ރިޕޯޓް / ތާރީހް

ކުރަން ހެޔޮ ކަމެއް، ވަސިއްޔަތެއް ނެތް: ބަޑި ޖަހައި މަރާލާ!

ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކުރީ މީގެ ބަރާބަރު 68 އަހަރު ކުރިން މިއަދު. ހަކީމް ދީދީއަށް ސާބިތުވީ ސިހުރު ހަދައި ހުވަދު އަތޮޅުވެރިޔާ އަވަހާރަކޮށްލުމާއި އަމީން ދީދީއަށް ސިހުރު ހެދުން.

ފޮޓޯގައި (ކ-ވ) ހަކީމް ދީދީ، ދޮން އަހްމަދުގެ އައިސާފާނު، ދޮން އަހްމަދުގެ އަލީ ތަކުރުފާނު އަދި ދޮން ދިޔަގެ އަލީ ތަކުރުފާނު

މިއީ ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒުކުރިތާ ބަރާބަރު 68 އަހަރު ފުރުނު ދުވަހެވެ. އެ ދުވަހު ހެނދުނު ނާދީ ތަމައްދުންގައި ބޭއްވި ޝަރީއަތަށް ފަހު ފަނޑިޔާރު މަނިކުފާނު ފަޟީލަތުއް ޝައިޚު ޖަލާލުއްދީން އިއްވެވި މަރުގެ ހުކުމާއި ތައުޒީރު ކުރުމުގެ ހުކުމްތައް ދުވަހުން ދުވަހަށް ތަންފީޒުކޮށް ނިންމާލީ އެވެ.

ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތުގެ ރެކޯޑްތަކުގައި މި ޝަރީއަތުގެ ވާހަކަ ލިޔެފައިވާ ގޮތުން އެއީ ވެސް ދުވަހުގެ މި ވަގުތެވެ. ހެނދުނު 9:00 ގައި ޝަރީއަތް ފަށައިގެން ކުރިއަށް ދިޔައިރު އައީ ދައުވާ ލިބުނު މީހުންގެ އިއުތިރާފެވެ.

ހުވަދު އަތޮޅު އަތޮޅު ވެރިޔާ ވީރު އަލީ ދީދީ އަވަހަރާކޮށްލަން ސިހުރު ހެދީ އެވެ. ވިހަ ގަދަ ހިކާއެއްގައި ސިހުރެއް ލިޔެ އެއިން ފެން ކައްކައި އެ ފެނުން ސައި ތައްޔާރުކޮށް އަތޮޅުވެރިޔާ އަށް އަރުވައި އޭނާ އަވަހާރާކޮށްލީ އެވެ. ހަމަ އެ މައްސަލައިގެ ތެރެއިން އުފެދިގެން އައީ ރާއްޖޭގެ ފުރަތަމަ ރައީސްކަމާ ހަވާލުވެވަޑައިގެންތާ އޭރު ކިރިޔާ މަސް ދުވަސް ވީ މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލަން ވެސް ސިހުރު ހެދި ކަމަށް ވީ އިއުތިރާފެވެ.

މި ހާދިސާ އާއި ހުކުމަކީ ސިޔާސީ ޑްރާމާއެއް ކަމަށް، އެތައް ސަބަބަކާ ހެދި ގަބޫލުކުރާ މީހުން އުޅެ އެވެ. އަތޮޅުވެރިޔާ އަވަހާރަކޮށްލީ ޒަހަރު ދީގެން ކަމަށް ވުން އެކަށީގެން ވިޔަސް އަމީން އަވަހަރާކޮށްލަން އުޅުނު ކަމަށް ވީ އިއުތިރާފާ މެދު ސުވާލު އުފައްދަ އެވެ. އަތޮޅުވެރިޔާ އަވަހާރަވި ޚަބަރާ އެކު އެކަން ތަހުގީގުކުރަން އެ އަތޮޅަށް ޓީމެއް ފޮނުވި އެވެ. އެއްބަޔަކު ބުނަނީ ރައީސް އަމީނަށް ސިހުރު ހެދީ ތަހުގީގަށް ހުވަދު އަތޮޅަށް ވަޑައިގަންނަވާ ޚަބަރު، މިކަމުގައި ހިމެނޭ މީހުންނަށް ލިބުމުން އަމީންގެ ބާރު ކަނޑުވާލަން ކަމަށެވެ. އެކަމަކު އަމީން ހުވަދުއަށް ވަޑައިގަތްކަމަށް ބުނާ ވާހަކަ ވެސް ބައެއް މީހުން ދޮގުކުރެ އެވެ.

ސިހުރުގައި އަރާހުރި މީހެއް ކަމަށްވާ ހަކީމް ދީދީ އާއި އަމީނާ މެދު ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށާއި އަމީން ވެސް ހުންނެވީ ހަކީމްގެ ކިބައިން ބަދަލު ހިފަން ބޭނުންވެފައި ކަމަށް ވެސް ކިޔައި އުޅެ އެވެ.

އެ ބަހުސް ދޫކޮށްލާފައި މި ލިޔުން ބިނާކޮށްފައިވާނީ ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތުގެ ރެކޯޑަށެވެ.

ހަކީމް ދީދީގެ އިއުތިރާފުން މަރަށް މަރު

ޝަރީއަތް ހިންގިއިރު، ސިހުރު ހަދައިދޭން ބުނި މީހާ ދުނިޔެއަކު ނެތެވެ. އެއީ ގއ. ވިލިނގިލީ އަނީސް ކިޔާ މީހެކެވެ.

އަނީސްގެ އެދުމަށް ސިހުރު ހެދިކަމުގެ ދައުވާ އުފުލީ ގއ. ވިލިނގިލީ ދޮން އަހުމަދުގެ އަލި ތަކުރުފާނާއި ދޮންދިޔަގެ އަލި ތަކުރުފާނާއި އެ އަތޮޅު ނިލަންދޫ ހަކީމް ދީދީ އާއި ދޮން އަހުމަދު އަނީސް (ރެކިފުތާ) އާއި ދޮން އަހުމަދުގެ އައިސާފާނުގެ މައްޗަށެވެ.

އަމީން އަވަހާރަކޮށްލަން ސިހުރު ހެދީ ގޮދަން ފުށުން ހެދި އަމީންގެ ސޫރައަކަށް ކަމަށާއި އެ ފުށްގަނޑު ކައި ހުސްކުރަން ހަވާލުކުރީ އަލީ ތަކުރުފާނަށް ކަން ހާމަވެގެން ދިޔައީ ޝަރީއަތުގެ މަޖިލީހުގައި ވީ އިއުތިރާފުންނެވެ.

"އެ ސޫރަ ކާން އުޅެއުޅެ ނުކެވުނު ކަމުގައި ވެސް އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތުގެ މަޖިލީހަށް ސާބިތުވި އެވެ،" ލިއުމުގައި އެވެ.

"މިކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވީ، އޮޅުމެއް ނެތް އިބާރާތުން، ފަށްފަށުން ހަކީމް ދީދީ ވީ އިއުތިރާފުންނެވެ. އާދޭހެވެ! ޖެހިލުމެއް ނެތި ހަކީމް ދީދީ އިއުތިރާފުވީ، އެ ނުބައި ސިހުރުތަކާއި އެ ސިހުރުތައް ހަދާނޭ ގޮތް އަނީސް ގާތުގައި ބުނެދިނީ އޭނާ ކަމަށެވެ،" އޭގައި ލިޔެފައިވެ އެވެ.

ހަކީމް ދީދީ އެކަން ކުރީ ވިހަ ހިކާއެއް ފެނުގައި ކެއްކުމުން އުފެދޭ ޒަހަރަކީ މީހަކު މަރުވެދާނެ ފަދަ އެއްޗެއްކަން އެނގި ހުރެގެން ކަމަށް ވެސް ބުނެފައިވެ އެވެ.

"ފަނޑިޔާރު މަނިކުފާނު ކަނޑައެޅުއްވީ އިސްލާމް ދީނުގައި ކަނޑައެެޅިގެންވާ ގޮތުގެމަތީން މި ނުލަފާ މުޖުރިމުންގެ މަރު ހިފުމަށެވެ،" ފަޟީލަތުއް ޝައިޚު ޖަލާލުއްދީން ކުރެއްވި ހުކުމް ބަޔާންކުރަމުން ލިޔެފައިވެ އެވެ.

މަރުގެ ހުކުމް އިއްވައި އެ ހުކުމް ތަންފީޒުރުކުރުމުގެ ކުރިން، އަވަހާރަވި އަތޮޅުވެރިޔާގެ ވާރިސުންގެ ބަހެއް ހޯދި ކަމެއް ނުހޯދާ ކަމެއް ލިޔެކިޔުންތަކުން ފެންނާކަށް ނެތެވެ.

ތުއްތު ކުދިންގެ ގަބުރު ކޮނުމާއި ނުބައި އެތައް ކަމެއް!

ވިލިނގިލީ ދޮން އަހުމަދުގެ އާއިޝާފާނަކީ ހިކަ ލައިގެން ސައިކުރާ ކައްކައިދީ އަދި އެކަމުގައި އެކި ގޮތްގޮތުން އެހީތެރިވި މީހެއް ކަމަށް ވެސް ފަނޑިޔާރު ކަނޑައެޅުއްވި އެވެ. އަދަބެއް ކަމަށް ނިޔާ އިއްވެވީ 39 އެތިފަހަރުން ތައުޒީރުކޮށް "އުމުރު ނިމިއްޖެއުމަށް ދާންދެން" ހައްޔަރުކޮށްފައި ބެހެއްޓުމެވެ.

ވިލިނގިލީ މިސްކިތު ގަބުރުސްތާނުގައި ވަޅުލާފައި އޮތް ތުއްތު ދެ ކުއްޖެއްގެ ގަބުރު ނަގައި އެ ކުދިންގެ ބަނޑު ފަޅައި މޭގަނޑު ނަގައިގެން އޭގައި ތެޔޮ ހާނައި އެ ތެޔޮ ގައިގައި ލައި، ތެޔޮ ހޭނި ކުނޑިތައް ކޭ ކަމަށް ނިލަންދޫ ހަކީމް ދީދީ އާއި ދޮން އަހްމަދު އަލީ ތަކުރުފާނާއި ދޮން ދިޔަ އަލީ ތަކުރުފާނުގެ މައްޗަށް އުފުލި ކުށްތަކުގެ ތަފުސީލުގައިވެ އެވެ.

އަމީން އަވަހާރާކޮށްލަން ސިހުރު ހެދި ފުށްގަނޑަށް ޖެހީ އެ ތެޔޮ ކަމަށްވެ އެވެ. އެ ފުށްގަނޑު ކައި ހުސްކުރަން ހަވާލުކުރި އަލީ ތަކުރުފާނަށް އެކަން ކާމިޔާބު ނުވެ ކޭ އެއްޗެހި ހޮޑަށް ބޭރުވީއޭ ވެސް ބުނެފައިވެ އެވެ.

"މި ތިން މީހުން ކުރެ ދެ އަލީ ތަކުރުފާނާ މެދު ފަނޑިޔާރު މަނިކުފާނު ކަނޑައެޅުއްވީ 39 އެތިފަހަރުން ތައުޒީރުކުރުމަށް ފަހު އުމުރަށް ހައްޔަރުކުރުމަށެވެ."

ދޮން ދިޔަ އަލީ ތަކުރުފާނު މިކަމަށް ޝަރީއަތުގައި އިންކާރުކުރި އެވެ. އެކަމަކު ކުށް ސާބިތުވާ ކަމަށް ހުކުމް ކުރެއްވީ "ބޮޑު ދެ ނައިބުންނާއި، އަދި ރައްޔިތުންގެ ގެއިގެ ތިން ހަތަރު މެންބަރުންގެ ހާޒިރުގައި ހަވަރު ތިނަދޫގައި، އަލީ ތަކުރުފާނު އެކަން އޭނާ ކުޅައުމުގައި ސޮއިކޮށްފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށްގެން" ކަމަށް ލިޔުންތަކުގައި ފެންނަން އެބަ އޮތެވެ. މާނަ އަކީ، ތަހުގީގު ބަޔާނަކަށް ބުރަވެ ހުކުމް ކުރެއްވުމެވެ. އެހެންވެ ފަނޑިޔާރު ނިންމެވީ ޝަރީއަތުގައި އެ ހަދަނީ ދޮގުކަން "އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން" ސާބިތުވާ ކަމަށެވެ.

ހިކައިގެ ޒަހަރު ސައި ތަށި އަތޮޅުވެރިޔާ ވީރު އަލީ ދީދީ އަށް އެރުވީ އަނީސްގެ އަންހެނުން ފާތުމަތެވެ. އޭނާ ވެސް މިކަމަށް ޝަރީއަތުގައި އިއުތިރާފުވުމުން ހުކުމް އިއްވެވީ 29 އެތިފަހަރުން ތަރުޒީރުކުރުމަށެވެ. އެކަމަކު އޭރު އޭނާ އިނީ ބަލިވެ އެވެ. އެހެންވެ ހުކުމް ތަންފީޒުކުރަން އެންގެވީ ވިހައި ގަދަވުމަށް ފަހުގަ އެވެ.

ހުކުމް ކުރި ދުވަހު ހުކުމް ތަންފީޒުކުރި

ހުކުމް ކުރި ދުވަހު ހަވީރު ހުކުމް ތަންފީޒުކޮށް ހަކީމް ދީދީ ގަޔަށް ބަޑި ޖަހައި މަރާލީ ހުޅުލޭގަ އެވެ. އެއީ ފަނޑިޔާރު ޖަލާލުއްދީނާއި ވަޒީރުލް އަމީން އާންމާއި ވަޒީރުލްއަމީން އާންމުގެ ވަކީލާއި މަހްކަމަތުއް ޝަރިއްޔާގެ ވެރިޔާގެ ގާއިމު މަގާމު އައްޝައިޚް އިބްރާހިމް ރުޝްދީ އަލްއަޒްހަރީ އާއި ފަޟީލަތުއް ޝައިޚް މަލިމް މޫސާ ކަލޭފާނުގެ ހާޒިިރުގަ އެވެ.

"ބަޑި ޖެހުމުގެ ކުރީގައި ވަޒީރުލް އަމަންއާންމުގެ އެދިވަޑައިގަތުމަށް، އެއްވެސް ހެޔޮ ކަމެއް އެބަ އޮތްތޯ ނުވަތަ އޭނާގެ ކުދިންނާ މެދު ކުރާނޭ ވަސިއްޔަތެއް ނުވަތަ ދަންނަވާނޭ އާދޭހެއް އެބަ އޮތްތޯ ފަނޑިޔާރު މަނިކުފާނު ސުވާލުކުރެއްވި ހިނދު، އެ ނުލަފާ މުޖުރިމު ޖަވާބު ދިނީ ނެތްކަމުގަ އެވެ."

ހުޅުލޭގައި ހުރި ރުކެއްގައި ހަކީމް ދީދީ ބަނެވެ. ދެން މޫނު ވެސް ނިވާކުރި އެވެ. އޭނާގެ ބޮލާއި މެޔަށް ބަޑި ޖެހީ ޓިނު އަލިފުޅެވެ. އޭނާ އަކީ ބަޑި ޖެހުމުގައި އޭރު އެއް ވަނަ އެވެ.

ހަމަ މި ދުވަހު މި މައްސަލާގައި ހިމެނުނު އެހެން މީހުންގެ މައްޗަށް ވެސް ހުކުމް ތަންފީޒުކުރި އެވެ.

61 ކޮމެންޓް, 71 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 15%
icon angry icon angry 6%
icon wow icon wow 20%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

0987

30 April 2021

ސިހުރުހަދާ މީހުންދެކެ މުސްލިމުން ބިރުގަންނާކައް ނުޖެހެ. ސިހުރުހަދާ މީހުނައް ހުރީ ގެއްލުމާއި ހަލާކު ދުނިޔެ މަތީގަވެސް.

The name is already taken The name is available. Register?

ކޮސް އަމީން

08 April 2021

ތިޔަ މީހުންގެ ޖާނަށް ބަލާލިޔަސް އެނގޭ އެމީހުން ވެރިކަމާ ތަޅާފޮޅާފާނެކަން. އަނެއްކާ ކައްކާފަ ހުރި ހިކާ ގަރުދިޔަ ފެންގަނޑަކާ ކަޅު ސަޔާ ވަކިކުރަންވެސް މާލޭ ހަތަރުކަށިމަތި ބޭފުޅާއަށް ނޭނގުނު ދެއްތޯ

The name is already taken The name is available. Register?

އެސްއެސް

08 April 2021

އުމުރަށް ހައަޔަރު ކުރަން ހުކުން ކުރީ މާ ހަ މަ އެދުވަހު ބަޑި ޖަހާ އެ މީހުން މަރާލީ ކީއްވެތޯ.؟

The name is already taken The name is available. Register?

ތަކުރުބޭ

08 April 2021

ހިންގާފަ އޮތް ބޮޑު ޖަރީމާއެއް ކަ މަށް ބެލެވެނީ. މާލޭ ވެރިންނަކީ ކުރީ ޒަ މާނުއްސުރެ ނުބާ އަނިޔާވެރި ހަސަދަ ވެރި ބައެއްގެ ގޮތަށް ފާހަނގަވަނީ. ރައްޔިތުންނަށް ބިރުދައްކާ އަނިޔާވެރިވެ ކި ބުރުވެރި ކަ މާއި ބޮޑާކަން ދައްކަ މުން އައި ބައެއް. މިއަދާ ހަ މަޔަށްވެސް މުޅިއަކުން މި ސަގާފަށް ފިލައިގެނެއް ނުދޭ. މިހާރު ކުޅެނީ ފައިސާ އާއި އިޤުތިސާދީ ފިއްތުންތައް ހަތިޔާރެއްގެ ގޮތަށް ބޭނުންކޮށްގެން.

The name is already taken The name is available. Register?

ދޮންދިޔެ

08 April 2021

އަމީން ދީދީގެ ވެރިކަން ފެއްޓެވީވެސް އަނިޔާވެރިކަމުން އަދި އަމީން ދީދީ ނިމިދިޔައީވެސް ވަރަށް ހިތްދަތި ގޮތަކަށް. އަމީންދީދީ މެރުމަށް ފަންޑިތަ ހެދިކަމަށް ބުނާމީހުނަށް އަދަބު ލިބި މަރުގެ އަދަބު ތަންފީޒު ކުރެވުނު. ދެން ކޮބާތޯ އަމީން ދީދީ ތަޅާ އަނިޔާށް މެރި މީހުނަށްދިން އަދަބު؟ އެއްކަލަ ނާދީ ތަމައްދުނަގަ އަމީން ދީދީ ގެންގުޅުނު ފަނޑިޔާރުންގެ ޓީމްކޮބާ؟

The name is already taken The name is available. Register?

އަޅެ

07 April 2021

ހިކާ އަކީ ކޯއްޗެއްތަ؟ ?

The name is already taken The name is available. Register?

ނާމްދި ކާނޫ

08 April 2021

ދިވެއްސެއްތަ؟

The name is already taken The name is available. Register?

ާހަސަންކޮ

08 April 2021

ހިކަ އަކީ ކުދި ފަރުމަހެއް ރަށްފުށުގައި ކުދިން އަތިރިމަތީގައި އުޅޭއިރު މަސްބާނަން ދަސްކުރާއިރު ކަންވާރު ހިފައިގެން ގޮސް ހިކަބާނާނެ. މާލޭ ތޮށިގަނޑު ކާރީގަވެސް އުޅޭނެ. މިހާރު ހިކަބާނައިގެން ކަންނެލި އާއި ފަރު މަސް ބާނަން ނަނު ދޫކުރާނެ ވަރަށް ލޮނދިވާނެ މިސާލު ބަހަކަށް ވެސް އެއްޗެއް އަތުގަ ހަރުނުލައިގެ ދޫވީ މާ ބުނާނެ ލޮނދި ހިކަ އެއްހެން ދޫވެއްޖެޔޭ. ބިޓު އުޅޭ ފާޑުންވެސް ބުނާނެ ހީވަނީ ލޮނދި ހިކައެއްހެނޭ ކައިވެސް ހަދާނެ. އެއީ ވިހައެއްޗެއް ނޫން.

The name is already taken The name is available. Register?

ކޮކީ

08 April 2021

އެއީ މޫދުގައި އުޅޭ ކުޑަ މަހެއް. ކައި އުޅޭ މަހެއްނޫން. ވަރަށް ކުޑަކުޑަ މަހެއް.

The name is already taken The name is available. Register?

ރަށްފުށު އާދަނު

08 April 2021

އަޅެ މާލެ ބޭފުޅެއް ދެއްތޯ. އަހަރުމެން ރަށްފުށު ކަލޯމެން މަސްބާނަށް ދަސްކުރާއިރު އެއްމެ ފުރަތަމަ ގެންދާނީ ހިކާ ބާނަން. ހިމަ ދިގުކޮށް ލޮނދިވާނެ ހަބޭހަށް. ރަނގަޅަށް ހިކާ ބާނަން ދަސްވީމަ ދެން އެވީ ފިލޮޅު ބާނަން. ފިލޮޅުގަވެސް ހުންނާނެ ލަށްޖެހި ފިލޮޅާ ތުންފަތް ރަތް (އަހަރުމެންގެ ނަމުންނަމަ ޝިރާނީ) ފިލޮޅާ އެކި ބާވަތްބާވަތުގެ ފިލޮޅު.

The name is already taken The name is available. Register?

ކާހިނު

07 April 2021

މީހަކު މަރަން ސިހުރެއް ހަދައިގެން މިހާތަނަށް އެކަންވެފަ އޮތީ ވިހަ ކޮންމެސް އެއްޗެއް ކާންދީގެން ނުވަތަ ބޯންދީ ނުވަތަ އެތެރެހައްޓަށް ފޮނުވާއިގެން ސައިނައިޑު ގުޅައެއް ސިހުރުހަދާފަ ހަމަދޭއިރަށް މަރުވާނެ ވަރަށް މުޖައްރިބު ސިހުރެއް އެވެސް

The name is already taken The name is available. Register?

ދޮންފުތު

08 April 2021

އެޒަމާނުގަ ހާޓްއެޓޭކެއް ޖެހިގެން މަރުވިޔަސް އެންމެ ފަހުން އެމީހަކު ކެއި އެއްޗަކާ މަތިވާނީ.އެހެން ކަމުން އެކަށީގެންވާ ވަރަށް ބެލުމެއްނެތި ހުކުމް އިއްވާ ސިޔާސީގޮތުން ބާރުގެ ބޭންނުން ކުރިކަން ހާމަވޭ.މަރުގެ އަދަބް 10 ވަރަކަށް ގަޑިއިރުތެރޭ ތަންފީޒްވެގެން ދިޔައީ. ބޭއިންސާްފް ހުކުމެއް.

The name is already taken The name is available. Register?

ދެރަ

07 April 2021

މިކަމުގެ ހަގީގަތެއްނޭންގޭ. ޢިނގޭހާވެސް ކަމަކީ ވެރިކަން ބޭނުންވެގެން ސިހުރުހަދައިގެން ވެރިކަމަށް އަންނަން ބޭނުންވާޒާތުގެ ބައެއްނޫން ތިޔަ ފޮޓޯގައި ތިތަތިބީ. ޢެއީ ވަރަށް ނިކަމެތި އަތޮޅުތެރޭގެ އާދައިގެ ރައްޔިތުންކަން. ފަންޑިތަ ހެދިޔަސް ހަދާނީ އިއްޒަތްރިއަކު ބުނެގެންހެން ހީވަނީ. ޢަދި ކުށަށް އިއުތިރާފު ނުވެ ކުރެވޭނެ އިތުރުކަމެއްވެސްނޯންނާނެ އަދި ދިފާއީ ލޯޔަރެއްވެސް ނުހުންނާނެ. މިކަމުގެ ހަގީގަތް މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ.

The name is already taken The name is available. Register?

ޑުރެކިއުލާ

07 April 2021

ދާދާ ރުޅިގަދަވެގަތީމަ ހިމަރޯނުން ބަނދެގެން މާލެ ގެންގޮސް ތަޅައި އަނިޔާކޮށްގަތީމަ ރޮށިފިހެން ފުށްމޮޑެންހުންނަ މީހާވެސް ކޮންމެފަދަ ކަމަކަށްވެސް އެއްބަސްވާނެއޭ، ތިޔަ ކަމުގައި ކިޔައިނުދޭ ވާހަކަތަކެއް އެބަހުއްޓޭ، ތިބަޔަކު އަމީނުދާދާއާ ހިތްހަމަނުޖެހުމެއް އުފެދުނު ސަބަބެއް އެބަ އެނގޭބާ، ރަށެއްގަ ހުރެ މީހަކު މޮޑޭ ފުށްގަނޑަކުން މާލޭގަ ހުންނަ މީހަކު މަރުވާ ފަންޑިތަ ހުރޭބާ، އެމެރިކާއިން ބިންލާދިން މަރަން މިގޮތް ބޭނުންނުކުރީ ކީއްވެބާ.

The name is already taken The name is available. Register?

ޑުރެކިއުލާ

07 April 2021

ހިކާ (Wrasse) އަކީ އިންސާނުން މަރާލާ ވަރުގެ ޒަހަރެއް ހުންނަ މަހެއްކަން އިންޓަނެޓު ހާވައިގެންވެސް ނުފެނުނު، ބައެއް ހިސާބުތަކުގަ ކައިއުޅޭ އެއްޗެއްކަމަށްވެސް އެބަވޭ. އަމުދުން އަތޮޅުވެރިޔާއަށް ކަޅުސައިތައްޓަކާ ފަރުމަހު ގަރުދިޔަގަނޑަކާ ވަކިކުރަން ނޭނގި އޭތި ބުއިކަމަށް ދައްކައިގެން މާލޭ ގަބީލާތަކުން މިކަހަލަ ބޮޑެތި ޖަރީމާ ހިންގާފަ ހުރީ. ގޭއެންމެންގެ ނަމުން ރަށްރަށުގެ މަގުތަކަށް ނަންދީގެން އުޅުނުއިރު ރަށްރަށު ރައްޔިތުން ތިބި ހާލު ފޮޓޯއިން އެފެންނަނީ.

The name is already taken The name is available. Register?

ވިހަ ހިކާ

08 April 2021

ޕަފަރފިޝް އެއްގައި ސައި ތައްޔާރުކުރީކަމަށް ވާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454