އިޓަލީގެ ކެޕްޓަން ބުފޮން މެޗަށް ފަހު ސަޕޯޓަރުންނަށް ހަނާއަޅަނީ. --ފޮޓޯ: އޭއެފްޕީ
16 ނޮވެމްބަރ 2016 - 09:59
މިލާން (ނޮވެމްބަރު 16) – ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އިޓަލީ އާއި ޖަރުމަން 0-0 އިން އެއްވަރުވިއިރު އިޓަލީގެ ގޯލްކީޕަރު އަދި ކެޕްޓަން ޖިއަންލުއިޖީ ބުފޮން ހާއްސަ ރެކޯޑަކާ އެއްވަރުކޮށްފި އެވެ.
ރޭގެ މެޗާ އެކު އިޓަލީ ގައުމީ ޓީމަށް ބުފޮން ކުޅެދިން މެޗުގެ އަދަދު 167 އަށް އެރިއިރު އޭނާ ވަނީ، ސްޕެއިނުގެ އިކާ ކަސިޔަސް ހަދާފައިވާ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިގެން ޔޫރަޕުގެ ކުޅުންތެރިޔާގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. ކަސިޔަސް އަށް ސްޕެއިނުން ދެން ފުރުސަތު ލިބުން ކުޑަވެފައިވާއިރު ބުފޮން އަށް ވަނީ ރެކޯޑް މުގުރާލުމުގެ ފުރުސަތު ތަނަވަސްވެފަ އެވެ. ބުފޮން އާއި ކަސިޔަސް އޮތީ ދުނިޔޭގެ ނިސްބަތުން ހަތް ވަނައިގަ އެވެ. އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ 184 މެޗު ކުޅެދީފައިވާ މިސްރުގެ އަހުމަދު ހަސަންގެ އަތުގަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި އުމުރުން 38 އަހަރުގެ ބުފޮން ހިމެނިގެން ފުރަތަމަ ހާފުގައި ވަނީ ކުޅެ ރަނގަޅު ސޭވްތަކެއްކޮށްފަ އެވެ. ދެ ވަނަ ހާފުގައި ގޯލް ބެލެހެއްޓީ ދެ ވަނަ ބުފޮންގެ ގޮތުގައި މަޝްހޫރުވެފައިވާ އުމުރުން 17 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފަހު 10 މިނެޓުގައި އިޓަލީ މޮޅުވުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު ޒުވާން ފޯވާޑް އަންދްރޭ ބެލޮއްޓީގެ ބާރު ހަމަލާ އަމާޒުވީ ގޯލް ދަނޑިއަށެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފްރާންސް ވަނީ އަމިއްލަ ދަނޑުގައި އައިވަރީ ކޯސްޓާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy