އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ވޯޓު މަރުކަޒުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: މިހާރު
19 އެޕްރީލް 2021 - 22:44
ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ދެ ދާއިރާއެއްގައި އަލުން ވޯޓުލާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަނީ ތ. ގާދިއްފުއްޓާއި ލ. މާވަށުގައި ކަމަށެވެ.
ގާދިއްފުށީގައި އަލުން ވޯޓުލަނީ، އެ ރަށުގެ އެއް ނަމްބަރު ފޮއްޓަށް ރ. އިންނަމާދޫ އަދި ލ. ކުނަހަންދޫ މީހަކު ވޯޓުލާފައިވާތީ އެވެ.
އެ ރަށު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ޕީޕީއެމުން ވާދަކުރި ހައްވާ އަބްދުލް ހާދީއަށް 224 ވޯޓު އަދި އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ހަސަނަށް 222 ވޯޓު ލިބިފައި ވެ އެވެ. އެހެންވެ، ދާއިރާ ނޫން ދެ މީހަކު ވޯޓުލާފައިވާނީ އަންހެން ކެންޑިޑޭޓުންގެ މެދުގައި އަލުން ވޯޓުލުމަށް ނިންމީ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މާވަށު O6.2 ފޮއްޓަށް ވެސް ދާއިރާ ނޫން އެހެން ދެ މީހަކު ވޯޓުލާފައިވާކަން ކަށަވަރުކުރެވިފައި ވެ އެވެ. އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އާދަމް އަބްދުއްރަހުމާން އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު މޫސާއަށް ވެސް ލިބިވަޑައިގަތީ 525 ވޯޓެވެ.
އޭގެ އިތުރުން މާވަށު ކައުންސިލްގެ މެމްބަރުކަމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ޝިފާޒު އަދި ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް އަބޫބަކުރަށް ވެސް ލިބިވަޑައިގަތީ 432 ވޯޓެވެ.
އެ ދެ ރަށުގައި ވެސް ވޯޓުލާން ހަމަޖައްސާފައިވަނީ އެ ފޮއްޓަށް ރަޖިސްޓްރީވެފައިވާ މީހުން އެކަންޏެވެ. އަލުން ވޯޓު ލާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އިންތިހާބާ ގުޅޭގޮތުން އީސީއަށް ހުށަހެޅި 208 ޝަކުވާއެއްގެ ތެރެއިން 11 ފޮއްޓެއްގެ ނަތީޖާ ޔަގީންކުރަން ތަފާތު ޕްރޮސީޖާތަކެއް ހިންގަން ވަނީ ކަނޑައަޅައިފަ އެވެ.
ޝަރީފް ވިދާޅުވީ އިއްޔެއާ ހަމައަށް އިންތިހާބުގެ ދާއިމީ ނަތީޖާގެ 90 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ވެރިފައިކުރެވިފައިވާ ކަމަށެވެ. ދާއިމީ ނަތީޖާ އިއުލާނުކުރަން މާދަމާ ރޭ ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޓިޒަން އޮފް މާލެ
20 April 2021
ވޯޓު ފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓުލައިގެން އެދާއިރާގެ އިންތިހާބު އަލުން ބާއްވާނަމަ މާލޭގެ ހުރިހާ ދާއިރާއެއްގެ އިންތިހާބު ޖެހޭނީ އަލުން ބާއްވަން! ދަފްތަރެގައި ނަން އޮންނަ މީހުންނަކީ މާލޭގެ އެއްވެސް ދާއިރާ އަކަށް ނިސްބަތްވާ ބައެއް ނޫން!
އިމްނާ
20 April 2021
ތިޔަހާލަތު ހަމަތިގޮތަށް ބަލިވީ ޕީޕީއެމްނަމަ، ރޭގަނޑު ކަޅުއަނދިރީގައި ތިޔަގޮލާގެ ކުޑަދޫ ފެންނަ ފަދައިން މިބުނަނީ ތިޔަވޯޓެއް ނުނެގީސް. މީގެ ހެއްކަކީ ދެވެންހުރި ގޮނޑި ބައެއްމީހުންގެ ކެނޑިޑޭސީ ބާތިލްކޮށްފައިވެސް ވޯޓަކާނުލައި ގޮނޑިދީފައިހުރީމަ މިބުނަނީ.
އަހުމަދުބޭ
20 April 2021
އެއްވަރުވީމަ ގުރުއަތުލައިގެން ތިކަން ނިންމާލެވިދާނެދޯ ދެން އަނެއްކާ ކޮން ޚަރަދު ތަކެއް ކުރާކަށް؟ މިވެރިން ގާނޫނުތަށް މިހަދަނީ ރައްޔިތުންގެ ފައިސާ އިސްރާފް ކުރެވެން ހުރިހުރިހައި ގޮތެއް ބަލައިގެންނެވެ.