މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ: ކާމިޔާބު ލިބުނީ ޔާމީންގެ ފިކުރުގެ ސަބަބުން ކަމަށް ވިދާޅުވި-- މިހާރު ފޮޓޯ: ނިޝާން އަލީ
11 އެޕްރީލް 2021 - 22:28
މި ހުރިހާ ދުވަހު އެމްޑީޕީން ރަސްކުރަމުން ދިޔަ މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ޕީޕީއެމުން ބާރު ހޯދީ، ދީނާއި ތަރައްގީގެ ފިކުރު އިސްކޮށްގެން ކަމަށާއި އެއީ ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފިކުރު ކަމަށް، މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމާއި ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތަކެއް ވެސް ކާމިޔާބުކޮށްގެން، ޕީޕީއެމް ވަނީ މުޅި ރާއްޖެ ސިއްސުވާލައިފަ އެވެ. އަދި އެކަމުގެ އުފާ "މީ މަގޭ ރާއްޖެ އަލިވިލުން" ގެ ނަމުގައި މިހާރު އަންނަނީ ފާޅުކުރަމުންނެވެ.
އެ ހަފުލާގައި ވާހަކަ ދައްކަވަމުން، ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވި ގޮތުގައި އޭނާ އިންތިހާބަށް ނުކުންނެވީ، ރައީސް ޔާމީން ދަސްކޮށްދެއްވި ފިކުރުގަ އެވެ. އެއީ ދީނީ ފިކުރާއި ތަރައްގީގެ ފިކުރެވެ. އިންތިހާބު ކާމިޔާބު ކުރެވުމުގެ އަނެއް ސަބަބެއް ކަމަށް މުއިއްޒު ފާހަގަކުރެއްވީ މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި، މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދުމެވެ.
"އެ މީހުން ބޭނުންވީ ފުދުންތެރި ދިރިއުޅުމެއް. މާލެ ހިތްފަސޭހަ ތަނަކަށް ހަދަން. ތަރައްގީ،" މުއިއްޒު ވިދާޅުވި އެވެ.
ކެމްޕޭންގެ ތެރޭގައި އޭނާ ވަނީ، މާލޭގެ ވަރަށް ގިނަ ގެތަކަށް ވަޑައިގެން، އާއްމުންނާ ބައްދަލުކުުރައްވައިފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ގިނަ މީހުންގެ މޫނުމަތިން ފެނުނީ މާޔޫސް ކަމާއި ހިތްދަތިކަމެވެ. ބޯހިޔާވަހިކަން ދޭނެ ކަމަށް ސަރުކާރުން ވި ވައުދު ނުފުއްދުމުގެ ސަބަބުން، ގިނަ ބަޔަކު އުޅެނީ ވަރަށް ހާލުގައި ކަމަށް ވިދާޅުވި އެވެ.
އެ މީހުންގެ މައިގަނޑު ޝަކުވާ އަކަށްވީ، މުއިއްޒުގެ ބަހުން ނަމަ، ޔާމީންގެ ސަރުކާރުން ދިން ފްލެޓްތައް އަތުލުމާއި ވިޔަފާރިތައް ބަނގުރޫޓުވުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމަށް ދިވެހި ރައްޔިތުން ވޯޓު ދިނީ، ގައުމީ ވިސްނުމުގަ އެވެ. އިސްލާމް ދީނާއި ގައުމިއްޔަތާ މެދު އެ މީހުން ކަންބޮޑުވުމެވެ. އެހެންވެ، އެ ހުރިހާ ކަމަކުން އުއްމީދު ލިބިވަޑައިގަންނަވާ ކަމަށާއި ދީނާއި ގައުމަށް ގައްދާރުވާ، މިނިވަންކަން ގެއްލޭ ގޮތަށް އަމަލުކުރާ މީހުންނަށް ފުރުސަތު ނުދޭނެ ކަން އެނގިވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކޮން ބާރެއްތޯ [އެމްޑީޕީއަށް] ނުލިބެނީ؟ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މިހާތަނަށް މާލޭ ސިޓީ ކައުންސިލް ވެސް އެ އޮތީ އެ މީހުންނަށް. އެކަމަކު އެ ހުރިހާ ކަމެއް އޮވެ، މާލޭ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަންތައްތަކެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އާ މޭޔަރުގެ ވައުދަކީ، އަމާނަތްތެރިކަމާއި ތެދުވެރިކަމާއެކު، މާލޭ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ2
12 April 2021
ތިވަރަށް ގޯސްވީ.. އެއީ ރަގަޅު ފިކުރެއްނޫން.
އަލީރާޖާ
12 April 2021
ތިޔަ ބުނީ ކާމިޔާބުވީ ރިސޯޓުތައް ވިއްކާ އެފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރީމައޭތަ؟
ގަބޭ
12 April 2021
ތިބުނީ މާލޭ ރައްޔިތުން ގެންގުޅެނީ ވައްކަމުގެ ފިކުރޭތަ؟
ނިލިސް
12 April 2021
ޕީޕީއެމް އަށް މާބޮޑު ތާއީދެއްނެތް. ޢެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމާއި ރައީސް ނަޝީދުގެ ސަބަބުން ގިނަ ބަޔަކު ވޯޓުނުލުމުގެ ނަތީޖާ.
ވޯޓުފޮށި
12 April 2021
ތި މިހާރު ގޯސްވަނީ. އަހަރުމެންގެ ވޯޓު ދިނީ މޑޕ ގެ ލާދީނީ މުންކަރާތްތަކާ ދެކޮޅަށް. ބައެއްގެ ޕަޕެޓުންތަކަކަށް ވެގެން އުޅުމާ ދެކޮޅުކަން ބުނެދޭންވެގެން. ޤައުމު ވިއްކާލުމާދެކޮޅުކަން އެންގުމުގެ ގޮތުހުން. ނައިޓްކްލަބު ހެދުމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން.
ސިޓިޒަން އޮފް މާލެ
12 April 2021
މުއީޒައް މާލޭ ސިޓީ ކައުންސިލް ގެ ރައީސްކަން ކާމިޔާބު ކުރެވުނީ އެމް.ޑީ.ޕީ. ފިކުރުގެ ސަބަބުން! އެ ޕާޓީގެ މެމްބަރުންނަށް އެންގޭ އަމިއްލަ ޕާޓި އާއި ދެކުޅަށް އިހްތިޖާޖްކުރުމުގެ ގޮތުން ވޯޓްލާން ނުނިކުތުމަކީ، ޑިމޮކްރަސީގެ ހަމަތަކުގެ ތެރޭގައި، ލިބިފައި އޮންނަ ހައްގެއްކަން!
ތިއީ ފޭކު ޑިމޮކްރަސީ
12 April 2021
ރައްޔިތުންގެ މަޖްލީހަކީ ޑިމޮކްރަޓިކް ގައުމުތަކުގައި އޮވެގެން ނުވާނެ ތަނެއް. ޑިމޮކްރަޓިކް ގައުމުތަކުގައި ސުޕުރިމް ކޯޓާއި ހައިކޯޓުން ސިޔާސީ މައްސަލަތައް ބަލައިގެން ނުވާނެ. ދަށުކޯޓުތަކުން ރައްޔިތުންގެ މައްސަލަތައް ބަލައި ނިމެން ޖެހޭނެ. ރާއްޖޭގައި ބާރުދީފައިވާ މަދު މީސްކޮޅު އަދިވެސް ގިނަ. ގިނަ ބާރުތައް ޑިމޮކްރަސީގައި ބޭކާރު. ރައްޔިތުންގެ ހިޔާލު ކައުންސިލުން ތާއިދުވެ އެކަން ކުރެވެން ޖެހޭނެ. މަޖްލީހުގެ/ޕާޓީގެ ބަހެއް ބޭނުމެއް ނުވޭ.
އަލްޖިބްރާ
12 April 2021
ތިއޮތީ މަބުނިތަން އައިސް ޖެހިފަ! އަދިމިއުޅެނީ މަޤާމުގެ ހުވާވެސް ނުކުރެވިގެން ! މިހާރު ޔާމީނުގެ ދަށު ކަންގަޑޭ ގޮވަންފެށީ ! ކަލޭތީ ދިވެހިންނަށް އެއްކަމެއްވެސް ކޮށްދޭނެ މީހެއް ނޫން ! ޔާމީނު އަތުން ލިބުނު ބައިވަރުގަޑު ގިނަކަމުން ތިއުޅެނީ ޔާމީނު ޖަލުން ނެރެވޭތޯ ! އެކަމު އެކަމެއް އަދި ނުވާނެ !
ހޯހޯއޭ
12 April 2021
އޭމަވެސް ވޯޓުދިނީ ކަލެއަށް. އެކަމު ޔާމީނުވެގެނެއްނޫން... މޮޔަނުގޮވާ މިހާރު.
ޝަކީލާ
12 April 2021
މުއިޒް ހޮވުނީ ދުރާލާ ރޭވި ޕްލޭން ކާމިޔާބު ވީމަ. ޕޕ ސަރުކާރު އޮތްއިރު ގަވާއިދު ކުއްލިއަކަށް ބަދަލުކޮށް 18 ހާހަށް ވުރެން ގިނަ މީހުން މާލޭ ދަފްތަރުގައި ޖައްސާ، އަދި އެމީހުން ވަކިން އޮތުމުގެ ބަދަލުގައި އަވަށްތަކަށް ބަހާލާ އެމީހުންނަ ޕޕ ސަރުކާރުގައި އެޅި 7000 ފްލެޓް ލިބޭނެގޮތް ފަހިކޮށްދިނީމަ. މުއިޒް އަދި ދެން ތިބި ޕޕ މެމްބަރުންނަށް ލިބުނު ވޯޓުގެ ބޮޑު ބައި އައީ މިގޮތަށް. މިއީކީ އޮޅުވާލެވޭނެ ކަމެއް ނޫން. މާލޭ މީހުން މިފަހަރު ވޯޓެއް ނުލާ.
ސަނާ އަހްމަދު
12 April 2021
އަޅުގަނޑުގެ އާއިލާވެސް ޑރ. މުއިއްޒުއަށް ވޯޓްދިނީ ރައީސް ޔާމީން ވެގެނެއް ނޫން. ޑރ. މުއިޒް ކިޔަވާފައި ހުރީމަ. މިގައުމުގައި ކިޔަވައިގެން ތިބި ތެދުވެރި މަސައްކަތްތެރި މީހުންގެ އުދާސްތައް އަޑުއިވޭނެކަމަށް. އަބަދު ގެދޮރު، ފަޅު، ކަރަންޓް ވީމަޔޯ؟ ކޮބާ ދުނިޔެވީ ތަރައްގީ؟ ކޮބާ އެތިކްސް؟ ކޮލެޖުތަކުގެ ސްޓޭންޑަޑް؟ ހިއުމަން، އެނިމަލް ރައިޓްސް؟ ކިހިނެއް އުޅޭނީ މިތާ ބުއްދިސަލާމަތުން؟ ކިޔެވީމަ ސިކުނޑި ސުމަކަށް މިތާ. ބަލާލިކޮންމެ ދިމާލަކުން ހުސް ދެރަވާ ކަންކަން.