ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ނިއު ބަލިކޮށް އީގަލްސް ސެމީގެ ފުރުސަތު ބޮޑުކޮށްފި

އީގަލްސްގެ ރިސްޓޭ އާއި ނިއުގެ މައިކަލް (ކ) ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް އޭ ގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ކްލަބް އީގަލްސް މިއަދު ބޮޑުކޮށްފި އެވެ.

މި ދެ ޓީމުގެ އިތުރުން މި ގްރޫޕުގައި ޓީސީ ސްޕޯޓްސް ކްލަބް ހިމެނޭއިރު ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ގައުމީ މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާ ނިއު އިން މިއަދުގެ މެޗުގައި ރަނގަޅަށް ކުޅެ ގޯލް ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ބޯވާރޭގެ ތެރޭގައި ކުޅުނު މި މެޗުގައި އީގަލްސް އަށް ލީޑު ލިބުނީ 14 ވަނަ މިނެޓުގައި ނިއުގެ އަލީ ސާމިއު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ފަހުން އީގަލްސްގެ ރިސްޓޭ ނައުމޯފް ނިއުގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ހަމަލައެއް ނިއުގެ ގޯލްކީޕަރު ޖޮންކުޗީ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ނިއު އަށް ވަނީ ގޯލް ޖަހާނެ ރަނުގެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން 31 ވަނަ މިނެޓުގައި އެ ޓީމުގެ އަހުމަދު ނުހާދު ނެގި ހުރަހެއް އޭރިއާ ތެރެއިން އިއްޒަތު އަބްދުލްބާރީ ބޮލުން ޖެހުމުން ދިޔައީ ގޯލާ އަމާޒުނުވެ ބޭރުންނެވެ. އޭގެ ފަސް މިނެޓު ފަހުން އިއްޒަތަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އީގަލްސްގެ ޑިފެންޑަރެއްގެ ފައިދަށުން ދިޔަ ބޯޅައެއް ގޯލް ކުރިމަތީ ހުހަށް ހުރި އިއްޒަތަށް ލިބުނު ނަމަވެސް ލަސްކުރުމުގެ ނަތީޖާއަކަށްވީ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެ ބޯޅަ ސަލާމަތްކުރުމެވެ.

އީގަލްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 39 ވަނަ މިނެޓުގައި ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ތެރެެއިން އޭނާ ފޮނުވާލިި ބާރު ޝޮޓް އީގަލްސްގެ މުހައްމަދު ސެޑިކް ވަނީ ބްލޮކްކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނިއުގެ އަހުމަދު ސުހެއިލް (ބަމްޕުޗް) ވެސް ވަނީ ހުސް ފުުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. ހަމްޕު ދިން ބޯޅަ ގޯލް ކުރިމަތީ އެކަނިމާއެކަނި ހުރި ބަމްޕުޗް ޖެހުމުން ދިޔައީ ގޯލާ ދުރުންނެވެ.

ދެ ވަނަ ހާފު ފަށައިގެން 56 ވަނަ މިނެޓުގައި އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ނިއުގެ ކީޕަރު މަތަކުރި އެވެ. އީގަލްސް އަށް ތަފާތު ބޮޑުކޮށްދިނީ 64 ވަނަ މިނެޓުގައި އިބްރާހިމް މުބީން (މުއްކި) އެވެ. އޭނާ އޭރިއާ ތެރެއިން މަޑުމަޑުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 74 ވަނަ މިނެޓުގައި ޖެހީ ރިސްޓޭ އެވެ. އަރިމަތިން ނެގި ހުރަހަކުން ރިސްޓޭ އަށް ލިބުނު ބޯޅަ އޭނާ ޖެހުމުން ބޮނޑިވެފައި ތިބި ކުޅުންތެރިންތަކުގެ ތެރެއިން ގޮސް ވަނީ ގޯލުގެ ތިރީ ކަނަށެވެ.

ނިއު އަށް ތަފާތުކުޑަން އެންމެ ހުސް ފުރުސަތެއް ލިބުނީ ކެޕްޓަން އަހުމަދު ނިޔާޒަށެވެ. ކައުންޓާ އެޓޭކެއްގައި ނިއު އިން އުފެއްދި ހަމަލާގައި އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑި މަތިންނެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ބީ ގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނާއި މިނިވަން 50 ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ސ. ފޭދޫ އެވެ.

0 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 31%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454