29 އޯގަސްޓް 2025 - 20:23
މިޔަރު ހިމާޔަތްކޮށް، ރައްކާތެރިކުރަން ރާއްޖެ އިން މުޅި ދުނިޔެ އަށް ދައްކައިދީފައިވާ ނަމޫނާ ދަމަހައްޓަން މިޔަރު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ސަރުކާރުން ހުއްދަ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަންގާރަ ދުވަހު އިއުލާން ކުރެއްވުމާ ގުޅިގެން، އިނގިރޭސި ވިލާތުގެ 'ޝާކް ގާޑިއަން' ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ޖަމިއްޔާ އިން ރައީސަށް ފޮނުވި ސިޓީއެއްގައި ބުނީ، ރާއްޖެއަކީ 2010 ވަނަ އަހަރުން ފެށިގެން މިޔަރު ހިމާޔަތް ކޮށްފައިވާ ގައުމެއް ކަން އިއުލާނުކުރުމާ ގުޅިގެން، އެއީ ދުނިޔެ އަށް ގާއިމުކޮށްދިން ނަމޫނާއެއްގެ ގޮތުގައި ބަލައިގެންފައިވާ ކަމަށެވެ.
އަދި އެ ނިންމުމުގެ ސަބަބުން، އިކޯ-ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެ، ހާއްސަކޮށް ޑައިވިން ޓޫރިޒަމުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ހިއްސާއެއް ކޮށްދީފައިވާ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެ އެވެ.
'ޝާކް ގާޑިއަން' އިން ބުނީ، މިޔަރުގެ މަސްވެރިކަމުން ލިބޭނެ އާމްދަނީ އަށް ވުރެ، އެތައް ގުނައެއް އިތުރަށް ޑައިވިން ޓޫރިޒަމުން ރާއްޖެއަށް ފައިދާވާ ކަމަށެވެ.
މިޔަރު މަސްވެރިކަން އަލުން ތައާރަފް ކުރުމަކީ، އެ ސިޓީގައި ބުނި ގޮތުގައި، ރާއްޖޭން ހޯދާފައިވާ މި ކާމިޔާބީ އަށް ބުރޫއަރާ، މިޔަރު ހިމާޔަތް ކުރުމުގައި ދުނިޔޭގައި ރާއްޖޭން ހޯދާފައިވާ މަގާމަށް ނުރައްކާވާނެ ކަމެކެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މިޔަރުގެ މަސްވެރިކަން ރެގިއުލޭޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަން ވަކި ބާވަތެއްގެ މިޔަރަކަށް ލިމިޓުކޮށްފައި ބޭއްވުމަކީ ނާދިރު ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެ އެވެ.
އަދި މިޔަރަކީ ރާއްޖޭގެ މުރަކަތަކާއި ފަރުތަކުގެ ސިއްހަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވާއިރު، މިޔަރުގެ އާބާދީ އަށް ކުރާ ނޭދެވޭ އަސަރު، ރާއްޖޭގެ އިގުތިސާދު ބަރޯސާވެފައިވާ އޮތް ކަނޑުގެ ވަސީލަތްތަކަށް ކުރާނެ ކަމަށް އެ ސިޓީގައި ބުންޏެވެ.
ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، އާމްދަނީ ހޯދޭނެ އިތުރު މަގުތައް ކޮށުމަކީ މުހިންމު ކަމަކަށް ވިޔަސް، އެ ޖަމިއްޔާއިން ބުނި ގޮތުގައި، ދިވެހި ސަރުކާރުން ސިޔާސަތުތައް ކަނޑައަޅަން ޖެހޭނީ ތިމާވެއްޓާއި ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، ރާއްކާތެރިކުރެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖޭން ގާއިމުކޮށްފައިވާ ނަމޫނާ ނުގެއްލޭ ގޮތަށެވެ.
އެހެންކަމުން، މިޔަރު މަސްވެރިކަމަށް އަލުން ހުޅުވައިލަން ނިންމި ނިންމުމާމެދު ދެވަނަ ވިސްނުމަކަށް ދާން އެ ޖަމިއްޔާއިން ވަނީ ރައީސް މުއިއްޒަށް ގޮވާލައިފަ އެވެ.
މިޔަރުގެ މަސްވެރިކަން މަނާކުރުމާ ޖެހެންދެން އެންމެ ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މިޔަރުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތަކަށް އެކަން ފަހިވާނެ ކަމަށާއި އެހެން ތައްޔާރުވާން ގޮވައިލައްވާ ކަމަށެވެ.
"ފިޝަރީޒް މިނިސްޓްރީ، އެންވަރަޔަމަންޓް މިނިސްޓްރީން ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލާ ނިމިއްޖެ. މި ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިޔަރުގެ މަސްވެރިކަން ފެށުމަކީ ވަރަށް މުހިންމު ދޮރެއް ކަމަށާއި އެކަމުގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމީހ
05 September 2025
ދެން ހެޔޮ އަހަރެމެން ނުކާ ނުބޮއި ހުންނަން ޖެހުނަސް
ވެލަނބުލި
31 August 2025
މާކަނޑުން މިޔަރު ބާނާ ނަފާލިބިގަންނަންޖެހޭ…
އަޅި އަލި
31 August 2025
އިނގިރޭސި ވިލާތުގެ 'ޝާކް ގާޑިއަން' އިން ބެހޭނީ އިނގިރޭސިންގެ ކަންކަމާ
ޖޖުހ
31 August 2025
ފާޑުފާޑުގެ ނަންނަން ހަދައިގެން ދިރޭއެއްޗެހީގެ ހައްގުތަައް ހޯދަން ވަކާލާތުކުރާއިރު ތިޔަ އިގިރޭސިވިލާތަކަށްވެސް އިންސާނުން މަރާ ހުސްކަރުމުންދާ ގައްޒާގަ ހިންގާ ގަތުލްއާންމާ ދެކޮޅަށް އެއްވެސް ކަމެއްކުރާކަށްނުކެރުނު. ތިޔަ ބަޔަކުގެ ދެފުއްކެހެރިކަން ދުނިޔެއްށް ހާމަވޭ. ގައުމުތަކުގެ ކަންކަމާބެހި ބަސްބުނެ ކޮންޓްރޯލްކުރަން
އެޑްމުންޑޯ
30 August 2025
މިއީ މިމީހުންގެ ސިފަތަކަކީ ، ކަމެއްމަނާނުކރާހާ ހިދަނކު ތިބެގެން ހަޅޭލަވާނެ މިވެނިކަމެއްނުކުރިއޭ ކިޔާފައި ، އެކަމެއްކުރަން ހަމަ ނިންމާ އިރަށް އެ ގޯސްވީ ، ދެން ތިބެގެން ހަލޭލަވާނެ ، ތިކަނނުކުރާށޭ ކިޔާފައި ،
ކައްނެލިބެ
30 August 2025
ވަރަށް ރަގަޅަށް ބަލާފައި ސަރުކާރުން ގޮތް ނިއްމީ. އަބުރާ ނަގަންނުޖެހޭ ނިއްމިނިއްމުން. މުރާޖާކުރާނީ ފަސްއަހަރުފަހުން މިޔަރު މަދުވޭތޯބަލާފައި.
މަލިކުރުވާ
30 August 2025
ތީ ކަލޭމެން އަމިއްލަ ފައިދާއަށް ތިމަންނަމެން މީ މިކަން ކުރާ ބައެކޭ ކިޔާފަ އައިސް މިތާގަ ޓުވަރިޒަމުން ލިބޭ ފައިދާ ކާންވެގެން ހަދަހަދައިގެން ތިބޭ ޖަމުއިއްޔާ. ކަލޭމެންނަށް ޗަރިހަމަ ވާނެ ދިވެހިން ނުކައި ތިއްބަސް. މަހެއް ބާނަށް ނޫނީ މޫދަށް އެރިލާއިރަށް މިޔަރެއް އައިސް ދިވެހިން ނޫނީ ދިވެހިންގެ ބެލުމުގެ ދަށުގަ ތިބޭ ބިދޭސީންނަށް ކޮންމެފަދަ ގެއްލުމެއް ލިބުނަސް ކަލޭމެނަށް ވަރިހަމަ. ކަލޭމެން އަހަރުނަަށް ކިޔައިދޭކަށް ނުޖެހޭ އެކައްޗެއްވެސް.
ކިހާބޮޑުކަމެއް
30 August 2025
ކަލޭމެނަށް އިންސާނުން ކައިގެން ބޮއެގެން އުޅުމަށް ވުރެ މިޔަރު ގިނަކުރަން ފައިވިއްދާފައި ޖަމުއިއްޔާ ހަދައިންތިބެ ބަޔާން ނެރެ ނެރެ ތިއްބާ އަހަރެމެންގެ ލޭހިނގާ އަހަރެމެންގެ ދަރިންތަކަކަށް އޭގެ ސަބަބުން އަނިޔާވެ މަރުވެސް ވެއްޖެ. ކަލޭމެނަށް ވަރިހަމަތާ އެމީހުންގެ ހަމުގެ ކުލަ ކަލޭމެންގެ ހަމުގެ ކުލަޔާ ދިމާނުވަންޏާ ކޮން ކަމެއް ކަލޭމެނަށް! ކަލޭމެނަކށް ނޫން އެނގޭނީ އަހަރެމެންގެ ކަނޑުތަކުން ބާނަންވީ އެއްޗަކާ ނުބާނައި ދޫކުރަންވީއެއްޗެއް.
ކޮއިމަލާަ
30 August 2025
ބަލަގަ! ތިޔަ ޝާކްގާޑިޔަލަކީ އެއްވެސް އެއްޗެއް އެނގޭ ބައެއްނޫންކަން ކަށަވަރުވެއްޖެ. ހުއްދަދިނީ ކަށިމިޔަރު ބާނަން. ކަށިމިޔަރަކީ މާކަނޑުގެ 300މީޓަރު 400މީޓަރު އަޑީގައި އުޅޭ އެއްޗެއް. އެބާނަނީ ވަރަށް އުނދަގޫ މަސައްކަތުން. ރާއްޖޭގައިވެސް ހުރިހާ ރަށެއްގައި ކުރާ މަސައްކަތެއްނޫން. ރާއްޖޭގައި އެންމެ ވަރުގަދައަށް ކަށިމިޔަރުބޭނީ ރަސްގެތީމު މީހުން. ޖަޕާނުގެ ދެކުންފުންޏަކުން ތަކެތި ދީގެން ކަށިމިޔަރުބޭނި. މޯރީ އާ ތަކަހާމާއާ ދެމީހުން އެރަށުގައި ތިބެގެން ކުރުވީ.
ޖެރާ
30 August 2025
ދެން މުޅިންވެސް ބާނާނީ ކަށިމިޔަރު އޯ އުރަހަ ނަގަން.. އަތުޖެހޭ މިޔަރަކީ ކަށިމިޔަރަށްވާނެ ވާހަކަ އެޖަމްއިއްޔާއިންވެސް ފާހަގަކޮއްފައި އޭނީ..
މާހިރު
30 August 2025
މުޅި ރާއްޖޭގައި މިޔަރު ބޭނުން މަނާ ކުރުމުގެ ސަބަބުން އިންސާނުންނަށްވެސް ނުރައްކާވާ ހިސާބަށް މިޔަރުގެ އާބާދީ ވަނީ އިތުރުވެފައެވެ. މިޔަރުތަކާހެދި މިހާރު ރަށެއްގެ ގޮނޑުދޮށުންވެސް މަހެއް ބޭނެނީކީ ނޫނެވެ. ފަތުރުވެރިންނަށް ދެއްކުމަށް ވަކި ސަރަޙައްދު ތަކެއްގައި މިޔަރު ބޭނުން މަނާ ކުރިނަމަވެސް މުޅި ރާއްޖޭގައި މިޔަރު ބޭނުން މަނާ ކުރުމަކީ އެއްގޮތަކަށް ރަނގަޅު ކަމެއްކަމަކަށް ނުފެނެއެވެ.