ޗެލްސީގެ ކޯޗު ޓުޗެލް (ކ) މެޗަށް ފަހު އެ ޓީމުގެ ޖޯޖީނިއޯއާއެކު އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ
14 އެޕްރީލް 2021 - 11:38
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ޕޯޓޯ އަތުން 1-0 އިން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައި ޗެލްސީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. މިއީ ހަތް އަހަރުގެ ތެރޭގައި ޗެލްސީ މުބާރާތުގެ ސެމީން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މެޗުގެ އިތުރު ވަގުތުގައި މެހްދީ ތަރޭމީ ޖެހި ހިތްގައިމު ލަނޑާއެކު ރޭގެ މެޗުން ޕޯޓޯ 1-0 އިން ކުރި ހޯދި ނަމަވެސް، ޗެލްސީ ސެމީން ޖާގަ ހޯދީ 2-1ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ޗެލްސީން ވަނީ ފުރަތަމަ ލެގު 2-1 އިން ކާމިޔާބުކޮށްފަ އެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބެއް،" މެޗަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުންޏެވެ. "މި މެޗުގައި އަހަރަމެންނަށް ގޯލެއް ނުޖެހުނު. އެހެންވީމަ މެޗުގެ ފަހުކޮޅުގައި ވަރަށް ވިސްނަންޖެހުނު."
ޓުޗެލް ބުނީ ޖުމްލަކޮށް ދެ ލެގަށް ބަލާއިރު، ޗެލްސީ އަށް ސެމީ ފައިނަލްގެ ޖާގައެއް ހައްގު ކަމަށެވެ.
"ދެ މެޗުގައި ވެސް ބެލުންތެރިން މާ ހިތްހަމަޖެހޭނެ ކުޅުމެއް ނުދެއްކުނު. ޕޯޓޯއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން،" ޓުޗެލް ބުންޏެވެ،
ސެމީ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ލިވަޕޫލް ނުވަތަ ރެއާލް މެޑްރިޑެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅިގެން، ކުއާޓާ ފައިނަލްގެ ދެ ލެގު ވެސް ކުޅުނީ ސްޕެއިންގެ ސެވިއްޔާގަ އެވެ. ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ ލެގު ބެލީ ޗެލްސީގެ ހޯމް މެޗުގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
14 April 2021
ފުރަތަމަ ލެގް ޗެލްސީ އިން ކާމިޔާބުކުރީ 2 - 0 އިން