ޓެރަރިޒަމްގެ ގާނޫނަކީ ރާއްޖޭގައި އެންމެ ބޮޑެތި އަދަބު ދެވޭ އަދި އެންމެ ފަސޭހައިން ކުށް ސާބިތު ކުރެވޭ އެއް ގާނޫނު. އެ ގާނޫނުން ބޮޑެތި ބާރުތަކެއް ތަހުގީގީ އިދާރާތަކަށް ދިން. އެކަމަކު ފަސް އަހަރުވީއިރު، އެ ގާނޫނު އައިސްގެން ވީ ކަމެއް އެބައޮތް ބާ؟
ޓެރަރިސްޓް ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ: ޓެރަރިސްޓް ހަރަކާތްތައް ހިންގާ ބަޔަކު ދޫވެފައި އެބަ ތިބި --- ފޮޓޯ/މިހާރު
08 މެއި 2021 - 10:27
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މުޅި ގައުމު އެލާޓަށް އައީ އެވެ. އެއަށް ވުރެ ބޮޑު ހައިރާން ކަމެއް ލިބުނީ ޓެރަރިސްޓް އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު މުޖްތަމައުގެ ތެރެއަށް ދޫވެފައި ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވުމުންނެވެ.
ހަމީދު އެގޮތަށް ވިދާޅުވުމުން ގިނަ ބަޔަކު އުފެއްދި ސުވާލަކީ އެވަރުގެ ބަޔަކު މުޖްތަމައުގެ ތެރެއަށް ދޫކޮށްފައި ބައިތިއްބައިިގެން ސަލާމަތީ ބާރުތަކުން މި ކުރަނީ ކީއް ހެއްޔޭ އެވެ؟. މި ވާހަކަ ދައްކަންވީ ދައުލަތުގެ އެއް ބާރުގެ ވެރިއަކަށް މިފަދަ ހަމަލާއެއް އަމާޒުވުމުން ހެއްޔޭ އެވެ؟. އެފަދަ މީހުން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ކުރެވިއްޖެ ހެއްޔޭ އެވެ؟. ހައްތަހާ ވެސް ސުވާލެކެވެ.
ހަގީގަތަކީ ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ މީހުން އެކި ގޮތްގޮތުން މުޖްތަމައުގެ ތެރެއަށް ދޫވެގެން އުޅެނީ މިއަދު ނުވަތަ އިއްޔެއަކު ނޫނެވެ. މިއީ އޮތް ނުރައްކަލެއް ކަން މުއައްސަސާތަކަށް މާ ކުރިން ވެސް އެނގެ އެވެ. އެކަމަކު އެކަންކަމާ މެދު ސީރިއަސްކޮށް ނެގޭ ތަނެއް ނުފެނެ އެވެ. ފުލުހުން އެކަންޏެއް ނޫނެވެ. މުޅި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވެސް ފެންނަނީ ޓެރަރިޒަމްގެ ސީރިއަސް މައްސަލަތަކާ މެދު އާދައިގެ ނަޒަރަކުން ދެކޭ ތަނެވެ.
ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ޕޮލިސް
މިއީ ރާއްޖޭގައި ރައީސަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައަކީ ވެސް މިފަދަ ހާދިސާ އެކެވެ. ފަސް އަހަރުވީއިރު، އެކަމަށް ޒިންމާވާނެ އެއްވެސް މީހަކު ނެތެވެ.
ގައުމުގެ އެންމެ އިސްވެރިޔާ އާއި އެމަނިކުފާނުގެ އާއިލާ ދަތުރުކުރެއްވި ލޯންޗްކޮޅުގައި ގޮއްވާލި ބޮން ތައްޔާރުކުރި މީހާއަށް ލިބުނީ ދައުލަތުގެ "ހެކިވެރިއެއްގެ ދަރަޖަ" އެވެ. އެކަމުގެ އަޑީގައި ހުންނެވި ކަމަށް ތުހުމަތުކޮށް، ޖަލަށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޖަލު ހުކުމް ބާތިލްކޮށްފި އެވެ. "އިންސާފުގެ ދަތުރު" ނިމުނީ ފިނިފެންމާ ލޯންޗްގެ މައްސަލަ "ސައިބޯނި ބޮތްކަކަށް" ވެގެންނެވެ.
ޓެރަރިޒަމްގެ ގާނޫނަކީ ރާއްޖޭގައި އެންމެ ބޮޑެތި އަދަބު ދެވޭ އަދި އެންމެ ފަސޭހައިން ކުށް ސާބިތު ކުރެވޭ އެއް ގާނޫނެވެ. ބޮޑެތި ބާރުތަކެއް ތަހުގީގީ އިދާރާތަކަށް ދިނެވެ. ބަންދުން މިނިވަންވުމުގެ ހައްގާއި ވަކީލުންގެ ހައްގު ފަދަ އަސާސީ އެތައް ހައްގެއް ހަނިކޮށް، އެ ގާނޫނު 2015 ގައި ވުޖޫދަށް ގެނައީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ބުނެ އެވެ. ގާނޫނެއް ނެތޭ ބުނެ ދައްކާނެ ބަހަނާއެއް ނެތެވެ. އެކަމަކު ފަސް އަހަރުވީއިރު، އެ ގާނޫނު އައިސްގެން ވީ ކަމެއް އެބައޮތް ހެއްޔެވެ؟
މި ގާނޫނު ހިިނގަނީ ސިޔާސީ މީހުންގެ މައްޗަށް އެކަންޏޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. މުޒާހަރާއެއް ކުރިޔަސް، ޓްވީޓެއް ކުރިޔަސް އެ ގާނޫނުގެ ދަށުން ދައުވާ އުފުލައި، ސިޔާސީ ބޭފުޅުން ޖަލުގައި ބޭތިއްބެ އެވެ. ހަގީގީ ޓެރަރިޒަމްގެ އަމަލެއް ކުރި މީހަކު އެ ގާނޫނުގެ ދަށުން މިހާތަނަށް ކުށްވެރިވެފައި ނެތުމަކީ ހައިރާންވާ ޖެހޭ ކަމެކެވެ.
ރާއްޖެއިން ބޭރުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ސީރިއާ އާއި ޕާކިސްތާނާއި އަފްޣާނިސްތާނަށް ދިޔަ ދިވެހިންގެ ސައްހަ އަދަދެއް އެނގޭ ބަޔަކު މަދެވެ. އޭގެ ތެރެއިން އަތުލައިގަނެ، ރާއްޖެ ގެނެވުނު މަދު ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ޝަރީއަތްކުރި އެވެ. އެކަމަކު އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތެއް ނުވެ، ދޫވީ އެވެ.
ބޭރުގެ ހަނގުރާމަތަކަށް ދާ މީހުންގެ ތެރެއިން ރާއްޖެ ގެނެވުނު މަދު ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ޝަރީއަތްކުރި. އެކަމަކު އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތެއް ނުވެ ދޫވީ
އެއް ބަޔަކު ދޫވީ ސީރިއާއަށް ދިިޔަކަން ސާބިތުވިޔަސް، ހަނގުރާމަ ކުރިކަން އެނގޭނެ ހެއްކެއް ނެތިގެންނެވެ. އަނެއް ބަޔަކު ދޫވީ ޓެރަރިޒަމްގެ ގާނޫނު ވުޖޫދަށް އައުމުގެ މާ ކުރިން ހަނގުރާމައަށް ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި ކުރިން ކޮށްފައިވާ ކުށަކަށް ފަހުން ހެދޭ ގާނޫނަކުން އަދަބު ނުދެވޭނެތީ އެވެ.
ޖާނުންފިދާވެގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވުނު ދެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުރި ދައުވާ ސާބިތު ނުވީ އެވެ. މާލޭގެ ގެއެއްގައި ބޮމެއް ހަދަން އުޅެނިކޮށް 2017 ވަނަ އަހަރު ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތެއް ނުވެ އެވެ. މީގެ ތެރެއިން އިސްތިއުނާފް މަރުހަލާއަށް ދައުލަތުން ގެންދިޔައީ ނިސްބަތުން މަދު މައްސަލަތަކެކެވެ.
ހުޅުމާލޭގައި 2019 ގައި ޓޫރިސްޓުންތަކަކަށް އަމާޒުކޮށް، ވަޅިން ހަމަލާދިނީ ވެސް ފައިސާ ހޯދާކަށް ނޫނެވެ. އެއީ ރޭވިގެން ހިންގި ޓެރަރިސްޓް ހަމަލާއެކެވެ. އެ މައްސަލާގައި ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ނިންމައި، މައްސަލަ ފައިލްކޮށް، އެންމެން ދޫކޮށްލީ އެވެ.
ދެން އޮތީ ހިނގަމުންދާ ޝަރީއަތްތަކެވެ. މީގެ އަހަރުތަކެއް ކުރިން އަމިއްލައަށް ބަޑި ހަދައިގެން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކު ވެސް ކުށް ސާބިތު ނުވެ ދޫވީ އެވެ. އެ މީހުންގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގުމުން ކްރިމިނަލް ކޯޓުގައި އަލުން އެ ޝަރީއަތް ފަށައިގެން އެބަދެ އެވެ. އަދިވެސް މައްސަލަ ނިމޭ ގޮތެއް ނުވެ އެވެ.
ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރަށެއްގައި ފުލުހުންގެ ލޯންޗެއް ރޯކޮށްލި މައްސަލަ އަކާއި ރ. މަޑުއްވަރީގައި ޓެރަރިސްޓް ހަރަކާތްތަކެއް ރޭވި މައްސަލައެއްގެ ޝަރީއަތް ދަނީ ކުރިއަށެވެ. ދާދިފަހުން ތ. ތިމަރަފުށީ ސްކޫލެއްގައި އެއްޗެއް ގޮއްވާލަން ރޭވި ބަޔަކު ހައްޔަރުކޮށް، ޝަރީއަތް ދަނީ ކުރިއަށެވެ. މިފަދަ ޝަރީއަތްތައް ކުރިއަށް ދާއިރު، ވަކި ހިސާބަކުން ކޮންމެވެސް ސަބަބަކާ ހެދި ބައެއް މީހުން ބަންދުން ދޫވުމަކީ އާންމު ކަމެކެވެ.
ޓެރަރިޒަމްގެ މައްސަލަތަކުގައި ދެން ފުލުހުން ބޭނުންކުރާ އުކުޅަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރެއް ހޯދައިގެން ޓެގް އެޅުވުމާއި ހަރަކާތްތައް މޮނީޓާ ކުރުމެވެ. މިފަދަ މައްސަލަތަކުގައި ހެކި ނުލިބިގެން ދޫވާ ބައެއް މީހުންނާ މެދު ފުލުހުން އަމަލުކުރަނީ އެގޮތަށެވެ. އެކަމަކު މިއީކީ ދާއިމީ ހައްލެއް ނޫނެވެ. މޮނިކޮން އަމުރަކީ ގިނަވެގެން އެއް އަހަރަށް ދޫކުރާ އަމުރެކެވެ. ދެވަނަ ފަހަރު އަމުރެއް ހޯދުނަސް، އެއީކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. އަދި މުޖްތަމައުއަށް އޮތް ނުރައްކާ ދާއިމީކޮށް ގެއްލޭނެ ކަމެއް ވެސް ނޫނެވެ.
ރާއްޖޭގައި ހިންގި ޓެރަރިޒަމްގެ އަމަލުތަކުގެ ތެރެއިން އަދަބު ދެވުނީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އެކަންޏެވެ. އެ މައްސަލާގައި ގިނަ ބަޔަކަށް އަދަބު ލިބުނެވެ. އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިތުރު ބައެއް މީހުުންގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.
އެތައް ގާނޫނެއް ހެދިއްޖެ އެވެ. ޓެރަރިޒަމްގެ ގާނޫނު މިހާރު އެ އޮތީ ދިވެހި ސަރުކާރުގެ ހުއްދަ ނެތި ޗުއްޓީއަކަށް ސީރިއާއަށް ދާ މީހާ ވެސް ކުށްވެރިވާ މިންވަރަށް ހެޔޮވަރުކޮށްފަ އެވެ. އެކަމަކު ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން ހުއްޓުވޭ ތަނެއް ނުފެނެ އެވެ. ޓެރަރިޒަމްގެ ނުރައްކާ ދުވަހަކަށް ވުރެ ދުވަހެއް ރާއްޖެއަށް ބޮޑުވަމުން ދާއިރު، ޖިނާއީ އަދުލުގެ ނިޒާމުގެ ތެެރެއިން ސީރިއަސް ގޮތެއްގައި އެކަމާ މެދު ދެކޭ ތަނެއް އަދިވެސް ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުކަލޭގެފާނު
08 May 2021
އެ ޤާނޫނުގެ މަގުސަދު ގެއްލުވައިލީ ރައީސް ޔާމީނެވެ. އެ ޤާނުނު ހިއްޕަވައިގެން އޭރު ނުދުވަނީ ކޮންބައެއްގެ ފަހަތުން ތޯއެވެ؟ ނޫސްވެރިންނާއި ވެސް ހިތްޕުޅާއި ހަމަ ނުވާއިރަށް އެ ޤާނޫނުން ބޭސް ހައްދަވައެވެ. ތެދުތަދަށް ދަންނަވާނަމަ އެ ޤާނޫނު ސްވިސް ނައިފަކަށް ހައްދަވައިގެން އުޅުއްވީ ސިޔާސީ ބޭނުމަށެވެ. ޓެރަރިޒަމް ހުއްޓުވަން އޭރުވެސް މިހާރުވެސް ބޭނުންކުރެވޭނެ ހުރިހާ ވަސީލަތަކާއި ރައްޔިތުންގެ ތާޢީދުވެސް އެބައޮތެވެ. ނެތީ އިޚްލާސްތެރިންނެވެ.
ނައީމް އަލީ
08 May 2021
ގޭންގް މާރާމާރީގައި އުޅޭ ފަރާތްތަައް ދޫވެފައި ؟ މަސްތުވާތަކެތި ވިޔަފާރިކުރާ ފަރާތްތައް ދޫވެފައި ؟؟ ދައުލަތުގެ ފައިސާއަށް ޙިޔާނާތްތެރިވި މީހުން ދޫވެފައި ؟؟ ހުރިހާ ބާވަތެއްގެ ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅިގެން ނޫނީ، ޤައުމު އިސްލާޙެއް ނުކުރެވޭނެ
ގޮދާނޯމޮސް
08 May 2021
ބައެއް މީހުންގެ މައްޗަށް އެއްވެސް ގާނޫނެއް ނުހިނގާ. ރޭ ފުރުގާން މިސްކިތުގައި ސޯޝަލް ޑިސްޓެންސިން މާކްޖެހި. މިއަދު ހުރީ ހުރިހާ މާކްތައް ނައްޓާލާފަ. މިސްކިތް ކޮންޓްރޯލްކުރަނީ ބޮލާއި ތުނބުޅި ދިގުކޮށްގެން ބޮޑު ސޯޓުލައިގެން އިންޑިއާ/ޕާކިސްތާން/އަފްގާނިސްތާނު މީހުންލާކަހަލަ ހެދުން ލައިގެން އުޅޭ ބައެއް. މިގްރޫޕް މީހުންވަނީ މިސްކިތު އިމާމްވެސް ސައިޒުކޮށްފަ. އެއިން މީހަކު މިސްކިތުގައި މާސްކެއް އަޅަނީކީ ނޫން. މިކަން ބަލާނެ ބަޔަކު ނެތް
ޙަގީގަތް
08 May 2021
އެއްވެސް ކަމެއް ފެށޭހިސާބުން ނުހުއްޓުވައިފި ނަމަ އެކަމެއް ކޮންޓްރޯލުން ނައްޓާނެ! ފުރަތަމަ މައުމޫނު މީގެ މީހުން މުޖުތަމަޢަށް ނުރައްކާ ނުވާގޮތަށް ކޮންޓްރޯލުކުރަމުން އައި! ނަމަވެސް ރާއްޖެއަށް ބަޔަކު "ޑިމޮކްރަސީ" ތަޢާރަފުކުރުމުގެ ޕީކުގައި މައުމޫނުގެ ފަހު ދައުރުގައި ހިމަންދޫ މީހުން ފާޅުގައި ފުރަތަމަ ނުރައްކާތެރިކޮށް ނިކުތީ! އެ ރޯދަމަހު އެމީހުން ހަންމަތަ ކުރަން ފުރަތަމަ ފުލުހުން ދިޔަހައިރުން ކަތިވަޅިއާ، ދާވަންޏާ، މަޑަޔާ، ތޫނުކުރި ދަނގަޑާ ލަޓިބުރިތަކުން ޕޮލިހުގެ ބަޔަކު ތަމާން ކޮށްލިހައިރުން ސިފައިން ގޮސް އެމީހުން މައިތިރިކުރީ! ހިމަންދޫ މީހުން ޖަލަށް ލާފައިތިއްބާ އެމްޑީޕީ ސަރުކާރު އައިސް އެ އެންމެން ދޫކޮށް އަދި އޭގެ މީހުންނަށް ހިތްވަރުދީގެން އޭގެ ގިނަ ބަޔަކު އެމްޑީޕީ ސަރުކާރު 2008 ގައި ގެންނަން ކެންޕޭނުވެސް ކުރި! އޭގެ މީހުންގެ ގިނަ މީހުން ހަނގުރާމައަށް ގޮސް ފާޑު ފާޑުގެ ޓްރެއިނިން ހަދަންފެށީ ވެސް އޭރު! މިހާރު މިއޮތީ ކޮންޓްރޯލުން ނައްޓާފަ! ދެން ހަމައަކަށް އެޅުވުން އުނދަގޫވާނެ!
ޑެބީ
08 May 2021
ކޮން ގާނޫނެއްގެ ބާރެއް މިގައުމުގަ ހިނގަނީ؟
ތުއްތޮންބެ
08 May 2021
ދެންއެކުން ހާސަރުނުދަމާ ޓެރަރިސްޓުންހޯދާ ހައްޔަރުކޮއްބަލަ.
ފާމުލަދޭރި ކިލެގެފާނު
08 May 2021
މިއާއެކު ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ މުޖުތަމަޢުގެ ހަމަޖެހުން ގެއްލޭ ގޮތަށް މަސައްކަތް ކުރާ ނުވަތަ ވާހަކަ ދައްކާ ސިޔާސީ މީހުންގެ މައްސަލަ. ޝަރުޢީ ޙުކުމްތަކާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހުންނާމެދު ފިޔަވަޅު ނޭޅޭކަން. އެއިގެ ސަބަބުން ހަމަ ނުޖެހުމަށް މަގުފަހިވެދާނެކަން. ދީނަށް ފުރައްސާރަ ކުރަމުން ސަރުކާރުން މަތީ މަގާމުތަކަށް ވާސިލު ވެވޭކަން. ކަމެއް ހުއްޓުވުމުގައި އެކަމަކަށް މަގުފަހިވާ ހުރިހާ ކަމެއް ވެސް ހުއްޓުވަންޖެހޭ
ބިލް ކުލިންޓަން
08 May 2021
މީ ދޫނިރާއްޖެ. މިރާއްޖޭގާ އޮންނާނީ ޖަންގަލީގެ ގާނޫނު.
ތަމެންދޯ
08 May 2021
ޓެރެރިސްޓުން ދޫވެފައި ތިބުމަކީ އެއީ މި ސަރުކާރުގެ ފެއިލިޔަރ އެކޭ އެހެން ނޫންތޭ ވާނީ ތިން މިނިސްޓްރީން ކުރާ ކަން ކަންޗއެއް މިނިސްޓްރީ އަކުން ކުރާ ގޮތަށް ހެދުމުން ވާނީ މިހެންނޭ ދެން ޓެރެރިޒަމް އާއި ބެހޭ ބައިލާ ތިމާވެށި މިނިސްޓްރޒި އަށް އެއިރުން ހުންނާނީ ރަނގަޅަށް...
ހަސަނު
08 May 2021
މި ގައުމުގަ ދައުލަތުގެ ބާރެއް ނެތް.. ގޭންގު ތަކާ ހަރުކަށި ގުރޫޕު ތަކުން ކަންކަން ކޮންޓްރޯލް ކުރަނީ..