އެޑަމް "ސުޕަ މާސްކް" އަޅައިގެން.
09 އެޕްރީލް 2021 - 08:23
ކޮވިޑް-19އާ އެކު މާސްކްގެ ވިޔަފާރި ރަނގަޅުވުމާއި އެކި ގޮތްގޮތަށް މާސްކް ފަރުމާކޮށް ނެރުމުގެ ވިޔަފާރި ފުޅާވެފައިވާ އިރު އެމެރިކާގެ ރެޕާ ވިލިއަމް އެޑަސްމް (ވިލް.އައި.އޭމް) ވެސް ސްމާޓް މާސްކެއް އުފައްދައި ބާޒާރަށް ނެރެފި އެވެ.
"ސުޕަ މާސްކް" ގެ ނަމުގައި، އުމުރުން 46 އަހަރުގެ ފަންނާނު ސިފަކުރާ މި މާސްކަކީ ބްލޫޓޫތު މެދުވެރިކޮށް ސްމާޓްފޯނާ ވެސް ކަނެކްޓްކޮށްލެވޭ އަދި ލެޑް ލައިޓްތަކާއި ހެޑްފޯނާއި ކުދި ފަންކާ ވެސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ މާސްކެކެވެ.
"ސުޕަ މާސްކް" ސިފަކޮށްފައި ވަނީ އަޅައިގެން ހުންނަން ފަސޭހަ، ހޫނުވުން ކުޑަކޮށްދޭ އަދި ހުރިހާ ގޮތަކުން ވެސް ރައްކާތެރި މާސްކެއްގެ ގޮތުގަ އެވެ. މީގެ ހާއްސަ އެއް ސިފަ އަކީ އައިނާ އެކު ވެސް އަޅައިގެން ހުންނަން ފަސޭހަ އެއްޗަކަށް ވުމެވެ.
މި މާސްކް ނެރެފައި ވަނީ ވިލިއަމް އާއި އެމެރިކާގެ ޓެކް ކުންފުނި ހަނީވެލް ގުޅިގެންނެވެ. މާސްކް ފަރުމާކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ޖޯޒް ފެނެންޑޭޒެވެ. އޭނާ އަކީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ ޖައްވީ ސޫޓް ވެސް ފަރުމާކުރި މީހާ އެވެ.
"ސުޕަ މާސްކް" ގެ އަގަކީ 299 ޑޮލަރު (4,622ރ.) އެވެ. މި މާސްކަށް ހާއްސަ ވެބްސައިޓުން މާސްކް ގަނެވޭނެ އެވެ.
ވިލިއަމް ބުނި ގޮތުގައި ސްމާޓް މާސްކެއް ނެރުމުގެ ހިޔާލު އައީ ކޮވިޑާ ހެދި މިހާރު އުޅެން ޖެހިފައިވާ ހާލަތު އުނދަގޫކަމުންނެވެ.
"އަސްލު އަހަރެމެން މިހާރު މި އުޅެން ޖެހިފައި ވަނީ ސައިންސް-ފިކްޝަން ދުނިއެއްގައި،" ނިއު ޔޯކް ޓައިމްސް އަށް ވިލިއަމް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިސަޑު
11 April 2021
ވިލިއަމް އެއް ނޫން، ވިލް-އައި.އޭމް