09 އެޕްރީލް 2021 - 08:22
ސްމާޓްފޯނު އުފެއްދުން ހުއްޓާލި ދެކުނު ކޮރެއާގެ އެލްޖީ އިލެކްޓްރޯނިކްސް އިން، ފޯނު ނުހެދިޔަސް އަދި ތިން އަހަރު ވަންދެން ފޯނުތަކަށް އަޕްޑޭޓް ދޭނެ ކަމަށް ބުނެފި އެވެ.
ފޯނު އުފެއްދުން ހުއްޓާލިކަން މި ހަފުތާގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރި ކުންފުނިން ބުނި ގޮތުގައި އެލްޖީގެ ފޯނުތަކުގެ ތެރެއިން 2019 އާއި އޭގެ ފަހުން ވެލްވެޓް، ވިންގް، ޖީ އަދި ވީ ސީރީޒްގެ ފޯނުތަކަށް އެ ގަތް ދުވަހުން ފެށިގެން ތިން އަހަރަށް އަޕްޑޭޓް ދޭނެ އެވެ. އަދި މިދިޔަ އަހަރު އެލްޖީ ސްޓައިލޯ އާއި ކޭ ސީރީޒްގެ ފޯނުތަކަށް ވެސް އަޕްޑޭޓް ދޭނެ އެވެ.
ކަސްޓަމަރުން މިހާރު ބޭނުންކުރާ އެލްޖީ ސީރީޒްގެ ފޯނުތަކަށް އަޕްޑޭޓްތައް ދޭނެ ވާހަކަ ބުނެފައި މި ވަނީ ފޯނުގެ ވިޔަފާރި ހުއްޓާލަން ނިންމުމާ އެކު، މިހާރު ބޭނުންކުރާ ފޯނުތަކުގެ އަޕްޑޭޓްތަކަށް ވާނެ ގޮތެއް ނޭނގި ކަސްޓަމަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ކަސްޓަމަރުންގެ ފޯނުތަކަށް އެންޑްރޮއިޑް އަޕްޑޭޓް ލިބުމުގެ މާނަ އަކީ މިހާރު ބޭނުންކުރާ އޯއެސް އަޕްޑޭޓްކޮށް ދިނުމެވެ.
ސްމާޓްފޯނުގެ ވިޔަފާވެރިން ފައިދާ ނުވާތީ އެ ވިޔަފާރި ހުއްޓައިލަން ނިންމި ނަމަވެސް ވިޔަފާރި ޕާޓްނަރުންނާ އެކު ވެފައިވާ އެއްބަސްވުންތައް ފުރިހަމަކޮށް ދިނުމަށް މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް އެލްޖީން ފޯނު އުފެއްދުމުގެ މަސައްކަތްކުރާނެ އެވެ.
އެހެންވެ ޖުލައިގެ ފަހުން އެލްޖީން ފޯނު އުފެއްދުމުގެ މަސައްކަތެއް ނުކުރާނެ އެވެ.
އިލެކްޓްރިކް ސާމާނުގެ މަގުބޫލު ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވި އެލްޖީން އެންމެ ފުރަތަމަ ސްމާޓްފޯނު ނެރުނީ 2009 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy