އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސްގެ ހަންނަ (މ) ބޫޓާންގެ ތިމްޕޫގެ ކުޅުންތެރިން ކައިރިން ސަލާމަތްވުމަށް މަސައްކަތްކުރަނީ. -- މިހާރު ފޮޓޯ / ނިޝާން އަލީ
30 އެޕްރީލް 2021 - 13:30
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ މުބާރާތުން ވަކިވުމުން، ކްލަބު އީގަލްސް އޮޓަމެޓިކުން މުބާރާތުގެ ޕްލޭއޮފަށް ކޮލިފައިވެއްޖެ އެވެ.
އޭއެފްސީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން ބަންގްލަދޭޝްގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އޭއެފްސީން އޭއެފްސީ ކަޕާއި ޗެމްޕިއަންސް ލީގަށް ކަނޑައަޅާފައިވާ ކޮވިޑް-19 ސަބް ކޮމެޓީން ރިޔާއަތްކޮށްފައިވާ ކަމަށެވެ. އަދި މި ވަގުތު ހާލަތަށް ބެލުމަށް ފަހު، އަބަހާނީ މުބާރާތުން ވަކިވެފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.
"ހާއްސަކޮށް ބަންގްލަދޭޝްގައި މި ވަގުތު އޮތް ފުރަބަންދާއި، ދަތުރުފަތުރުކުރުމުގައި ހުރި ހުރަސްތަކަށް ބަލާފައި، 2021 ވަނަ އަހަރުގެ އޭއެފްސީ ކަޕުން އަބަހާނީ ވަކިވެފައިވާ ކަމަށް ކަނޑައަޅައިފިން،" އޭއެފްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕްލޭއޮފްގައި އީގަލްސްއާ ދެކޮޅަށް ނުކުންނާނީ އިންޑިއާގެ ވަރުގަދަ ޓީމެއް ކަމަށްވާ ބެންގަލޫރު އެފްސީ އެވެ.
އޭއެފްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަންނަ މަހުގެ 11 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާ ޕްލޭއޮފް މެޗު ކުޅޭނީ މާލޭގައި ކަމަށެވެ.
އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ވެސް އަންނަ މަހުގެ 14 - 20 އަށް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގަ އެވެ.
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް އާއި އަބަހާނީ ބައްދަލުކުރަން އޮތް މެޗު އެންމެ ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މި މަހުގެ 14 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ ގޮތަށެވެ. އެކަމަކު ބަންގާޅުގައި ކޯވިޑްގެ ކޭސްތައް ގިނަވެ، ލޮކްޑައުން އިއުލާންކުރުމުގެ އެ މެޗު ފަސްކުރަން މަޖުބޫރުވި އެވެ. މެޗު ކުޅޭނެ އެހެން "ނިއުޓްރަލް ވެނޫއެއް" ހޯދަން އަބަހާނީ އަށް އޭއެފްސީން ފުރުސަތު ދިން ނަމަވެސް، ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެކަން ވެސް އަބަހާނީ އަށް ކާމިޔާބެއްނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްްއިޙްސާސް
01 May 2021
އިންޑިޔާ މީހުން ކުޅިވަރުކުޅެން މިޤައުމަށް މިދުވަސްވަރު ނުގެންނާތި.