02 އެޕްރީލް 2021 - 19:06
އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޓީސީސީން ނިންމައި އެ ނިޒާމު ހިންގައި ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
އެ މަޝްރޫއު ނިންމައި އެކަން ހަވާލުކުރީ ފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ ފޭދު އާއި މަރަދޫފޭދު އާއި މަރަދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތެވެ.
އެމްޓީސީސީން ބުނިގޮތުގައި މުޅި ޕްރޮޖެކްޓް އެ ކުންފުނިން ނިންމައިލީ އޮކްޓޯބަރު 11، 2019 ގަ އެވެ. އެކަމަށް ހަރަދުވެފައި ވަނީ 129.58 މިލިއަން ރުފިޔާ އެވެ.
އައްޑޫގެ އަވަށްތަކުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށީ 2017 ގަ އެވެ. މަރަދު އާއި މަރަދޫފޭދު އާއި ފޭދޫގެ މަޝްރޫއު އެމްޓީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔައިރު ހިތަދޫގެ ނަރުދަމާ ނިޒާމުގެ ތެރެއިން ނުނިމި އޮތް މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. ވަކިން އޮންނަ ހުޅުދޫ/މީދޫގެ މަސައްކަތްކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުނިންނެވެ.
A ceremony was held today at Addu City to mark the completion of sewerage facilities at S. Feydhoo, S. Maradhoo and S.MaradhooFeydhoo. We completed the project on 11 October 2019. The value of the project is MVR 129.581 million. #MTCCProjects pic.twitter.com/WJD8Mkb9Uy
— MTCC Plc (@MTCCPlc) April 2, 2021
ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވީ، ތިން އަވަށުގެ ނަރުދަމާ ނިޒާމު ނިމިފައިވާތީ މިހާރު ކުރިއަށް އޮތީ ގޭގޭގެ ކަނެކްޝަން ގުޅުން ކަމަށެވެ.
"މަސައްކަތް ތާވަލު ކުރެވިފައިވާ ގޮތުން ދެން އޮތީ ނަރުދަމާ ނިޒާމު ރައްޔިތުން ބޭނުންކުރުމަށްޓަކައި، ގުޅަން ޖެހޭ ކަނެކްޝަން ގުޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުން،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރަން މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
"އެ ޕްރޮސެސް މިހާރު ކުރިއަށް ދަނީ. ރައްޔިތުން ކުރަންޖެހޭ ކަމަކީ ފޯމު ފުރުއްވާފައި ފެނަކައާ ހަވާލުކުރުން،" އޭނާ ވިދާޅުވި އެވެ.
"އޭރުން ކަނެކްޝަން ގުޅުމުގެ މަސައްކަތް ކުރިއަށްދާނެ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިޖަންޕު
02 April 2021
މިހާރުވެސްމިތިބީފޯމުފުރަފަހަވާލުކޮއްފައި އަނެއްކާވެސްފޯމުފުރަންވީ.