07 އެޕްރީލް 2021 - 07:52
ފުލްޓައިމްކޮށް ޝާހީ ޒިންމާތައް ނަންގަވަން ބޭނުންވެވަޑައި ނުގަންނަވާ ނަމަ، ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އަށް އެކްޓިން ކެރިއަރުގައި ކުރިއަށް ވަޑައިގެންނެވުމުގެ ހުއްދަ ޝާހީ އާއިލާ އިން ދިން ކަމަށް އިނގިރޭސި ނޫސްވެރިޔާ އެންޑްރޫ ނޯޓޮން ބުނެފި އެވެ.
ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއާ ބެހޭ ގޮތުން 1992 ގެ "ޑަޔާނާ: ހާ ޓްރޫ ސްޓޯރީ" ލިޔުނު ލިޔުންތެރިޔާ އެޕަލްގެ ޕޮޑްކާސްޓް ޝޯ "ރޯޔަލީ އޮބްސެސްޑް" ގައި ބުނީ އެ ހުއްދަ މޭގަން އަށް ދެއްވީ ސީދާ ރާނީ އެލިޒަބަތު ކަމަށެވެ.
"ރާނީ ވިދާޅުވެފައިވޭ މޭގަންގެ އަރިހު އަލުން ފިލްމީ ދާއިރާގައި މަސައްކަތްކުރައްވަން ބޭނުންވެވަޑައިގަންނަވާ ނަމަ އެ ފުރުސަތު އޮތް ކަމަށާއި އެކަމާ ގުޅޭ ގޮތެއް ނިންމެވުމުގެ ހުރިހާ އިހުތިޔާރަކާއި ހައްގެއް އޮތް ކަމަށް." އެންޑްރޫ ބުންޏެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލްޓައިމްކޮށް ޝާހީ ޒިންމާތައް ނަންގަވަން މޭގަން ބޭނުންފުޅު ނުވާ ނަމަ އެކަމުގައި ވެސް ޝާހީ އާއިލާގެ އިއުތިރާޒެއް އެންމެ ކުރިން ފެށިގެން ވެސް ނެތެވެ.
"އެހެންވެ ރާނީ ވިދާޅުވެފައިވޭ ފުލްޓައިމްކޮށް ނޫން ކަމަށް ވަންޏާ ޝާހީ އާއިލާ ބައިވެރިވާ ކަންކަމުގައި މެހުމާނެއްގެ ގޮތުން ކަމަށް ވިޔަސް މޭގަން ހިއްސާވެވަޑައިގަތުމަށް." އެންޑްރޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހެރީއާ ކައިވެނި ބައްލަވައި ގަތަސް މޭގަން އަށް އެކަމަނާ ކުރައްވާނެ ކަންކަމުގެ މިނިވަންކަމާއި އިހުތިޔާރު ޝާހީ އާއިލާގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފަ އެވެ. އެގޮތުން ވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ތަނަކަށް ވަޑައިގަތުމާއި ކޮމަންވެލްތުގެ ޔޫތު އެމްބެސެޑަރަކަށް މޭގަން ހެއްދެވުމަކީ ވެސް ޝާހީ އާއިލާ އިން ވަރަށް ބޭނުންވި ކަމެކެވެ.
ނަމަވެސް ދާދި ފަހުން ފިރިކަލުންނާ އެކު މަޝްހޫރު ހޯސްޓް އޯޕްރާ އަށް ދެއްވި އިންޓަވިއުގައި މޭގަން ދައްކަވާފައި ވަނީ މުޅިން ތަފާތު ވާހަކަތަކެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ޝާހީ ޒިންމާތައް ދޫކޮށްލައްވައި ހެރީއާ އެކު އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރެއްވުމާ ހަމައަށް އުޅުއްވަން ޖެހިވަޑައިގަތީ ޝާހީ އާއިލާގެ "ދަންތުރެއްގައި ވަރަށް ހިތްދަތިކޮށެވެ." އޭގެ ސަބަބުން ނަފުސާނީ މައްސަލަތައް ކުރިމަތިވަޑައިގެން، އަމިއްލަ ފުރާނަ ދުއްވައިލުމުގެ ވިސްނުންތަކެއް ވެސް ގެންގުޅުއްވި ކަމަށް މޭގަން ވިދާޅުވެފަ އެވެ. އެކަމަނާގެ އިތުރުން ޕްރިންސް ހެރީ ވެސް ވަނީ ޝާހީ އާއިލާގެ ތެރޭގައި "ބޮޑެތި މައްސަލަތަކެއް" ހުރިކަން ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައިވެ އެވެ.
އެ އިންޓަވިއުއާ ގުޅިގެން ޝާހީ އާއިލާ އޮތީ އެ ބޭފުޅުންނާ ވަރަށް ނުރުހިފަ އެވެ.
ހެރީއާ 2018 ގެ ކައިވެނި ބައްލަވައިގަތުމުގެ ކުރިން މޭގަން އަކީ ހޮލީވުޑްގެ ބަތަލާއެކެވެ. އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އުފެއްދުން ކަމަށްވާ ޓީވީ ސިލްސިލާ "ސޫޓްސް" ދޫކޮށްލެއްވީ ހެރީއާ ކައިވެނި ބައްލަވައިގަންނަވަން ނިންމެވި ހިސާބުންނެވެ.
ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރެއްވުމާ އެކު މޭގަން އަލުން އެކްޓިން އަށް ނުކުންނަވަން އުޅުއްވާ ވާހަކަ މީޑިއާތަކުގައި ވެސް ވަރަށް ގަދައަށް ދެކެވިފައިވެ އެވެ. އެކަމަކު ވަރަށް ފަހުން މޭގަން އާއި ހެރީ ނެޓްފްލިކްސްއާ އެކު ހެއްދެވި އެއްބަސްވުމުގެ ދަށުން ވެސް މޭގަން އެކްޓިން އަށް ވަޑައިގަންނަވާ ކަހަލަ އުފެއްދުންތަކެއް ގެނެސްދޭނެ ވާހަކައެއް ނެތެވެ.
އެންޑްރޫ ވިދާޅުވެފައިވާ ގޮތުގައި ޝާހީ އާއިލާގެ ތެރޭގައި ވާހަކަ ދެކެވި ކަންކަން ރޭވިފައި ހުރި ގޮތަށް ބަލާ ނަމަ ހެރީ އާއި މޭގަން ޝާހީ ޒިންމާތަކާ އެކު ގައުމު ވެސް ދޫކޮށްވަޑައިގެންނެވުމުގެ ކުރިން ކަންކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނާވަޑައިގެންފައެއް ނުވެ އެވެ.
"އެ ބޭފުޅުންނަށް އޮތް ފުރުސަތުތަކާއި އެ ބޭފުޅުންގެ ދައުރާ ދޭތެރޭ ސީރިއަސްކޮށް ވިސްނާވަޑައިގަތް ނަމަ މަންޒަރު ފެންނާނީ މިހާރު މި ފެންނަ ގޮތަކަށް ނޫން." އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެތެރެ ކޮއިލު
07 April 2021
ދެން ޝާހީ އާއިލާގެ ފަރާތުން ކަނޑައަޅުއްވާފަ ތިބޭ އެޖެންޓުން ލައްވާ ޝާހީ އާއިލާގެ މަލަމަތި ރީތި ކުރަން މަސައްކަތްކުރާނެ.
އަހާ
07 April 2021
ދުނިޔޭގެ އެންމެ ދުވަސްވީ އެންމެ މަޝްހޫރު ޝާހީ އާއިލާގެ މެމްބަރެއްގެ ކެރެކްޓަރގެ ރޯލަކީ އެކްޓްރެސްއަކަށް ލިބޭނެ އެންމެ ބޮޑު ރޯލް. އެ ރޯލް އަދާކުރުމުގައި މީހުން ހީނުކުރާފަދަ ކަންކަން މިހާތަނަށް ކޮށްފި. މަޝްހޫރުކަމުގެ އެންމެ މަތީ ހަރުފަތަށް އަރަމުން މިހާރުވެސް އެދަނީ. އެކްޓިންގ ހުއްޓާލީއޭ ދުނިޔެއަށް ހީވަނީ އޮޅުމަކުން.