ޅ. ނައިފަރު: ތޮއްޖެހިފައިވާ އެ ރަށުގައި ގިނަ ބަޔަކަށް ވަނީ ކޮވިޑް ޖެހިފައި -- ފޮޓޯ: ޅ. ނައިފަރު ކައުންސިލްގެ ފޭސްބުކް
05 މެއި 2021 - 13:00
ރ. އުނގޫފާރުން ޅ. ނައިފަރަށް ދިޔަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން، އެ ރަށް މޮނިޓަރިންއަށް ލީ މިދިޔަ މާޗު 23ގަ އެވެ. އޭގެ ފަހުން ދެ މަސް ފާއިތު އިރު ވެސް އެ ރަށުގެ ހާލަތު ވަރަށް ގޯހެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 30އަށް ވުރެ މަތި އިރު، އެ ރަށުން މިހާތަނަށް ވަނީ 568 މީހަކަށް ބަލި ޖެހިފަ އެވެ.
މިއީ މާލެ ފިޔަވައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށެވެ. ފަސްހާހަށް ވުރެ ގިނަ އާބާދީއެއް އޮންނަ ނައިފަރު ލޮކްޑައުންކޮށްފައިވާއިރު، ރަށުގެ ގިނަ ގެތައް ހުރީ މޮނިޓަރިންއަށް ލާފަ އެވެ. އެކަމަކު ކޮވިޑްގެ ހާލަތު ރަށުގައި ބޮއްސުންލީ، ވެރިންގެ އިހުމާލުން ކަމަށް ބައެއް މީހުން ބުނެ އެވެ.
ނައިފަރު ކައުންސިލްގައި މަސައްކަތް ކުރި މީހަކު، ނޫހުގައި ނަން ނުޖެހުމަށް އެދި ބުނީ، މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް، ރަށުން ބޭރުން ގިނަ ބަޔަކު ދިޔަ ކަމަށެވެ. ނައިފަރުގެ ގިނަ ބަޔަކު، ކައިރީގައި އޮންނަ ޅ. ފެލިވަރުގައި މަސައްކަތް ކުރާއިރު، އިންތިހާބު ބޯމަތިވި އިރު ފެލިވަރުގައި ވަނީ ކޮވިޑް ވަރަށް ބޮޑަށް ފެތުރިފަ އެވެ. ނައިފަރު އޭރު އޮތީ ލޮކްޑައުންކޮށްފައި ނަމަވެސް، ވޯޓު ލުމަށް ދީފައިވާ ލުއިތަކާއެކު ކޮވިޑަށް ޕޮޒިޓިވް ގިނަ ބަޔަކު އެ ރަށަށް އެރި އެވެ.
"ރަށަށް އެރީ ކޮވިޑް ޖެހިިފައިވާ ކިތައް މީހުން ކަމެއް ވެސް ކައުންސިލަކަށް ނޭނގޭ. އެ މީހުން މޮނީޓާއެއް ނުކުރޭ. މުޅި ރަށު ތެރޭގައި އެ މީހުން އުޅުނު،" "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނައިފަރުގައި ކޮވިޑް ފެތުރެން ފެށިތާ ދެ މަސް ވީއިރު ވެސް އަދިވެސް ބަލި ކޮންޓްރޯލެއް ނުވެ އެވެ. މިހާރު ވެސް ބަލި މީހުންގެ ގޮތުގައި 309 މީހުން އެބަތިއްބެވެ. ކޮވިޑް ޖެހިގެން ދެ މީހަކު ވަނީ މަރުވެފަ އެވެ. ބަލި ފެތުރެން ފެށި ފަހުން އެންމެ މަދުން ކޮވިޑް ޖެހުނީ އިއްޔެ އެވެ. އެއީ 18 މީހުންނެވެ. އެކަމަކު އޭގެ ކުރީ ދުވަހު 42 މީހަކަށް ބަލިި ޖެހުނެވެ.
ނައިފަރުގައި އެހާ ހަލުއި ކަމާއެކު ގިނަ ބަޔަކަށް ބަލި ޖެހުނު ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ، ފެލިވަރުން ގިނައިން މީހުން ޕޮޒިޓިވްވަމުން ދިޔަ ދުވަސްވަރު، ގިނަ ބަޔަކު ބަޔަކު ނައިފަރަށް ނިދަން ދިޔަ ކަމަށެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްވިކަން އެނގުނު ނަމަވެސް އެ މީހުންނާ ބައްދަލުވި މީހުން ކަރަންޓީނު ނުކުރުމަކީ އޭރު ވެސް ގިނަ ބައެއްގެ ޝަކުވާ އެކެވެ. އޭރު ކައުންސިލުން ބުުނީ އެހާ ގިނަ ބަޔަކު އެކަހެރިކޮށްފައި ބައިނުތިއްބޭނެ ކަމަށެވެ. އެކަމަކު އޭގެ ދިހަ ދުވަސް ފަހުން އެ މީހުން ކަރަންޓީނު ކުރި އިރު، ރަށުގެ ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ތޮއްޖެހިފައިވާ ނައިފަރުގައި މީހަކު ޕޮޒިޓިވްވެއްޖެ ނަމަ، ހާލު ގޯސް ނޫން ނަމަ އެ މީހަކު ބަހައްޓަނީ ގޭގަ އެވެ. އެކަމަކު ކުޑަ ތަންކޮޅެެއްގައި، ގިނަ ބަޔަކު ދިރިއުޅޭ އިރު، އެކަހެރި ވެގެން ނުހުރެވޭ ކަމަށާއި އޭގެ ސަބަބުން އެހެން މީހުން ވެސް ބައްޔަށް ހުށަހެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުުގަނޑަށް ބަލި ޖެހިގެން 14 ދުވަހުގެ މުއްދަތު ހަމަކޮށް ނިންމާލި އިރު، ދަރިފުޅާއި އާއިލާގެ އެހެން މީހުންނަށް ވެސް ވަނީ ބަލި ޖެހިފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރަށުގައި ތިބޭ ފުލުހުން ވެސް މިހާރު އެއްވެސް ވަރަކަށް ރަށުތެރެ މޮނީޓާއެއް ނުކުރެ އެވެ. އުސޫލުތަކާ ހިލާފުވި ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ބަލި މީހުން ބައިތިއްބުމަށް ވަކި ސެންޓަރެއް ހުރި ނަމަވެސް، އެތަނަކަށް އެއްވެސް މީހަކު ނުގެންދެ އެވެ.
"ކުރުކޮށް ބުނާނަމަ ބަލި ފެތުރުމުގައި ބޮޑެތި އިހުމާލުތަކެއް އެބަހުރި. އަދިވެސް އެއްވެސް ވަރަކަށް ކޮންޓްރޯލެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
"އެހާ ގިނަ ދުވަހު ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ރައްޔިތުން ވަރަށް ހާލުގައި އުޅެނީ."
މިކަމާ ގުޅޭގޮތުން ކައުންސިލަރެއްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، އެއްވެސް ކައުންސިލަރަކު ފޯނަކަށް ޖަވާބެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
05 May 2021
ރައްޔިތުން އިސްލާހު ނުވެ ގައުމު ރަގަޅެއް ނުވާނެ، ތިމާމެންގެ މައްޗަށް އަންނަ ވެރިންނަކީ ކުލައަށް ޕާޓީއަށް ބެލުމެއްނެތި އެމީހެއްގެ ގާބިލުކަމަށް ބަލައިގެން ވޯޓް ދީގެން މެނުވީ ގައުމު އިސްލާހު ނުވާނެ. އޭގެ މިސާލެއެއް މިހާރު ހުރި ވެރިމީހާ. ޕާޓީއަކުން އޭނަ ދެއްކީތީ ވޯޓް ދީ ހޮވުމުގެ ނަތީޖާ މިފެންނަނީ
ޘޖދޖެ
05 May 2021
23 މާރޗް އިނ މިއަދަށް 2 މަސްވީ ކިހިނަކުންބާ
މޫސަ.
05 May 2021
ދެންބާރައް އަތްޖަހާ ނުކުޅެދޭ ސަރުކާރުގެ ދޯހޮޅިކަން
ފޮނިޓައްޕު ހަސނު
05 May 2021
މާތްﷲ ގެ އިރާދަ ފުޅާއި ލައިގެން ނުހަނު އަވަށް ނައިފަރުން ތިބަލި ނައްތާލެވޭނެ.
ބިރައްޓެހި މީހާ
05 May 2021
ނިއިފަރު ކައުންސިލް އެކަންޏެއްނޫން ނައިފަރުގަ ހުންނަ ހޮސްޕިޓަލު ގެ ވެސް އިހުމާލު ވަރައްބޮޑު އެހެންތާކު ހުއްޓާ މީހިކު ޕޮޒިޓިވް ވިއަސް ގެނެސް ވައްދަނީ ގޭގަ ސަލާމަތުން ތިބި މީހުންތެރެއަށް ދެން ވާނެގޮތް ވިސްނާނުލާ ނައިފަރަކީ ވަރަށް ބޮޑަށް ތޮއްޖެހިގެން އެއްގެއެއްގަ އެތައް އާއިލާ ތަކެއް އު ޅޭ ރަށެއް އަނެއްކާ ޑައިރެކްޓް ކޮންޓެކްޓުންވެސް ސާމްޕަލް ނެގުމުގަވެސް ތަފާތު ކުރާބައެއް ކޮންމެ ޅ އަކުވެސް މަމޮޅު ހެދިފަ އުޅެނީ ޖައުފަރުވެސް ެ
އައިސަ
05 May 2021
ޖައުފަރުގެ ކަނާތް ފައްސި ވީ އިރުވެސް ޖައުފަރުމެން ނާރާ ކޮންޓެކްޓް ލިސްޓަށްވެސް. ރަށުތެރޭ ދުވާތާ ތިން ދުވަސްފަހުން މީހުން ހަޅޭއްލަވާން ފެށީމާ ދެންގޮސް އެވަތްތާކަށް ވަނީ. މީ ހޮސްޕިޓަލުގެ "ރެސްޕޮންސިބަލް" ގެ ހާލު
ަކަޅަސްފޮއި
05 May 2021
ތިކަމުގަ ސަރުކާރުން ނިއްމާ ނިންމުން މިވަނީ ފެއިލްވެފަ ރައްތެތުން ހަރުދަނާ ނިއްމުމެއް ނިންމައި ތިވަބާއިން އަވަހައްއަރައި ގަންނަން އެބަޖިހޭ
ގުލްޒާރު
05 May 2021
ނައިފަރުރައްޔިތުން ބަސްއަހާށެވެ.
ދެކޮޅުވެރިޔާ
05 May 2021
ނައިފަރު ގައި ކޮރޯނާއަށް ވުރެ ބާރަށް ފިތުނަ ފެތުރޭތީ ވާ ގޮތް ތި. މީހެއް މީހަކަށް ވުރެ ނައިފަރު ގައި މޮޅުވާނެ.