށި

މިޔަރުގެ މަނާ މަސްވެރިކަން ފާޅުގައި ފުޅާކޮށް

"މިއީ ފޭރުން. އެންމެން ނަފާ ހޯދާ ކަމެއް, އެންމެން އޭތީގެ ވަށައިގެން ހިފައިގެން އެންމެން ހިމާޔަތްކުރަން ބޭނުންވާ ކަމެއް ހަމަ ބަޔަކު އައިސް ލޫޓުވައިލުން."

އދ. ދިގުރަށުގެ އަށިތަކެއްގައި މިޔަރު އުރަހަ އާއި ދަތްޕިލަ އާއި މަސް ހިއްކަން ބަހައްޓާފައި ހުއްޓާ މިދިޔަ ޑިސެމްބަރު މަހު ނަގާފައިވާ ފޮޓޯތަކެއް: މިޔަރު ބާނައި ހިއްކައި ގަނެވިއްކުމުގެ ފުޅާ ވަގު ވިޔަފާރިއެއް ވަނީ އުފެދިފައި.

ރާއްޖޭގައި މިޔަރުގެ ވަގު ވިޔަފާރިއެއް އޮތްކަން, ވޭތުވެދިޔަ ތިން މަސް ދުވަހު ފެންމަތިވެފައިވާ ކަންކަމުން ވަނީ ހާމަވެފަ އެވެ. "މިހާރު" އިން ހޯދާފައިވާ މައުލޫމާތާއި ހެކިތަކުން އެނގޭ ގޮތުގައި 2010 އިން ފެށިގެން މަނާކޮށްފައިވާ މިޔަރު މަސްވެރިކަން ގަވާއިދާ ހިލާފަށް ބައެއް ރަށްރަށުގައި ދިރުވައި ވަނީ ފުޅާކޮށްފަ އެވެ.

އދ. ދިގުރަށާއި ދަނގެތީގައި ގިނަ އަދަދަކަށް މިޔަރު ބާނައި ހިއްކާފައިވެ އެވެ. އެ އަތޮޅުގެ ބައެއް ރަށްރަށުގައި ގަދަޔަށް މިޔަރު މަސްވެރިކަން ކުރަން ފެށީ މިދިޔަ އަހަރެވެ. އެއް ސަބަބަކަށް ވީ ކޮވިޑާ ގުޅިގެން ރިސޯޓުތައް ބަންދުކޮށް ޓޫރިޒަމް ހަރަކާތްތައް ހުއްޓުމަކަށް އައުމުން އާމްދަނީ ގެއްލުނު ނުވަތަ ހީނަރުވި ބައެއް މީހުން ފައިސާ ހޯދާ މަގަކަށް މިޔަރު މަސްވެރިކަން ހެދުމެވެ.

ރާއްޖެ އިން އެކްސްޕޯޓްކުރަން އުޅެނިކޮށް އަތުލައިގަތް 429 ކިލޯގެ މިޔަރު އުރަހައަކީ މިޔަރުގެ ބާވަތްތައް ގަނެވިއްކާ ކަޅު ބާޒާރެއް އޮތް ކަމުގެ ހެއްކެކެވެ. ވައިގެ މަގުން ރާއްޖެ އިން ބޭރުކުރަން އުޅުނު އެ ބޮޑު ޝިޕްމެންޓު ޖެނުއަރީ 3ގައި އަތުލައިގަތުމުގެ ކުރިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޝަކުވާއެއް ލިބުނެވެ. އެއީ ދިގުރަށުގައި ގިނަ އަދަދެއްގެ މިޔަރު ބާނައި ހިއްކާފައިވާ ކަމުގެ މައުލޫމާތެވެ. އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ )އީޕީއޭ( އަށް ފޮޓޯއާ އެކު އެ ޝަކުވާ ލިބި އީޕީއޭ އިން ޑިސެމްބަރު 15, 2020ގައި އެކަން ފިޝަރީޒް މިނިސްޓްރީ އަށް އެންގި އެވެ. އަދި ފިޝަރީޒުން ދެން ކުރި މަސައްކަތްތަކަކާ އެކު, މިޔަރު ބޭނުމާއި ގަނެވިއްކުމުގެ ހަރަކާތްތަކަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ފާރަވެރިވާން ފެށި އެވެ.

މިޔަރު މަސްވެރިކަމަށް ހާއްސަ ލޭނު އަޅައިގެން މިޔަރު ބާނަ އެވެ. ބައެއް މީހުން ކަނޑުމަތީގައި ވަގަށް މިޔަރު ކަނޑައި ދޯނީގައި ފޮރުވައިގެން އުރަހަ ހިއްކާ އުޅޭ އިރު އަނެއް ބަޔަކު ޖެހިލުމެއް ނެތި އާއްމު ތަންތަނުގައި ވެސް މިޔަރު ކަނޑައި ރަށު ތެރޭގެ އަށިތަކުގައި މިޔަރު މަހާއި ދަތްޕިލަ އާއި އުރަހަ ހިއްކާފައިވެ އެވެ.

ސަރުކާރުގެ އިދާރާތަކަށް ޝަކުވާ ލިބެން ފެށުމާއި އުރަހަ ޝިޕްމެންޓް އަތުލައިގަތުމާ ގުޅިގެން ކަންކަން ހާމަވާން ފެށި ފަހުން މިޔަރު މަސްވެރިކަމުގެ ހަރަކާތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނެވެ. އެކަމަކު ވޭތުވެދިޔަ 10 ދުވަސް ތެރޭ ވެސް ދަނގެތީ ދޯންޏަކުން ދެ ފަހަރަކު މިޔަރު ބާނަނިކޮށް ވަނީ ފެނިފަ އެވެ.

ގަވާއިދާ ހިލާފަށް މިޔަރު ބާނައި ގަނެވިއްކުމުގެ ކަޅު ބާޒާރެއް އުފެދިގެން މި އުޅެނީ މިޔަރު ބޭނުން ހުއްދަކުރަން ގޮވާލާ އަޑު ގަދަވެފައި ވަނިކޮށެވެ. އަދި އެކަމުގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިދިޔަ މަހު ވަނީ މެނޭޖުކުރާ މަސްވެރިކަމެއްގެ ގޮތުގައި މިޔަރު ބާނަން ހުޅުވާލަން ތާއީދުކުރައްވާ މޭރުމަކުން ވާހަކަދައްކަވައިފަ އެވެ. މިއީ މިޔަރު ފަދަ މުހިއްމު ދިރުންތައް ދަމަހައްޓަން ގޮވާލާ ފަރާތްތަކާއި ޓޫރިސްޓުންނަށް މިޔަރު ދައްކައިގެން އާމްދަނީ ހޯދާ މީހުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އެ މީހުން ބުނާގޮތުގައި މިޔަރު މެރުމުން ލިބޭނެ ތިމާވެށީގެ ގެއްލުންތަކުގެ އިތުރުން, ގަވާއިދާ ހިލާފަށް މިޔަރު ބާނަމުންދިޔުމާއި މިޔަރު މަސްވެރިކަން ހުޅުވާލާ ވާހަކަ ދެއްކުމުގެ ސަބަބުން ޓޫރިޒަމްގައި ރާއްޖެ ހޯދާފައިވާ މަގާމް ހީނަރުވެގެން ވެސް ދާނެ އެވެ.

"މި ކަހަލަ ހާލަތެއްގައި ރާއްޖެއަށް ރާއްޖެ ޕްރޮމޯޓްކުރަން އެތައް ބަޔަކު އެތައް ގޮތަކުން މަސައްކަތްކުރަމުންދާ އިރު އަނެއްކާވެސް މި ޖެހެނީ މީގެން ސަލާމާތްވުމަށްޓަކައި އެތައް މަސައްކަތެއް ކުރަން."

ފުލުހުން ހުއްޓުވި ދޯނި އަނެއްކާވެސް މިޔަރު ބާނަން

މިދިޔަ މަހު 22ގައި އދ. މަންދޫ ކައިރީގައި މިޔަރު މަސްވެރިކަން ކުރާ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ގޮސް ކ. މާވަރު ފަޅު ކައިރިން ދޯންޏެއް ހުއްޓުވި އެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުގައި އެއީ އދ. ދަނގެތީ ދޯންޏެކެވެ. ހަތަރު މީހަކު މިޔަރު މަސްވެރިކަން ކުރަން ތިބި އެ ދޯނިން, ނުކަނޑާ އޮތް 10 ވަރަކަށް މިޔަރާއި ކަނޑާފައި ހުރި މިޔަރު އުރަހަ އާއި ލޮނު އަޅާފައި ހުރި މިޔަރު މަސް ފުލުހުންނަށް ފެނުނެވެ.

ފުލުހުން އެ ދޯނި ގެންގޮސް ދަނގެތީ ފަޅަށް ވެއްދިތާ ދެވަނަ ދުވަހު ހެނދުނު އަރި އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ފީނަން ދިޔަ ބަޔަކަށް, ދޯންޏަކުން އެ ތަނުގައި ލޭނު އަޅައިގެން މިޔަރު މަސްވެރިކަން ކުރަނިކޮށް ފެނުނެވެ. "ފިޝް ހެޑް"ގެ ނަމުން މަޝްހޫރު ޑައިވް ސައިޓުން އެ މަންޒަރު ދުށް ބަޔަކު އެކަން ރިޕޯޓުކުރި އެވެ. "މިހާރު"އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ފިޝް ހެޑުން މިޔަރު ބާނަނިކޮށް ބަޔަކަށް ފެނުނީ އޭގެ ދެ ދުވަސް ކުރިން ފުލުހުން އެ ހުއްޓުވި ދޯންޏެވެ.

މިޔަރު ބޭނުން ފަދަ މައްސަލަތަކުގައި އަދަބު ދޭން އޮންނަނީ މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އަޅާ ޖޫރިމަނާކުރުން ފަދަ އިދާރީ ފިޔަވަޅުތަކުންނެވެ. ގާނޫނު ލާޒިމުކުރާ އިޖުރާއަތުތަކުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ފުރަތަމަ ފޮނުވަން ޖެހެނީ ނޯޓިހެކެވެ. ދަނގެތީ ދޯނީގެ މީހުންނަކަށް އެ ނޯޓިހެއް އަދި ނުފޮނުވަ އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ ދޯންޏަކުން މިޔަރު މަސްވެރިކަން ކުރަނިކޮށް ފެނުނު މައްސަލައިގައި ފިޔަވަޅު އެޅުމުގެ "ޕްރޮސެސް ވަނީ ފެށިފައި" ކަމަށެވެ.

"ފުލުހުންގެ ތަހުގީގު ނިންމައި އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުން ފިޔަވަޅު އެޅުމުގެ ނޯޓިސް, އެ ކަމުގައި ޝާމިލްވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ފޮނުވާނެ," އެ މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝިފާޒު ވިދާޅުވި އެވެ.

"ދެރައީ އެންމެންނަށް އެނގުނަސް ފިޔަވަޅެއް ނޭޅޭކަން"

ފިޝް ހެޑްގައި (މުށިމަސްމިގިލި ތިލަ) އަޅާފައި އޮތް ލޭނަކީ ސީދާ މިޔަރު ބާނަން އަމާޒުކޮށްފައި އޮތް އެއްޗެއްކަން, އާއްމުކޮށްފައިވާ ވީޑިއޯ އިން ތަޖުރިބާކާރުންނަށް ޔަގީންވެ އެވެ. މަސްވެރިންގެ ޖަމްއިއްޔާއެއް ކަމަށްވާ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެން ނަޝީދު ވިދާޅުވިގޮތުގައި އެ ލޭނުގައި ހުރީ މިޔަރު މަސްވެރިކަމަށް ހާއްސަ އާލާތްތަކެކެވެ.

"އެ ފެންނަ ރީނދޫ ކުލައިގެ ހިމަ ވަލަށް އަޅުގަނޑުމެން ކިޔަނީ ހެތުރު. ހެތުރުގެ ކުރިއަށް އެ އިންނަނީ ނަރުގަނޑެއް ލައިފައި. އެ ނަރުގަނޑު ބޭނުމެއް ނުކުރާނެ އިތުރު އެހެން މަސްވެރިކަމަކަށެއް. ދެން ފެންނަން އެ ހުރި ބުޅިއަކީ މިޔަރު ބާނަން ބޭނުންކުރާ ބުޅި. އެ ބުޅިއެއް ވެސް ބޭނުމެއް ނުކުރާނެ އެހެން މަސްވެރިކަމެއްގައެއް," ނަޝީދު ވިދާޅުވި އެވެ.

ދަނގެއްޗަކީ, އެ ރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި, ހައެއްކަ ދޯނި ގަވާއިދުން މިޔަރު މަސްވެރިކަމަށް ގޮސް އުޅޭ ރަށެކެވެ. ރަށުގެ ކުނި ގޮނޑު ސަރަހައްދުގައި މިޔަރު މަސް ހިއްކަން ބަހައްޓާފައި ހުންނަ ތަން ވެސް އޭނާ އަށް ފެނެ އެވެ.

"ދޯނީގައި މަސް ކިބަ ވަކިކޮށްގެން ގެންގޮސް އަށިތަކުގައި ރީއްޗައް އަތުރާލާފައި ހުންނަނީ. ބަލާ މީހަކަށް ނޭނގިދާނެ އެއީ ކޯއްޗެއް ކަމެއް. އެކަމަކު މިޔަރު މަސް އެނގޭ މީހުންނަށް އެނގޭނެ އެއީ މިޔަރު މަސްކަން," ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި މީހާ ބުންޏެވެ.

"މިއީ އެންމެންނަށް ވެސް އެނގިގެން ކުރާ ކަމެއް. މީގެ ދެރަ ކަމަކީ އެންމެންނަށް އެނގުނަސް ވެސް ފިޔަވަޅެއް ނޭޅޭކަން."

ދަނގެތީގައި މިޔަރު މަސްވެރިކަންކުރުމާ ބެހޭގޮތުން އެ ރަށު ކައުންސިލާ ސުވާލުކުރުމުން ކައުންސިލުން ވާހަކައެއް ނުދެއްކި އެވެ.

މިދިޔަ ޖެނުއަރީ 4ގައި ދަނގެތީގައި ނަގާފައިވާ މި ފޮޓޯ އިން ފެންނަ އަށިތަކުގައި ހިއްކަން ބަހައްޓާފައި ހުރީ މިޔަރު މަސް ކަމަށް ފޮޓޯ ނެގި މީހާ ބުނޭ.

ދިގުރަށުގައި ވެސް ގިނަ އަދަދެއްގެ މިޔަރު މަހާއި ދަތްޕިލަ އާއި އުރަހަ އަށިތަކުގައި ހިއްކަން ބަހައްޓާފައި ހުރި ތަން "މިހާރު" އަށް ލިބިފައިވާ ފެންނަ ފޮޓޯތަކަކުން ފެނެ އެވެ. އެކަމުގެ މައުލޫމާތު ހުރި މީހަކު ކިޔައިދިންގޮތުގައި ފާޅުގައި މިޔަރު ކަނޑާ އުޅުނު ތަން ވެސް އެ ރަށުން ފެނިފައިވެ އެވެ.

"ދޯނިން މިޔަރު ގެނެސް އަތިރިމަތީގައި ތިބެ ކަނޑައިގެން ރަށަށް އަރުވަމުން ދިޔައީ. އެހެންވީމާ ސިއްރުން ހިނގި ކަމެއް ނޫންތާ," އޭނާ ބުންޏެވެ.

އެކަމަކު ދިގުރަށު ކައުންސިލްގެ ރައީސް އުސްމާން އީސާ ވިދާޅުވީ އެ ރަށުގައި މިޔަރު ބާނައި ހިއްކި ކަމެއް ކައުންސިލަށް އެނގިފައި ނުވާ ކަމަށެވެ. މިދިޔަ ޑިސެމްބަރު މަހު އެ ރަށުގެ އަށިތަކެއްގައި މިޔަރުގެ ބައިތައް ހިއްކަން ބަހައްޓާފައި ހުރި ތަން ފެންނަ ފޮޓޯތަކާ ބެހޭގޮތުން ސުވާލުކުރުމުން އުސްމާން ވިދާޅުވީ އެކަން ބަލައިދޭން އީޕީއޭ އިން އެދުމުން ބެލި ކަމަށާއި އެކަމަކު އެފަދަ ކަމެއް ފާހަގަކުރެވިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން ބެލި އިރަކު އެތާކު އެއްވެސް އެއްޗެއް ނެތް. އެހެންވީމާ ކައުންސިލުން އޮންނާނީ ޖަވާބުދީފައި އަޅުގަނޑުމެންނަށް އެނގިގެން އެކަހަލަ ކަމެއް ނުހިނގާ ކަމަށް," އުސްމާން ވިދާޅުވި އެވެ.

ދިގުރަށުގައި މިޔަރު ހިއްކަން ބަހައްޓާފައި ހުއްޓާ މިދިޔަ ޑިސެމްބަރު މަހު ނަގާފައިވާ ފޮޓޯއެއް

ކައުންސިލުން އެ ގޮތަށް ޖަވާބުދިން ނަމަވެސް އީޕީއޭ އަށް ޝަކުވާ ލިބުނު ދަނޑިވަޅުގައި ކައުންސިލްގެ ވައިބާ ގްރޫޕުގައި ދައްކާފައިވާ ވާހަކަތަކަކުން އެނގޭގޮތުގައި އެއީ ހިނގާ ކަމެއްކަން ކައުންސިލްގެ ބައެއް މީހުންނަށް އެނގެ އެވެ. އުސްމާން ވިދާޅުވީ ވައިބާ ގްރޫޕުގައި އެފަދަ ވާހަކައެއް ދެއްކި ކަމެއް އޭނާ އަށް ފާހަގަކުރެއްވިފައި ނުވާ ކަމަށެވެ.

"ކައުންސިލްގެ ބައްދަލުވުމެއްގައި ތިޔަ ގޮތަކަށް ވާހަކަ ދެކެވިފައެއް ނެތް," އޭނާ ވިދާޅުވި އެވެ.

"ހަމަ އެ ރަށުގެ މީހާ މި މަސްވެރިކަން މި ކުރަނީ. ހަމަ އެ ރަށުގެ މީހާ ގޮސް ޑައިވް ސައިޓަށް އެބަ ފީނާ. އެހެންވީމާ މި ރަށްރަށުން މިކަން ކުރީމާ ދެން ނޭނގޭ ދައްކާނެ ވާހަކައެއް."

އދ. އަތޮޅަކީ ރާއްޖޭގައި މިޔަރު ބޭނުން މަނާކުރުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މިޔަރު މަސްވެރިކަން ކުރި ހިސާބެކެވެ. އެކަމަކު މިހާރު އެފަދަ އެއް ރަށަކުން ގަވާއިދާ ހިލާފަށް މިޔަރު ބާނަމުން ދަނީ, އެ ރަށުން ވާހަކަދެއްކި މީހަކު ކިޔައިދިންގޮތުގައި, ރަސްމީކޮށް މަސްވެރިކަމުގައި އުޅޭ މަސް ދޯނިފަހަރަކުން ނުވަތަ މަސްވެރިންނެއް ނޫނެވެ. އޭނާ ބުނީ ޓޫރިޒަމް ހަރަކާތްތަކަށް ރިސޯޓުތަކަށާއި ސަފާރީތަކަށް ކުއްޔަށް ދޯނި ދޫކުރާ އޮޑިވެރިންގެ އާމްދަނީ އަށް ކޮވިޑާ ގުޅިގެން އަސަރު ފޯރުމުން އެފަދަ ގިނަ އުޅަނދުތަކަކުން މިޔަރު ބާނަން ފެށީ ކަމަށެވެ. އެ ދޯނިފަހަރުގައި އެ ރަށުގެ އެކި މީހުން ގަވާއިދުން މިޔަރު ބާނަން ދާއިރު މިޔަރު ޕްރޮސެސް ކުރަން ބައެއް ދޯނިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދޯނީގެ ތައްޓު މަތީ ވަށައިގެން ލަކުޑި ޕެލެޓު ޖަހާފައި ހުންނަނީ. ދޯނީގައި މިޔަރު ކަނޑާފައި އުރަހަތައް ޕެލެޓުތަކު ތެރޭ ފޮރުވާފައި ހިއްކަން ބަހައްޓަނީ. ދުރުން ބަލާ މީހަކަށް ފެންނާނީ ޕެލެޓުތައް," އޭނާ ބުންޏެވެ.

"މާލެ ކޮޅުން ގަންނާތީ"

ލޮނު މަހުގެ ތެރޭގައި ފޮރުވައިގެން އެކްސްޕޯޓްކުރަން އުޅެނިކޮށް އެއާޕޯޓުގައި ސިފައިންގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ޖެނުއަރީ މަހު ހިފެހެއްޓި މިޔަރު އުރަހަތަކަށް ދުނިޔޭގެ ބާޒާރުގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ. އެ އުރަހަތަކުގެ މައްސަލަ ބަލަނީ ކަސްޓަމްސް އިންނެވެ. ތަހުގީގު ނުނިމޭތީ ކަމަށް ބުނެ އެ ތަނުން ވަނީ އުރަހަތައް ބޭރުކުރަން އުޅުނީ ކޮން ފަރާތަކުންކަން ހާމަކުރަން ދެކޮޅުހަދައިފަ އެވެ.

މައުލޫމާތު ހުރި ފަރާތްތަކުން ބުނާގޮތުގައި މިޔަރު ވިޔަފާރީގެ އަޑީގައި ތިބީ ސީދާ ކޮން ބައެއްކަން ފޮރުވުމަށް އޮޅުވާލުންތަކެއް ގެންގުޅޭ ކަމަށް ބެލެވެ އެވެ. އެކަމަކު ޝައްކުކުރެވޭ ބަޔަކު އެބަތިއްބެވެ.

"ބާރުގަދަ ބަޔަކު އެބަ އުޅޭ އޭގެ ތެރޭގައި," ކަމާގުޅޭ ރަސްމީ އިދާރާއެއްގެ އޮފިޝަލަކު, ނަން ނުޖަހާ ގޮތަށް, ވިދާޅުވި އެވެ.

ރަށްރަށުން މިޔަރުގެ ބާވަތްތައް ގަންނަ މީހާގެ ގޮތުގައި ތަފާތު މަސްދަރުތަކުން އެއް ނަމެއް ބުނާކަން ފާހަގަކުރެވެ އެވެ. އެކަމަކު އެކަން ކަށަވަރުކުރެވޭ ވަރަކަށް އަދި މައުލޫމާތެއް ނުލިބެ އެވެ.

ދަނގެތިން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި އެ ރަށުގައި މިޔަރު ބާނާ މީހުންނަށް ކޮންމެ ދަތުރަކުން ވެސް ބޮޑު އާމްދަނީއެއް ލިބޭ ކަމަށް ބެލެވެ އެވެ.

"އެ މީހުން ބުނާގޮތުން އެ މީހުން މިޔަރު ބާނަނީ އޭތި މާލެ ކޮޅުން ގަންނާތީ. ހަމަ ރަނގަޅު އަގެއްގައި ގަންނަ ކަމަށް ވަނީ," އޭނާ ބުންޏެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ޖެނުއަރީގައި އަތުލައިގަތް ޝިޕްމެންޓަށް ފަހު ވެސް, މިޔަރު އުރަހައެއް އޮތް ކުޑަ ޝިޕްމެންޓެއް ރާއްޖެ އިން ބޭރުކުރަން އުޅެނިކޮށް ހިފަހައްޓާފައިވެ އެވެ. އަދި މަހުގެ އެހެން ދެ ޝިޕްމެންޓަކަށް ވެސް ޝައްކުކުރެވި, ދޫކޮށްލުމުގެ ކުރިން ޑީއެންއޭ ޓެސްޓަށް ސާމްޕަލް ނަގާފައިވެ އެވެ.

"އެކަން ރަނގަޅު ކަމަށް ވަންޏާ މިސާލަކަށް މި ހާލަތުގައި އަޅުގަނޑުގެ ހާލަތު ވަރަށް ދަށްވެގެން ފައިސާ ބޭނުންވީމަ އަޅުގަނޑު ގޮސް ޑްރަގްސް ވިއްކިޔަސް ހަމަ އެންމެ ރަނގަޅުވާނެ ނޫންތޯ؟"

ޑައިވް ސައިޓަކުން "ފޭރުން"

ފިޝް ހެޑަށް ޑައިވިން އަށް ދިޔަ މީހުންނަށް އެ ތަނުން ފެނުނު ލޭނު ނެގުމަށް ފަހު ރެކޯޑްކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ. ވީޑިއޯގައި ބޭރު މީހަކު އިނގިރޭސިން ވާހަކަދައްކާ އަޑު އިވެ އެވެ. އޭނާ ކިޔައިދޭގޮތުގައި މަރުވެފައި ހުރި މިޔަރާއި މަރަށް ތެޅިތެޅި ތިބި މިޔަރު އެ މީހުންނަށް ފެނުނު އެ ލޭނުން ބައެއް އެއްޗެހި ސަލާމަތް ވެސް ކުރެވުނެވެ. އޭގެ ތެރޭގައި މިޔަރާއި މަޑި ވެސް ހިމެނެ އެވެ. މަރުވެފައިވާ ހަތަރު މިޔަރު އެ މީހުން ތިބި އުޅަނދަށް ނަގާފައި ހުއްޓާ ފެނެ އެވެ. އަދި ޑައިވަރުން ފީނައިގެން އަޑީގައި މަރުވެފައި ހުރި މިޔަރު ނަގައި ތަން ސާފުކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އާއްމުކޮށްފައިވެ އެވެ.

ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ދިރުންތައް ކޮންމެ ދުވަހަކު ދެކޭ ފީނާމީހުންނަށް މިފަދަ މަންޒަރުތައް ބަލަން އުނދަގުލެވެ. ތަޖުރިބާހުރި ޑައިވަރަކު ނަން ނުޖަހަން އެދި ވާހަކަދައްކަމުން ކިޔައިދިނީ މިޔަރު ބޭނުން މަނާކުރި ފަހުން ޑައިވް ސައިޓުތަކުގައި މަޑުމަޑުން މިޔަރު އާލާވާން ފެށި އިރު ފިޝް ހެޑުން އޭނާ އަށް ފުރަތަމަ ފަހަރަށް މިޔަރެއް ފެނުނު ވަގުތުކޮޅެވެ. އަޑީގައި އޮވެ އުފަލުން ފެންކަޅިވި އެ ހަނދާން އާކުރަމުން އޭނާ ބުނިގޮތުގައި ފިޝް ހެޑުން ބަޔަކު މިޔަރު ބޭނިކަމުގެ ޚަބަރާ އެކު ގަދަ ރުޅިއެއް އައިސް ފުން އަސަރުކުރި އެވެ.

"ފިޝް ހެޑުން މިޔަރު ހިފީއޭ ބުނީމަ އަހަންނަށް ހަމަ ރޮވުނު," އެ ޑައިވަރު ބުންޏެވެ.

ފިޝް ހެޑުގައި އެޅި ލޭނުގައި ޖެހި މަރުވި މިޔަރު ނަގައި ޑައިވަރުންތަކެއް ތަން ސާފުކުރަނީ

ފިޝް ހެޑަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް މަޝްހޫރު އަދި މުހިއްމު ޑައިވް ސައިޓެއްގެ ގޮތުގައި ފީނާމީހުން ފާހަގަކުރާ ތަނެކެވެ. ތަޖުރިބާކާރު ޑައިވް އިންސްޓްރަކްޓަރު އަދި ޑައިވް ކްލަބް މޯލްޑިވްސްގެ ވެރިޔާ އަބްދުالله ހަސްރަތު (ހައްތު) ބުނިގޮތުގައި އެއީ ޓޫރިސްޓުންނަށް ތިލައިގައި ތިބެގެން މިޔަރުގެ ފޮޓޯ ނަގާލެވޭނެ އަދި ރާއްޖޭގައި ކުޑަ ތަނަކުން އެންމެ ރަނގަޅަށް މިޔަރު ފެންނާނެ އެއް ސްޕޮޓެވެ.

"މިއިން އެނގެނީ މީހުންގެ ހޭލުންތެރިކަން ކުޑަކަމާއި ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ވެސް ދިވެހިން ކުރާނެކަން."

މިޔަރު ބާނައިގެން ވިއްކުމަށް ވުރެ މިޔަރު ބަހައްޓައިގެން ޓޫރިސްޓުންނަށް ދެއްކުމުގެ އިގްތިސޯދީ މަންފާ ރާއްޖެ އަށް އެތައް ގުނައެއް ބޮޑެވެ. އެހެންކަމުން, ހިމާޔަތްކޮށްފައި އޮތް ޑައިވް ސައިޓަކުން މިޔަރު ބޭނުން ހައްތު ސިފަކުރީ ފޭރުމުގެ އަމަލެއްގެ ގޮތުގަ އެވެ.

"ދުރަށް ގޮސް ބާނައިފިއްޔާ އޭނާ އެ ކުރަނީ ވައްކަމެއް. މިއީ ފޭރުން. އެންމެން ނަފާ ހޯދާ ކަމެއް, އެންމެން އޭތީގެ ވަށައިގެން ހިފައިގެން އެންމެން ހިމާޔަތްކުރަން ބޭނުންވާ ކަމެއް ހަމަ ބަޔަކު އައިސް ލޫޓުވައިލުން," ހައްތު ބުންޏެވެ.

އެކަމަކު ރަސްމީކޮށް މަސްވެރިކަން ކުރާ އުޅަނދެއްގައި ނޫން ގޮތަކަށް މިޔަރު ހިފައިގެން ސީދާ ދެވެން އޮތް އެންމެ ބޮޑު އަދަބަކީ 5,000 ރުފިޔާގެ ޖޫރިމަނާ އެކެވެ.

އެންމެ ބޮޑު އަދަބު: 5,000 ރުފިޔާ

މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދުތަކާއި އެހެން ފަރާތްތައް މަސްވެރިކަމުގެ ގާނޫނުގައި ވަނީ ވަކިކޮށްފަ އެވެ. ލައިސަންސެއްގެ ޝަރުތުތަކާ ޚިލާފުވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވެ އެވެ. އެހެން އުޅަނދުތަކަށް އޮތް އެންމެ ބޮޑު ޖޫރިމަނާއަކީ 5,000 ރުފިޔާ އެވެ. އެހެންކަމުން މަސްވެރިކަމަށް ހުއްދައެއް ނަގާފައި ނެތް އުޅަނދެއްގައި ގޮސް މިޔަރު ބާނާ މީހުންނަށާއި އޭގެ ވެރިމީހާ އަށް ވެސް ދެވޭނެ އެންމެ ހަރުކަށި އަދަބަކީ އެއީ އެވެ.

ހައްތު ދެކޭގޮތުގައި 5,000ރ. އަކީ މިޔަރު ބާނާ މީހުން އެ ކުށް ތަކުރާރުކުރަން ޖެހިލުންވާނެ ފަދަ ފިޔަވަޅެއް ނޫނެވެ.

"އޭނާ ވިއްކާ މިޔަރުން އޭނާ 5,000 ރުފިޔާ ދައްކާ ނިންމާލާނެ. ދެން އަނެއްކާވެސް ގޮސް ނަގާފައި އަނެއްކާވެސް ހަމަ ޖޫރިމަނާ ދައްކަންވީނު," އޭނާ ބުންޏެވެ. "ކޮންމެހެން އޭނާ ޖަލަށް ލާ ވާހަކައެއް ނޫން. އެކަމަކު ތަކުރާރު ނުކުރާނެ ވަރުގެ އަދަބެއް ލިބިގެންތާ އޭނާ އެކަން ހުއްޓާލާނީ."

ފިޝަރީޒް މިނިސްޓްރީގެ ޝިފާޒު ވެސް ވިދާޅުވީ މަސްވެރިކަމުގެ ގަވާއިދުތަކުގެ ދަށުން ލައިސަންސް ނަގަން ނުޖެހޭ އުޅަނދުފަހަރުން ނުވަތަ އަމިއްލަ ފަރާތަކުން ގަވާއިދާ ޚިލާފަށް މަނާ ބާވަތެއް ހިފައިފި ނަމަ 5000ރ. އަށް ވުރެ ބޮޑުކޮށް ޖޫރިމަނާ ނުކުރެވޭ ހާލަތު ގާނޫނު އޮތްގޮތުން ދިމާވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ އެ މިނިސްޓްރީން ވެސް ހައްލު ހޯދަން ބޭނުންވާ ކަމެކެވެ.

"މިއީ މިފަދަ ބޮޑެތި ކަންތައްތައް ހުއްޓުވުމަށް އޮތް ހުރަހެއް. އެއީ މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމެއް. މިކަމަށް ގާނޫނީ ގޮތުން ހައްލެއް ހޯދޭތޯ މިނިސްޓްރީން މިދަނީ ބަލަމުން. އެކަމަށްޓަކައި ގާނޫނަށް އިސްލާހެއް ގެންނަންޖެހޭ ނަމަ މިނިސްޓްރީން އެ މަސައްކަތް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރާނަން," ޝިފާޒު ވިދާޅުވި އެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފު ކަމެއް ކޮށްފި ނަމަ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ފިޔަވަޅު އެޅޭނެ އެވެ. އެހެންކަމުން ފިޝް ހެޑުން މިޔަރު ބޭނި މައްސަލަ ބެލުމަށް ފަހު ފިޝަރީޒް މިނިސްޓްރީން ކުރާ ޖޫރިމަނާގެ އިތުރުން އީޕީއޭ އަށް ބޮޑު ޖޫރިމަނާއެއް ކުރެވިދާނެ އެވެ.

މިޔަރު ބާނަނިކޮށް މާޗު 22ގައި ފުލުހުން ގޮސް ހުއްޓުވި ދޯނީގައި ހުރި މިޔަރު އުރަހަތަކެއް.-- ފޮޓޯ: ޕޮލިސް

އުޒުރު: ކޮވިޑްގެ ހާލަތު

މިޔަރު މަސްވެރިކަން މިހާ ފުޅާވެގެން ދިޔައީ ފާޅުގައި އެކަން ކުރިޔަސް ރަށްރަށުގައި މައްސަލައަކަށް ވެފައި ނެތީމާ ކަމަށް ވެދާނެ އެވެ. އެއް ސަބަބަކީ ކޮވިޑާ ގުޅިގެން އާމްދަނީ އަށް އަސަރު ފޯރި ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތަކާ ދެކޮޅު ހަދަން މީހުންނަށް ނުފެނުން ނުވަތަ ނުކެރުން ކަމަށް ބެލެވެ އެވެ.

ދިގުރަށު ކައުންސިލްގެ ވައިބާ ގްރޫޕުގައި ޑިސެމްބަރު މަހު ދެއްކި ވާހަކައަކުން ވެސް އެކަން އެނގެ އެވެ. ފާޅުގައި މިޔަރު ބާނައި ކަނޑާ ހަދާ އިރު ކައުންސިލުން އެއްޗެއް ނުބުނަނީ ކީއްވެގެންތޯ އެ ގްރޫޕުގައި މީހަކު ސުވާލުކުރެ އެވެ. އެއަށް ޖަވާބުދެމުން އެހެން މީހަކު ބުނެފައި ވަނީ އޭނާ އަށް ވެސް އެ ވާހަކަ އަޑުއިވިފައިވާ ކަމަށާއި އެކަމަކު ރާއްޖޭގެ ބައެއް ރަށްރަށުގައި ފުޅާދާއިރާއެއްގައި މިޔަރު މަސްވެރިކަން ކުރާ އިރު ސަރުކާރުން ވެސް ފިޔަވަޅު ނާޅަނީ މީހުންގެ އިގްތިސޯދީ ހާލަތު ހުރި ގޮތުން ކަމަށް ދެކޭ ކަމަށެވެ. އޭނާގެ މެސެޖުގައި އޮތީ ގަވާއިދާ ހިލާފަށް ކަމެއް ކުރާ ނަމަ އެކަމެއް ހުއްޓުވަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު ވަގުތަށާއި ހާލަތަށް ބަލަން ޖެހޭނެ ކަމަށެވެ. ޓޫރިޒަމް އާދައިގެ ހާލަތަށް ގޮސް މީހުން އެ މީހުންގެ އާއްމު މަސައްކަތުގައި ޝާމިލްވާން ފެށުމުން ދިގުރަށުގައި އެކަން ހުއްޓޭނެކަން ޔަގީންވާ ކަމަށް ވެސް އެ މީހާ ލިޔުނެވެ.

އެކަމަކު ކޮވިޑްގެ ދަތިކަމަކީ މި ވަރު ކަމެއް ކުރަން ދެއްކިދާނެ އުޒުރެއް ކަމަކަށް ޑައިވަރުން ނުދެކެ އެވެ.

"ބަލަން މި ޖެހެނީ އެއީ ހުއްދަ ކަމެއްތޯ. އެއީ މަނާ ކަމެއް. އެހެންވީމާ އެ ކުރަނީ ކުށެއް," ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސީނީން (ސިންދި) ބުންޏެވެ. "އެކަން ރަނގަޅު ކަމަށް ވަންޏާ މިސާލަކަށް މި ހާލަތުގައި އަޅުގަނޑުގެ ހާލަތު ވަރަށް ދަށްވެގެން ފައިސާ ބޭނުންވީމަ އަޅުގަނޑު ގޮސް ޑްރަގްސް ވިއްކިޔަސް ހަމަ އެންމެ ރަނގަޅުވާނެ ނޫންތޯ؟"

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ޑައިވަރު ބުނިގޮތުގައި އޭނާ ހުރީ މިޔަރު ބާނާ މީހުންނާ ދިމާއަށް "ކަލޭމެން ކާންބޯން ކުރާ މަސައްކަތް ހުއްޓާލާށޭ" ބުނަން ނުކެރިފަ އެވެ. އޭނާ ހިތާހިތާ ސުވާލުކުރަމުންދިޔައީ "މީތި ފަޅައިގެން ދާނީ" ކޮން އިރަކުތޯ އެވެ. އެކަމަކު ދެން ލިބުނީ އިތުރު މާޔޫސްކަމެކެވެ.

"ކޮން އިރަކުންބާއޭ ސަރުކާރުން މި އަށް ފިޔަވަޅެއް އަޅާނީ އެހެން ހިތަށް އަރައަރާ ހުއްޓާ, އެކަން މަނާކުރަން އޮތް މިނިސްޓްރީން މި ބުނަނީ އެކަން ލީގަލައިޒްކުރަން ތިމަންނަމެން އެބަ މަޝްވަރާކުރަމޭ," މަޖިލީހުގެ ކޮމިޓީއެއްގައި ކުރި ސުވާލަކަށް މިނިސްޓަރު ޒަހާ ދެއްވި ޖަވާބަށް އިޝާރާތްކޮށް ޑައިވަރު ބުންޏެވެ. "އެ ހިސާބުން އަހަރެމެންގެ ހިތުގައި އޮތް އެއްޗެއް ބޭރުވާނެ ދޯ? އަސްލު ވަރަށް ކަންބޮޑުވޭ."

މިޔަރު މަސްވެރިކަމަށް "ހުޅުވާލާނީ ކޮން ގޮތަކަށްތޯ" ބަލަން މަޝްވަރާކުރަމުންދާ ކަމަށް ޒަހާ ވިދާޅުވި ނަމަވެސް އެކަމާ ބެހޭގޮތުން އެ މިނިސްޓްރީގެ އޮފިޝަލުން ވާހަކަނުދައްކަވާތީ އޭގެ އިތުރު ތަފްސީލެއް ނުލިބުނެވެ.

ނަތީޖާ

މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ މިނިސްޓަރާ ސުވާލުކުރެއްވީ މަސްވެރިކަމުގައި މިޔަރުގެ އުނދަގޫ ބޮޑުވެފައިވާތީ, ޓޫރިސްޓުން ޒިޔާރަތްކޮށް ނުބަލާނެ "މާކަނޑުގެ މިޔަރު" ބާނަން ހުޅުވާލައިގެން މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވަންތޯ އެވެ.

ބޭރުން މިޔަރު ބޭނުމާއި އެކަމަށް ހުއްދަދިނުމަކީ މައްސަލައެއް ނޫން ކަމަށް ބައެއް މީހުން ގަބޫލުކުރިޔަސް ޑައިވަރުން އެކަން ބަލައެއް ނުގަނެ އެވެ.

އެއް ޑައިވަރަކު ދެކޭގޮތުގައި ބޭރުން އެކަނި މިޔަރު ބާނަން ހުޅުވާލިޔަސް ޑައިވް ސައިޓުތަކުން މިޔަރު މަދުވާނެ އެވެ. އޭނާ ބުނީ މިޔަރު ބާނާ ބައެއް މީހުން ވެސް "ތިމަންނަމެން މިޔަރަށް ލޭނު އަޅަނީ މާ ކަނޑުގައޭ ބުންޏަސް" އެ މީހުން މިދިޔަ އަހަރުންސުރެ ކުރަމުންދާ މިޔަރު މަސްވެރިކަމުގެ ނޭދެވޭ އަސަރު މިހާރު ވެސް ޑައިވް ސައިޓުތަކުން ފެންނަން ފަށައިފި ކަމަށެވެ.

"އެ މީހުން ގަބޫލެއް ނުކުރޭ. އެކަމަކު އަހަރެމެން ޑައިވްކުރާތީ ތަފާތު ފެނޭ," ޑައިވަރު ބުންޏެވެ.

"މިސާލަކަށް ވިލަމެންދޫ ތިލަ ކަހަލަ ތަންތަނަކީ އަހަރެމެން ހަމަ ރަނގަޅަށް ގްރޭ ރީފް [ތިލަ މިޔަރު] ބަލާ ތަންތަން. އެކަމަކު މިހާރު ވިލަމެންދޫ ތިލައަކުން ނުފެންނާނެ ގްރޭ ރީފެއް."

ހައްތު ބުނީ އަމުދުން ދިގުރަށާއި ދަނގެތި ފަދަ, ޓޫރިޒަމްގެ އާމްދަނީ އަށް އެހާ ބޮޑަށް ބަރޯސާވާ ރަށްރަށުގެ މީހުން މިޔަރު ބޭނުމަކީ ހައިރާންވާ ކަމެއް ކަމަށެވެ.

"ހަމަ އެ ރަށުގެ މީހާ މި މަސްވެރިކަން މި ކުރަނީ. ހަމަ އެ ރަށުގެ މީހާ ގޮސް ޑައިވް ސައިޓަށް އެބަ ފީނާ. އެހެންވީމާ މި ރަށްރަށުން މިކަން ކުރީމާ ދެން ނޭނގޭ ދައްކާނެ ވާހަކައެއް," އޭނާ ބުންޏެވެ.

މަސްވެރިކަމުގައި މިޔަރުގެ ހާދިސާތައް އިތުރުވެފައިވާތީ މަސްވެރިން ކަންބޮޑުވެ އެވެ. އެކަމަކު, ލަހުން ބޮޑުވާ މިޔަރު ހިމާޔަތްކުރިތާ މިވީ 10 އަހަރު ތެރޭ, ރާއްޖޭގައި މިޔަރު މާ ބޮޑަށް އިތުރުވި ކަމުގެ ހެއްކެއް މިހާތަނަށް ނުފެންނަ ކަމަށް ކަނޑުގެ ދިރާސާތައް ކުރާ ސަރުކާރުގެ އިދާރާ އިން ވަނީ ބުނެފަ އެވެ. މާހިރުން ލަފާކުރަނީ މިޔަރު އިތުރުވެގެން ހިނގާ ކަމަކަށް ވުރެ ބޮޑަށް ހާދިސާތައް ގުޅިފައިވަނީ މިޔަރު އުޅޭ ގޮތް ބަދަލުކުރި ސަބަބުތަކަކާ ކަމަށެވެ. އޭގެ ތެރޭގައި މިޔަރަށް ކާން އެޅުމާއި ކަނޑަށް ގިނަ އަދަދަކަށް ކާބޯތަކެތީގެ ކުނި އުކާލުމާއި ސްޕޯޓް ފިޝިން ފުޅާވުން ހިމެނެ އެވެ.

މޯލްޑިވްސް ރެޒިލިއެންޓް ރީފްސްގެ ޗެއާޕާސަން ޝާހާ ހާޝިމް ބުނިގޮތުގައި މިޔަރު ހާދިސާތައް ދިރާސާ ނުކުރާތީ އޭގެ ސީދާ ސަބަބުތައް ނޭނގުމަކީ ކަންބޮޑުވުމެކެވެ.

"މިސާލަކަށް ސަތޭކަ ފަހަރު މަސް ބާނާ އިރު ކިތައް ފަހަރުތޯ މިހެން މިވަނީ, ނުވަތަ ކޮން ބާވަތެއްގެ މަސްވެރިކަން ކުރާ އިރުތޯ މި ކޮންފްލިކްޓް ބޮޑަށް އަންނަނީ, މިއީ ވަރަށް ރަނގަޅަށް ދެނެގަންނަން ޖެހޭ ކަންކަން," ޝާ ބުންޏެވެ.

"ކޮންފްލިކްޓް އަންނަން މެދުވެރިވާ ސަބަބުތައް އެބަ ޖެހޭ ރަނގަޅަށް ދިރާސާކުރަން. އޭރުން އެއަށް ހައްލު ހޯދޭނީ. އެހެން ނޫނިއްޔާ ހަމަ ހައްލެއް ނުލިބި ތުންތުންމަތިން ދައްކާ ވާހަކަތަކެއް އަޑުއަހައިގެން ތިބެން ޖެހޭނީ."

އެއްވެސް ވަރަކަށް މިޔަރު މަސްވެރިކަން ހުޅުވާލުމާ ޑައިވަރުން ދެކޮޅު ހަދަނީ ހުއްދަ ދޭ މިންގަނޑުން ބޭރު ނުވާނެކަން ސަރުކާރަށް ކަށަވަރު ނުކުރެވޭނެތީ އެވެ.

"ރާއްޖޭގެ ވަކި ތާކުން ހުއްދަ ދީފި ކަމަށް ވަންޏާ ހުއްދަ ދޭ ތަނަކުންތޯ އެ ނަގަނީ ބެލޭނެ އެއްވެސް ކަހަލަ ނިޒާމެއް މިތާކު ނެތް," ހައްތު ބުންޏެވެ.

"މޮނިޓަރިން ނިޒާމެއް ނެތް އަދި ހާއްސަކޮށް ތަންފީޒު ވެސް ނުކުރެވޭ ތަނެއްގައި އެކަހަލަ ހުއްދައެއް ދީފި ކަމަށް ވެއްޖެއްޔާ މަސްވެރިމީހާ ބަލާނީ އޭނާ އަށް އެންމެ ކައިރިން އެންމެ ފަސޭހަ އިން އޭތި އަތުލައިގަނެވޭނީ ކިހިނެއްތޯ. އެހެންވީމާ ރާއްޖެ އަށް އެންމެ ރަނގަޅު ހައްލަކީ ހުއްދަ ނުކުރުން."

ހައްތު ދެކޭގޮތުގައި މިޔަރު ހިމާޔަތްކުރުމަކީ ހަރަދެއް ނުކޮށް, ޓޫރިޒަމްގައި ވާދަވެރި ގައުމުތަކުގެ މައްޗަށް ރާއްޖެ އަށް ކުރި ލިބުނު ކަމެކެވެ. އަދި މިޔަރު މަސްވެރިކަމަށް ހުޅުވާލައިފި ނަމަ އެ ތަފާތުކަމުން ރާއްޖެ އަށް ލިބޭ މަގާމާއި މަންފާ ގެއްލިގެންދާނެ އެވެ.

މިޔަރު ބާނަން ހުއްދައެއް ދޭން މަޝްވަރާކުރާ ވާހަކަ އަށާއި ގަވާއިދާ ހިލާފަށް މިޔަރު ބޭނުމުގެ ހަރަކާތްތަކަށް ބޭރުގެ ސަމާލުކަން ލިބިފައިވާ އިރު ރާއްޖޭގެ ނަމަށް މިހާރު ވެސް ނޭދެވޭ އަސަރު ފޯރާފައިވާ ކަމަށް ހައްތު ދެކެ އެވެ.

"އެހެންވީމާ ބަލާ، ކޮވިޑްގެ ހާލަތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މި ކުރެވުނު މަސައްކަތުގައި އަހަރެއްހާ ދުވަސް ފަހަތަށް ދިޔައީ ކަމަށް," ހައްތު ބުންޏެވެ. "މި ކަހަލަ ހާލަތެއްގައި ރާއްޖެއަށް ރާއްޖެ ޕްރޮމޯޓްކުރަން އެތައް ބަޔަކު އެތައް ގޮތަކުން މަސައްކަތްކުރަމުންދާ އިރު އަނެއްކާވެސް މި ޖެހެނީ މީގެން ސަލާމާތްވުމަށްޓަކައި އެތައް މަސައްކަތެއް ކުރަން."

59 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 8%
icon angry icon angry 55%
icon wow icon wow 8%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުދުހޭ

02 April 2021

މިޔަރުގެ އާބާދީ މަދުވުމުން އެތަހި ހިމާޔަތް ކުރުން މައްސަލައެއް ނެތް. އެކަމަކު މިހާރު އެމީހުންގެ އާބާދީ ބޮޑުކަމުން މަހެއް ބޭނޭވަރު ނުވާއިރު އަދިވެސް ހިމާޔަތުގަ؟ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން.

The name is already taken The name is available. Register?

ޙހހހ

02 April 2021

ޓޫރިޒަމްވެސް ތީ ހަމަ ވަކިބަޔަކު މަންފާ ނަގާކަމެއް ، އެހެނީ ކިޔާފަ މަސްވެރިން ތިބެންވީތޯ. ޢަމިއްލަ ދަރިން ނުގެންދެވޭ މޫދަށް މިޔަރު ގިނަކަމުން ، ކަލޭމެން ތިޔައުޅެނީ ކާފަރުން ހިތްހަމަޖައްސަން މިޔަރު ހިމާޔަތްކުރާ ، އަދި މިޔަރު ބާނާ މަސްވެރިކަންކުރާ މީހުންނަކީ ތާކުން ތާކުން ނުޖެހޭ ނުވިސްބައެއްގެގޮތިގައި ތިސިފަކުރަނީ

The name is already taken The name is available. Register?

މީޒްލީ

02 April 2021

ﷲ ލެއްވި ޙަލާލު ރިޒުގު ލިބިގަތުމަކީ މައްސަލަ އެއް ކަމަށް ހަދައިގެން، ހޭލުންތެރިއޭ، ނުހޭލައޭ ކިޔާފަ މިއުޅޭ ފަރަންޖީން، ކަޅުބިލަމަހާއި ކަންނެލި ވެސް ހުސްވެދާނެދާ މިހާ ގިނައިން ބާނަންޏާ؟؟! ބޭކާރު ފްލޯކް ވާހަކަ މަސްބޭނުމަކީ މައްސަލައެއްކަމަށް ކަމަށް ވަންޏާ އެއްވެސް މަހެއް ބާނާނާނެ ކަމެއް ނެތް! އައިރު މުސްލިމުން އިންޑިޔާގަ ބަކަރި މާތްކޮށްގެން އުޅޭގޮތަށް މިތާގަވެސް މިޔަރު ވަރެއް ނެތިގެން އުޅެނީ! ބޯހަލާކު!

The name is already taken The name is available. Register?

ޙުސޭނުބެ

01 April 2021

ރިސޯޓްތަުގެ ޑައިވްސެންޓަރ ތަކަކީ ނަމުގައި ދިވެހި ހުރިހައި މަންފާއެއް ބޭރަށް ދާ ވިޔަފާރިތައް. ﷲ ލެއްވި ޙަލާލު ރިޒުގު ލިބިގަތުމަކީ މައްސަލަ އެއް؟

The name is already taken The name is available. Register?

ސ‫ިންދިތާ

01 April 2021

‫ސިންދި ބުނީ އެހެންވީމަ ތިމަންނަ ޑްރަގް ވިއްކިޔަސް އޯކޭއޭ ހަހަހަހަ ކަލޯ ސިންދިތާ ޑްރަގް އެއީ ޝަރީއަތުގަ ޙަރާމް އެެއްޗެއް, މިޔަރު ޙަރާމެއްނޫން. ލޮޖިކެއްނެތް ހުސް އަނގަތަޅާބަލަ

The name is already taken The name is available. Register?

ބޯބުރާންތި

01 April 2021

އިންސާނުންނަށްވުރެ ވިޔަފާރި މުހިއްމުވީތަ؟ އަތާފަޔާ ހަފާކަނީ ފަރުމަހުގެމަސްވެރިކަންކުރަން ބިރުގަންނަހިސާބަށްގޮސްފި. އުސޫލެއް ނޫނީ ޤަވާއިދެއްހަދައިގެންވެސް މިޔަރުގެއާބާދީ މިހާރަށްވުރެ މަދުކުރަންއެބަޖެހޭ.

The name is already taken The name is available. Register?

އިނާނު

03 April 2021

މިޔަރު މަދުވާހަކަ ސައިންސުވެރިން އަދި މާހިރުން ބުނަނީ ތިހެން ފޭސްބުކް އިން މައުލޫމާތު ހޯދައިގެން ކަންތައްތައް އެނގޭކަމަށް ބުނުމަކީ ޖޯކެއް ދޯ.

The name is already taken The name is available. Register?

އަވަސް

01 April 2021

މިޔަރު ހަމަ ބާނަންވީ

The name is already taken The name is available. Register?

ޔޫރަޕް ދޮން ކޮހުން

01 April 2021

މިޔަރުވެސް ހިފަންވީ. އެންދެރިވެސް ނަގަންވީ. ފާނަވެސް ބާނަންވީ. ތިޔަ އެންޖީއޯތަކުގަ ގިނަވާނީ ފަތަންވެސް ނެނގޭ މީހުން. އަނގަ ނާރުވާ.

The name is already taken The name is available. Register?

ޖުލައި2021

01 April 2021

ހަލާލު މަސައްކަތަކުން އާއްމުދަނީ ހޯދުމަށް ހުއްޓުވުމުގެ ބޭނުމަކީ ބޭކާރުކަމެއް.

The name is already taken The name is available. Register?

ރަންދެލި

01 April 2021

"މިޔަރު ހިމާޔަތްކުރުމަކީ ހަރަދެއް ނުކޮށް, ޓޫރިޒަމްގައި ޓޫރިޒަމްގައި ވާދަވެރި ގައުމުތަކުގެ މައްޗަށް ރާއްޖެ އަށް ކުރި ލިބުނު ކަމެކެވެ" އެކަމަކު އޭގެ ފައިދާ ގެންދިޔައީ ރިސޯޓު ހިންގާ "ދޮންމީހާ" އެވެ. އަދި އެ ގެންދިޔައީ ރާއްޖޭން ވެސް ބޭރަށެވެ. މިޔަރު ބާނައިގެން ވިއްކި މީހުން ގެދޮރު ރާނާ ހިޔާ ކޮށް ދަރިންނަށް ކިޔަވާދީ މައިންބަފައިން ހައްޖަށް ވެސް ފޮނުވިއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454