ވެލެންސިއާގެ ޕްރެކްޓިހުގެ ތެރެއިން އާތީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 އެޕްރީލް 2021 - 12:00
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ކްލަބު ވެލެންސިއާ އަށް މިހާރު ގެއްލިފައިވާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން ވެލެންސިއާ ކުޅުނު މެޗުގައި ޔުނައިޓަޑް ވިކްޓަރީ އަތުން ބަލިވީ 3-1 އިންނެވެ. މި މެޗުގެ ނަތީޖާއާއެކު، ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ދެވަނައިގައި އޮތް ވެލެންސިއާއާދެމެދު އޮތް ފަރަގު ވަނީ ހަތް ޕޮއިންޓަށް އިތުރުވެފަ އެވެ. މާޒިޔާ އެއްވަނައިގައި އޮތީ 31 ޕޮއިންޓާއެކު އެވެ. ވެލެންސިއާ ދެވަނައިގައި އޮތީ 24 ޕޮއިންޓާއެކު އެވެ.
ލީގުގައި މިރޭ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތީ ބުނީ ވެލެންސިއާ އަށް މިހާރު ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރެއް ނެތް ކަމަށެވެ.
"ވަރަށް މުހިންމު ތިން ޕޮއިންޓް (ޔުނައިޓަޑް ވިކްޓަރީ އަތުން) ވެލެންސިއާ އަށް ގެއްލިގެންދިޔައީ. މި ތިން ޕޮއިންޓް ގެއްލުމާއެކު، ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ކެނޑިއްޖެ،" އާތީ ބުންޏެވެ. "މިރޭގެ މެޗުން ތިން ޕޮއިންޓް ވަރަށް މުހިންމު ލީގުގައި މިހާރު މި އޮތް މަގާމު ދިފާއުކުރަން."
އާތީ ބުނީ އީގަލްސް އަކީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި ލީގުގެ ފުރަތަމަ ބުރުގައި އީގަލްސްގެ ނަތީޖާތައް ދަށްވިޔަސް، މިހާރު އެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ.
"އީގަލްސް މިހާރު އޮތީ ރަނގަޅު ފޯމެއްގައި. އީގަލްސް ވަރަށް މަސައްކަތްކުރަންޖެހޭނެ މި މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން،" އާތީ ބުންޏެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ އަނިޔާވެގެން ބާލައިފަ އެވެ.
އާތީ ބުނީ މިރޭގެ މެޗުގައި ވެލެންސިއާގެ ގޯލުން ފައިސަލް ނުފެންނާނެ ކަމަށެވެ. އަދި ލީގުގައި ކުރިއަށް "ބޮޑު ބްރޭކެއް" އޮތުމާއެކު، އެއް މެޗަށް ފައިސަލް އަރުވައިގެން "ރިސްކެއް" ނަގަން ބޭނުންނުވާ ކަމަށެވެ.
ލީގުގައި މިރޭ ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ 10:00ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑޭ
28 April 2021
ދުނިޔޭގެ ފެންވަރު މޮޅެތި ކުޅުންތެރިން ލައިގެން ވެސް ވެލެންސިޔާ އަށް ކާމިޔާބު ނުހޯދިގެން ތި އުޅެނި ކޯޗަކަށް ހުރިމީހާގައި ގަ ކާމިޔާބު ހޯދޭނި ފެންވަރު ނެތީމަ. މީ ހަގީގަތް. ވެލެންސިޔާގަ ތިބި ބިދޭސީ ކުޅުންތެރިން އަދި ދިވެހި ކުޅުންތެރިން ވެސް މާޒިޔާގަ ތިބި ފުލެޔަރުންނާއި ބަލާފަ އެއްމެ ތަންކޮޅެއް ދެރައެއް ނޫން.